13 ފެބުރުއަރީ 2022
ރާއްޖޭގެ ރައީސްކަމުގެ މަގާމަށް ބޭފުޅަކު އިންތިހާބު ކުރުމަށް ވޯޓު ނަގާ ގޮތް ބަދަލުކުރުމާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކައަކުން މި ފެށުނީ ޝައުގުވެރި ބަހުސެކެވެ. ވޯޓުގެ 30 ޕަސެންޓަށް ވުރެ މަތިން ލިބޭ ނަމަ ރާއްޖޭގެ ރައީސްކަމުގެ މަގާމަށް އާދެވޭ ގޮތަށް ހަދަންވީ ކަމަށް ނަޝީދު ވިދާޅުވުމުން ގިނަ ބައެއްގެ ދުލުކުރީ ރައްދަކަށްވީ ނަޝީދަށް ތާއީދު އޮތް މިންވަރަށް އިން ޖަހަނީ ކަމަށެވެ؛ އެއީ ނަޝީދުގެ ސައިޒު ކަމަށެވެ.
ރާއްޖޭގެ ރައީސްކަމުގެ މަގާމަށް ބޭފުޅަކު އިންތިހާބު ކުރުމަށް ވޯޓު ނަގާ ގޮތް ބަދަލުކުރުމާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކައަކުން މި ފެށުނީ ޝައުގުވެރި ބަހުސެކެވެ. ވޯޓުގެ 30 ޕަސެންޓަށް ވުރެ މަތިން ލިބޭ ނަމަ ރާއްޖޭގެ ރައީސްކަމުގެ މަގާމަށް އާދެވޭ ގޮތަށް ހަދަންވީ ކަމަށް ނަޝީދު ވިދާޅުވުމުން ގިނަ ބައެއްގެ ދުލުކުރީ ރައްދަކަށްވީ ނަޝީދަށް ތާއީދު އޮތް މިންވަރަށް އިން ޖަހަނީ ކަމަށެވެ؛ އެއީ ނަޝީދުގެ ސައިޒު ކަމަށެވެ.
އެކަމަކު ނަޝީދުގެ އެ ހުށަހެޅުއްވުމާ ގުޅޭ ސިޔާސީ ހަގީގަތްތައް ވެސް ގަބޫލުކުރަން ޖެހެ އެވެ.
އެންމެ ފުރަތަމަ، ރިޔާސީ އިންތިހާބު ނޫން އެހެން އިންތިހާބުތަކުގައި މިހާރު ވެސް މި ވޯޓު ލަނީ ނަޝީދު އެ ވިދާޅުވި "ފަސްޓް-ޕާސްޓް-ދަ-ޕޯސްޓް" އުސޫލުންނެވެ. މިއީ ކެންޑިޑޭޓުންގެ ތެރެއިން އެ މީހަކަށް ފެންނަ ނަމެއްގައި ފާހަގަ ޖަހައި، އެންމެ ގިނަ މީހުންނަށް ކަމުދާ މީހަކު އިންތިހާބުވާ ގޮތެވެ. ކައުންސިލްތަކާއި ރައްޔިތުންގެ މަޖިލީހުގައި މިހާރު ވެސް މި ތިއްބެވި ގިނަ ބޭފުޅުންނަކީ ވޯޓުގެ 50 ޕަސެންޓަށް ވުރެ މަދުން ލިބިވަޑައިގެން "ރައްޔިތުންގެ ހޮވުމަށް" ވެފައިވާ ބޭފުޅުންނެވެ. ވޯޓު ލިބުނު ޕަސެންޓޭޖް އެއަށްވުރެ ވެސް މަދު ބޭފުޅުން ވެސް އުޅޭނެ އެވެ.
