Roadha Mihaaru
ރޯދަ މަހުގެ ފަހު 10 ބަންދުވާނެ: މުއިއްޒު

މުއިއްޒުގެ ސަރުކާރެއްގައި ރޯދަ މަހުގެ ފަހު 10 ބަންދު

30 އޯގަސްޓް 2023

ރޯދަ މަހުގެ ފަހު 10އަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމަށް ކަނޑައަޅުއްވާނެ ކަމަށް އިދިކޮޅު، ޕީއެންސީ/ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ނާޒިމް ހަސަން އޭދަފުށިން ނާޒިމް ހަސަން

ރޯދަ މަހުގެ ފަހު 10އަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމަށް ކަނޑައަޅުއްވާނެ ކަމަށް އިދިކޮޅު، ޕީއެންސީ/ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ބ. އޭދަފުށީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، އޭނާގެ ވެރިކަމެއްގައި އެންމެ އިސްކަމެއް ދޭނެ ކަމަކީ އިސްލާމީ އުސޫލުތައް ގާއިމްކުރުމާއި ދީނީ ކަންކަމަށް ރައްޔިތުން ލޯބި ޖެއްސުން ކަމަށެވެ. އެގޮތުން، ރައްޔިތުންނަށް ދީނީ ކަންކަމަށް އިސްކަން ދިނުމަށް ފުރުސަތުތައް ފޯރުކޮށްދޭނެ ކަމަށެވެ.

އެ ސިޔާސަތުގެ ދަށުން ރަމަޟާން މަހުގެ ފަހު 10 އެއް އެއީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އެއީ ސަރުކާރު މުވައްޒަފުންނަށް އަޅުކަންތައްތަކަށް ވަގުތު ދިނުމަށް ފުރުސަތު ދޭން ކަމަށެވެ.

އެ 10 ދުވަސް ބަންދު ކުރުމުން އުމްރާއަށް ދާން ބޭނުންވާ މުވައްޒަފުންނަށް ވެސް އިތުރު ޗުއްޓީއަކާ މެދު ނުވިސްނާ އެކަން ކުރެވޭނެކަން މުއިއްޒު ފާހަގަކުރެއްވި އެވެ. ހަމައެއާ އެކު ރަމަޟާން މަހުގެ ފަހު 10 އެއް އެއީ ގްރޭޑް އަށަކުން ތިރީގެ ގްރޭޑްތަކުގެ ދަރިވަރުންނަށް ބަންދު ދުވަސްތަކެއް ކަމަށް ކަނޑައަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މުއިއްޒު ވަނީ އިސްލާމީ އުސޫލުތައް ރާއްޖޭގައި ގާއިމް ކުރުމުގެ އިތުރުން، އިސްލާމީ ގައުމުތަކާ ގާތް ގުޅުމެއް އޭނާގެ ސަރުކާރެއްގައި ބާއްވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ. އަރަބި ގައުމުތަކާ އެކު ގާތް ގުޅުމެއް ބޭއްވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި ނަމަވެސް، މި ފަސް އަހަރު އެކަން ގޮސްފައިވަނީ ވަރަށް ދެރަކޮށް ކަމަށެވެ.

އެ ގައުމުތަކާ އެކު ގާތް ގުޅުމެއް ބާއްވާފައިވިނަމަ، ރާއްޖެއަށް ލިބޭނީ ކުރިއެރުން ކަަމަށާއި ރައްޔިތުންނަށް ފަހި ފުރުސަތުތައް ލިބޭނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

އެހެން ސިޔާސަތުތައް ހާމަކުރައްވަމުން މުއިއްޒު ވިދާޅުވީ 65 އަހަރުވުމުން ރިޓަޔަކުރުމަކީ ސަރުކާރުގެ ބައެއް މުވައްޒަފުންނަށް ވަރަށް ބޮޑު ހިތާމައެއް ކުރިމަތިވާ ކަމެއް ކަމަށާއި ގޭގައި ތިބެންޖެހުމުން ހިތްދަތިވެ މާޔޫސްވާ ކަމަށެވެ. އެހެންވެ، އެމީހުންނަށް ގޮތެއް ހޯދައިދީ، ދިރިއުޅުމަށް އަންނަ މާޔޫސްކަމުން ދުރުކޮށްދިނުމަކީ މުހިންމު ކަމެއް ކަމަށެވެ.

އެކަން ހައްލު ކުރުމުގެ ގޮތުން މުއިއްޒު ނިންމަވާފައިވަނީ، 65 އަހަރާއި 75 އަހަރާ ދެމެދު މުވައްޒަފުންނަށް ކޮންމެ އަހަރަކުން އަހަރަކަށް އާކުރާ ގޮތަށް ކޮންޓްރެކްޓް ވަޒީފާއެއް ދިނުމެވެ.

"އޭރުން ގޭގަ ހުންނަން ޖެހިގެން ސިކުނޑިއަށް އުނދަގުވެ މާޔޫސްނުވާނެ. އޭގެ ސަބަބުން ވަޒީފާ، ޕެންޝަން، އަދި 5،000 ރުފިޔާގެ އިތުރުން ވަޒީފާގެ މުސާރަ ވެސް ލިބޭނެ،" މުއިއްޒު ވިދާޅުވި އެވެ.

"އުފާވެރިކަން އަޅުގަނޑުމެން ރައްޔިތުންނަށް ގެނެސްދޭނަން."