Roadha Mihaaru
ވަޒީފާއެއް ނުގެއްލޭނެ، މަޝްރޫއެއް ނުހުއްޓޭނެ: މުއިއްޒު

ވަޒީފާއެއް ވެސް ނުގެއްލޭނެ، މަޝްރޫއެއް ވެސް ނުހުއްޓޭނެ: މުއިއްޒު

28 އޯގަސްޓް 2023

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރަށްރަށަށް ވަޑައިގަންނަވާއިރު އެންމެ ބޮޑަށް އިވެނީ ވަޒީފާގެ ބިރުގެ ވާހަކަ ކަމަށާއި އެކަމަކު އޭނާގެ ވެރިކަމެއްގައި މިހާރު ވަޒީފާގައި ހުރި އެއްވެސް މީހެއްގެ ވަޒީފާ ނުގެއްލޭނެ ކަމަށާއި މި ސަރުކާރުން ފެށި މަޝްރޫއެއް ވެސް ހުއްޓާނުލައްވާނެ ކަމަށް އިދިކޮޅު ޕީއެންސީ/ޕީޕީއެމްގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ނާޒިމް ހަސަން މާމެންދޫން ނާޒިމް ހަސަން

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރަށްރަށަށް ވަޑައިގަންނަވާއިރު އެންމެ ބޮޑަށް އިވެނީ ވަޒީފާގެ ބިރުގެ ވާހަކަ ކަމަށާއި އެކަމަކު އޭނާގެ ވެރިކަމެއްގައި މިހާރު ވަޒީފާގައި ހުރި އެއްވެސް މީހެއްގެ ވަޒީފާ ނުގެއްލޭނެ ކަމަށާއި މި ސަރުކާރުން ފެށި މަޝްރޫއެއް ވެސް ހުއްޓާނުލައްވާނެ ކަމަށް އިދިކޮޅު ޕީއެންސީ/ޕީޕީއެމްގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ގއ. އަށް ކުރައްވާ ކެމްޕެއިން ދަތުރުގައި މިއަދު ހަވީރު މާމެންދޫ އަށް ވަޑައިގެން ވިދާޅުވީ ތަކުރާރުކޮށް އިވެމުންދަނީ ވަޒީފާ ބިރު ދައްކާ ކަމުގެ އަޑު ކަމަށާއި އެ ބިރުގައި ބައެއް މީހުން ޖެހިލުންވެ ތިބޭ ކަމަށެވެ. އަދި، ވެރިކަން ބަދަލުވެއްޖެ ނަމަ، ވަޒީފާތައް އުވާލާނެ ކަމަށް ސަރުކާރުން ބުނަމުންދާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އެކަމަކު އޭނާ ޔަގީންކަން ދެއްވީ ވެރިކަން ލިބިއްޖެ ނަމަ، އެއްވެސް މީހެއްގެ ވަޒީފާ ނުގެއްލޭނެ ކަމަށެވެ.

"އެއްވެސް މީހެއް ވަޒީފާއިން ވަކިނުކުރާނަން. ސިޔާސީ މަގާމެއްގައި ހުރި މީހެއްގެ ވަޒީފާ ނޫނީ ނުގެއްލޭނެ. ބިރު ނުގަނެ ނުކުންނަވާ،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ އޭނާ މަސައްކަތް ކުރައްވާނީ މިހާރު ސަރުކާރު ކުންފުނިތަކުން ދީފައިވާ ވަޒީފާތައް އިތުރަށް ހަރުދަނާކޮށް މުސާރަ ވެސް ރަނގަޅުކުރުމަށް ކަމަށެވެ.

މި ސަރުކާރުން އުފައްދާފައިވާ އެއްވެސް ވަޒީފާއެއް އުވާނުލާނެ ކަމަށް މުއިއްޒު ވިދާޅުވިއިރު އެއްވެސް މަޝްރޫއުއެއް ވެސް ހުއްޓާނުލާނެ ކަމަށް ވެސް ވައުދުވެވަޑައިގެންނެވި އެވެ. މުއިއްޒު ވިދާޅުވީ ސަރުކާރުން ގެންދަނީ ވެރިކަން ބަދަލުވެއްޖެ ނަމަ މަޝްރޫއުތައް ހުއްޓޭނެ ކަމަށް ބުނަމުން ކަމަށާއި ނަމަވެސް، އެކަން އެގޮތަށް ނުކުރައްވާނެ ކަމަށެވެ.

"އެއްވެސް މަޝްރޫއުއެއް ހުއްޓާނުލާނަން. ހިނގަމުންދާ އެއްވެސް މަޝްރޫއެއް ވެސް، އަނދުން އަޅުވަން ކުރާ ކަމެއް ވިޔަސް ހުއްޓައެއް ނުލާނަން. އެއަށްވުރެ ރަނގަޅަށް އެކަންކަން ކުރާނަން. ކަންބޮޑުވާނެ ކަމެއް ނެތް، ފެށިފައިހުރި ކަމެއް ހުއްޓައެއް ނުލާން،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވަނީ މާމެންދޫއަށް ވެސް ބައެއް ވައުދުތައްވެ ވަޑައިގެންފަ އެވެ. އޭގެ ތެރޭގައި މި ރަށުން އެންމެ ބޭނުންވާ ފުޅަމެންދޫ ރަށުގެ އިހްތިސާސް ތެރޭގައި ހިމަނައި، އެތަނުން އާމްދަނީ ލިބޭނެ ގޮތްތައް ހޯދާނެ ކަމަށް ވިދާޅުވި އެވެ. އަދި، ޒުވާނުންނަށް ބޭނުންވާ ކުޅިވަރުގެ ވަސީލަތްތައް ގާއިމްކޮށްދީ، ރަށުން އެދުނު އެހެން ހުރިހާ ކަމެއް ވެސް ފުއްދަވާނެ ކަމަށް ވިދާޅުވި އެވެ.