Roadha Mihaaru
ޔުވެންޓަސް މޮޅުވިއިރު ރޮނާލްޑޯ އަށް ރަތެއް

ޔުވެންޓަސް މޮޅުވިއިރު ރޮނާލްޑޯ އަށް ރަތެއް

20 ސެޕްޓެމްބަރ 2018

ވެލެންސިއާ، ސްޕެއިން (ސެޕްޓެމްބަރު 20) - ޔުވެންޓަސްގެ ޖާޒީގައި ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅުނު ފުރަތަމަ މެޗުގައި ރޭ އޭނާ އަށް ރަތްކާޑެއް ދެއްކި ނަމަވެސް ރަށުން ބޭރުގައި ވެލެންސިއާ އަތުން 2-0 އިން އެ ޓީމު މޮޅުވެއްޖެ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ވެލެންސިއާ، ސްޕެއިން (ސެޕްޓެމްބަރު 20) - ޔުވެންޓަސްގެ ޖާޒީގައި ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅުނު ފުރަތަމަ މެޗުގައި ރޭ އޭނާ އަށް ރަތްކާޑެއް ދެއްކި ނަމަވެސް ރަށުން ބޭރުގައި ވެލެންސިއާ އަތުން 2-0 އިން އެ ޓީމު މޮޅުވެއްޖެ އެވެ.

ރޭގެ މެޗުގެ 29 ވަނަ މިނިޓްގައި ރޮނާލްޑޯ އަށް ސީދާ ރަތް ކާޑެއް ދެއްކީ ބޯޅަ ނެތިސް ވެލެންސިއާގެ ޑިފެންޑަރު ޖެއިސަން މުރީއޯއާ ދެމެދު ހިނގި ހަމަނުޖެހުމެއްގެ ތެރެއިންނެވެ. އޭރިއާ ތެރެއިން މުރީއޯ އާއި ރޮނާލްޑޯ ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި މުރީއޯ ވެއްޓުނު ވަގުތު އޭނާ ބޮލުގައި ރޮނާލްޑޯ އަތްލަ އެވެ. ރޮނާލްޑޯ އަށް ރަތް ކާޑު ދައްކަން މެޗުގެ ރެފްރީ ނިންމީ ގޯލުގެ ރޮނގު ކައިރީގައި ހުންނަ އޮފިޝަލުގެ ލަފާ ހޯދުމަށް ފަހު އެވެ. ރަތް ކާޑު ދެއްުކުމުން ރޮނާލްޑޯ ދަނޑުން ފައިބައިގެން ދިޔައީ ރޮމުންނެވެ.

މި ރަތް ކާޑާ އެކު ރޮނާލްޑޯ އަށް ތިން މެޗުގެ ސަސްޕެންޝަނެއް އައުމުގެ ފުރުސަތު ބޮޑެވެ. އޭގެ ތެރޭގައި ރޮނާލްޑޯގެ ކުރީގެ ކްލަބް މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅޭ ދެ މެޗު ހިމެނެ އެވެ.

ދިހަ ކުޅުންތެރިންނާ އެކު ކުޅެމުންދިޔަ ޔުވެންޓަސް އަށް ފުރަތަމަ ހާފު ނިމުމުގެ ކުރިން ލީޑުނަގައިދިނީ ލިބުނު ޕެނަލްޓީ އަކުން ބޮސްނިއާގެ މިޑްފީލްޑަރު މިރަލެމް ޕިޔަނިޗެވެ. އަދި ދެ ވަނަ ހާފު ފަށައިގެން ލިބުނު ދެ ވަނަ ޕެނަލްޓީ ވެސް ކާމިޔާބުކޮށް ޕިޔަނިޗް ވަނީ ޔުވެންޓަސްގެ ލީޑުފުޅާކޮށްދީފަ އެވެ.

މެޗުގެ ފަހު ވަގުތު ވެލެންސިއާ އަށް ވެސް ޕެނަލްޓީ އެއް ލިބުނެވެ. އެކަމަކު އެ ޓީމުގެ ކެޕްޓަން ޑެނީ ޕަރޭހޯ ފޮނުވާލި ބޯޅަ ޔުވެންޓަސް ގޯލުގައިހުރި ޕޮލެންޑުގެ ގޯލްކީޕަރު ވޮޝިއެޒް ޝެޒްނީ ވަނީ މަތަކޮށްފަ އެވެ.

މި ގްރޫޕުގެ އަނެއް މެޗުގައި ރޭ ޔުނައިޓެޑް ވަނީ ރަށުންބޭރުގައި ސްވިޒަލެންޑުގެ ޔަންގް ބޯއީސް އަތުން 3-0 އިން ފަސޭހަ މޮޅެއް ހޯދައިފަ އެވެ.

މިއީ 31 އަހަރަށް ފަހު ޔަންގް ބޯއީސް މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗެވެ. މި މެޗުގައި ވިދާލީ ޔުނައިޓެޑުގެ ފްރާންސް މިޑްފީލްޑަރު ޕައުލް ޕޮގްބާ އެވެ. އޭނާ ވަނީ މި މެޗުގައި ދެ ލަނޑު ޖަހައިފަ އެވެ. އަދި ޔުނައިޓެޑްގެ ފަހު ލަނޑު ޖަހަން އެންތަނީ މާޝިއަލް އަށް ފުރުސަތު ތަނަވަސްކޮށްދިނީ ވެސް ޕޮގްބާ އެވެ.

މި މެޗު ކުޅުނީ ޓާފް ދަނޑެއްގަ އެވެ. މެޗަށް ފަހު ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނީ މޮޅުވިޔަސް މިއީ ހުރިހާ ކަމެއް ފުރިހަމަކޮށްދިޔަ މެޗެއް ނޫން ކަމަށެވެ. މިއީ 2013 ވަަނަ އަހަރުގެ ނޮވެމްބަރު މަހަށް ފަހު ޗެމްޕިއަންސް ލީގުގައި ރަށުންބޭރު ޔުނައިޓެޑް ކުޅުނު މެޗަކުން ހޯދި އެންމެ ބޮޑު މޮޅެވެ. ޑޭވިޑް މޮއިސްގެ އިރުޝާދުގެ ދަށުން އެ ޓީމު އެ ފަހަރު ވަނީ ބަޔާ ލެވަކޫސަން އަތުން 5-0 އިން މޮޅުވެފަ އެވެ.