Roadha Mihaaru
"ޔުނައިޓެޑާއި ވިޔަރެއާލް: ހައި ރިސްކް މެޗަކަށްވާނެ"

ޔުނައިޓެޑާއި ވިޔަރެއާލް، ހައި ރިސްކް މެޗަކަށްވާނެ: ސްޕެއިން

17 ނޮވެމްބަރ 2021

މެޑްރިޑް (ނޮވެމްބަރު 17) - ޗެމްޕިއަންސް ލީގުގައި އަންނަ ހަފުތާގައި ވިޔަރެއާލް އާއި މެންޗެސްޓާ ޔުނައިޓެޑް ސްޕެއިންގައި ކުޅޭ މެޗަކީ ހައި ރިސްކް މެޗެއް ކަމަށް ސްޕެއިންގެ އިންޓީރިއާ މިނިސްޓްރީން އިއުލާންކޮށްފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

މެޑްރިޑް (ނޮވެމްބަރު 17) - ޗެމްޕިއަންސް ލީގުގައި އަންނަ ހަފުތާގައި ވިޔަރެއާލް އާއި މެންޗެސްޓާ ޔުނައިޓެޑް ސްޕެއިންގައި ކުޅޭ މެޗަކީ ހައި ރިސްކް މެޗެއް ކަމަށް ސްޕެއިންގެ އިންޓީރިއާ މިނިސްޓްރީން އިއުލާންކޮށްފި އެވެ.

ހައި ރިސްކް މެޗެއް ކަމަށް މާނަކޮށްފައި ވަނީ ނަސްލީ ގޮތުން ދިމާކުރުމުގެ އަމަލުތަކާ ހެދި ހަމަނުޖެހުން ހިންގުމަށް މަގުފަހިވެދާނެތީ އެވެ. ސްޕެއިންގެ ސަރުކާރުން މިގޮތަށް އިއުލާން ކުރި ސަބަބަކީ ކޮބައި ކަމެއް ބަޔާނުގައި ބުނެފައެއް ނުވެ އެވެ.

ސްޕެއިންގެ އިންޓީރިއާ މިނިސްޓްރީން އެ ގޮތަށް އެންގުމުން އެކަންކަން ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވާލުތަކާ ގުޅޭ އިންތިޒާމުތައް ހަމަޖައްސަން ޖެހޭނީ ވިޔަރެއާލްއިންނެވެ. މެޗު ކުޅޭ ލަ ސެރެމިކާ ސްޓޭޑިއަމްގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން މަސައްކަތް ކުރުމަށް ވިޔަރެއާލް އަށް ވަނީ އަންގައިފަ އެވެ. ދަނޑުގެ ސެކިއުރިޓީ ބަލަހައްޓާ ފުލުހުންގެ އަދަދު އިތުރު ކުރުމަށް ވިޔަރެއާލް އިން ސަމާލުކަން ދޭން ޖެހޭނެ އެވެ. އަދި ޔުނައިޓެޑްގެ ޓީމާއި އެ ޓީމުގެ ސަޕޯޓަރުންގެ ހިމާޔަތުގައި އަޅަންޖެހޭ ފިޔަވަޅުތައް އިތުރު ކުރުމަށް ވެސް ވަނީ ބާރު އަޅައިފަ އެވެ.

ލަ ސެރެމިކާ އަކީ 23،500 މީހުންގެ ޖާގައިގެ ސްޓޭޑިއަމްއެކެވެ. އަވޭ ސަޕޯޓަރުންނަށް ކަނޑައަޅާފައިވާ 2،000 ޓިކެޓް ޔުނައިޓެޑުގެ ސަޕޯޓަރުން މިހާރު ވެސް ވަނީ ގަނެފަ އެވެ.

ސެޕްޓެމްބަރު މަހު ޔުނައިޓެޑްގެ ދަނޑުގައި މި ދެޓީމު ކުޅުނު މެޗު ޔުނައިޓެޑުން ކާމިޔާބު ކުރީ 2-1 އިންނެވެ. ގުރޫޕް އެފްގެ އެއްވަނައިގައި އޮތީ ޔުނައިޓެޑެވެ. ދެވަނައިގައި އޮތީ ވިޔަރެއާލް އެވެ.