Roadha Mihaaru
ޑޮލަރު ލިމިޓް އުވާލުމާއި ރިޓަޔަމަންޓް އެލަވެންސްއެއް

މުއިއްޒުގެ ގިނަ ވައުދުތަކެއް: ޑޮލަރު ލިމިޓް އުވާލުމާއި ރިޓަޔަމަންޓް އެލަވަންސްއެއް

27 އޯގަސްޓް 2023

ކާޑުން ނެގޭ ޑޮލަރު ލިމިޓް އުވާލުމާއި 55 އަހަރާއި 65 އަހަރު ދެމެދު އަމިއްލަ އަށް ރިޓަޔާކުރާ މީހުންނަށް ހާއްސަ އެލެވެންސްއެއް ތައާރަފްކުރުން ހިމެނޭ ގޮތަށް ގިނަ ވައުދުތަކެއް ޕީއެންސީ/ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިރޭ ވެވަޑައިގެންފި އެވެ.

ނާޒިމް ހަސަން ތިނަދޫން ނާޒިމް ހަސަން

ކާޑުން ނެގޭ ޑޮލަރު ލިމިޓް އުވާލުމާއި 55 އަހަރާއި 65 އަހަރު ދެމެދު އަމިއްލަ އަށް ރިޓަޔާކުރާ މީހުންނަށް ހާއްސަ އެލެވެންސްއެއް ތައާރަފްކުރުން ހިމެނޭ ގޮތަށް ގިނަ ވައުދުތަކެއް ޕީއެންސީ/ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިރޭ ވެވަޑައިގެންފި އެވެ.

ގދ. ތިނަދޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ކާޑުގައި ޑޮލަރު ލިމިޓެއް ކަނޑައަޅާފައި އޮތުމަކީ އެތައް ބަޔަކަށް ގިނަ ދަތިތަކެއް ކުރިމަތިވާ ކަމެއް ކަމަށާއި އެހެންކަމުން އެ ލިމިޓް އޭނާގެ ވެރިކަމެއްގައި އުވާލާނެ ކަމަށެވެ. ނަމަވެސް، އެކަން ކުރާނީ މަރުހަލާތަކެއްގެ ތެރެއިން ކަމަށާއި ފުރަތަމަ ތިން މަހު ލިމިޓް ޑަބަލްކުރުމަށް ފަހު، ދެން އެއްކޮށް ލިމިޓް އުވާލާނީ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެކަން ކުރާނީ ރާއްޖޭގައި ޑޮލަރު ދައުރުވާ މިންވަރު އިތުރުކޮށްގެންނެވެ.

މުއިއްޒު ދެން ތައާރަފްކުރައްވާނީ 55 އަހަރާއި 65 އަހަރު ދެމެދުގައި އަމިއްލަ އަށް ރިޓަޔާކުރާ މީހުންނަށް ހާއްސަ އެލަވެންސެކެވެ. އުމުރުން 55 އަހަރުވުމުން އަމިއްލަ އަށް ރިޓަޔާކުރުމުގެ ފުރުސަތު އޮތް ނަމަވެސް، ޕެންޝަން ލިބެނީ 65 އަހަރުވުމުންނެވެ. އެއީ، އެންމެ ރަނގަޅު ގޮތް ނޫން ކަމަށާއި 55 އަހަރުވުމުން ރިޓަޔާ ކުރާ މީހުންނަށް ވެސް ގޮތެއް އޮންނަން ޖެހޭނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ޝަރުއީ ދާއިރާއާ ގުޅޭ ގޮތުން ވެސް މުއިއްޒު ވަނީ ވައުދުތަކެއް ވެވަޑައިގެންފަ އެވެ. އެންމެ މުހިންމު ކަމެއް ކަމަށް ފާހަގަކުރެއްވީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ސިޔާސީ މީހުން މަދުކޮށް ޝަރުއީ ދާއިރާގެ މީހުން ގިނަކުރުމެވެ. އަދި، ކޯޓުތަކުގެ އިދާރީ ކަންކަމުގެ ބާރުވެރިކަން އެ ކޮމިޝަނުން ނަގައި ހާއްސަ ޑިޕާޓްމެންޓާ ހަވާލުކުރުމެވެ.

