09 ނޮވެމްބަރ 2023
ކޯޕަންހޭގަން (ނޮވެމްބަރު 9) - ޖަރުމަންގެ ބެޔާން މިއުނިކާއި ސްޕެއިންގެ ރެއާލް މެޑްރިޑް ޗެމްޕިއަންސް ލީގު ގުރޫޕް ސްޓޭޖުގައި ކުޅުނު ހަތަރުވަނަ މެޗު ވެސް ކާމިޔާބުކޮށް ގަދަ 16 އިން ޖާގައެއް ޔަގީން ކޮށްފި އެވެ.
ކޯޕަންހޭގަން (ނޮވެމްބަރު 9) - ޖަރުމަންގެ ބެޔާން މިއުނިކާއި ސްޕެއިންގެ ރެއާލް މެޑްރިޑް ޗެމްޕިއަންސް ލީގު ގުރޫޕް ސްޓޭޖުގައި ކުޅުނު ހަތަރުވަނަ މެޗު ވެސް ކާމިޔާބުކޮށް ގަދަ 16 އިން ޖާގައެއް ޔަގީން ކޮށްފި އެވެ.
ޗެމްޕިއަންސް ލީގު ފަސް ފަހަރު ކާމިޔާބުކޮށްފައިވާ މެންޗެސްޓާ ޔުނައިޓެޑް އަނެއްކާ ވަނީ ބަލިވެފަ އެވެ. ޑެންމާކުގެ ކޯޕަން ހޭގަން އިން ފަހަތުން އަރައި ރޭ ޔުނައިޓެޑްގެ މައްޗަށް ކުރި ހޯދީ 4-3 ން އެވެ.
މެޗުގެ ވަރަށް ކުރީކޮޅު ޔުނައިޓެޑުން ވަނީ ދެ ގޯލުގެ ލީޑެއް ހޯދައި މެޗުގެ ކޮންޓްރޯލް ނަގައިފަ އެވެ. ތިންވަނަ މިނިޓާއި 28 ވަނަ މިނިޓުގައި ޔުނައިޓެޑްގެ ފުރަތަމަ ދެ ގޯލު ޖަހައިދިނީ ރަސްމުސް ހޮއިލެންޑެވެ. މިއީ ޗެމްޕިއަންސް ލީގުގައި އޭނާ ޖަހައިދިން ފަސްވަނަ ގޯލެވެ.
ޔުނައިޓެޑަށް މެޗުގެ ކޮންޓްރޯލް ގެއްލުނީ 42 ވަނަ މިނިޓުގައި ވީއޭއާރު ރިވިއު އަށް ފަހު މާކަސް ރަޝްފޯޑް ކުރި ފައުލަކަށް ރެފްރީ ސީދާ ރަތް ކާޑެއް ދެއްކި ހިސާބުންނެވެ. މިއާ އެކު މާ ގިނައިރެއް ނުވެ، 45 ވަނަ މިނިޓުގައި މުހައްމަދު އަލް ޔޫނުސީ ވަނީ ކޯޕަންހޭގަން އަށް ފަރަގު ކުޑަ ކޮށްދީފަ އެވެ.
ޔުނައިޓެޑްގެ ރަޝްފޯޑް (ކ-2) އަށް ރެފްރީ ރަތް ކާޑު ދައްކަނީ.-- ފޮޓޯ: އޭއެފްޕީ
އިތުރު ވަގުތުގެ ގޮތުގައި 13 މިނިޓު މި ހާފުގައި ދެއްކި އިރު، ކޯޕަންހޭގަން އިން ވަނީ އޭގެ ބޭނުން އެންމެ ފުރިހަމައަށް ހިފައި، އިތުރު ވަގުތުގެ ނުވަވަނަ މިނިޓުގައި ނަތީޖާ އެއްވަރު ކޮށްފަ އެވެ. ހެރީ މެގުއާ އަތުގައި ބޯޅަ ޖެހުނުކަމަށް ބަލައި ކޯޕަންހޭގަން އަށް ދިން ޕެނަލްޓީ ކާމިޔާބުކޮށް އެއްވަރު ކޮށްދިނީ ޑިއޯގޯ ގޮންކާލްވެސް އެވެ.
މެޗުގެ 69 ވަނަ މިނިޓުގައި ޔުނައިޓެޑުން ތިންވަނަ ގޯލެއް ޖަހައި ދެވަނަ ފަހަރަށް ލީޑު ނެގި އެވެ. މެގުއާ ހުއްޓުވަން އުޅެނިކޮށް ކޯޕަންހޭގަންގެ ލޫކަސް ލިރޭޖާ އަތުގައި ބޯޅަ ޖެހިގެން ލިބުނު ޕެނަލްޓީއަކުން ޔުނައިޓެޑްގެ ތިންވަނަ ގޯލު ޖަހައިދިނީ ކެޕްޓަން ބްރޫނޯ ފެނާންޑޭޒް އެވެ.
