16 ސެޕްޓެމްބަރ 2023
މި މަހުގެ 30 ވަނަ ދުވަހަކީ ހުރިހާ ސިޔާސީ ފިކުރެއްގެ ރައްޔިތުން ވެސް ގައުމު އިސްކޮށް، ދިވެހިންގެ ގޮތުގައި އެކަތިގަނޑަކަށްވާންވީ ވަގުތު ކަމަށް އިދިކޮޅު، ޕީއެންސީ/ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މި މަހުގެ 30 ވަނަ ދުވަހަކީ ހުރިހާ ސިޔާސީ ފިކުރެއްގެ ރައްޔިތުން ވެސް ގައުމު އިސްކޮށް، ދިވެހިންގެ ގޮތުގައި އެކަތިގަނޑަކަށްވާންވީ ވަގުތު ކަމަށް އިދިކޮޅު، ޕީއެންސީ/ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ބޮޑުތިލަދުންމައްޗަށް މުއިއްޒު މިއަދު ފެއްޓެވި ދަތުރުގައި ހއ. ފިއްލަދޫ އަށް ވަޑައިގެން ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި މުއިއްޒު ވިދާޅުވީ ގައުމުގެ މިނިވަންކަމާ މެދު ވިސްނާއިރު އޮތީ ވަރަށް ކަންބޮޑުވާން ޖެހޭ ފަދަ ހާލަތެއްގައި ކަމަށާއި އެކަމުން އަރައިގަތުމަށް ހުރިހާ ދިވެހިން އެކަތިގަނޑަކަށްވާން ޖެހޭ ކަމަށެވެ.
"ތިޔަ ރައްޔިތުންގެ އަޒުމަކަށް ހަދަންވީ 30 ވަނަ ދުވަހު އޮންނަ ވޯޓަކީ ގައުމީ ވިސްނުމުގައި އެކަތިގަނޑަކަށް ވާންވީ ވަގުތު ކަމަށް ހެދުން. އެއީ ޑިމޮކްރެޓްސް ވިޔަސް ޖުމްހޫރީ ޕާޓީ ވިޔަސް އަދި އެމްޑީޕީ ވިޔަސް ދިވެހި ރައްޔިތެއްގެ ވިސްނުން އިސްކޮށްގެން ކުރިއަށް ދާންވީ ދުވަސް،" މިއަދަކީ ގައުމީ ދުވަސްކަން ފާހަގަކުރައްވަމުން، މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ އޭނާ ވެރިކަމަށް އަންނަނީ ރައްޔިތުންނަށް އިހްލާސްތެރި މަސައްކަތެއްކޮށްދިނުމަށް ކަމަށާއި އެކަމުގައި ސީރިއަސް މަސައްކަތްތަކެއް، ތެދުވެރިކަމާ އެކު ކުރައްވާނެ ކަމަށެވެ. ރައްޔިތުންނަށްވާ ކޮންމެ ވައުދަކީ ވެސް އެ ވައުދުވި ގޮތަށް ފުއްދާނެ ވައުދެއް ކަމަށް ޔަގީންކަން އަރުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ފިއްލަދޫގައި މުއިއްޒަށް މަރުހަބާ ދެންނެވުމަށް ރައްޔިތުން ނުކުމެ: ގައުމީ ރޫހުގައި އެންމެން އެކަތިގަނޑަކަށްވުމަށް މުއިއްޒު ގޮވާލެއްވި - ފޮޓޯ: ނިޝާން އަލީ | މިހާރު
"މައިކް ކުރިމައްޗަށް އައިސް ކުރާނެ ކަމަށް ބުނާއިރު ކުރާނެ ކަމުގެ ނިޔަތާ އެކު ބުނަން ޖެހޭނީ. އެކަން ކުރާނެ ގޮތާއި ފައިނޭންސް ހޯދާނެ ގޮތް ޕްލޭން ކޮށްފައި އޮންނަން ވާނެ. އަޅުގަނޑު މި މަސައްކަތް ކުރަނީ އެ ގޮތަށް. މިހާތަނަށް 130 ޖަލްސާގައި އަޅުގަނޑަށް ވާހަކަ ދެއްކިއްޖެ. އެއިން ކޮންމެ ވާހަކައެއް ހުންނާނީ ރަސްމީކޮށް ޑޮކިއުމެންޓްކޮށްފައި. އެއީ އަޅުގަނޑަކީ ވައުދުވެފައި ހަނދާން ނައްތާލައިގެން ފިލައިގެން އުޅޭނެ މީހަކަށް ނުވާނެތީ،" މުއިއްޒު ވިދާޅުވި އެވެ.
"އިތުބާރުކޮށް ޒިންމާ ހަވާލުކޮށްފިއްޔާ އެދިލެއްވި ގޮތަށް ކޮށްދޭނެ ކަމުގެ ޔަގީންކަން މި ދެނީ. ނުކުރެވޭނެ ކަމެއްގެ ވާހަކަ ރައްޔިތުންނަށް ހުވަފެން ދައްކާކަށް އަޅުގަނޑު ނުދައްކާނަން."
