Roadha Mihaaru
ވިލިނގިލީގައި އިންޓަނޭޝަނަލް އެއާޕޯޓެއް ހެދުމުގެ ވައުދު

ވިލިނގިލީގައި އިންޓަނޭޝަނަލް އެއާޕޯޓެއް އަޅަން މުއިއްޒު ވައުދުވެއްޖެ

28 އޯގަސްޓް 2023

ގއ. ވިލިނގިލީ ކައިރީގައި އޮންނަ އެކެފަރު ހިމެނޭ ގޮތަށް ވިލިނގިލީގައި އިންޓަނޭޝަނަލް އެއާޕޯޓެއް ހަދަން ޕީއެންސީ/ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިރޭ ވައުދުވެވަޑައިގެންފި އެވެ.

ނާޒިމް ހަސަން ވިލިނގިލިން ނާޒިމް ހަސަން

ގއ. ވިލިނގިލީ ކައިރީގައި އޮންނަ އެކެފަރު ހިމެނޭ ގޮތަށް ވިލިނގިލީގައި އިންޓަނޭޝަނަލް އެއާޕޯޓެއް ހަދަން ޕީއެންސީ/ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިރޭ ވައުދުވެވަޑައިގެންފި އެވެ.

ވިލިނގިއްޔާ ދާދި ގާތުގައި އޮތް ކޫއްޑޫގައި އެއާޕޯޓެއް އޮވެ އެވެ. އެ އެއާޕޯޓާއި ވިލިނގިއްޔާ ބްރިޖަކުން ގުޅާލުމަށް މި ސަރުކާރުން ވަނީ ވައުދުވެފަ އެވެ. ނަމަވެސް، މުއިއްޒުގެ ތަސައްވަރު ތަފާތެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި ހުވަދު އަތޮޅުގައި ޓޫރިޒަމް ފުޅާކުރުމަށް ގިނަ މަޝްރޫއުތަކެއް ހިންގާއިރު އިންޓަނޭޝަނަލް އެއާޕޯޓެއް ބޭނުންވެ އެވެ. އެހެންވެ. އެކެފަރު ހިމެނޭ ގޮތަށް ވިލިނގިލީގައި ބައިނަލްއަގްވާމީ އެއާޕޯޓެއް އޭނާގެ ވެރިކަމެއްގައި ހަދައިދޭނެ ކަމަށް ރޭ ވައުދުވެވަޑައިގަތެވެ.

މުއިއްޒު ނިންމަވާފައި ވަނީ ވިލިނގިލި ކައިރީގައި އޮންނަ ކޫއްޑޫ އެއާޕޯޓަކީ ޓްރެއިނިން ތަނަކަށް ހަދާށެވެ.

"ވިލިނގިލީގައި އެއާޕޯޓް އަޅާނަން. އެ އާއެކު ކޫއްޑޫގެ އެއާޕޯޓް ބާކީވެގެން ދަނީއެއް ނޫން. އެ އެއާޕޯޓްގެ ވެސް ބޭނުން ހިފޭނެ،" މުއިއްޒު ވިދާޅުވި އެވެ.

ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރުގައި މުއިއްޒު ކުރިން އިއުލާން ކުރައްވާފައިވާ ގޮތުގައި ކާޑެއްދޫ އެއާޕޯޓް ވެސް އިންޓަނޭޝަނަލް އެއާޕޯޓަކަށް އޭނާގެ ވެރިކަމެއްގައި ބަދަލު ކުރައްވާނެ އެވެ.

އެހެންވެ، މުއިއްޒުގެ ވެރިކަމެއްގައި ހުވަދުއަތޮޅުގައި އިންޓަނޭޝަނަލް ދެ އެއާޕޯޓެއް އޮންނާނެ އެވެ.

ގއ. އަތޮޅުގައި ވެރިކަން ކުރާ ރަށް، ވިލިނގިލީގައި އެއާޕޯޓް އަޅާނީ ބިން ހިއްކައިގެން ކަމަށާއި ބިން ހިއްކުމަށް ހިންގާނީ ބޮޑު މަޝްރޫއެއް ކަމަށް މުއިއްޒު އިއުލާން ކުރެއްވި އެވެ. ހިއްކާ ބިމުގައި ގެދޮރުވެރިކަމުގެ ބިޔަ މަޝްރޫއެއް ހިންގަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ވިލިނގިލީގައި މިރޭ ބޭއްވި މުއިއްޒުގެ ކެމްޕެއިން ޖަލްސާގެ ތެރެއިން: އެއާޕޯޓެއްގެ ވައުދުވި - ފޮޓޯ: ނިޝާން އަލީ / މިހާރު

ވިލިނގިލީގައި މިރޭ ބޭއްވި މުއިއްޒުގެ ކެމްޕެއިން ޖަލްސާގެ ތެރެއިން: އެއާޕޯޓެއްގެ ވައުދުވި - ފޮޓޯ: ނިޝާން އަލީ / މިހާރު

ކޫއްޑޫގެ ކޯލްޑް ސްޓޯރޭޗްގެ ކެޕޭސިޓީ ދެގުނަ ކުރައްވާނެ ކަމަށް ވެސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި، މި އަތޮޅުގެ މަސްވެރިން ބޭނުންވާ ހުރިހާ ކަމެއް ފުރިހަމަކޮށްދެއްވާނެ އެވެ.

މުއިއްޒު މިއަދު ގއ. އަތޮޅަށް ކުރެއްވި ދަތުރުގައި ދެ ރަށަކުން އެއާޕޯޓް އެޅުމަށް ނުރަސްމީކޮށް އެދިފައިވެ އެވެ. އެއީ، ދާންދު އާއި ނިލަންދޫން އެވެ. އެއީ ވެސް ވިލިނގިލި ކައިރީގައި އޮތް ދެ ރަށެވެ.

މުއިއްޒުގެ ތަސައްވުރަކީ ހުވަދު އަތޮޅު ޓޫރިޒަމްގެ ހަބަކަށް ހެދުމެވެ. އެގޮތުން، 10،000 އެނދު އަތޮޅަށް ގެންނާނެ ކަމަށާއި އެކަން ކުރާނީ ލޯކަލް ޓޫރިޒަމް އާއި އިންޓަގްރޭޓެޑް ޓޫރިޒަމް ވެސް ހިމަނައިގެންނެވެ. އިންޓަގްރޭޓެޑް ޓޫރިޒަމް ހިންގަން ކޮލަމާފުށީ ކައިރީގައި އޮތް ދެ ރަށެއް އޭނާ ވަނީ ކަނޑައަޅައިފަ އެވެ. އަދި އެ ރަށާއި ގެމަނަފުށި ކައިރީގައި ވެސް ރިސޯޓް ހަދަން ވައުދުވެވަޑައިގެންނެވި އެވެ.

ދެކުނުގެ ތަރައްގީގެ އަމާޒުގައި ހުވަދު އަތޮޅަށް އެންމެ މަތީ ފެންވަރުގެ ތަރައްގީ އާއި ކުރިއެރުން ލިބިގެންދާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.