ނަމަވެސް ފަހު 10 މިނިޓުތެރޭ ކޯޕަންހޭގަން ވަނީ އިތުރު ދެ ގޯލު ޖަހައި މެޗުން ތިން ޕޮއިންޓް ހޯދައިފަ އެވެ. ކޯޕަންހޭގަން އިން އެއްވަރު ކުރީ 83 ވަނަ މިނިޓުގައި ލިރޭޖާ ކާމިޔާބުކުރި ގޯލުންނެވެ. އޭގެ ހަތަރު މިނިޓު ފަހުން އެޓީމު މޮޅުވި ގޯލު ޖަހައިދިނީ ރޫނީ ބާޖީ އެވެ.
މިދިޔަ މަހު އަމިއްލަ ދަނޑުގައި ކޯޕަންހޭގަން ބަލިކޮށްގެން ހޯދި ތިން ޕޮއިންޓާ އެކު ޔުނައިޓެޑް އޮތީ ގުރޫޕް އޭގެ ފުލުގަ އެވެ. ކޯޕަންހޭގަން އާއި ތުރުކީގެ ގަލަޓަސަރާއީ އަށް ހަތަރު ޕޮއިންޓް ލިބިފައި ވާއިރު، ބެޔާން ވަނީ 12 ޕޮއިންޓާ އެކު ގުރޫޕްގެ އެއްވަނަ ޔަގީން ކޮށްފަ އެވެ.
ހެރީ ކޭން ބެޔާނަށް ގޯލެއް ޖެހުމަށް ފަހު އުފާފާލުކުރަނީ.-- ފޮޓޯ: އޭއެފްޕީ
ބެޔާނުން ވަނީ ހެރީ ކޭންގެ ދެ ގޯލާ އެކު 2-1 އިން ރޭ ގަލަޓަސަރާއީ ބަލިކޮށްފަ އެވެ. މެޗުގެ 80 ވަނަ މިނިޓާއި 86 ވަނަ މިނިޓުގައި ކޭން ބެޔާނަށް ގޯލުތައް ޖަހައިދިން އިރު ގަލަޓަސަރާއީން ސުން ކަނޑުވާލީ އިތުރު ވަގުތުގައި ސެޑްރިކް ބަކަމްބޫ ޖަހައިދިން ގޯލުންނެވެ.
ރެއާލް މެޑްރިޑް އަނެއް ބުރުން ޖާގަ ޔަގީން ކުރީ ޕޯޗުގަލްގެ ޕޯޓޯއާ ވާދަކޮށް ރޭ 3-0 އިން މޮޅުވެގެންނެވެ. ރެއާލްގެ ގޯލުތައް ޖަހައިދިނީ ބްރަހީމް ޑިއާޒް އާއި ވިނީޝިއަސް ޖޫނިއާ އަދި ރޮޑްރިގޯ އެވެ.
ރެއާލް ހިމެނޭ ގުރޫޕް ސީގައި ދެން ކުޅުނު އިޓަލީގެ ނަޕޯލީ އާއި ޖަރުމަންގެ ޔޫނިއަން ބާލިން ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ. މިއީ ޔޫނިއަން ބާލިން މިހާތަނަށް ކުޅުނު ހަތަރު މެޗުން ހޯދި ފުރަތަމަ ޕޮއިންޓެވެ.
ރެއާލުން ގޯލެއް ޖެހުމަށް ފަހު ކުޅުންތެރިން އުފާފާލު ކުރަނީ.-- ފޮޓޯ: އޭއެފްޕީ
މެޗުގެ ފުރަތަމަ ހާފުގައި މަޓެއޯ ޕޮލިޓާނޯ ނަޕޯލީ އަށް ލީޑު ނަގައިދީފައި ވަނިކޮށް ދެވަނަ ހާފުގައި ޔޫނިއަން ބާލިން އަށް ނަތީޖާ އެއްވަރު ކޮށްދިނީ ޑޭވިޑް ޑަޓްރޯ ފޮފާނާ އެވެ.
މި ގުރޫޕުގައި ރެއާލް އެއްވަނައިގައި އޮތީ 12 ޕޮއިންޓް ހޯދައިގެންނެވެ. ނަޕޯލީ އަށް ހަތް ޕޮއިންޓް ލިބިފައި ވާއިރު ބްރާގާއަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. ނަޕޯލީ އަތުން ހޯދި ހަމައެކަނި ޕޮއިންޓާ އެކު ހަތަރުވަނައިގައި އޮތީ ޔޫނިއަން ބާލިން އެވެ.
ގުރޫޕް ޑީގައި ވާދަކުރާ ސްޕެއިންގެ ރެއާލް ސޮސިއެޑާޑާއި އިޓަލީގެ އިންޓަ މިލާން ވެސް ވަނީ ރޭ ކުޅުނު މެޗުތައް ކާމިޔާބު ކޮށްގެން އަނެއް ބުރުން ޖާގަ ޔަގީން ކޮށްފަ އެވެ.
