Roadha Mihaaru
"ދަރަނީގެ ދަންތުރައިން ރާއްޖެ ސަލާމަތްކޮށްދޭނަން"

ދަރަނީގެ ދަންތުރައިން ރާއްޖެ ސަލާމަތް ކޮށްދޭނަން: މުއިއްޒު

29 އޯގަސްޓް 2023

ރާއްޖެ އޮތީ ދަރަނީގެ ދަންތުރައެއްގައި ކަމަށާއި އިގުތިސޯދު ކޮޅަށް ޖަހައި އެ ދަންތުރައިން ގައުމު ސަލާމަތްކޮށްދޭނެ ކަމަށް އިދިކޮޅު ޕީއެންސީ/ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ނާޒިމް ހަސަން ރ. ދުވާފަރުން ނާޒިމް ހަސަން

ރާއްޖެ އޮތީ ދަރަނީގެ ދަންތުރައެއްގައި ކަމަށާއި އިގުތިސޯދު ކޮޅަށް ޖަހައި އެ ދަންތުރައިން ގައުމު ސަލާމަތްކޮށްދޭނެ ކަމަށް އިދިކޮޅު ޕީއެންސީ/ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

އެކި ގައުމުތަކުންނާއި ބޭންކުތަކުން ނަގާފައިވާ ލޯނުތައް ހިމެނޭ ގޮތުން 2026 ވަނަ އަހަރު އެއް ބިލިއަން ޑޮލަރު ދައްކަން ޖެހެ އެވެ. އެއީ، އަންނަ ފަސް އަހަރު ވެރިކަމަށް ވަޑައިގަންނަވާނެ ބޭފުޅަކަށް އޮންނާނެ އެންމެ ބޮޑު ގޮންޖެހުމެވެ.

އަންނަ މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ރ. ދުވާފަރުގައި ބޭއްވި ޖަލްސާގައި އިދިކޮޅު ކެންޑިޑޭޓް މުއިއްޒު ވިދާޅުވީ، ރަށްރަށުގެ ތަރައްގީ އަށް މަޝްރޫއުތައް ހިންގުމަށް ވައުދުވާއިރު، ބޮޑެތި ދަރަނިތަކެއް ދައްކަން ހުރިކަން އެނގިވަޑައިގަންނަވާ ކަމަށެވެ.

އެ ދަރަނީގެ ދަންތުރައިން ރާއްޖެ ސަލާމަތް ކުރުމަށް ރޭވުންތަކެއް އެބަހުރި ކަމަށާއި އެކަން ކުރާނީ އިގުތިސޯދު ކޮޅަށް ޖަހައި، ރަށްރަށުގައި ތަރައްގީގެ މަޝްރޫއުތައް ވެސް ހިންގަމުން ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"މިކަން ސިކުނޑިގައި ބާއްވައިގެން އެކަން ކުރެވޭނެ ގޮތް ރާވައިގެން އަޅުގަނޑުމެން މި ކުރިއަށް ދަނީ. އިގުތިސޯދު ކޮޅަށް ޖަހާނެ ގޮތާއި ދަރަނީގެ ދަންތުރައިގެން ގައުމު ސަލާމަތް ކުރާނެ ގޮތް، އެކަން ކުރާނަން. އެންމެ ބޮޑަށް ކޮޅަށް ޖަހަން ޖެހެނީ މަސްވެރިކަމުގެ ސިޔާސަތާއި ޓޫރިޒަމް،" މުއިއްޒު ވިދާޅުވި އެވެ.

"ތަރައްގީގެ ކަންކަން ވެސް ކޮށްދެމުން ދާނަން. އިގްތިސޯދު ކޮޅަށް ޖަހަމުން ތަރައްގީ ގެނެސްދޭނަން."

މުއިއްޒު ވަނީ ދުވާފަރަށް ވެސް ވައުދުތަކެއްވެވަޑައިގެންފަ އެވެ. އެންމެ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކުރެއްވީ މަސްވެރިކަމުގެ ސިނާއަތް ފުޅާކުރުމަށްޓަކައި ދުވާފަރުގެ މީހުން ކުރިން ދިރިއުޅުނު ކަނދޮޅުދޫގައި ކޯލްޑް ސްޓޯރޭޖެއް ގާއިމް ކުރުމެވެ. އެއީ ފާނަ އަށް ހާއްސަ ކޯލްޑް ސްޓޯރޭޖެއް ވެސް ހިމަނައިގެންނެވެ.

"އެއިރަށް މި ރަށުގެ މަސްވެރިންނާއި މި ސަރަހައްދުގެ މަސްވެރިންނަށް ވަރަށް ބޮޑު ފަސޭހައަކާއި ކުރިއެރުންތަކެއް ލިބިގެންދާނެ،" މުއިއްޒު ވިދާޅުވި އެވެ.