އެންމެ ފަހުން މި ބޭއްވި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަކީ ވެސް މިސާލެކެވެ. އިންތިހާބު ކާމިޔާބުކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދަށް 48.56 ޕަސެންޓް ލިބިވަޑައިގަތްއިރު ޕީޕީއެމްގެ ކެންޑިޑޭޓަށް 40.24 އަދި އެމްއެންޕީގެ ކެންޑިޑޭޓަށް 11.20 ޕަސެންޓް ލިބިވަޑައިގަތެވެ. މެޖޯރިޓީ އެ އޮތީ އިންތިހާބުވި ކެންޑިޑޭޓާ ދެކޮޅަށެވެ. އެކަމަކު މި ތިބީ މި އުސޫލު ގަބޫލުކޮށްގެންނެވެ.
ނަމަވެސް، ރައީސްކަމުގެ މަގާމު މާބޮޑަށް ވެސް ތަފާތުވެފައި މުހިންމުވާތީ މި އޮންނަނީ ވޯޓުގެ 50 ޕަސްޓަށްވުރެ މަތިން، ނުވަތަ 50 ޕަސެންޓުގެ އިތުރުން އެންމެ ވޯޓަކުން ވެސް އިންތިހާބުވާ ގޮތަށެވެ. އެކަމަކު ސުވާލަކީ ރާއްޖޭގައި މިހާރު މި އަމަލުކުރާ ގާނޫނުއަސާސީގެ ދަށުން ބޭއްވި އެއްވެސް އިންތިހާބެއްގައި މި ބުނާ 50 ޕަސެންޓުން މަތީގެ ތާއީދު، ގާނޫނުއަސާސީގައި އެ މާނަކުރާ ގޮތަށް ލިބުނުތޯ އެވެ.
މިދިޔަ ރިޔާސީ އިންތިޚާބުގައި ލާފައިވާ ވޯޓު ކަރުދާސްކޮޅެއް ދައްކާލަނީ. .--- ފޮޓޯ: މިހާރު
މި 50 ޕަސެންޓުގެ އިން ފަހަނަޅައި ދެވެނީ އިންތިހާބުގައި ހަމައެކަނި ދެ ކެންޑިޑޭޓުން ވާދަކުރާ ނަމަ އެވެ. އެއަށްވުރެ ގިނަވެއްޖެ ނަމަ ވޯޓުތައް ބެހިގެންގޮސް، އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓެއް ހަމައެއްނުވެ އެވެ. ދެން ދާންޖެހެނީ ދެ ވަނަ ބުރަކަށެވެ. އެ ބުރުގައި 50 ޕަސެންޓް ހަމަކުރަން މި ޖެހެނީ އެންމެ ކުރި ލިބުނު ދެ ކެންޑިޑޭޓުންގެ ފަހަތުން ތިބި ކެންޑިޑޭޓުންނަށް ސަރުކާރުން ބައި އަޅާ ގޮތަށް އެ ބޭފުޅުންގެ ތާއީދާ އެކުގަ އެވެ. ތާއީދުގެ 50 ޕަސެންޓް ފެންނަނީ ނަންބަރަކުންނެވެ. މި 50 ގައި ތިބޭ ނަމަ އަބަދު އޮންނާނީ ކޯލިޝަނެވެ. ވަކި ލީޑަރަކަށް ބާރެއް ނޯންނާނެ އެވެ.
▪️ ރިޔާސީ އިންތިޚާބު 2008
މި އިންތިހާބުގައި ހަ ކެންޑިޑޭޓަކު ވާދަކުރެއްވި އެވެ. އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް 30 އަހަރުގެ ވެރިކަމަށް ފަހު ވާދަކުރައްވައި އެންމެ ކުރި ހޯއްދެވީ 40.63 ޕަސެންޓުންނެވެ. މައުމޫނަށް ފަހު އެންމެ މަތިން ކުރީގެ ރައީސް މުހައްމަދު ނަޝީދަށް 25.09 ޕަސެންޓެވެ. އެހެންވެ ޖެހުނީ ދެ ވަނަ ބުރަކަށް ދާށެވެ. އެ ބުރުގައި ނަޝީދު ކާމިޔާބުކުރެއްވީ އެހެން ޕާޓީތަކާ އެކު ހެއްދެވި ކޯލިޝަނުންނެވެ.
