Roadha Mihaaru
މުއިއްޒުގެ ސަރުކާރެއްގައި ކައުންސިލްތަކަށް މިނިސްޓްރީއެއް

މުއިއްޒުގެ ސަރުކާރެއްގައި ކައުންސިލްތައް އިތުރަށް ބާރުވެރި ކުރުވަން ހާއްސަ މިނިސްޓްރީއެއް

16 ސެޕްޓެމްބަރ 2023

ލޯކަލް ކައުންސިލްތައް ބާރުވެރިކުރަން ހާއްސަ މިނިސްޓްރީއެއް އުފައްދަވާނެ ކަމަށް އިދިކޮޅު ޕީއެންސީ/ޕީޕީއެމްގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ނާޒިމް ހަސަން ހދ. ފިނޭ އިން ނާޒިމް ހަސަން

ލޯކަލް ކައުންސިލްތައް ބާރުވެރިކުރަން ހާއްސަ މިނިސްޓްރީއެއް އުފައްދަވާނެ ކަމަށް އިދިކޮޅު ޕީއެންސީ/ޕީޕީއެމްގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ބޮޑުތިލަދުންމައްޗަށް ކުރައްވާ ދަތުރުގައި ހދ. ފިނޭ އަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ބޭނުންވަނީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ސަރުކާރާ ހަމައަށް ގެނެސްދޭނެ ވަސީލަތަކަށް ކައުންސިލްތައް ހެދުން ކަމަށާއި އެހެންވެ، އެކަމަށްޓަކައި ވަކި ހާއްސަ މިނިސްޓްރީއެއް ގާއިމްކުރާނެ ކަމަށެވެ.

"ހަމައެކަނި ގްރާންޓުން ކަނޑައެޅޭ ފައިސާއެއް ނޫން. ސަރުކާރުގެ ނިޒާމުގެ ތެރެއިން ވެސް ފައިސާގެ ފުރުސަތު ފަންޑިންގެ ފުރުސަތު ލިބިގެންދާނެ. އެހެންވީމަ ވަރަށް ރަނގަޅަށް ބާރުވެރި ކުރެވިފައިވާ ކައުންސިލްތަކަށް މަސައްކަތް ކުރެވެމުންދާތަން ފެންނާނެ." މުއިއްޒު ވިދާޅުވި އެވެ.

މިއަދު މާރަންދޫ އަށް ވަޑައިގެން ވެސް މުއިއްޒު ވިދާޅުވީ އޭނާގެ ސަރުކާރެއް ވާނީ ރައްޔިތުންނާ ގާތުން އަދި މަޝްވަރާގެ މަތިން ހިންގާނެ ސަރުކާރަކަށް ކަމަށެވެ. އަދި އެކަން ކުރާނީ ފުރިހަމަ ލާމަރުކަޒީ ނިޒާމެއް ގާއިމްކޮށްގެން، ރަށްތަކަށް ބާރުތައް ދޫކޮށްލައިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑަށް ދެ ފަރާތުގައި ވެސް ހުރެވިއްޖެ. ސަރުކާރުގައި ވެސް އަދި ކައުންސިލްގައި ވެސް. އެހެންވީމަ އަޅުގަނޑަށް އެނގޭ މި ދެބައި ގުޅާލެވޭނެ ގޮތް. ސަރުކާރާ ގުޅިލާމެހިގެން ބަޖެޓުން ވެސް ލާރި ދީގެން ކައުންސިލްތައް ހިންގާނީ." މުއިއްޒު ވިދާޅުވި އެވެ.