މިރޭގެ ޖަލްސާގައި މުއިއްޒު: ދަރަނީގެ ދަންތުރައިން ގައުމު ސަލާމަތްކޮށްދޭނެ ކަމަށް ވިދާޅުވި

މިރޭގެ ޖަލްސާގައި މުއިއްޒު: ދަރަނީގެ ދަންތުރައިން ގައުމު ސަލާމަތްކޮށްދޭނެ ކަމަށް ވިދާޅުވި

ދުވާފަރަށް މުއިއްޒު ވެވަޑައިގެންނެވި ވައުދުތައް

- ކަނދޮޅުދޫގައި ކޯލްޑް ސްޓޯރޭޖެއް ގާއިމްކުރުން.

- ޒަމާނީ ފެންވަރު ރަނގަޅު ހޮސްޕިޓަލެއް.

- ދުވާފަރުގެ ބިން ހިއްކުން.

- ގެދޮރުވެރިކަމުގެ މަޝްރޫއުއެއް (ރޯހައުސް އިމާރާތްކުރުން).

- ކިޔަވަން ހިޖުރަކުރާ ކުދިންނަށް ދަނާލުތައް އެޅުން.

- ކުޅިވަރު ވަސީލަތްތައް ގާއިމްކުރުން.

- ބޭންކް ބްރާންޗް ގާއިމްކުރުން.

ދަނޑުވެރިކަމަށް ވަކި މިނިސްޓްރީއެއް، ތެލެސީމިއާ ކުދިންނަށް އެލަވަންސެއް

މުއިއްޒު މިރޭ އިއުލާން ކުރެއްވި ކަންކަމުގެ ތެރޭގައި ދަނޑުވެރިކަމާ ގުޅޭ ވަކި މިނިސްޓްރީއެއް އުފެއްދުން ވެސް ހިމެނެ އެވެ. އޭނާ ވިދާޅުވީ ދަނޑުވެރިކަމަކީ ވަރަށް ސަމާލުކަން ދީގެން ކުރިއަރުވަން ޖެހޭ ދާއިރާއެއް ކަމަށާއި އެކަން ކުރައްވާނެ ކަމަށެވެ.

އޭރުން ރާއްޖޭގެ އުފެއްދުންތައް ގިނަވެ، އިގުތިސޯދީ ފައިދާތައް ވެސް ލިބޭނެ ކަމަށް ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި، ދަނޑުވެރިކަން ކުރިއެރުވުމަށްޓަކައި، އެ މަސައްކަތަށް ވަންނަން ބޭނުންވާ ޒުވާނުންނަށް ލޯނާއި ވަސީލަތްތައް ފޯރުކޮށްދޭނެ އެވެ.

މިރޭގެ ޖަލްސާގައި ތެރެެއިން: ދަރަނީގެ ދަންތުރައިން ގައުމު ސަލާމަތްކޮށްދޭނެ ކަމަށް ވިދާޅުވި

މިރޭގެ ޖަލްސާގައި ތެރެެއިން: ދަރަނީގެ ދަންތުރައިން ގައުމު ސަލާމަތްކޮށްދޭނެ ކަމަށް ވިދާޅުވި

ސަމާލުކަން ނުލިބޭ މީހުންނަށް މުއިއްޒުގެ ސަރުކާރެއްގައި ހާއްސަ ސަމާލުކަމެއް ދޭނެ ކަމަށާއި އެފަދަ އެއް ބަޔަކީ ތެލެސީމިއާ ކުދިން ކަމަށް އޭނާ ވިދާޅުވި އެވެ. އެ ކުދިން އުފުލާ ބުރައަށް ތަސައްލީއެއް ދިނުމުގެ ގޮތުން ކޮންމެ މަހަކު ލިބޭ އެލަވަންސެއް ދޭނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. ސަރުކާރުގެ ހަރަދުގައި ބޯންމެރޯ ހެދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

ލާމަރުކަޒީ ނިޒާމު ވެސް އެންމެ ހަރުދަނާކޮށް ހިންގަވަން މުއިއްޒު ވައުދުވެވަޑައިގަތެވެ. ވިދާޅުވީ ކައުންސިލްތައް ހިންގާނީ ސީދާ ސަރުކާރުގެ އެހީތެރިކަން ލިބިގެން ކަމަށެވެ. ލާމަރުކަޒީއަކީ ހަމައެކަނި ފޮތުގައި އޮތް އެއްޗެއް ކަމަށް އޮތް އޮތުން ބަދަލުކުރައްވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

"މިހާރު މި ފެންނަނީ ސަރުކާރާ ހިޔާލު ތަފާތުވީމާ އެ ކައުންސިލް ނުވެސް ފެންނަނީ. މި އޮންނަނީ ދެ ސަރުކާރަކަށް ވެފައި. އެކަން ނިންމުމަކަށް ގެނެސް، ކައުންސިލަރުންނަށް ފުރިހަމަ ބާރު ދޭނަން. އުފަލާ އެކު އޭރަށް ކައުންސިލްތައް ހިނގާނީ،" މުއިއްޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދިވެހިންނަކީ ފުދުންތެރި ރައްޔިތަކަށް ހަދައިދޭނެ ކަމަށާއި އޯގާތެރި، އޯގާވެރި ސަރުކާރެއް ގާއިމު ކުރައްވާނެ ކަމަށެވެ.