Roadha Mihaaru
ވިލިނގިލިން: މުއިއްޒަށް އޮތް ގޮތް މިއޮތީ ފެންނަން

ވިލިނގިލިން ބުނީ މުއިއްޒަށް އޮތް ގޮތް މިއޮތީ ފެންނަން ކަމަށް

28 އޯގަސްޓް 2023

"މިތާ ނުހުންނާނެ ލާރި ދީގެން ގެނައި އެކަކު ވެސް. މިއީ ވިލިނގިލީ ރައްޔިތުން، އަހަރެމެން ތިބި ގޮތް،" ގއ. ވިލިނގިއްޔަށް މިއަދު ޕީއެންސީ/ޕީޕީއެމްގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވަޑައިގަތް އިރު ދަމާލާފައި އޮތް ދިގު ސަފު، ކައުންސިލް މެންބަރު އިބްރާހިމް ރަޝީދު ސިފަކޮށްދިނެވެ.

ނާޒިމް ހަސަން ވިލިނގިލިން ނާޒިމް ހަސަން

"މިތާ ނުހުންނާނެ ލާރި ދީގެން ގެނައި އެކަކު ވެސް. މިއީ ވިލިނގިލީ ރައްޔިތުން، އަހަރެމެން ތިބި ގޮތް،" ގއ. ވިލިނގިއްޔަށް މިއަދު ޕީއެންސީ/ޕީޕީއެމްގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވަޑައިގަތް އިރު ދަމާލާފައި އޮތް ދިގު ސަފު، ކައުންސިލް މެންބަރު އިބްރާހިމް ރަޝީދު ސިފަކޮށްދިނެވެ.

މިއަދު އިރުއޮއްސި 6:00 ގައި ވިލނގިލީ ބަނދަރުން މުއިއްޒު ރަށަށް ފައިބައިވަޑައިގެންނެވިއިރު، ކޮޅު ފެންނަން ނެތް ދިގު ސަފެއް ދަމާލައި، އެތައް ބަޔަކު ފޯރިނަގަމުންނެވެ. "މުއިއްޒު ހޮވާނީ އެއްބުރުން" ކަމަށް ގޮވަމުން، ނަށަމުން، ބެރުޖަހަމުންދިޔަ އެވެ.

"މިއީ ޕީޕީއެމްގެ ކިއްލާއަށް މިއޮތީ ވެފައި،" އިބްރާހިމް ރަޝީދު ފޯރިނަގަމުން ދިޔައީ، މިއީ މި ރަށުގައި އެންމެ ފޯރި ހިއްޕާލި ޕީޕީއެމްގެ ހަރަކާތަށް ވުމުންނެވެ.

މިވަރުގެ ދިގު ސަފެއް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ވެސް މި ރަށުގައި ނުހަދާ ކަމަށް ބައެއް މީހުން ބުންޏެވެ.

"ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް މި ރަށަށް ކެމްޕެއިންގައި ވަޑައިގެންނެވި. އެކަމަކު މިވަރުގެ ހޫނު މަރުހަބާއެއް ނެތް،" އެކަކު ބުންޏެވެ.

ވިލިނގިލީގައި ފޯރި ނަގަމުންދިޔަ މީހުންގެ ތެރޭގައި ޒުވާނުން ވަރަށް ގިނަ އެވެ. ޓީޝާޓްގައި މުއިއްޒުގެ ސޮއިކުރުވުމަށް ފަހު ސެލްފީއެއް ނަގާފައި ޒުވާނަކު ބުނި ގޮތުގައި، އޭނާ މުއިއްޒަށް ތާއިދު ކުރަނީ، ތަރައްގީ ގެނެސްދޭނެކަން ޔަގީންކަން ވާތީ އެވެ. އެ ޓްރެކް ރެކޯޑް މުއިއްޒުގެ އެބަ އޮތް ކަމަށް ބުންޏެވެ.