▪️ ރިޔާސީ އިންތިހާބު 2013
މި އިންތިހާބުގައި ކުރީ ފަހަރަށް ވުރެ ކެންޑިޑޭޓުންގެ އަދަދު ދެ ބައިކުޅަ އެއްބައި މަދެވެ. އެއީ އެންމެ ތިން ކެންޑިޑޭޓުންނެވެ. އެވަރުން ވެސް އެއްވެސް ކެންޑިޑޭޓަކަށް ފުރަތަމަ ބުރުން 50 ޕަސެންޓް ހަމައެއް ނުކުރެއްވުނެވެ. އެހެންވެ ދެ ވަނަ ބުރަކުން، ކުރީގެ ރައީސް މުހައްމަދު ނަޝީދާ ވާދަކުރައްވައި މި އިންތިހާބު ކާމިޔާބުކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ. އެއީ އިންތިޚާބުގައި ތިން ވަނަ އޮތް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ތާއީދާ އެކުގަ އެވެ.
ފުރަތަމަ ބުރުގައި ނަޝީދަށް 46.93 ޕަސެންޓެވެ. ޔާމީނަށް އެންމެ 29.72 ޕަސެންޓެވެ. އެކަމަކު އިންތިހާބު ކާމިޔާބުކުރެއްވީ 23.34 ޕަސެންޓް ލިބިވަޑައިގެންނެވި ގާސިމްގެ ތާއީދާ އެކު 51.39 ޕަސެންޓުންނެވެ.
▪️ ރިޔާސީ އިންތިހާބު 2018
މިއީ މި އަމަލުކުރާ ގާނޫނުއަސާސީގެ ދަށުން ބޭއްވި، ފުރަތަމަ ބުރުގައި ދެ ކެންޑިޑޭޓެއް ވާދަކުރެއްވި ހަމައެކަނި ރިޔާސީ އިންތިހާބެވެ. ޔާމީންގެ މައްޗަށް މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރި ހޯދެއްވީ ޔާމީނާ ދެކޮޅު ހުރިހާ ޕާޓީތަކެއް އަދި ސިޔާސީ ނުފޫޒު ގަދަ ފަރާތްތަކާ އެކު ހެއްދެވި ކޯލިޝަނުންނެވެ. ކާމިޔާބީގެ ޕަސެންޓޭޖަކީ 58.38 އެވެ.
މިދިޔަ ތިން އިންތިހާބުގައި ވެސް ފެންނަން މި އޮތީ އެއް ކެންޑިޑޭޓަކަށް ރައްޔިތުންގެ ނުވަތަ ވޯޓު ލީ މީހުންގެ 50 ޕަސެންޓަށް ވުރެ ބޮޑު ތާއީދެއް ލިބިވަޑައިގެން އިންތިހާބުވި މަންޒަރެއް ނޫނެވެ. އެއް ބޭފުޅަކަށް އެވަރު ނުވާނެތީ މި ޖެހެނީ އެންމެން އެއްވާށެވެ. ރިޔާސީ ނިޒާމެކޭ ކިޔަސް، ބަރުލަމާނީ އުސޫލަށް ސަރުކާރު އެކުލަވައިލަން މަޖުބޫރުވަނީ އެވެ. ކޯލިޝަން ޕާޓްނަރުންނަށް ބައި އަޅަން ޖެހޭތީ އެވެ. ނަތީޖާ އަކީ ރައްޔިތުންގެ މަޖިލީހުން އެންމެ ގޮނޑިއެއް ވެސް ހޯދޭ ވަރުގެ ތާއީދެއް ނެތް ޕާޓީތަކަށް ވެސް ސަރުކާރުން ޖާގަ ދީ ވަޒީރުން ވެސް އެ ޕާޓީތަކުން އައްޔަންކުރަން ޖެހުމެވެ.
