Roadha Mihaaru
ރޮނާލްޑޯއާ އެއްވެސް މައްސަލައެއް ނެތް: ސާރީ

ރޮނާލްޑޯއާ އެއްވެސް މައްސަލައެއް ނެތް: ސާރީ

26 ނޮވެމްބަރ 2019

ޓިއުރިން (ނޮވެމްބަރު 26) - ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއާ އޭނާއާ ދެމެދު އެއްވެސް މައްސަލައެއް ނެތް ކަމަށް ޔުވެންޓަސްގެ ކޯޗު މައުރީސިއޯ ސާރީ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ޓިއުރިން (ނޮވެމްބަރު 26) - ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއާ އޭނާއާ ދެމެދު އެއްވެސް މައްސަލައެއް ނެތް ކަމަށް ޔުވެންޓަސްގެ ކޯޗު މައުރީސިއޯ ސާރީ ބުނެފި އެވެ.

ޔުވެންޓަސް އިން އެންމެ ފަހުން ކުޅުނު މެޗުތަކުގައި އުމުރުން 34 އަހަރުގެ ރޮނާލްޑޯ ބަދަލުކުރުމުން ހިތްހަމަނުޖެހުން ވަނީ ފާޅުކޮށްފަ އެވެ. އަދި އެއް މެޗެއްގައި ބަދަލުކުރުމުން ރޮނާލްޑޯ ވަނީ ދަނޑުން ނުކުމެގެން ގޮސްފަ އެވެ. އެ މައްސަލަ ގޯސްވެ ޔުވެންޓަސްގެ ވެރިން ވަނީ ރޮނާލްޑޯއާ ވާހަކަ ދައްކައިފަ އެވެ.

ޗެމްޕިއަންސް ލީގުގައި މިރޭ އަމިއްލަ ދަނޑުގައި އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ސާރީ ބުނީ ރޮނާލްޑޯ ފެނުމުގެ ފުރުސަތު އެބައޮތް ކަމަށާއި އެހެން ނަމަވެސް އެެއީ އޭނާ ޕްރެކްޓިހުގައި ދައްކާ ކުޅުމަށް ބަލާފައި ކަމަށެވެ.

"އަހަންނަށް ނޭނގޭ ޓިއުރިން އާއި ސްޕެއިންގައި މި ހަބަރުތަކެއް ފެތުރޭގޮތެއް. ޔަގީނުންވެސް އަހަންނާއި އެއްވެސް ކުޅުންތެރިޔަކާ ދެމެދު މައްސަލައެއް ނެތް. ރޮނާލްޑޯ ފަދަ ހުރިހާ ކާމިޔާބެއް ހޯދާފައިވާ ކުޅުންތެރިޔެއް މެޗަކުން ބަދަލުކުރުމުން އޭނާ ހިތްހަމަނުޖެހުމަކީ އަހަރެންގެ ނަޒަރުގައި ރަނގަޅު ކަމެއް. އެއީ އަދިވެސް ކާމިޔާބު ހޯދުމުގެ ރޫހު އޭނަ ކިބައިގައި ހުރިކަން ދޭހަކޮށްދޭ ކަމެއް،" ސާރީ ބުންޏެވެ.

މި ސީޒަނުގައި މިހާތަނަށް ޗެމްޕިއަންސް ލީގުގައި ރޮނާލްޑޯ އަށް ޖެހުނީ އެންމެ ގޯލެކެވެ. ރޮނާލްޑޯ ވަނީ މިހާތަނަށް އެތުލެޓިކޯ ކޮޅަށް 22 ގޯލު ޖަހައިފަ އެވެ. އޭގެ ތެރޭގައި މިދިޔަ ސީޒަނުގައި ދެ ވަނަ ބުރުގައި އެތުލެޓިކޯ ކޮޅަށް ހެދި ހެޓްރިކް ހިމެނެ އެވެ. ސާރީ ބުނީ މިރޭގެ މެޗުގައި ރޮނާލްޑޯ ފެނުމުގެ ފުރުސަތު ބޮޑުކަމަށެވެ.

ޔުވެންޓަސް އަށް ދެ ވަނަ ބުރުގެ ޖާގައެއް ކަށަވަރުވެފައިވީ ނަމަވެސް ސާރީ ބޭނުންވަނީ ރަނގަޅު ރެކޯޑަކާ އެކު ގްރޫޕް ސްޓޭޖް ނިންމާލުމަށެވެ. އެ ގޮތުން ބާކީ އޮތް ދެ މެޗުން މޮޅުވާން ސާރީ ވަރަށް ބޮޑަށް ބޭނުންވެ އެވެ.

"އަހަރެމެން އެބަޖެހޭ ރަނގަޅު ފޯމެއްގައި އޮންނަން. ރަނގަޅު ފޯމެއްގައި އޮވެވޭނީ މެޗުތަކުން މޮޅުވެގެން. ބާކީ އޮތް ދެ މެޗުން ވެސް މޮޅުވުން އަމާޒަކީ. އެ ނޫން އަމާޒެއް ނެތް." މިދިޔަ ސީޒަނުގައި ޗެލްސީ އަށް ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ހޯދައިދިން ސާރީ ބުންޏެވެ.

ޔުވެންޓަސް އާއި އެތުލެޓިކޯ ކުޅޭ މެޗު ފަށާނީ މިރޭ ދަންވަރު 1 ޖަހާއިރު އެވެ.