ބޮޑުތިލަދުންމައްޗަށް މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން: ކައުންސިލްތަކަށް ހާއްސަ މިނިސްޓްރީއެއް ހައްދަވާނެ ކަމަށް ވިދާޅުވި - ފޮޓޯ: ނިޝާން އަލީ | މިހާރު

ބޮޑުތިލަދުންމައްޗަށް މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން: ކައުންސިލްތަކަށް ހާއްސަ މިނިސްޓްރީއެއް ހައްދަވާނެ ކަމަށް ވިދާޅުވި - ފޮޓޯ: ނިޝާން އަލީ | މިހާރު

ފިނޭ އާއި މާރަންދޫގެ އިތުރުން މުއިއްޒު ވަނީ މިއަދު ނެއްލައިދޫ އާއި ނާވައިދޫގެ އިތުރުން ހިރިމަރަދޫ އަށް ވެސް ވަޑައިގެންފަ އެވެ. މިއިން ކޮންމެ ރަށެއްގައި ވެސް މުއިއްޒު ވަނީ އެ ރަށްތަކަށް ބޭނުންވެފައިވާ ކަންކަން ކޮށްދެއްވައި، ރައްޔިތުންގެ އުއްމީދުތަކުގައި ކުލަ ޖައްސަވާނެ ކަމަށް ވިދާޅުވި އެވެ.

"ފަސް އަހަރު މި ދިޔައީ ނިމިގެން ރައްޔިތުން މި ތިބީ މާޔޫސްވެފައި. އެ މާޔޫސްކަމުން އަރައިގަނެ ރައްޔިތުން ބޭނުންވާ ހަލުވިކަމާ އެކު ތަރައްގީއާއެކު ކުރިއަށް ދާން އަޅުގަނޑުމެން މި އަންނަނީ." މުއިއްޒު ވިދާޅުވި އެވެ.

"ވަރަށް އިސްކަން ދީގެން ތަރައްގީގެ މަޝްރޫއުތައް ބާރު ސްޕީޑްގައި ކުރިއަށްދާނެ. ނަތީޖާ ނެރެދޭން. ކުރިމަތިލައިގެން މި ހުރީ އެހެންވެ. އެގޮތަށް ކުރިއަށް ދިޔުމުގައި 30 ވަނަ ދުވަހު ވޯޓު ދިނުމަށް އެދެން."

ބޮޑުތިލަދުންމައްޗަށް މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން: ކައުންސިލްތަކަށް ހާއްސަ މިނިސްޓްރީއެއް ހައްދަވާނެ ކަމަށް ވިދާޅުވި - ފޮޓޯ: ނިޝާން އަލީ | މިހާރު

ބޮޑުތިލަދުންމައްޗަށް މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން: ކައުންސިލްތަކަށް ހާއްސަ މިނިސްޓްރީއެއް ހައްދަވާނެ ކަމަށް ވިދާޅުވި - ފޮޓޯ: ނިޝާން އަލީ | މިހާރު

މުއިއްޒު ވިދާޅުވީ ހއ. އަދި ހދ. އަތޮޅުގެ ރައްޔިތުން އެންމެ ބޭނުންވާ ކަމަކީ އިގުތިސޯދީ ގޮތުން ކުރިއަރައިގެން ދިޔުން ކަމަށް ކަމަށާއި އެހެންވެ، އިގުތިސޯދު ކޮޅަށް ޖަހައި ފުޅާކުރާނެ ގޮތުގެ ޕްލޭން އޭނާގެ ޓީމްގެ އެބަ އޮތް ކަމަށް ވިދާޅުވި އެވެ. އެގޮތުން ޓޫރިޒަމްގެ ސިޔާސަތު އޭނާ ފާހަގަ ކުރެއްވި އެވެ.

ޓޫރިޒަމްގައި މާ ބޮޑު ކުރިއެރުމެއް ނެތް މި ދެ އަތޮޅަށް އިތުރު ރިސޯޓްތައް ގެންނާނެ ކަމުގެ ޔަގީންކަން މުއިއްޒު ދެއްވި އެވެ. އަދި ރަށްރަށުގެ ލޯކަލް ޓޫރިޒަމް ފުޅާކުރުމަށް ބޭނުންވާ އެހީތެރިކަން ވެސް ފޯރުކޮށްދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިއަދުގެ އެންމެ ފަހު ރަށެއްގެ ގޮތުން މުއިއްޒު ވަޑައިގަންނަވާނީ ނޮޅިވަރަމްފަރަށެވެ.