މިހާތަނަށް ފެންނަން އޮތް ހަގީގަތަކީ ވޯޓުގެ 50 ޕަސެންޓް ހޯއްދެވޭނެ ސިޔާސީ ލީޑަރެއް ނެތް ކަމެވެ. އެއް ކެންޑިޑޭޓަށް ވުރެ ގިނައިން ކުރިމަތިލައިފި ނަމަ ދެ ވަނަ ބުރެއް ބާއްވަންޖެހޭނެ ކަމެވެ. އަދި ދެ ވަނަ ބުރެއް ބާއްވާ ނަމަ ކާމިޔާބު ހޯދަން ކޯލިޝަނެއް ހަދަންޖެހޭނެ ކަމެވެ.
އެންމެ ފަހުގެ ރިޔާސީ އިންތިހާބުގައި މީހަކު ވޯޓު ލަނީ. -- ފައިލް ފޮޓޯ: ނިޝާން އަލީ/މިހާރު
މިހެން އިންތިހާބު ތަކުރާރުކުރަން ޖެހުމުން ހިނގާ ހަރަދު ވެސް އަދި އޮތީ އެވެ.
އެހެންވެ މި 50 ޕަސެންޓަކީ ރާއްޖޭގައި ރިޔާސީ ނިޒާމެއް އޮވެ، ސިޔާސީ ކަންކަން މި އޮތް ގޮތުން ރާއްޖެއަށް އެންމެ ރަނގަޅު ނިސްބަތް ކަމަކަށް ވެސް ނުފެނެ އެވެ. އެކަމަކު ނަޝީދު އެ ވިދާޅުވާ 30 ޕަސެންޓަކީ ހައްލެއް ހެއްޔެވެ؟
މިދިޔަ ތިން އިންތިހާބަށް ބަލާއިރު ވެސް އެންމެ މަގުބޫލު ކެންޑިޑޭޓުންނަށް ފުރަތަމަ ބުރުން 30 ޕަސެންޓް ވޯޓު ފަސޭހަކަމާ އެކު ހޯއްދެވެ އެވެ. މިއީ ފެންނަން އޮތް ހަގީގަތެއް ކަމަށް ވާއިރު، ނަޝީދު އެ ވިދާޅުވާ ގޮތަށް 30 ޕަސެންޓަކީ އިންތިހާބު ކާމިޔާބުކުރަން އެންމެ ދަށް މިންވަރު ކަމަށް ހަދައިފި ނަމަ ދެ ވަނަ ބުރަކަށް ދާން ޖެހުން ވަރަށް ދުރުވާނެ އެވެ. އެކަމަކު މައްސަލަ އަކީ ގައުމެއްގެ ވެރިކަން ކުރުމަށް މިއީ މާ ދަށް ނިސްބަތެއް ކަމަށް ގަބޫލުކުރެވުމެވެ.
ނަޝީދަށް ފެނިވަޑައިގަތީ "ފަސްޓް-ޕާސްޓް-ދަ-ޕޯސްޓް" އުސޫލުން އިންތިހާބު ބޭއްވުމުން ހައްލަކަށް ވެދާނެ ކަމަށެެވެ. އެކަމަކު ކޯލިޝަން ހަދައި ސަރުކާރުން ބައި އަޅައި، ސިޔާސީ ބޭފުޅުން ރުއްސަން އުޅޭ އުޅުން ނިމުމަކަށް ގެނެސް ކޮންމެ ފަހަރަކު ވެސް އެއްބުރުން ރިޔާސީ އިންތިހާބު ނިންމިދާނެ އެވެ. އެއީ "ފަސްޓް-ޕާސްޓް-ދަ-ޕޯސްޓް" އުސޫލު ދޫކޮށް "އޯލްޓަނޭޓިވް ވޯޓް" ނުވަތަ އޭވީ އުސޫލުން ވޯޓު ލައިގެންނެވެ. މިއީ އިންސްޓެންޓް-ރަންއޯފް ނުވަތަ ވަގުތުން ދެ ވަނަ ބުރުގެ ވޯޓު ވެސް ލެވޭ ގޮތެކެވެ. މާނަ އަކީ، ފުރަތަމަ ބުރުގައި ވޯޓު ލާއިރު ވެސް، ދެ ވަނަ ބުރަކަށް ގޮސްފި ނަމަ އެ މީހަކު ވޯޓު ދޭނެ މީހެއް އެނގެން އޮތުމުން ދެ ވަނަ ބުރުގައި އަލުން ވޯޓު ލާން ނުޖެހުމެވެ.