މާޓިނޭޒް، އިންޓަގެ ހަމައެކަނި ގޯލު ޖަހައިދިނުމަށް ފަހު އުފާފާލު ކުރަނީ.-- ފޮޓޯ: އޭއެފްޕީ
ސޮސިއެޑާޑުން އަމިއްލަ ދަނޑުގައި 3-1 އިން ޕޯޗުގަލްގެ ބެންފީކާ ބަލިކުރިއިރު އިންޓަ މޮޅުވީ ރަށުން ބޭރުގައި އޮސްޓްރިއާގެ ޜެޑް ބުލް ސަލްޒްބާގާ ވާދަކޮށް 1-0 އިންނެވެ.
ބެންފީކާއާ ދެކޮޅަށް ސޮސިއެޑާޑުން ތިން ގޯލު ވެސް ޖެހީ ފުރަތަމަ ހާފުގަ އެވެ. އެޓީމަށް ގޯލުތައް ޖަހައިދިނީ މިކެލް މެރީނޯ އާއި މިކެލް އޮޔާޒަބާލް އަދި އެންޑާ ބަރެނެޓްޒީ އެވެ. ދެވަނަ ހާފުގެ ވަރަށް ކުރީކޮޅު ބެންފީކާގެ ހަމައެކަނި ގޯލު ޖަހައިދިނީ ރަފާ ސިލްވާ އެވެ.
އިންޓަ މިލާން މޮޅުވީ މެޗު ނިމެން ފަސް މިނިޓަށް ވެފައި ވަނިކޮށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރި ގޯލުންނެވެ. ޕެނަލްޓީ ކާމިޔާބު ކޮށްދިނީ ލައުޓާރޯ މާޓިނޭޒް އެވެ.
ސޮސިއެޑާޑާއި އިންޓަ މިލާނަށް ވެސް ވަނީ މިހާތަނަށް ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓް ހޯދައިފަ އެވެ. ސަލްޒްބާގަށް ތިން ޕޮއިންޓް ލިބިފައި ވާއިރު ބެންފީކާ އަށް ޕޮއިންޓެއް ނުލިބެ އެވެ.
އަނެއް ބުރުން ޖާގަ ހޯދަން، ގުރޫޕް ބީގެ އާސެނަލް އަށް ބޭނުމީ އެންމެ ޕޮއިންޓެކެވެ. އާސެނަލް ވަނީ ރޭ އަމިއްލަ ދަނޑުގައި ލިއަންޑްރޯ ޓްރޮސާޑް އާއި ބުކަޔޯ ސަކާގެ ގޯލުތަކުން 2-0 އިން ސެވިއްޔާ ބަލިކޮށްފަ އެވެ.
މި ގުރޫޕުގައި ދެން ކުޅުނު ނެދަލެންޑްސްގެ ޕީއެސްވީ އާއި ފްރާންސްގެ ލެންސްގެ މެޗު 1-0 އިން ކާމިޔާބު ކުރީ ޕީއެސްވީ އެވެ. މެޗުގެ ވަރަށް ކުރީކޮޅު ޕީއެސްވީގެ ގޯލު ޖަހައިދިނީ ލޫކް ޑި ޔޮންގް އެވެ.
އާސެނަލް އެއްވަނައިގައި އޮތީ ހަތަރު މެޗުން ނުވަ ޕޮއިންޓް ހޯދައިގެންނެވެ. ޕީއެސްވީ އާއި ލެންސް އަށް ވެސް ފަސް ޕޮއިންޓް ލިބިފައި ވާއިރު، ސެވިއްޔާ އަށް ލިބިފައި ވަނީ ދެ ޕޮއިންޓެވެ. ސެވިއްޔާ ވަނީ އާސެނަލް އާ ބައްދަލުކުރި ދެ މެޗުން ވެސް ބަލިވެފަ އެވެ.
ކުއާޓާގައި ރެއާލް-ޗެލްސީ އަދި ބަޔާން-ސިޓީ
ބޮޑެތި ބާރުތައް ދެ ވަނަ ބުރަށް ދަތުރުކޮށްފި
ބެޔާނާއި ރެއާލް ވެސް ޗެމްޕިއަންސް ލީގުގައި ބަލިވެއްޖެ
ގޯސް ހެދުނުކަމަށް ރެފްރީ އެއްބަސްވެއްޖެ: ބެޔާން
ބާނަބޭއޫގައި އަވަހަށް އުފާނުކުރާތި، ބެޔާނަށްވެސް ވީދެރަ
ރެއާލަށް ދެން ބޭނުންވަނީ މެޑްރިޑްގައި ޖާދޫގެ ރެއެއް
ސިޓީ އާއި އާސެނަލް ކަޓުވާލައި ބެޔާނާއި ރެއާލް ސެމީއަށް
ޕެރޭޒް މެންޗެސްޓާއަށް ދަނީ އެއްދޮނުގައި ދެ ބުޅި ޖަހަން
އާސެނަލަށް ބެޔާން، ރެއާލަށް ސިޓީ، ބާސާއަށް ޕީއެސްޖީ
އޮނާނާ ޒިންމާ ނަގައިފި؛ ޓީމު ދަށްވީ އަހަންނާ ހެދި