Roadha Mihaaru
އޭދަފުށިން މުއިއްޒަށް ޝަރަފާއި އިއްޒަތުގެ މަރުހަބާއެއް

ގިނަ ބަޔަކު އެއްވެ އޭދަފުށިން މުއިއްޒަށް ދިނީ ޝަރަފާއި އިއްޒަތުގެ މަރުހަބާއެއް

30 އޯގަސްޓް 2023

މާދުރުން އޭދަފުށީގެ މަލަމަތިން ފެންނަން އޮތީ ބަނދަރު މަތީ ދަމާލާފައިވާ އޮތް ދިގު ސަފެވެ. މުޅި ސަރަަހައްދަށް މީހުން އެއްވެ ފޯރި ނަގަމުން ދިޔައީ، އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މި ރަށަށް ވަޑައިގަންނަވާތީ އެވެ.

ނާޒިމް ހަސަން އޭދަފުށިން ނާޒިމް ހަސަން

މާދުރުން އޭދަފުށީގެ މަލަމަތިން ފެންނަން އޮތީ ބަނދަރު މަތީ ދަމާލާފައިވާ އޮތް ދިގު ސަފެވެ. މުޅި ސަރަަހައްދަށް މީހުން އެއްވެ ފޯރި ނަގަމުން ދިޔައީ، އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މި ރަށަށް ވަޑައިގަންނަވާތީ އެވެ.

މުއިއްޒުގެ ލޯންޗުގެ ކުރިން މީޑިއާ ލޯންޗު އޭދަފުށީ ޖެޓީއާ ގާތްކޮށްލުމާ އެކު، އޭދަފުށީ ސަޕޯޓަރުން ގޮވަން ފެށީ "މުއިއްޒު ހޮވާނީ އެއްބުރުން" ކަމަށެވެ. އޭރު ފަޅު ތެރޭ ކުރުފަލި ޖަހަން ތައްޔާރަށް ދޯނީގައި ތިބި އަންހެންވެރިން ވެސް އެ ގޮވުމުގައި ބައިވެރިވި އެވެ.

މުޅި ތަން އެއް އަޑަކުން ގުގުމާލާފައި އޮތްއިރު ފިޔާތޮށީގެ ކުލަތަކުން ޒީނަތްތެރިވެ ބަނދަރު މަތީ ތިބި އެންމެންގެ މޫނު މަތިން ވެސް ފެންނަނީ އުފާވެރިކަމެވެ. ސިޔާސީ ފޯރި އާއި ޖޯޝާ އެކު، އެމީހުން ތިބީ މާބޮޑު އުއްމީދެއްގަ އެވެ.

"ހާދަހާ އުފަލެއް އެބަ ވެެއޭ މުއިއްޒު މި ރަށަށް އަންނާތީ،" ފިޔާތޮށި ބުރުގައެއް އަޅައިގެން ސަފުގައި ހުރި ދައްތައަކު ބުންޏެވެ.

މުއިއްޒަށް މަރުހަބާ ދެންނެވުމަށް އޭދަފުށިން ނުކުމެ ތިބި މީހުން: އޭދަފުށިން މުއިއްޒަށް 85 ޕަސެންޓް ލިބޭނެ ކަމަށް ސަޕޯޓަރުން ބުނޭ

މުއިއްޒަށް މަރުހަބާ ދެންނެވުމަށް އޭދަފުށިން ނުކުމެ ތިބި މީހުން: އޭދަފުށިން މުއިއްޒަށް 85 ޕަސެންޓް ލިބޭނެ ކަމަށް ސަޕޯޓަރުން ބުނޭ

"70، 80 ޕަސެންޓެއް ކިޔާނެ ކަމެއް ނެތް. މި ރަށުގެ ބޮޑު ފަޅިއަކީ މިއީ. މި ރަށުން މިކަން ނިންމާނީ މުއިއްޒަށް ސުޕަ މެޖޯރިޓީ ދީގެން،" އެހެން ސަޕޯޓަރަކު ބުންޏެވެ.