ސްރީ ލަންކާގައި މިގޮތަށް ވޯޓު ލެވެ އެވެ. އިންތިޚާބުކުރަން ބޭނުންވާ ކެންޑިޑޭޓުގެ ނަމާ ދިމާލުގައި ފާހަގަ ޖެހުން ނުވަތަ އެ މީހަކަށް އެންމެ ކަމުދާ، ގިނަވެގެން ތިން ކެންޑިޑޭޓަކަށް ތަރުތީބު ނަންބަރު ދިނުމަށް އޮންނަނީ އިހްތިޔާރު ދީފަ އެވެ. އެކަމަކު ލަންކާގައި 1980ގެ ތެރޭގައި މިގޮތަށް އަމަލުކުރަން ފެށި ފަހުން މިހާތަނަށް ރަން-އޯފް ވޯޓް ގުނާކަށް ނުޖެހެ އެވެ. ފުރަތަމަ ބުރުން ކޮންމެ ފަހަރަކު ވެސް އެއް ކެންޑިޑޭޓަކަށް 50 ޕަސެންޓް ހަމަވެ އެވެ.
ރިޔާސީ އިންތިޚާބު ބާއްވާ ގޮތް ބަދަލުކުރުމާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ގައުމީ މަޖިލީހުގައި ވާހަކަ ދައްކަވަނީ. -- ފޮޓޯ: ފަޔާޒް މޫސާ/މިހާރު
އިނގިރޭސި ވިލާތުގެ ގާނޫނުގެ ހަދާ މަޖިލީހުގެ ގިނަ ކޮމިޓީތަކުގެ މުގައްރިރުން ހޮވުމަށާއި ލޯޑް ސްޕީކާ ވެސް ހޮވަނީ މިގޮތަށެވެ.
މިގޮތަށް ދޭ ވޯޓް ގުނަނީ، ފުރަތަމަ ހޮވުމަކަށް އެންމެ ގިނަ މީހުންގެ ވޯޓު ލިބުނު ކެންޑިޑޭޓަކަށް 50 ޕަސެންޓް ހަމަނުވާ ނަމަ، ފުރަތަމަ ހޮވުމުގެ ގޮތުގައި އެންމެ މަދުން ވޯޓު ލިބުނު ކެންޑިޑޭޓް ފެއިލްކޮށް އެ ކެންޑިޑޭޓްގެ ވޯޓް ކަރުދާހުގައި ދެން ހުރި ތަރުތީބުން ބާކީ ތިބި ކެންޑިޑޭޓުންނަށް ވޯޓު އެއްކުރާ ގޮތަށެވެ. އޭރުން އަލުން ވޯޓު ނުލައި ދެން އެންމެ ތާއީދު ބޮޑު ކެންޑިޑޭޓެއް އޮންނާނީ ފެންނާށެވެ.
އެކަމަކު ނަޝީދު މިގޮތަށް ހުށަނޭޅުއްވުމުން އެނގެނީ ބޭނުންފުޅުވަނީ ކޮންމެ ފަހަރަކު ދެ ވަނަ ބުރަކަށް ދާން ޖެހޭތީ އެކަން ނިމުމަކަށް ގެންނަން ނޫންނެވެ. ނަޝީދު ސާފުކޮށް އެ ވާހަކަ ވިދާޅު ވެސް ވި އެވެ.
"އެންމެ ގިނަ ވޯޓް ލިބޭ ކެންޑިޑޭޓަށް ރިޔާސީ އިންތިހާބު ކާމިޔާބުވާ އުސޫލަށް އަޅުގަނޑުމެން ބަދަލުވުން. ފަސްޓް ޕާސްޓް ދަ ޕޯސްޓަށް ރިޔާސީ އިންތިހާބުގައި އަޅުގަނޑުމެން ބަދަލުވުން. .... އެހެން ނަމަވެސް 30 ޕަސެންޓަށްވުރެ ދަށްވެއްޖެ ނަމަ އަލުން އަނބުރާ، އެންމެ ގިނައިން ވޯޓު ލިބޭ ދެ ކެންޑިޑޭޓުންގެ މެދުގައި ބާއްވާ ދެވަނަ ބުރެއް ބޭއްވުން...'" އެމްޑީޕީގެ ގައުމީ މަޖިލީހުގައި ނަޝީދު ވިދާޅުވި އެވެ.
