Roadha Mihaaru
ފަހަރަކު ކަމެއް ނިންމަމުން ގޮސް ރާއްޖޭގެ ވެރިކަމަށް!

ފަހަރަކު ކަމެއް ނިންމަމުން ގޮސް ރާއްޖޭގެ ވެރިކަމަށް!

01 އޮކްޓޯބަރ 2023

ރިޔާސީ އިންތިހާބެއްގައި ފުރަތަމަ ފަހަރަށް ދެ ބުރުން ބޮޑު ފަރަގަކުން ކުރި ހޯއްދެވި ފުރަތަމަ ބޭފުޅަކީ އެއީ އެވެ. ދެ ބުރުން ވެސް މޮޅުވެ ގައުމުގެ އެންމެ އިސްވެރިޔާގެ މަގާމުން ޖާގަ ހޯއްދެވި ފުރަތަމަ ބޭފުޅާ ވެސް މެ އެވެ. ވާދަކުރެއްވީ އާރާއި ބާރު ހުރި ވެރިކަމެއްގެ އިތުރުން ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީއާ އެވެ. އެންމެ ދެ އަތޮޅެއް ފިޔަވައި ހުރިހާ އަތޮޅެއްގެ އަޣުލަބިއްޔަތު ހޯއްދަވައި އިއްޔެ އިންތިހާބުވެ، އަންނަ މަހު ރައީސް ކަމުގެ ހުވާ ކުރައްވާނީ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

މަދު ދުވަސްކޮޅެއްގެ ތެރޭގައި މި ބޮޑު ކާމިޔާބީ ހޯއްދެވުމަކީ ކުޑަ ކަމެެއް ނޫނެވެ. މުއިއްޒުގެ ހަޔާތުގައި މިހާތަނަށް ކުރިމަތިލެއްވި ދެ އިންތިހާބުން ވެސް ވީ މޮޅެވެ. މާލޭގެ މޭޔަރުކަމުގެ ގޮނޑި ވެސް 63 ޕަސެންޓާ އެކު ހޯއްދެވީ އޭނާގެ ވާދަވެރި އެމްޑީޕީ ވެރިކަމުގައި އޮވެގެންނެވެ. މޭޔަރުކަން އެކަންޏެއް ނޫނެވެ. މުޅި ސިޓީ ކައުންސިލްގެ ސުޕަ މެޖޯރިޓީ ވެސް ހޯދީ މުއިއްޒު އެ ގުރޫފަކަށް ނިސްބަތްވާ ޕީޕީއެމެވެ.

މާލޭގެ މޭޔަރުކަމުގައި ހުންނަވައިގެން އެތައް ބައެއްގެ ތާއީދު ހޯއްދެއްވުމަށް ފަހު، ދެން މުއިއްޒު މިސްރާބު ޖެއްސެވީ ރާއްޖޭގެ ރައީސް ކަމަށެވެ. ޕީޕީއެމްގެ އެތެރޭގައި އޮތީ ކޯޅުމެވެ. އެއްބަޔަކު ތިބީ ލޯ އަޅައިގެން ދުރުގައި ބަލަހައްޓައިގެންނެވެ. ޕީޕީއެމްގެ ޕޯޑިއަމްތަކުން މާ ގިނަ ޖާގައެއް ނުހޯއްދަވަ އެވެ. ހުރިހާ ލީޑަރުން ވާހަކަ ދައްކަވާއިރު ވެސް ހުންނަވަނީ ފަހަތުގަ އެވެ. ބައެއް ފަހަރު މީޑިއާ އަށް ފެނުނީ "ބާކީވެފައި" ހުންނަ ފަދަ ކަހަލަ ގޮތަކަށެވެ.

