Roadha Mihaaru
ރޮނާލްޑޯ ފިޓްކޮށް ހުރުމަކީ ސާރީ އަށް ހިތްހަމަޖެހުމެއް

ރޮނާލްޑޯ ފިޓްކޮށް ހުރުމަކީ ސާރީ އަށް ހިތްހަމަޖެހުމެއް

07 އޯގަސްޓް 2020

ޓިއުރިން (އޮގަސްޓް 7) - ޗެމްޕިއަންސް ލީގުގެ ޕްރެޝަރު މެޗަކަށް ކުރިމަތިލާއިރު ކްރިސްޓިއާނޯ ރޮނާލްޑޯ ފަދަ މި މުބާރާތުގައި ރެކޯޑް ރަނގަޅު ކުޅުންތެރިއަކު ޓީމުގައި ހުރުމަކީ ހިތްހަަމަޖެހުމެއް ކަމަށް ޔުވެންޓަސްގެ ކޯޗު މައުރީޒިއޯ ސާރީ ބުނެފި އެވެ.

ޓިއުރިން (އޮގަސްޓް 7) - ޗެމްޕިއަންސް ލީގުގެ ޕްރެޝަރު މެޗަކަށް ކުރިމަތިލާއިރު ކްރިސްޓިއާނޯ ރޮނާލްޑޯ ފަދަ މި މުބާރާތުގައި ރެކޯޑް ރަނގަޅު ކުޅުންތެރިއަކު ޓީމުގައި ހުރުމަކީ ހިތްހަަމަޖެހުމެއް ކަމަށް ޔުވެންޓަސްގެ ކޯޗު މައުރީޒިއޯ ސާރީ ބުނެފި އެވެ.

ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދަން ޔުވެންޓަސް އިން މިރޭ އަމިއްލަ ދަނޑުގައި މޮޅުވުން މަޖުބޫރު މެޗަކަށް ނުކުންނާނީ ލިޔޯނާ ދެކޮޅަށެވެ. ފުރަތަމަ ލެގުގައި ޔުވެންޓަސް ވަނީ ލިޔޯން ދަނޑުގައި 1-0 އިން ބަލިވެފަ އެވެ. މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ވެސް ޔުވެންޓަސް ފުރަތަމަ ލެގުން އެތުލެޓިކޯ މެޑްރިޑް އަތުން ފުރަތަމަ ލެގުގައި ބަލިވެފައި އޮއްވައި ރޮނާލްޑޯ ވަނީ ދެ ވަނަ ލެގުގައި ހެޓްރިކެއް ހަދައިފަ އެވެ.

ޗެމްޕިއަންސް ލީގުގެ ތަށި ފަސް ފަހަރެއްގެ މަތިން އުފުލާލާފައިވާ ރޮނާލްޑޯ ޔުވެންޓަސް އަށް ގެނައުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ވެސް 1996 ވަނަ އަހަރަށް ފަހު އެ ޓީމުން ޗެމްޕިއަންސް ލީގު ޗެމްޕިއަންކަން ހޯދަން ކުރާ މަސައްކަތުގައި ކާމިޔާބު ހޯދުމަށެވެ. ސާރީ ބުނީ ރޮނާލްޑޯގެ ކެރިއަރަށް ބެލިޔަސް އޭނާ އަކީ މުހިއްމު ވަގުތުތަކުގައި ތަފާތު ދައްކާފައިވާ ކުޅުންތެރިއެއް ކަމަށެވެ.

"އަހަންނަށް ލިބޭ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ރޮނާލްޑޯ މި މެޗަށް ފިޓްވުމަކީ. މިފަދަ ހާލަތްތަކުގައި ޕްރެޝަރު ވަގުތުތަކުގައި ރޮނާލްޑޯ ފަދަ ހުނަރުވެރި ކުޅުންތެރިން ތަފާތު ދައްކާނެ. ޕްރެކްޓިސްތަކަށް ބަލާލުމުން ވެސް ފެނޭ މި މެޗަށް ރޮނާލްޑޯ އަމިއްލަ އަށް ވެސް ތައްޔާރުވަމުން އަންނަ މިންވަރު. މިއީ އަހަރެން ކުޅުންތެރިންގެ ފަރާތުން ދެކެން ބޭނުންވާ ކަންތައްތަކަކީ،" ސާރީ ބުންޏެވެ.

މެޗެއްގެ ތެރެއިން ސާރީ (ކ) އާއި ރޮނާލްޑޯ ވާހަކަ ދައްކަނީ.-- ފޮޓޯ: އޭއެފްޕީ

މެޗެއްގެ ތެރެއިން ސާރީ (ކ) އާއި ރޮނާލްޑޯ ވާހަކަ ދައްކަނީ.-- ފޮޓޯ: އޭއެފްޕީ

މި ފަހަރުގެ އިޓާލިއަން ލީގުގެ ޗެމްޕިއަންކަން ޔުވެންޓަސް އިން ހޯދި ނަމަވެސް އެ ޓީމަށް ލިބުނު ޕޮއިންޓްގެ ޖުމްލަ އަދަދަށް ބަލާއިރު މިއީ ރަނގަޅު ސީޒަނެއް ނޫނެވެ. އަދި އެންމެ ފަހުން ޔުވެންޓަސް ކުޅުނު މެޗުތަކުން ނަތީޖާ ނެރުމުގައި ކާމިޔާބު ލިބިފައިނުވާތީ ޗެމްޕިއަންްސް ލީގުގައި އެކަށީގެންވާ ނަތީޖާތަކެއް ނުނެރެވިއްޖެނަމަ ސާރީ އަށް ޔުވެންޓަސްގައި ކުރިމަގެއް ނެތް ކަމަށް މީޑިއާގައި ވަނީ އަޑުފެތުރިފަ އެވެ.

"އަހަރެން ގަބޫލެއް ނުކުރަން މި މެޗާ އަހަރެންގެ މުސްތަގުބަލު ގުޅިފައި އޮތް ކަމަށް. އަހަރެންގެ ވަޒީފާގެ ޔަގީންކަން އޮތީ ވަކި މުބާރާތަކަށް ބަލައިގެންކަން އެނގިފައެއް ނެތް. އަހަރެން މި މަސައްކަތްކުރަނީ މި ކްލަބަށް ހުރިހާ ގޮތަކުން ވެސް ކުރިއެރުން ހޯދައިދޭން،" މިދިޔަ ސީޒަނުގައި ޗެލްސީ އަށް ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ހޯދައިދިނުމަށް ފަހު އެ ޓީމުން ވަކިވި ސާރީ ބުންޏެވެ.

އިޓާލިއަން ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ޔުވެންޓަސްގެ ޕައޮލޯ ޑިބާލާ މި ވަގުތު ހުރީ އަނިޔާގަ އެވެ. ސާރީ ބުނީ އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ޑިބާލާ އަށް މި މެޗުގައި ކުޅެވޭނެ ފުރުސަތެއް އޮތްތޯ ބަލަމުން އަންނަ ކަމަށާއި އެއްކޮށް ފިޓްނުވާނަމަ އޭނާ ބޭނުންނުކުރާނެ ކަމަށެވެ. ޔުވެންޓަސް ދަނޑުގައި ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 00:00 ގަ އެވެ.