މިހެން ހެދުމުން އަނެއްކާވެސް އެ ލިބެނީ ކޯލިޝަނެއް ހަދައިގެން ވަކި ކެންޑިޑޭޓަކު ވެރިކަމަށް ގެނައުމުގެ ފުރުސަތެވެ. އޮޓޮމެޓިކުން ދެވަނަ ބުރުގެ ވޯޓު ލެވޭ އުސޫލުގައި އެހެންނެއް ނުވާނެ އެވެ.
އެކި ގައުމުތަކުގައި އެ ގައުމެއްގެ ސިޔާސީ ހާލަތަށް ހަދާފައިވާ ވޯޓު ލުމުގެ އުސޫލުތައް އެބަ ހުއްޓެވެ. އިންތިޚާބީ ނިޒާމާއި އުސޫލުތަކާ މެދު ގައުމުތަކުގައި ބަހުސް ބޮޑެވެ. އެންމެ ޒަމާންވީ ޑިމޮކްރަސީ ކަމަށްވާ އެމެރިކާ އަކީ ވެސް ޕޮޕިއުލާ ވޯޓުން ރައީސް އިންތިހާބުކުރާ ގައުމެއް ނޫނެވެ. އެންމެ ގިނައިން ވޯޓު ލިބުނު ކެންޑިޑޭޓް ފެއިލްވި ކިތަންމެ ފަހަރެއް ހިނގައްޖެ އެވެ. އެހެންވެ އެންމެ އިންސާފުވެރި ގޮތަކީ ކޮބައިކަމާ މެދު އަބަދުވެސް ވާހަކަ ދެކެވެ އެވެ.
އެނގޭ ކަމަކީ ރާއްޖޭގައި މިހާރު މި އޮތީ ވެސް ރައީސް ކަމަށް އިންތިހާބުވާ ބޭފުޅެއްގެ ހަގީގީ ތާއީދު ފެންނަ ގޮތަކަށް ނޫންކަމެވެ. އެކަމަކު އެންމެ 30 ޕަސެންޓުން ވެރިކަމަށް އާދެވޭ ގޮތް ނުހަދައި އެހެން ހައްލުތައް ވެސް ހޯދިދާނެ އެވެ.
މި މޮޅަކީ ރައީސްގެ ވަރުގަދަ ފެށުމެއް!
އެމްޑީޕީގެ ޕްރައިމަރީގެ ނަތީޖާ: އިދިކޮޅަށް ވާނީ ފަސޭހަ
ބައި އިލެކްޝަނުން ދެއްކީ 2023 ގެ "މަގުޗާޓް"؟
"ޔާމީން ތާއީދުކުރައްވާ ނިޒާމެއް ނަޝީދަކަށް ނޭނގޭނެ"
އެމްޑީޕީ އޮންނާނީ ސަރުކާރު ޒިންމާދާރުކުރަން: ފައްޔާޒު
"ނޮވެމްބަރުގައި ނިޒާމީ ވޯޓު ނެގިދާނެކަމަށް ދެންނެވިން"
ޗެލެންޖަކީ ޑިމޮކްރެޓްސް އެއް ނޫން، ޕީޕީއެމް: ރައީސް
ރައީސްގެ ޓީމު އިދިކޮޅަށް ހިފަހައްޓާ ނުލެވޭނެ: އިމްރާން
ޖޭޕީން ސިޔާސީ މަސްރަހު އަނބުރާލަފާނެ؟
ރިޔާސީ އިންތިހާބުގެ ހިސާބުތަކާއި ސިޔާސީ ބޮޑު މަންޒަރު!