Roadha Mihaaru
"ހުރިހާ މުވައްޒަފުންގެ މުސާރަ ވެސް ބޮޑުކުރާނަން"

ހުރިހާ ދާއިރާއެއްގެ މުވައްޒަފުންގެ މުސާރަ ވެސް ބޮޑުކުރާނަން: މުއިއްޒު

16 ސެޕްޓެމްބަރ 2023

ދައުލަތުގެ ހުރިހާ ދާއިރާއެއްގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރައަށް ވެސް ހެޔޮ ބަދަލުތަކެއް ގެނެސްދެއްވާނެ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ނާޒިމް ހަސަން ނޮޅިވަރަމްފަރުން ނާޒިމް ހަސަން

ދައުލަތުގެ ހުރިހާ ދާއިރާއެއްގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރައަށް ވެސް ހެޔޮ ބަދަލުތަކެއް ގެނެސްދެއްވާނެ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ބޮޑުތިލަދުންމައްޗަށް ކުރައްވާ ދަތުރުގައި މިރޭ ހދ. ނޮޅިވަރަމްފަރުގައި މިރޭ ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ސިފައިންނާއި ފުލުހުންގެ މުސާރަ ދެ ގުނަ ބޮޑު ކުރާނެ ކަމަށް އިއުލާން ކޮށްފައިވާނެ ކަމަށާއި ނަމަވެސް، ބަދަލުތަކެއް ގެންނަން ނިންމާފައިވަނީ އެ ދެ މުއައްސަސާއަށް އެކަނި ނޫން ކަމަށެވެ.

އެގޮތުން ސިވިލް ސާވިސް އާއި ޔުނިފޯމް އެޅި އެހެން އިދާރާތަކާއި މިނިވަން މުއައްސަސާތައް ވެސް ހިމެނޭ ގޮތަށް މުސާރަ އާއި އިނާޔަތްތަކަށް ހެޔޮ ބަދަލެއް ގެެނެސްދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އެކަން ކުރާނީ އިގުތިސޯދު ނަގާ ކޮޅަށް ޖެހުމަށްފަހު މަރުހަލާތަކަށް ބަހާލައިގެން ކަމަށް ވިދާޅުވި އެވެ.

މުއިއްޒުގެ ކެމްޕެއިނަށް ނޮޅިވަރަމްފަރުގައި ބޭއްވި ޖަލްސާގެ ތެރެއިން: ރަށަށް ގިނަ ވައުދުތަކެއްވެވަޑައިގަތް، މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ވައުދުވެވަޑައިގަތް - ފޮޓޯ: ނިޝާން އަލީ | މިހާރު

މުއިއްޒުގެ ކެމްޕެއިނަށް ނޮޅިވަރަމްފަރުގައި ބޭއްވި ޖަލްސާގެ ތެރެއިން: ރަށަށް ގިނަ ވައުދުތަކެއްވެވަޑައިގަތް، މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ވައުދުވެވަޑައިގަތް - ފޮޓޯ: ނިޝާން އަލީ | މިހާރު

މިރޭ މުއިއްޒު ތަފްސީލް ދެއްވީ ސިފައިންނާއި ފުލުހުންގެ މުސާރަ ދެ ގުނަ ކުރާނެ ގޮތެވެ. އެގޮތުން 2024 ވަނަ އަހަރު 35 ޕަސެންޓް ބޮޑުކޮށް، 2025 ވަނަ އަހަރު 2025 ޕަސެންޓް އަދި 2028 ވަނަ އަހަރު 30 ޕަސެންޓް ބޮޑުކޮށް، މުސާރަ ދެ ގުނަ ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އެހެން އިދާރާތަކުގެ މުސާރަ ބޮޑުކުރާނެ ގޮތުގެ ތަފްސީލް ފަހުން ހާމަކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި މުވައްޒަފުންގެ މުސާރަ ބޮޑުކޮށް ހެޔޮ ބަދަލެއް ގެނެސްދެނީ ވަރަށް މުހިންމު މަގުސަދެއްގަ އެވެ. އޭނާގެ އަމާޒަކީ ތަރައްގީއާއެކު ރާއްޖެ ކުރިއަށް ގެންދިއުން ކަމަށާއި އެކަމުގައި ރައްޔިތުންނަށް އަމަލީ ގޮތުން މަސައްކަތްތައް ކޮށްދޭން ތިބީ މުވައްޒަފުން ކަމަށް އޭނާ ވިދާޅުވި އެވެ.

ހަމަޖެހޭ މާހައުލެއް ހޯދައިދީގެން ނޫން ގޮތަކަށް ޒިންމާދާރު މުވައްޒަފުންތަކެއް ނުލިބޭނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒުގެ ކެމްޕެއިނަށް ނޮޅިވަރަމްފަރުގައި ބޭއްވި ޖަލްސާގެ ތެރެއިން: ރަށަށް ގިނަ ވައުދުތަކެއްވެވަޑައިގަތް، މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ވައުދުވެވަޑައިގަތް - ފޮޓޯ: ނިޝާން އަލީ | މިހާރު

މުއިއްޒުގެ ކެމްޕެއިނަށް ނޮޅިވަރަމްފަރުގައި ބޭއްވި ޖަލްސާގެ ތެރެއިން: ރަށަށް ގިނަ ވައުދުތަކެއްވެވަޑައިގަތް، މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ވައުދުވެވަޑައިގަތް - ފޮޓޯ: ނިޝާން އަލީ | މިހާރު

"ހުރިހާ ސެކްޓަރެއްގެ މުވައްޒަފުންނަކީ ގައުމު ކުރިއަށް ގެންދިޔުމުގައި ރައްޔިތުންނަށް ކަންކަން ކޮށްދޭން ހަގީގީ މަސައްކަތް ކުރާ ފަރާތްތައް. އެމީހުންނަށް އެއްވެސް ވަރެއްގެ ހިތްހަމަޖެހުމެއް ނޯވޭ. ޝައުގުވެރިކަން ނޯވޭ. އެކަށީގެންވާ މުސާރައެއް ނުލިބޭތީ. މުސާރަ ކުޑަވީމަ ވަޒީފާ ދޫކޮށްލާ. ހުންނަން ޖެހޭ މަސައްކަތުގެ އަހްލާގު ވަރަށް ދަށްކޮށް ހުންނަނީ. އެމީހުންނަށް ފަރުވާތެރިކަމާއި ޒިންމާދާރުކަމާ އެކު މަސައްކަތް ކުރާނެ މާހައުލެއް ހޯދައިދޭން ޖެހޭ." މުއިއްޒު ވިދާޅުވި އެވެ.

"ހަގީގީ މާނާގައި ރާއްޖެ ކުރިއަރުވާ ވާހަކަ ދައްކާއިރު ހިދުމަތްތެރި މަސައްކަތްތެރިންގެ ގޮތުގައި ބަލައިގަނެ އެންމެ ރަނގަޅު ގޮތުގައި ޖެހޭނެ މުވައްޒަފުންނަށް ކަންކަން ކޮށްދޭން. ހެޔޮ ބަދަލުތަކެއް ގެނެސްދޭން. މައިގަނޑު އަމާޒަކީ މަސައްކަތެރިން މި ގައުމު ކުރިއެރުވުމުގެ އަގުވަޒަން ކުރުން."