މުއިއްޒުގެ ލޯންޗު އޭދަފުށީ ފަޅު ތެރެއަށް ވަނީ ކުރުފަލީގެ ޝަރަފާ އެކު އެވެ. "ހޮވާނީ މުއިއްޒު" ކަމަށް ބުނެ ކުރުފަލި ޖަހަމުންދިޔައިރު މުއިއްޒު ހުންނެވީ ލޯންޗުގެ ކުރީކޮޅުގައި އެ މަންޒަރު ބައްލަވައި ތަރުހީބު ދެއްވުމަށެވެ. އެ ހަރަކާތަށްފަހު، މުއިއްޒު ރަށަށް އަރާވަޑައިގަތުމާ އެކު ހަތްކޮޅު އިއްޒަތް އެރުވި އެވެ.

ދަމާލާފައި އޮތް ދިގު ސަފުގައި ތިބި ކޮންމެ މީހަކާ ވަކިވަކިން މުއިއްޒު ސަލާމް ކުރައްވަމުން ގެންދެވިއިރު މާފަތިތަކުން މަރުހަބާ ކިޔަމުންދިޔަ އެވެ. އަދި، ފަހަތުން "މުއިއްޒު އެއްބުރުން" ކަމަށް އަޑުހަރުކޮށް ގޮވަމުންދިޔަ އެވެ. އެ ވަގުތު އޭދަފުށީ ބަނދަރު މަތި އޮތީ އެއް ރޫހެއްގައި، އެއް އަޒުމެއްގައި މުއިއްޒަށްޓަކަ އެވެ.

މުއިއްޒަށް އޭދަފުށިން ހޫނު މަރުހަބާއެއް ކިޔަނީ: އޭދަފުށިން މުއިއްޒަށް 85 ޕަސެންޓް ލިބޭނެ ކަމަށް ސަޕޯޓަރުން ބުނޭ

މުއިއްޒަށް އޭދަފުށިން ހޫނު މަރުހަބާއެއް ކިޔަނީ: އޭދަފުށިން މުއިއްޒަށް 85 ޕަސެންޓް ލިބޭނެ ކަމަށް ސަޕޯޓަރުން ބުނޭ

މުއިއްޒުގެ ސަރުކާރަކާ މެދު ބޮޑު އުއްމީދެއް

މުއިއްޒަށް އޭދަފުށިން ކީ ހޫނު ގަދަ މަރުހަބާއާ މެދު އެންމެ ހިތްހަމަޖެހިގެން ހުންނެވި ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ އޭދަފުއްޓަކީ އެހެން ޕާޓީއެއްގެ ރަށެއް ނޫން ކަމަށާއި މިއީ ސީދާ ޕީޕީއެމް/ޕީއެންސީގެ ރަށެއް ކަމަށެވެ. އޭދަފުށިން 75-85 ޕަސެންޓްގެ ދެމެދު ވޯޓެއް މުއިއްޒަށް ލިބޭނެ ކަމަށް ސަލީމް ޔަގީން ކުރައްވަ އެވެ.

"އޭދަފުށީ ރައްޔިތުންނަކީ ތަރައްގީއަށް ލޯބިކުރާ ބައެއް. ޕީޕީއެމްގެ ވިސްނުމަކީ ތަރައްގީ. އެހެންވީމަ އޭދަފުށީ ރައްޔިތުން ތިބޭނީ ތަރައްގީގެ ވިސްނުމާ އެކު. އެހެންވީމަ އޭދަފުށީގެ 90 ޕަސެންޓް ރައްޔިތުންނަކީ ހަމަ ޕީޕީއެމްގެ ރައްޔިތުން،" ސަލީމް ވިދާޅުވި އެވެ.

މެންބަރު ސަލީމް އިންޓަވިއު ދެއްވަނީ: އޭދަފުށިން މުއިއްޒަށް 85 ޕަސެންޓް ލިބޭނެ ކަމަށް ވިދާޅުވި

މެންބަރު ސަލީމް އިންޓަވިއު ދެއްވަނީ: އޭދަފުށިން މުއިއްޒަށް 85 ޕަސެންޓް ލިބޭނެ ކަމަށް ވިދާޅުވި

މީހުން ދިރިއުޅޭ ނިސްބަތަށް ބަލާއިރު، އަދި ތަރައްގީއަށް ލޯބިކުރާ ރައްޔިތަކު އުޅޭ ރަށަކަށްވާއިރު، މި ސަރުކާރުން އޭދަފުއްޓަށް އެއްވެސް ކަމެއްކޮށްދީފައި ނެތް ކަމަށް ސަލީމް ވިދާޅުވި އެވެ. މި ސަރުކާރުން މަގުގައި ތާރުއެޅި ކަމަށް ބުނަމުންދިޔަ ނަމަވެސް، އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 80 ޕަސެންޓް ނިންމާފައި އޮތް ކަމެއް ކަމަށް ސަލީމް ވިދާޅުވި އެވެ.

