Roadha Mihaaru
ގައްދާރުވާ މީހުންނަށް އަދަބު ދޭން މުއިއްޒުގެ ވައުދު

ގައުމަށް ގައްދާރުވާ މީހުންނަށް ހަރުކަށި އަދަބު ދޭން ގާނޫނެއް ހަދާނަން: މުއިއްޒު

29 އޯގަސްޓް 2023

ގައުމަށް ގައްދާރުވާ މީހުންނަށް ހަރުކަށި އަދަބު ދޭން ގާނޫނެއް ވުޖޫދު ކުރައްވާނެ ކަމަށް ޕީއެންސީ/ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ގައުމަށް ގައްދާރުވާ މީހުންނަށް ހަރުކަށި އަދަބު ދޭން ގާނޫނެއް ވުޖޫދު ކުރައްވާނެ ކަމަށް ޕީއެންސީ/ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރ. ދުވާފަރުގައި މިރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި މުއިއްޒު ވިދާޅުވީ، އޭނާގެ އެންމެ އިސް ސިޔާސަތަކީ ރާއްޖޭގެ މިނިވަންކަމާއި އަމިއްލަވަންތަކަން ދެމެހެއްޓުން ކަމަށެވެ. އެކަން ގެއްލޭ ގޮތަށް މި ސަރުކާރުގެ ބައެއް ވެރިން އަމަލުކޮށްފައިވާ ކަމަށެވެ.

އެއީ ގައުމަށް ހިޔާނަތްތެރިވެ ގައްދާރުވުން ކަމަށް މުއިއްޒު ވިދާޅުވި އެވެ. އެގޮތަށް ގައުމާ މެދު ގައްދާރުވުމުގެ ފުރުސަތު ދެވިގެން ނުވާނެ ކަމަށާއި އެއީ ހަރުކަށި އަދަބު ދޭން ޖެހޭނެ ކަމެއް ކަމަށް ވިދާޅުވި އެވެ.

އެކަން ކުރުމަށްޓަކައި މުއިއްޒު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ގައުމަށް ގައްދާރުވުމަކީ ކުށެއް ކަމަށް ކަނޑައަޅައި އެފަދަ މީހުންނަށް އަދަބު ކަނޑައަޅާ ގާނޫނެއް ފާސްކުރާނެ ކަމަށެވެ.

"ބޭނުންހާ ގޮތަކަށް އަމިއްލަ ފައިދާތަކެއް ހޯދަން މިހާރު މި ހިނގާ ބޮޑެތި ކަންކަމެއް ނުހިންގޭނެ. އެއީ ޒީރޯ ޓަލެރެންސް އެންމެ ބޮޑަށް ދޭން ޖެހޭނެ ކަންކަން، އަޅުގަނޑު އެކަން ކުރާނަން،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވަނީ އަޑި ނޭނގޭ އެއްބަސްވުންތަކާއި ރާއްޖޭގައި ބޭރުގެ ސިފައިން ބޭތިއްބުމަކީ ގައްދާރުވުމުގެ އަމަލެއް ކަމަށް ސިފަކުރައްވާފަ އެވެ. އެއީ ގައުމުގެ މިނިވަންކަމަށް ބުރޫއަރާފައިވާ ކަމެއް ކަމަށާއި އެއިން ކޮންމެ އެއްބަސްވުމެއް ބަލައި މިނިވަންކަން ގެއްލޭ ގޮތަށް ހުރި ކަންކަން ހައްލު ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ބޭނުންހާ ގޮތަކަށް އަމިއްލަ ފައިދާތަކެއް ހޯދަން މިހާރު މި ހިނގާ ބޮޑެތި ކަންކަމެއް ނުހިންގޭނެ. އެއީ ޒީރޯ ޓޮލެރެންސް އެންމެ ބޮޑަށް ދޭން ޖެހޭނެ ކަންކަން، އަޅުގަނޑު އެކަން ކުރާނަން،"--- މުއިއްޒު

މި ގާނޫނުގެ އިތުރުން ވެސް ހައްގު ނޫން ގޮތުގައި ހައްޔަރުކޮށް ބަންދުކުރާ މީހުންނަށް ބަދަލު ނަގައިދިނުމުގެ ގާނޫނެއް ވުޖޫދު ކުރައްވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ. އެއްވެސް ހައްގަކާ ނުލައި ބަންދުކޮށްފައި ބޭއްތިއްބުމުގެ ސަބަބުން ބައެއް މީހުންނަށް ނާއިންސާފު އިންތިހާއަށް ލިބޭ ކަމަށެވެ. އަދި މިފަދަ ގާނޫނުތައް ނެތި ޝަރުއީ ނިޒާމްގެ ތެރޭ ޗެކް އެންޑް ބެލެންސް ނޯންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އަދި، ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވުމާ މެދު ލަސްވެގެން 24-48 ގަޑިއޮރު ތެރޭގައި ގޮތެއް ނިންމޭ ވަރަށް ފުލުހުންގެ ކަންކަން ހަރުދަނާކޮށް "ވާނުވާ ބަންދު" އެއްކޮށް ހައްލު ކުރައްވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ޝަރުއީ ދާއިރާ މިނިވަންކަމާ އެކު ހިންގުމަކީ ދައުލަތަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ. އެ މިނިވަންކަން ޝަރުއީ ދާއިރާއަށް ދިނުމަށްޓަކައި އެންމެ މުހިންމު ކަމެއްގެ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަންގެ ފޯމޭޝަން ބަދަލުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ ސިޔާސީ މީހުން މަދުކޮށް، ޝަރުއީ ދާއިރާގެ މީހުން ގިނަ ކުރުމެވެ. އަދި އިދާރީ މަސައްކަތްތައް އެ ކޮމިޝަނުން ނެގުމެވެ.

މީގެއިތުރުން ފަނޑިޔާރުންނަށް ހާއްސަ ބޯހިޔާވަހިކަމުގެ މަޝްރޫއުއެއް ވެސް މުއިއްޒު ވަނީ އިއުލާން ކުރައްވާފަ އެވެ.