މުރައިދޫގައި ޕީޕީއެމް އަދި ޑިމޮކްރެޓްސްގެ ސަޕޯޓަރުން އެކުގައި މުއިއްޒުގެ ކެމްޕެއިނަށް ނުކުމެ - ފޮޓޯ: މިހާރު
މުއިއްޒު ވަނީ ހއ. މުރައިދޫ އަށް ވެސް މިއަދު ހެނދުނު ވަޑައިގެންފަ އެވެ. ވާރޭ ވެހެމުންދަނިކޮށް މި ރަށަށް މުއިއްޒު ވަޑައިގެންނެވުމުން ވެސް ހޫނު މަރުހަބާއެއް ކިޔާފައިވެ އެވެ. އެ މަރުހަބާ އިން އެންމެ ބޮޑަށް ފާހަގަވީ "ދަ ޑިމޮކްރެޓްސް" ޓީޝާޓް ލައިގެން ތިބި މީހުން މުއިއްޒަށް މަރުހަބާ ކިޔަން ނުކުމެފައި ތިބުމެވެ.
މުއިއްޒު ވަނީ އެކަން ފާހަގަކޮށް އެމީހުންނަށް ޝުކުރު ވެސް އަދާކުރައްވާފަ އެވެ. ރަސްމީކޮށް ޑިމޮކްރެޓްސް އިން ކޯލިޝަން ހަދާފައި ނެތް ނަމަވެސް، މި ރަށުގެ އެ ޕާޓީއަށް ސަޕޯޓްކުރާ ބައެއް މީހުން ބުނީ އެމީހުންނަށް މިހާރު މުއިއްޒު ނޫން ކެންޑިޑޭޓެއް ނެތް ކަމަށެވެ.
ހއ. މުރައިދޫގެ ޒުވާނަކު މުއިއްޒުއާ އެކު ސެލްފީއެއް ނަގަނީ: ގައުމީ ރޫހުގައި އެންމެން އެކަތިގަނޑަކަށްވުމަށް މުއިއްޒު ގޮވާލެއްވި - ފޮޓޯ: ނިޝާން އަލީ | މިހާރު
މުރައިދޫގެ ރައްޔިތުންނާ ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، 30 ވަނަ ދުވަހު އޮންނަ އިންތިހާބުގައި ވޯޓުލާން ނުކުންނަންވީ ގައުމީ އަޒުމާއި ރޫހްގައި ކަމަށެވެ. އެ މަސައްކަތުގައި މުރައިދޫގެ ޑިމޮކްރެޓްސްގެ ސަޕޯޓަރުން ގުޅުމުން ވަރަށް އުފާކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
މުއިއްޒު ވަނީ އެމްޑީޕީގެ ސަޕޯޓަރުން ވެސް ގައުމީ މަސްލަހަތުގައި އޭނާގެ ފަހަތަށް އަރަން އެދިވަޑައިގެންފަ އެވެ.
މުރައިދޫން މުއިއްޒަށް މަރުހަބާ ކިޔަނީ: ގައުމީ ރޫހުގައި އެންމެން އެކަތިގަނޑަކަށްވުމަށް މުއިއްޒު ގޮވާލެއްވި - ފޮޓޯ: ނިޝާން އަލީ | މިހާރު
"ގައުމީ ރޫހްގެ ތެރެއިން އިތުރަށް އެއްބައިވަންތަކަން އިސްކޮށް ވޯޓުލާން ދާންވީ ދުވަސް. މިއީ ޕާޓީއަކާ ގުޅިފައި އޮތް މައްސަލައެއް ނޫން. ހުރިހާ ބޭފުޅުން ވެސް ގައުމީ ރޫހްގައި ނުކުންނަންވީ،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ ގައުމީ މަސްލަހަތު އިސްކޮށް، ސީރިއަސް މަސައްކަތްތަކެއް ރައްޔިތުންނަށް ކޮށްދެއްވާނެ ކަމަށެވެ.
"އަޅުގަނޑުގެ ވެރިކަމެއްގައި އަނިޔާވެރިކަމެއް ނޯންނާނެ"
"ހުރިހާ މުވައްޒަފުންގެ މުސާރަ ވެސް ބޮޑުކުރާނަން"
މުއިއްޒުގެ ސަރުކާރެއްގައި ކައުންސިލްތަކަށް މިނިސްޓްރީއެއް
ރޯދަ މަހުގެ ފަހު 10 ބަންދުވާނެ: މުއިއްޒު
"ދަރަނީގެ ދަންތުރައިން ރާއްޖެ ސަލާމަތްކޮށްދޭނަން"
ވަޒީފާއެއް ނުގެއްލޭނެ، މަޝްރޫއެއް ނުހުއްޓޭނެ: މުއިއްޒު
ވިލިނގިލިން: މުއިއްޒަށް އޮތް ގޮތް މިއޮތީ ފެންނަން
މަޑަވެލީގެ ބިން ހިއްކައި ގެދޮރުވެރިކުރުވާނަން: މުއިއްޒު
މުއިއްޒުގެ ތަރުޖަމާނަކަށް ޕީޕީއެމްގެ އެސްޖީ ތޮލާލް
ޕްލޭން ބީ އަކީ ޕީޕީއެމް ކެންޑިޑޭޓެއް، މުއިއްޒެއް ނޫން