މުއިއްޒުގެ ކެމްޕެއިނަށް އާޓިފިޝަލް ބީޗުގައި ބޭއްވި ހަރަކާތެއްގައި ބައިވެރިވި ސަޕޯޓަރުންނާ ސަލާންކުރައްވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

މުއިއްޒުގެ ކެމްޕެއިނަށް އާޓިފިޝަލް ބީޗުގައި ބޭއްވި ހަރަކާތެއްގައި ބައިވެރިވި ސަޕޯޓަރުންނާ ސަލާންކުރައްވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

އެކަމަކު، ސިޔާސީ ގޮތުން މާ ދުރަށް ކަޅި ހިންގާލެއްވުމުގެ ނަތީޖާއަކީ އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގެ ދެ ބުރުން ވެސް އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މައްޗަށް ތާރީހީ، ބޮޑު ކާމިޔާބީއެއް ހޯއްދެވުމެވެ. ފުރަތަމަ ބުރުގައި 15،000 އަށް ވުރެ ގިނަ ވޯޓުގެ ތަފާތު ހުއްޓެވެ. އިއްޔެ ބޭއްވި ދެ ވަނަ ބުރުގައި އެ ފަރަގު 19،000 އަށް ވުރެ މައްޗެވެ.

މުއިއްޒު ރާއްޖޭގެ ވެރިކަމަށް ވަޑައިގަންނަވަން 129،159 މީހުން ވޯޓު ދިނެވެ. އެއީ 54 ޕަސެންޓެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހޯއްދެވުނީ 109،868 ވޯޓެވެ. އެއީ 45.96 ޕަސެންޓެވެ.

ދެ ވަނަ ބުރުގެ ކެމްޕެއިންގައި ބޭއްވި އީސްޕޯޓްސް އިވެންޓްގައި މުއިއްޒު ބައެއް ޒުވާނުންނާ އެކު.

ދެ ވަނަ ބުރުގެ ކެމްޕެއިންގައި ބޭއްވި އީސްޕޯޓްސް އިވެންޓްގައި މުއިއްޒު ބައެއް ޒުވާނުންނާ އެކު.

"ވެރިކަމާ ހަމައަށް ދަތުރުކުރެއްވުމުގެ ތެރޭގައި ހުރި ހުރަސްތައް ފެންނަން އެބަހުރި. ޕާޓީގެ ލީޑަޝިޕްގައި ތިއްބެވި ބައެއް ބޭފުޅުންނާ ވެސް ޖެހިވަޑައިނުގެން، ދެ ބަސް ނުވެ އެ ފުރުސަތު ހޯއްދެވީ. އެންމެ ހޫނުވި ދުވަސްތަކުގައި ވެސް ރައްދެއް ނުދެއްވި. ބައެއް އަރިސް ބޭފުޅުންގެ މަގާމު ގެއްލޭ ހިސާބަށް ދިޔައިރު ވެސް ހުންނެވީ ހިމޭނުން. އޭގެ ބަދަލު މިއަދު އެ ލިބުނީ،" ޕީޕީއެމް/ޕީއެންސީގެ އެތެރޭގެ މަސްލަހަތު ހިފަހައްޓަން ބޭނުން ނުވާތީ ނަން ހާމަކުރައްވަން ބޭނުން ނުވި އިސްބޭފުޅަކު ވިދާޅުވި އެވެ.

"ދެކޮޅަށް މި ދަނޑުގައި ކުޅުނު އެތައް ބަޔަކު ތިއްބެއް ނޫންތޯ؟ އެކަމަކު، އެ އިން އެއްވެސް ބޭފުޅަކަށް ބަދުބަހެއް މުއިއްޒު ވިދާޅުވި އަޑެއް ނީވޭ."

މުއިއްޒުގެ ކެމްޕެއިން މެނޭޖަރު ކެޕްޓަމް މުހައްމަދު އަމީން ވިދާޅުވީ، މުއިއްޒަކީ "އާދަޔާ ހިލާފަށް ޝާޕް" ބޭފުޅެއް ކަމަށެވެ. ކަންކަން އޮންނަ ގޮތް ސީދާކޮށް ވިދާޅުވާ ބޭފުޅެކެވެ.

