Roadha Mihaaru
މުއިއްޒު ދުވާފަރަށް ވަޑައިގަތުމުން ރަށް ކެކިއަރައިފި!

ދުވާފަރު ކެކިއެރީ މުއިއްޒު އެއްބުރުން ހޮވުމުގެ އަޒުމުގައި!

29 އޯގަސްޓް 2023

މިއަދު ހަވީރު 5:30 ހާއިރު ރ. ދުވާފަރުގެ ބަނދަރު މަތީ އޮތީ މުޅީން ތަފާތު ސިޔާސީ ޖޯޝަކާއި ފޯރިއެކެވެ؛ އިދިކޮޅު ޕީއެންސީ/ޕީޕީއެމްގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް މަރުހަބާ ކިޔުމަށް ދިގު ސަފެއްގައި މީހުން އެތުރި ތިއްބެވެ. ސަފުގެ ކޮޅު ފެންނާކަށް ނެތެވެ.

ނާޒިމް ހަސަން ރ. ދުވާފަރުން ނާޒިމް ހަސަން

މިއަދު ހަވީރު 5:30 ހާއިރު ރ. ދުވާފަރުގެ ބަނދަރު މަތީ އޮތީ މުޅީން ތަފާތު ސިޔާސީ ޖޯޝަކާއި ފޯރިއެކެވެ؛ އިދިކޮޅު ޕީއެންސީ/ޕީޕީއެމްގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް މަރުހަބާ ކިޔުމަށް ދިގު ސަފެއްގައި މީހުން އެތުރި ތިއްބެވެ. ސަފުގެ ކޮޅު ފެންނާކަށް ނެތެވެ.

އަނެއްކޮޅުން ބަނދަރުގެ އެއް އަރިމަތީގައި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް، އޭނާގެ ސަޕޯޓަރުންނާ އެކު ޖަލްސާއެއް ބާއްވަމުން ގެންދެވި އެވެ. މުއިއްޒަށް ތާއިދުކުރާ ލަވަތަކާއި ހަޅޭކުގެ އަޑު ކިތަންމެ ގަދަޔަސް ގާސިމްގެ ކެމްޕެއިން ޖަލްސާގެ ފޯރި ވެސް ވަކި ކުޑައެއް ނޫނެވެ.

މުއިއްޒު ދުވާފަރަށް ފައިބާވަޑައިގަތުމާ އެކު، އެއް އަޑަކުން ގޮވަން ފެށީ "ޑރ. މުއިއްޒު އެއްބުރުން" ކަމަށެވެ. ފޯރި އާއި ޖޯޝުގައި ތިބި އެތައް ސަތޭކަ ދުވާފަރު މީހުންނާ މުއިއްޒު ސަލާމް ކުރައްވަމުން ގެންދެވިއިރު، އެ ނޫން ކަމަކަށް ރަށުގައި ސަމާލުކަމެއް ނެތެވެ.

މުއިއްޒަށް މަރުހަބާ ކިޔާ މަންޒަރު ބައްލަވަން ގާސިމް: މުއިއްޒު ވަޑައިގެންނެވީ ގާސިމްގެ ކެމްޕެއިން ޖަލްސާ ކުރިއަށް ދަނިކޮށް

މުއިއްޒަށް މަރުހަބާ ކިޔާ މަންޒަރު ބައްލަވަން ގާސިމް: މުއިއްޒު ވަޑައިގެންނެވީ ގާސިމްގެ ކެމްޕެއިން ޖަލްސާ ކުރިއަށް ދަނިކޮށް

"މިއީ ހުސް މި ރަށު މީހުން. ހަމަ ހުސް މި ރަށު މީހުން. އެހެން ރަށަކުން މީހުން ނުގެނޭ،" ސަފުގައި ހުރި މީހަކު ފަހުރުވެރިކަމާ އެކު ބުންޏެވެ.

އޭނާ އިޝާރަތް ކުރީ ދުވާފަރުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މަރުހަބާ ކިޔުމަށް އެހެން ބައެއް ރަށްރަށުން މީހުން ގެނައި ގެނައުމަށް ކަމަށް ބުންޏެވެ.

"އެހެންވިޔަސް އެ ދުވަހު ދަމާލި ސަފަށް ވުރެ މި ސަފު މާ ދިގުވާނެ. މިއީ ޕީޕީއެމްގެ ރަށެއް،" އެ މީހާ ބުންޏެވެ.

ދުވާފަރު ކައުންސިލްގެ ކުރީގެ ރައީސް އިބްރާހިމް ނަސީރު ވިދާޅުވި ގޮތުގައި މި ރަށުގެ މީހުން މުއިއްޒަށް މިހާ ބޮޑު ތާއިދެއް ކުރަނީ އޭނާއަކީ ތަރައްގީގެ މަޝްރޫއުތައް "ރަނުންރަނަށް" ހިންގަވާ ބޭފުޅަކަށް ވާތީ އެވެ. އަންނަ މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ 8 ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގާބިލް، އެންމެ ތައުލީމީ ބޭފުޅަކީ މުއިއްޒުކަން އޭނާ ފާހަގަކުރެއްވި އެވެ.