"އެއްވެސް ކަމެއް މިއޮތް ބޮޑު ރަށަކު ނުހިނގާ. މިއީ ސަރުކާރުން ލަދުގަންނަން ޖެހޭ ކަމެއް،" ސަލީމް ވިދާޅުވި އެވެ.

އެހެންވީމަ، މުއިއްޒު ނޫން މީހަކަށް އޭދަފުށީ ރައްޔިތުން ވޯޓު ދޭން ޖެހޭ ސަބަބެއް ނެތް ކަމަށް ސަލީމް ވިދާޅުވި އެވެ. އޭނާ ވަނީ މި ރަށުގެ އެމްޑީޕީ މެންބަރުން ވެސް ރަށު ތަރައްގީ އިސްކޮށް، މުއިއްޒަށް ވޯޓު ދިނުމަށް ގޮވާލައްވާފަ އެވެ.

މުއިއްޒަށް އޭދަފުށިން ހޫނު މަރުހަބާއެއް ކިޔަނީ: އޭދަފުށިން މުއިއްޒަށް 85 ޕަސެންޓް ލިބޭނެ ކަމަށް ސަޕޯޓަރުން ބުނޭ

މުއިއްޒަށް އޭދަފުށިން ހޫނު މަރުހަބާއެއް ކިޔަނީ: އޭދަފުށިން މުއިއްޒަށް 85 ޕަސެންޓް ލިބޭނެ ކަމަށް ސަޕޯޓަރުން ބުނޭ

"އެއީ އޭދަފުއްޓަށް އެއްވެސް ތަރައްގީއެއް ނާންނަކަން ހުދު އެމީހުންނަށް ވެސް އެނގޭނެތީ،" ސަލީމް ވިދާޅުވި އެވެ.

މި ސަރުކާރުގައި އޭދަފުއްޓަށް އެއްވެސް ކުރިއެރުމެއް ނުލިބުނު ކަމަށްވީ ނަމަވެސް، ސަލީމް ވިދާޅުވި ގޮތުގައި މުއިއްޒުގެ ސަރުކާރެއްގައި ރަށަށް ބޮޑެތި ކުރިއެރުންތައް އަންނާނެކަމާ މެދު ޝައްކެއް ނެތެވެ.

"ޑރ. މުއިއްޒު އޭދަފުއްޓާ މެދު ވަރަށް ހާއްސަ ގޮތެއް ބަހައްޓަވާނެކަން އަޅުގަނޑަށް ހަމަ 100 ޕަސެންޓް ޔަގީން. ވަރަށް ޔަގީންކަން އެބަ އޮތް ކުރިއަށް އޮތް ފަސް އަހަރު މުއިއްޒުގެ ސަރުކާރުގައި މި ރަށަށް ބޭނުންވާ ގިނަ ކަންކަން ކޮށް ދެއްވާނެ،" ސަލީމް ވިދާޅުވި އެވެ.

މުއިއްޒު މިއަދު ބ. އަތޮޅަށް ކުރެއްވި ދަތުރުގައި ކުޑަރިކިލު، ކެންދޫ އަދި މާޅޮހަށް ވަޑައިގެންނެވި އެވެ. އެ ތިން ރަށުން ވެސް މުއިއްޒަށް ހޫނު މަރުހަބާއެއްކީ އިރު، އެ ރަށްރަށުން އެދުނު ކަންކަން އޭނާގެ ސަރުކާރެއްގައި ފުއްދަވައިދެއްވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

މިރޭ އޭދަފުށީގައި ބޮޑު ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މި ޖަލްސާގައި ބ. އަތޮޅަށް މުއިއްޒު ގެންގުޅުއްވާ ތަސައްވަރު ހާމަކުރައްވާނެ އެވެ.