Roadha Mihaaru
ރޮނާލްޑޯގެ ގޯލުން ޔުނައިޓެޑް, އެޓަލާންޓާ ބަލިކޮށްފި

ރޮނާލްޑޯގެ ގޯލުން މެންޗެސްޓާ ޔުނައިޓެޑް ފަހަތުން އަރައި އެޓަލާންޓާ ބަލިކޮށްފި

21 އޮކްޓޯބަރ 2021

މެންޗެސްޓާ (އޮކްޓޯބަރު 21) - މެޗު ނިމެން ނުވަ މިނިޓަށްވެފައި ވަނިކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ޖެހި ގޯލާއެކު، ފަހަތުން އަރައި މެންޗެސްޓާ ޔުނައިޓެޑުން އިޓަލީގެ އެޓަލާންޓާ ބަލިކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މެންޗެސްޓާ (އޮކްޓޯބަރު 21) - މެޗު ނިމެން ނުވަ މިނިޓަށްވެފައި ވަނިކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ޖެހި ގޯލާއެކު، ފަހަތުން އަރައި މެންޗެސްޓާ ޔުނައިޓެޑުން އިޓަލީގެ އެޓަލާންޓާ ބަލިކޮށްފި އެވެ.

އޯލްޑް ޓްރަފޯޑުގައި ކުޅުނު މެޗު ޔުނައިޓެޑުން ކާމިޔާބުކުރީ 3-2 އިންނެވެ. ޔުނައިޓެޑުން ތިން ގޯލު ވެސް ޖެހީ އެޓަލާންޓާއިން ދެ ލަނޑު ޖަހާފައި ވަނިކޮށް، ދެވަނަ ހާފުގަ އެވެ.

އެޓަލާންޓާއިން ޖެހި ފުރަތަމަ ލަނޑު މެޗުގެ 15 ވަނަ މިނިޓުގައި ޑޭވިޑް ޒަޕަކޯސްޓާގެ ޕާހަކުން ކާމިޔާބު ކޮށްދިނީ މާރިއޯ ޕަސަލިޗް އެވެ. އަދި އޭގެ 13 މިނިޓް ފަހުން ދެވަނަ ލަނޑު ޖެހީ މެރީ ޑެމިރާލް އެވެ. މި ހާފުގައި ޔުނައިޓެޑުގެ ފްރެޑާއި މާކަސް ރަޝްފޯޑަށް ވަނީ ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފަ އެވެ.

ދެވަނަ ހާފުގައި ޔުނައިޓެޑުގެ ފުރަތަމަ ލަނޑު 53 ވަނަ މިނިޓުގައި ޖަހައިދިނީ ބްރޫނޯ ފެނާންޑޭޒްގެ ޕާހަކުން ރަޝްފޯޑެވެ. ބްރޫނޯ ނަގައިދިން ބޯޅަ އެޑިންސަން ކަވާނީ ބޮލުން ނުޖަހައި ދޫކޮށްލީ ފަހަތުގައި ހުރި ރޮނާލްޑޯއަށެވެ. ނަމަވެސް ރޮނާލްޑޯއަށް ނުލިބި، އެ ބޯޅަ ރަޝްފޯޑަށް ލިބުމާ އެކު އޭނާ ވަނީ ކޮންޓްރޯލްކޮށްލާފައި ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

ޔުނައިޓެޑްގެ ބްރޫނޯއަށް ހުރަސް އަޅަން އެޓަލާންޓާގެ ކުޅުންތެރިއެއް މަސައްކަތް ކުރަނީ. -- ފޮޓޯ: އޭއެފްޕީ

ޔުނައިޓެޑްގެ ބްރޫނޯއަށް ހުރަސް އަޅަން އެޓަލާންޓާގެ ކުޅުންތެރިއެއް މަސައްކަތް ކުރަނީ. -- ފޮޓޯ: އޭއެފްޕީ

ޔުނައިޓެޑުން އެއްވަރުކުރީ 75 ވަނަ މިނިޓުގައި، ކަވާނީގެ އެހީތެރި ކަމާއެކު ކެޕްޓަން ހެރީ މެގުއާ އެވެ. އަދި މޮޅުވި ލަނޑު 81 ވަނަ މިނިޓުގައި ޖަހައިދިނީ ރޮނާލްޑޯ އެވެ. ރޮނާލްޑޯ މި ލަނޑު ޖެހީ ލޫކް ޝޯ ނަގައިދިން ހުރަހެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

މި މޮޅާ އެކު ޔުނައިޓެޑް އޮތީ ގުރޫޕް އެފްގެ އެއްވަނައިގަ އެވެ. ދެވަނައިގައި އެޓަލާންޓާ އޮތީ ހަތަރު ޕޮއިންޓާ އެކު އެވެ. ތިންވަނައިގައި އޮތް ވިޔަރެއާލަށް ވެސް ހަތަރު ޕޮއިންޓް ލިބޭއިރު އެޓީމު ވަނީ ރަށުން ބޭރުގައި ސްވިޒަލޭންޑްގެ ޔަންގް ބޯއީޒް 4-1 އިން ބަލި ކޮށްފަ އެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގު ގުރޫޕް ޖީގައި ރޭ ސްޕެއިންގެ ސެވިއްޔާ އާއި ފްރާންސްގެ ޗެމްޕިއަން ލިލް ކުޅުނު މެޗު ނިމުނީ ދެޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. އޮސްޓްރިއާގެ ރެޑްބުލް ސަލްޒްބާގާއި ޖަރުމަންގެ ވުލްވްސްބާގް ބައްދަލުކުރި މެޗް 4-1 އިން ކާމިޔާބު ކުރީ ސަލްޒްބާގެވެ. މި ގުރޫޕުގެ އެއްވަހައިގައި ސަލްޒްބާގް އޮތީ ކުޅުނު ތިން މެޗުން ހަތް ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް ސެވިއްޔާ އަށް ލިބުނީ ތިން ޕޮއިންޓެވެ. ތިންވަނަ އަދި ހަތަރު ވަނައިގައި އޮތް ލިލް އާއި ވުލްވްސްބާގަށް ލިބިފައި ވަނީ ދެ ޕޮއިންޓެވެ.