މުއިއްޒަށް ދުވާފަރުން މަރުހަބާ ކިޔަން ރައްޔިތުން އެއްވެ: މި ރަށުން ކީ ވަރަށް ހޫނު މަރުހަބާއެއް

މުއިއްޒަށް ދުވާފަރުން މަރުހަބާ ކިޔަން ރައްޔިތުން އެއްވެ: މި ރަށުން ކީ ވަރަށް ހޫނު މަރުހަބާއެއް

"އަޅުގަނޑުމެން ޝައްކެއް ނުކުރަން. މުއިއްޒުގެ އިހްލާސްތެރި، ތެދުވެރި ސަރުކާރެއް އެއްބުރުން އަޅުގަނޑުމެން ގެންނާނަން،" އޭނާ ވިދާޅުވި އެވެ.

"މި ދުވާފަރަށް ފާގަތި ދުވަސްތަކެއް އަންނާނީ އޭރަށް."

އިބްރާހިމް ނަސީރު ފާހަގަކުރެއްވި ގޮތުގައި، ދުވާފަރަށް އެންމެ ބޮޑު ތަރައްގީއެއް ގެނައީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. އެ ވެރިކަމުގައި ރަށުގެ ބޮޑެތި މަގުތަކުގައި ތާރުއަޅަން ފެށި ކަމާއި އެކަމަށް ބޭނުންވާ ތަކެތި ވެސް ގެނައި ކަމަށް ބުންޏެވެ. އެކަމަކު، މި ސަރުކާރަށް އެ މަސައްކަތް ނުނިންމުނު ކަމަށް އޭނާ ވިދާޅުވެ އެވެ.

ދުވާފަރު ކައުންސިލްގެ ކުރީގެ ރައީސް ނަސީރު: އޭނާ ވިދާޅުވި ގޮތުން ރަށުން ބޮޑު ތާއިދެއް ލިބޭނެ

ދުވާފަރު ކައުންސިލްގެ ކުރީގެ ރައީސް ނަސީރު: އޭނާ ވިދާޅުވި ގޮތުން ރަށުން ބޮޑު ތާއިދެއް ލިބޭނެ

"ޔާމީން ދުވާފަރަށް ގެނައި ތަރައްގީ ދެގުނަ ވާނެ ކަމަކަށް އަޅުގަނޑުމެން ދުވާފަރުން ޝައްކެއް ނުކުރަން،" ނަސީރު ވިދާޅުވި އެވެ.

"މުއިއްޒު އެއީ ހަމަ ރަނެއް ފަދަ މަލެއް."

އާބާދީގައި 3،000 މީހުން އުޅޭ ދުވާފަރުން މުއިއްޒަށް ދިން ޔަގީން ކަމަކީ، މި ރަށުގެ ވޯޓުލާ މީހުންގެ ސުޕަ މެޖޯރިޓީ އޭނާ އަށް ދޭނެ ކަމެވެ.

މުއިއްޒަށް ދުވާފަރުން މަރުހަބާ ކިޔަނީ: މި ރަށުން ކީ ވަރަށް ހޫނު މަރުހަބާއެއް

މުއިއްޒަށް ދުވާފަރުން މަރުހަބާ ކިޔަނީ: މި ރަށުން ކީ ވަރަށް ހޫނު މަރުހަބާއެއް

"މި ހޫނު މަރުހަބާ ކިޔަން ރަށުން ބޭރުން މީހުން ނުގެންނަން. އެއީ ހަމަ ދުވާފަރުގެ ރައްޔިތުން ނުކުމެ މުއިއްޒަށް މި ހޫނު މަރުހަބާ މިކީ، އަޅުގަނޑުމެން ވަރަށް ފަހުރުވެރިވަން، މިކަން ނިންމާނަން އެއްބުރުން،" ނަސީރު ވިދާޅުވި އެވެ.

މުއިއްޒަށް ދުވާފަރުން މަރުހަބާ ކިޔަނީ: މި ރަށުން ކީ ވަރަށް ހޫނު މަރުހަބާއެއް

މުއިއްޒަށް ދުވާފަރުން މަރުހަބާ ކިޔަނީ: މި ރަށުން ކީ ވަރަށް ހޫނު މަރުހަބާއެއް

ވަރަށް ފޯރީގައި ތިބި ސަޕޯޓަރުންނާ ސަލާން ކުރައްވަން ގާތްގަނޑަކަށް 40 މިނިޓް މުއިއްޒު ހޭދަކުރެއްވި އެވެ. އެ މީހުންނާ ބައްދަލުކުރައްވަން މިރޭ ބޮޑު ޖަލްސާއެއް އޮންނާނެ އެވެ. އެ ޖަލްސާގައި ދުވާފަރާ ގުޅޭ ގޮތުން މުއިއްޒު ގެންގުޅުއްވާ ތަސައްވަރު ހާމަކުރައްވާނެ އެވެ.