މުއިއްޒު މީހަކާ ފޯނުން ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

މުއިއްޒު މީހަކާ ފޯނުން ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

"ޕާޓީގެ އެތެރޭގައި ވަރަށް ގިނަ ގޮތްގޮތަށް ކަންކަން އެނބުރި އިރު ވެސް އަޅުގަނޑަށް މުއިއްޒުގެ ފަރާތުން ފެނުނީ ގައުމާ ދޭތެރޭގައި ގެންގުޅުއްވި އޮބްޖެކްޓިވްތައް ވަރަށް ސާފުކަން. އެހެންވެ، އަޅުގަނޑަށް ފެންނަނީ ކަންކަން ނިންމެވުމުގައި ވަރަށް އިހުލާސްތެރި ވަރަށް ގޮތެއްގައި ހުންނަވާނެ ބޭފުޅަކަށް މުއިއްޒު ވާނެ ކަމަށް،" އަމީން ވިދާޅުވި އެވެ.

"މުއިއްޒަކީ ބައެއް އެހެން ބޭފުޅުން އުޅުއްވާހެން މައްޗަށް އަތް ނަންގަވައި އެހެން އުޅުއްވާ ކެރެކްޓާއެއް ނޫން. އެކަމަކު، ވަރަށް ވިސްނުންތެރިކަމާ އެކު ކުރިއަށް ވަޑައިގަންނަވާ ބޭފުޅެއްކަން މޭޔަރު އިންތިހާބުގެ ދުވަސްވަރުން ފެށިގެން ވެސް އަޅުގަނޑަށް ފާހަގަކުރެވުނު."

ރާއްޖޭގެ މިހާރުގެ ހާލަތަށް އެންމެ ރަނގަޅު ބޭފުޅަކީ ޑރ. މުހައްމަދު މުއިއްޒޭ އަޅުގަނޑު އަބަދުވެސް ބުނަނީ އެހެންވެ. ވަރަށް ގިނަ އިރު މަސައްތަކުގައި އުޅުއްވާނެ،"--- ޝަހީމް

މުއިއްޒާ އެކު ވިއްސަކަށް އަހަރު ގާތްކޮށް މަސައްކަތް ކުރެއްވި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، ދިވެހިން މިނެކިރާލި އެއް ކަމަކީ މުއިއްޒުގެ މަތީ ތައުލީމާއި ގާބިލް ކަން ކަމަށެވެ. މުއިއްޒަށް ދިނީ އެ އިތުބާރު ކަމަށް ޝަހީމް ވިދާޅުވި އެވެ،

ރިޔާސީ އިންތިހާބުގެ ބޮޑު ކާމިޔާބީ އަށް ފަހު ރޭ ސަޕޯޓަރުންނާއި މީޑިއާއާ ބައްދަލުކުރައްވަން މުއިއްޒު ބޭއްވި ހަފުލާގައި އޭނާ އާއި ރަނިންމޭޓް ހުސައިން މުހައްމަދު ލަތީފް އަދި ޝަހީމް.---ފޮޓޯ: ފިޔާޒު މޫސާ\ މިހާރު

"މުއިއްޒަކީ ވަރަށް ކުޑައިރުއްސުރެ ތައުލީމަށް ލޯބި ކުރެއްވި ބޭފުޅެއް. މަތީ ތައުލީމުގެ އެންމެ މަތީ ހަރުފަތަށް ވަޑައިގަތީ އެހެންވެ. ޒުވާނުންނަށް ވަރަށް ކަމުދިޔަ ކަމެއް ކަމަށް އަޅުގަނޑަށް ފާހަގަ ކުރެވުނީ އެކަން. އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިއްތެވުމާއި ޒަމާނީ ތައުލީމާއި ގާބިލްކަން ދިވެހިން ބަލައިގަތީ،" ޝަހީމް ވިދާޅުވި އެވެ.

ޝަހީމާއި ގިނަ ބަޔަކު ގަބޫލުކުރާ އެއް ކަމަކީ މުއިއްޒުގެ މަޑުމައިތިރި ކަމެވެ.