މީގެއިތުރުން ފަނޑިޔާރުންނަށް ހާއްސަކޮށް ބޯހިޔާވަހިކަމުގެ މަޝްރޫއެއް ހިންގަން ވެސް މުއިއްޒު ވައުދުވެވަޑައިގަތެވެ. އޭނާ ވިދާޅުވި ގޮތުގައި ފަނޑިޔާރުންނަކީ އެ މީހުންނަށް ލިބޭ އާމްދަނީއާ އެކު ރަނގަޅު ދިރިއުޅުމެއް ދިރިއުޅެވޭ ފަދަ ބަޔަކަށް ހަދައިދޭން ޖެހެ އެވެ. މިހާރު ފަނޑިޔާރުންގެ މުސާރައިގެ ބޮޑު ބައެއް ހަރަދުކުރަން ޖެހެނީ ކުއްޔަށް ކަމަށް ފާހަގަކުރެއްވި އެވެ. އަގުހެޔޮ ބޯހިޔާވަހިކަމުގެ މަޝްރޫއުއާ އެކު އެކަން ބަދަލުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ހިންގެވި ހިޔާ މަޝްރޫއުގެ ތެރޭގައި ހިމެނޭ ކުންފުނިތަކުގެ ތެރެއިން މި ސަރުކާރުން ވުޖޫދުން ގެއްލުވާލި ހުރިހާ ކުންފުންޏެއްގެ ފްލެޓްތައް ވެސް އަލުން އަޅާނެ އެވެ. ކަސްޓަމްސްގެ ފްލެޓްތަކުގެ ވާހަކަ އޭނާ މިރޭ ފާހަގަކުރެއްވި އެވެ. އެ ފްލެޓްތައް ލިބޭނެ ކަމަށް އޭރު ލިސްޓްގައި ހިމެނި ހުރިހާ މުވައްޒަފުންނަށް ފްލެޓް ދޭނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ތިނަދޫގައި މިރޭ ބޭއްވި ޖަލްސާގެ ތެރެއިން: ގިނަ ވައުދުތަކެއް މުއިއްޒު ވެވަޑައިގެންނެވި - ފޮޓޯ: ނިޝާން އަލީ | މިހާރު

ތިނަދޫގައި މިރޭ ބޭއްވި ޖަލްސާގެ ތެރެއިން: ގިނަ ވައުދުތަކެއް މުއިއްޒު ވެވަޑައިގެންނެވި - ފޮޓޯ: ނިޝާން އަލީ | މިހާރު

ތިނަދޫ ސިޓީއަކަށް

ތިނަދޫގެ ގިނަ ބަޔަކާ އެކު ބޭއްވި ޖަލްސާގައި މުއިއްޒު ވަނީ މި ރަށަށް ވެސް ވައުދުތަކެއް ވެވަޑައިގެންފަ އެވެ. ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް، ތިނަދޫ ސިޓީއަކަށް ހަދާނެ ކަން މުއިއްޒު އިއުލާންކުރެއްވި އެވެ. މިހާރު ގާނޫނު އޮންނަ ގޮތުން ސިޓީއަކަށް ވެވެނީ އާބާދީގައި 10،000 ހަމަވުމުންނެވެ. ތިނަދޫގެ އާބާދީއަކީ 8،000 އެވެ.

މުއިއްޒު ވިދާޅުވީ ޔާމީންގެ ވެރިކަމުގައި ތިނަދޫގައި ވަނީ ސިޓީއަކަށް ބޭނުންވާ ހިދުމަތްތަކާއި ވަސީލަތްތައް ގާއިމްކޮށްދީފައި ކަމަށެވެ. އެހެންކަމުން އާބާދީ ހަމަނުވި ނަމަވެސް، ސިޓީއަކަށް ހަދަން ޖެހޭ ކަމަށާއި އެކަން ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ތިނަދު އަށް ވީ ވައުދުތައް

- ކާޑެއްދޫ އެއާޕޯޓް ތަރައްގީކުރުން

- 10،000 އެނދާ އެކު ހުވަދޫ ޓޫރިޒަމްގެ ހަބަކަށް ހެދުން

- ޑީކޮންޕޮސިޝަން ޗެމްބަރު

- ކުޅިވަރުގެ ވަސީލަތްތައް ތަރައްގީކޮށް އިތުރުކުރުން

- ޓާޝަރީ ފެންވަރަށް ހޮސްޕިޓަލް ބަދަލުކުރުން

- ތައުލީމީ ނިޒާމް ތަރައްގީކުރުން

- މަސްވެރިންނަށް ބޭނުންވާ ފުރުސަތުތައް ފަހިކޮށްދިނުން

މުއިއްޒު ވިދާޅުވީ ވެރިކަން ލިބިއްޖެނަމަ ތިނަދޫ ރައްޔިތުންނަށް ތަރައްގީގެ ވަރަށް ގިނަ ދޮރުތައް ހުޅުވައިދޭނެ ކަމަށާއި އެކަންކަން ހާސިލްކުރުމަށް އެކުގައި އަތުގައި ހިފައިގެން ބާރުމިނުގަ ކުރިއަށް ދިޔުމަށް އެދޭ ކަމަށެވެ.