"އަހަރެމެން ޒުވާނުން ބޭނުންވަނީ ތަރައްގީ. ކިހާ ކަމެއް މިހާރު ވެސް ކޮށްދެއްވާފައި އެ ހުރީ ތަރައްގީގެ،" އޭނާ ބުންޏެވެ.

"މި ރަށް އޮތް ގޮތް މިއޮތީ ފެންނަން، އެހެންނު؟. ބޮޑުކޮށް މުއިއްޒަށް ލިބޭނެ."

ވިލިނގިލީގައި މުއިއްޒަށް މަރުހަބާ ދެންނެވުމަށް އެއްވި މީހުންނާ މުއިއްޒު ސަލާންކުރައްވަނީ - ފޮޓޯ: މިހާރު

ވިލިނގިލީގައި މުއިއްޒަށް މަރުހަބާ ދެންނެވުމަށް އެއްވި މީހުންނާ މުއިއްޒު ސަލާންކުރައްވަނީ - ފޮޓޯ: މިހާރު

ސަރުކާރާ މެދު މި ރަށުގައި އޮތް ޝަކުވާއަކީ ތަރައްގީގެ މަޝްރޫއުތަކުގެ ސްޕީޑް ލަސްވުމެވެ. މަޝްރޫއުތައް ނުފެށުމެވެ. ބަނދަރު މަޝްރޫއު އޮތީ ނުނިމި އެވެ. ޓާޝަރީ ހޮސްޕިޓަލަކަށް ރައްޔިތުން ތިބީ އެދިއެދި އެވެ. ކޫއްޑޫއާ ގުޅާލައި ބްރިޖްގެ ވާހަކަ ވެސް އޮތީ ދައްކައިފަ އެވެ.

"ޓާޝަރީ ހޮސްޕިޓަލް ވެފައި މިއޮތީ ތާށި ހޮސްޕިޓަލަށް. އެއެއް ދުވަހަކު ނުއެއް އައި،" ދަރިފުޅު އުރާލައިގެން ހުރި ޒުވާނަކު ބުންޏެވެ. އޭނާގެ އުއްމީދު ވެސް ގުޅިފައި އޮތީ މުއިއްޒުގެ ސަރުކާރަކާ އެކު އެވެ.

"މުއިއްޒު ކުރާނެ. އެކަން އަހަރެމެންނަށް ޔަގީން،" އޭނާ ބުންޏެވެ.

ސަފުގައި ހުރި އެހެން މީހަކު ވެސް ބުނީ އިންތިހާބަށް ނުކުމެ ހުރި އެންމެ ގާބިލް ކެންޑިޑޭޓަކީ މުއިއްޒު ކަމަށެވެ. ހުވަދު އަތޮޅުން މުއިއްޒު ބޮޑު ކުރިއެރުމެއް ހޯދާނެކަން އޭނާއަށް ޔަގީންވާއިރު، އެންމެ ބޮޑު ހިއްސާއެއް އޮންނާނީ ވިލިނގިލީގެ ކަމަށް އޭނާ ބުންޏެވެ.

"ހަވީރު ހަތަރެއް ޖެހީންސުރެ މިތާ މިހުރީ ހަމަ މުއިއްޒު ދެކިލަން،" އުމުރުން ދުވަސްވީ އަންހެނަކު ބުންޏެވެ.

މިރޭ ވިލިނގިލީގައި ބޮޑު ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު، ގއ. އަތޮޅުގެ ރަށްތަކަށް މުއިއްޒުގެ މެނިފެސްޓޯގައި ހިމަނާފައިވާ ގިނަ ކަންތައްތަކެއް ހާމަކުރައްވަން ވަނީ ނިންމަވައިފަ އެވެ. މި ދަތުރުގައި މުއިއްޒު ވަނީ ދެއްވަދޫ، ގެމަނަފުށި، ކޮލަމާފުށި، ދާންދޫ، ނިލަންދޫ، މާމެންދޫ އަދި ވިލިނގިއްޔަށް ވަޑައިގެންފަ އެވެ.