Roadha Mihaaru
ޕެރޭޒް މެންޗެސްޓާއަށް ދަނީ އެއްދޮނުގައި ދެ ބުޅި ޖަހަން

ގާނާޗޯއަށް ޓާގެޓްކޮށް ޕެރޭޒް މެންޗެސްޓާއަށް ދަނީ އެއްދޮނުގައި ދެބުޅި ޖަހަން

19 މާޗް 2024

މެންޗެސްޓާ (މާޗް 19) - ރެއާލް މެޑްރިޑްގެ ރައީސް ފްލޮރެންޓީނާ ޕެރޭޒް، އެ ކްލަބްގެ ސްކޮޑާ އެކު މެންޗެސްޓާ އަށް ދަނީ އެއްދޮނުގައި ދެ ބުޅި ޖެހަން ކަމަށް އިނގިރޭސި މީޑިއާތަކުން ބުނެފި އެވެ.

މެންޗެސްޓާ (މާޗް 19) - ރެއާލް މެޑްރިޑްގެ ރައީސް ފްލޮރެންޓީނާ ޕެރޭޒް، އެ ކްލަބްގެ ސްކޮޑާ އެކު މެންޗެސްޓާ އަށް ދަނީ އެއްދޮނުގައި ދެ ބުޅި ޖެހަން ކަމަށް އިނގިރޭސި މީޑިއާތަކުން ބުނެފި އެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ދެވަނަ ލެގް މެޗަށް މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅެން މެންޗެސްޓާ އަށް ރެއާލް ކުރާ ދަތުރުގައި ވެސް ޕެރޭޒް ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.

އިނގިރޭސި މީޑިއާތަކުން ބުނާ ގޮތުގައި އެ ދަތުރުގައި މެންޗެސްޓާ ޔުނައިޓެޑްގެ ވިންގާ އަލްހެންޑްރޯ ގާނާޗޯ ބައްދަލު ކުރަން ޕެރޭޒް ބޭނުން ވެ އެވެ. އެއީ އެ ކްލަބަށް އޭނާ ގެންދަން ޝައުގުވެރި ކުރުވުމުގެ ގޮތުން ބާއްވާ ބައްދަލުވުމެއް ކަމަށް މީޑިއާތަކުން ބުނެ އެވެ.

އާޖެންޓީނާ އަށް ނިސްބަތްވާ ގާނާޗޯ މިިދިޔަ އަހަރު ބުނެފައި ވަނީ އޭނާ އަކީ ރެއާލް މެޑްރިޑްގެ ސަޕޯޓަރެއް ކަމަށެވެ.

އޭނާ ގެންދަން ބޭނުންނަމަ، ބޮޑު އަގެއް ދައްކަން ޖެހޭނެ އެވެ. މި ސީޒަނުގައި މިހާތަނަށް ޔުނައިޓެޑަށް ކުޅުނު 38 މެޗުގައި 19 އަހަރުގެ ވިންގާ ވަނީ ހަތް ލަނޑު ޖަހައި އިތުރު ހަތަރު ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށް ދީފަ އެވެ.

ޔުނައިޓެޑާ އެކު ގާނާޗޯ ދާދި ފަހުން ވަނީ، ޖޫން 2028 ގެ ނިޔަލަށް ކޮންޓްރެކްޓް އާ ކޮށްފަ އެވެ. އެކަމަކު ބޮޑު އަގެއް ހުށަހަޅައިފިނަމަ އޭނާގެ ޕްލޭން ބަދަލުވެދާނެ ކަމަށް ބެލެވެ އެވެ.

ރެއާލްގެ އަމިއްލަ ސިޓީގެ ވާދަވެރިޔާ އެތުލެޓިކޯ މެޑްރިޑް ދޫކޮށް، ގާނާޗޯ ޔުނައިޓެޑަށް ބަދަލުވީ 2020 ގަ އެވެ. އޭނާގެ ޓްރާންސްފާ އަށް ޔުނައިޓެޑުން ފަސް ލައްކައެއް ހާ ޑޮލަރު ހޭދަ ކުރި އެވެ.

ރެއާލް ރަށުން ބޭރުގައި ކުޅޭ ހުރިހާ މެޗަކަށް ޓީމާ އެކު ޕެރޭޒް ދަތުރު ކުރައްވަ އެވެ. އަދި ސްޓޭޑިއަމަށް ވަޑައިގެން ވާދަވެރި ޓީމުގެ އިސްވެރިންނާ އެކުގައި މެޗު ބައްލަވަ އެވެ. އެކަމަކު އަންނަ މަހު ރެއާލްގެ ޓީމާ އެކު އޭނާ ދަތުރު ކުރައްވާނީ މެޗު ބެލުމުގެ އިތުރަށް ގާނާޗޯއާ ބައްދަލު ކުރުމަށެވެ.