"މަސްވެރިކަން، ޓޫރިޒަމް ދެން ހުރި ދިމާދިމަލަށް ބެއްޔަސް ތިޔަބޭފުޅުންގެ އުއްމީދުތަކުގެ ކުލަ ޖައްސައިދޭނަން. ވަރަށް ވެސް ލަސް މި ސަރުކާރުން މަސައްކަތް ހިނގާލެން ހުރިހާ ކަމެއްގަ ވެސް،" މުއިއްޒު ވިދާޅުވި އެވެ.

އެމްޑީޕީ ނޫނީ އެހެން ޕާޓީއެއްގައި ތިއްބަސް ކޮންމެ ރައްޔިތަކު ވެސް އިސްކުރަންވީ އަމިއްލަ ރަށް ކަމަށާއި ރަށަށް އަންނަ ތަރައްގީ ކަމަށް މުއިއްޒު ވިދާޅުވި އެވެ. ކުރިއަށް އޮތް ފަސް އަހަރުގެ ވެރިކަން ހަވާލުކުރަންވާނީ ރަށަށް ތަަރައްގީ ގެނެސްދޭނެ ނަތީޖާ ނެރެދޭނެ ވެރިޔަކަށް ކަމަށެވެ. އެކަން ފުރުސަތު ދީފި ނަމަ ކޮށްދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"އުއްމީދަކީ، ދިވެހިންގެ ރާއްޖެއަށް ދާން ބާރު ސްޕީޑްގައި ގޮސް އެއްބުރުން މިކަން ނިންމުން،" މުއިއްޒު ވިދާޅުވި އެވެ.

"މި ރަށުން ކީ މަރުހަބާއިން އެކަން އިހްސާސްވި، ވަރަށް ބަދަލު އަންނަންކަން އިހްސާސްވި."

ތިނަދޫގައި މިރޭ ބޭއްވި ޖަލްސާގެ ތެރެއިން: ގިނަ ވައުދުތަކެއް މުއިއްޒު ވެވަޑައިގެންނެވި - ފޮޓޯ: ނިޝާން އަލީ | މިހާރު

ތިނަދޫގައި މިރޭ ބޭއްވި ޖަލްސާގެ ތެރެއިން: ގިނަ ވައުދުތަކެއް މުއިއްޒު ވެވަޑައިގެންނެވި - ފޮޓޯ: ނިޝާން އަލީ | މިހާރު

މުއިއްޒު ވިދާޅުވީ މި ސަރުކާރުން ވަޒީފާ ދީފައިވާ ބައެއް މީހުން ބިރުން ނުނުކުމެ ތިބޭކަން ފާހަގަވާ ކަމަށާއި އެ ބިރު ދޫކޮށްލަންޖެހޭ ކަމަށެވެ. އެ މީހުންގެ ވަޒީފާގެ ޔަގީންކަން ދެއްވާ ކަމަށާއި ވަކިކުރިޔަސް އަލުން ވަޒީފާ އިޔާދަކޮށްދީ، ނޫނީ އެއަށްވުރެ ރަނގަޅު ވެސް ކޮށްދޭނެ ކަމަށް ވިދާޅުވި އެވެ.

"ނުކުންނަވާ. މަގުތަކަށް ނުކުންނަވާ ކެމްޕެއިންގައި ގަދައަށް އުޅުއްވާ. އެއްވެސް ބިރެއް ގަންނާނެ ކަމެއް. އިންތިހާބަށް ނުކުންނަންވީ، ބާރުގައި އުޅެންވީ. އެ ވަޒީފާ އަނބުރާ ދޭނަން،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ، ރައްޔިތުންނަށް ކަންކަން ކޮށްދެވީ ވިޝަނަރީ ވިސްނުމެއް އޮވެ ތަސައްވަރެއް ގެންގުޅޭ ބަޔަކަށް ކަމަށެވެ. އެ ބަޔަކީ މި ސަރުކާރު ނޫންކަން ދަނީ ހާމަވަމުން ކަމަށާއި އެފަދަ ތަސައްވަރެއް އޮތީ ޕީޕީއެމް/ޕީއެންސީގައި ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"ވައްޓަފާޅިއެއް އޮވެގެން ނޫނީ ނުކުރެވޭނެ ކަންކަން މިއީ. އެ ވިޝަން އާއި ލީޑަޝިޕާއި އެ ހިންގުންތެރިކަމާއި ނަތީޖާ ނެރެދިނުމުގެ ޓްރެކް ރިކޯޑް އޮތީ އަޅުގަނޑުމެންގެ. ރައްޔިތުން ބޭނުންވާ ގޮތަށް ތަރައްގީކޮށްދޭނަން،" މުއިއްޒު ވިދާޅުވި އެވެ.