"ސުލްހަ އަށް ވަރަށް ލޯބި ކުރައްވާ ބޭފުޅެއް އެއީ. އެންމެން ގޮވައިގެން އުޅުއްވަން ބޭނުންފުޅުވާނެ. އަޅުގަނޑަށް ޑރ. މުއިއްޒުގެ ފަރާތުން ފެންނަ އެންމެ ރަނގަޅު އެއް ސިފަ އެއީ. ސުލްހަވެރިކަން. ރާއްޖޭގެ މިހާރުގެ ހާލަތަށް އެންމެ ރަނގަޅު ބޭފުޅަކީ ޑރ. މުހައްމަދު މުއިއްޒޭ އަޅުގަނޑު އަބަދުވެސް ބުނަނީ އެހެންވެ. ވަރަށް ގިނަ އިރު މަސައްތަކުގައި އުޅުއްވާނެ،" އޭނާ ވިދާޅުވި އެވެ.

މުއިއްޒުގެ އޮތް އެންމެ ބޮޑު އެއް ފައިދާއަކީ ޝަހީމް ދެކެވަޑައިގަންނަވާ ގޮތުގައި "ގައުމުތަކުން ވެސް ދަންނަ ބޭފުޅަކަށް" ވުމެވެ. ޑިޕްލޮމެސީ ދެނެވަޑައިގަންނަވާތީ އެވެ.

"މާތް ﷲ ގެ ރަހުމަތާއި ފަޟުލުވަންތަކަން މިއީ."

ރިޔާސީ ކެމްޕެއިނަށް ބަލާއިރު އިދިކޮޅު ޕާޓީއަކަށް އޮތް ހުރިހާ ގޮންޖެހުމެއް މުއިއްޒަށް އޮތެވެ. ހާއްސަކޮށް ދެ ވަނަ ބުރެވެ. އެންޓި ކެމްޕެއިންތައް ގެންދިޔައީ އެންމެ އުހަށެވެ.

ރިޔާސީ އިންތިހާބުގެ ބޮޑު ކާމިޔާބީ އަށް ފަހު ރޭ ސަޕޯޓަރުންނާއި މީޑިއާއާ ބައްދަލުކުރައްވަން މުއިއްޒު ބޭއްވި ހަފުލާގައި އޭނާ އާއި ރަނިންމޭޓް ހުސައިން މުހައްމަދު ލަތީފް އަދި ލީޑަޝިޕްގެ އެހެން ބައެއް ބޭފުޅުން.---ފޮޓޯ: ފަޔާޒު މޫސާ\ މިހާރު

ރިޔާސީ އިންތިހާބުގެ ބޮޑު ކާމިޔާބީ އަށް ފަހު ފުރަތަމަ ފަހަރަށް ސަޕޯޓަރުންނާއި މީޑިއާގެ ކުރިމައްޗަށް މުއިއްޒު ހުއްޓި ވަޑައިގެން ރޭ ދެއްކެވި ވާހަކަފުޅުގައި ވެސް ފެނުނީ ޝަހީމް ވިދާޅުވާ ސުލްހަވެރިކަމުގެ ވާހަކަތަކެވެ. ވެރިކަމުގެ ބާރުތައް ބަދަލުކުރުމުގެ މި މަރުހަލާއަކީ ހުތޫރަތްތެރި ވަގުތެއްކަން ފާހަގަކުރައްވައި އެދިވަޑައިގަތީ ހަމަނުޖެހުމަށް ޖާގަ ދޭ އެއްވެސް ކަމެއް ނުކުރުމަށެވެ.

ދެން އޮތީ މުއިއްޒުގެ ރައީސްކަމުގެ ފަސް އަހަރު ކަންކަން ދާ ގޮތް ބެލުމެވެ. ސިޔާސީ ގޮތުން ހޯއްދެވީ އާދައިގެ ކާމިޔާބީއެއް ނޫނެވެ. ހަރުފަތަކަށް ފަހު ހަރުފަތަކަށް ވަޑައިގަންނަވަމުން ގޮސް ނިންމާލެއްވީ ރާއްޖޭގެ ވެރިކަމާ ހިސާބުންނެވެ.