Roadha Mihaaru
ލަންކާއާ އެއްވަރުވެ އިންޑިއާ އަށް މަޑުޖެހުން

ލަންކާއާ އެއްވަރުވެ އިންޑިއާ އަށް މަޑުޖެހުން

07 އޮކްޓޯބަރ 2021

ސްރީ ލަންކާއާ ދެކޮޅަށް އިންޑިއާ މިއަދު ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުވުުމުން ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ އަށް އިތުރު މަޑުޖެހުމެއް އަތުވެއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ސްރީ ލަންކާއާ ދެކޮޅަށް އިންޑިއާ މިއަދު ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުވުުމުން ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ އަށް އިތުރު މަޑުޖެހުމެއް އަތުވެއްޖެ އެވެ.

އިންޑިއާ ކުޅުނު ފުރަތަމަ މެޗުގައި ބަންގްލަދޭޝް އިން ވަނީ އެ ޓީމާ އެއްވަރުކޮށްފަ އެވެ. މި ދެ މެޗުގެ ނަތީޖާއާ އެކު މިއީ ސާފް ޗެމްޕިއަންޝިޕްގައި ތާރީހުގައި އިންޑިއާ ކުރިމަތިވި އެންމެ ގޯސް ފެށުމެވެ. އިންޑިއާގެ މި ނަތީޖާ އަކީ ނޭޕާލް، ބަންގްލަދޭޝް އަދި ރާއްޖެ އަށް ވެސް ލިބޭނެ ހިތްހަމަޖެހުމެކެވެ.

ރާއްޖޭގެ ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ފުރަތަމަ ހާފުގައި އިންޑިއާ އަށް ކުޅެން އުނދަގޫވި އެވެ. ލަންކާއިން ކުޅުނީ ފަސް ޑިފެންޑަރުންނާ އެކު އެވެ. އެހެންވެ އިންޑިއާ އަށް މާ ތަނަވަސް ފުރުސަތެއް ނުލިބުނެވެ. އިންޑިއާގެ ކެޕްޓަން ސުނިލް ޗެތުރީ ވެސް ފުރަތަމަ ހާފުގައި ފެނުނީ ބާކީވެފައި ހުރި ކަހަލަ ގޮތަކަށެވެ. އިންޑިއާގެ މިޑްފީލްޑުން އޭނާ އަށް ރަނގަޅު ބޯޅަތަކެއް ސަޕްލައިކޮށް ނުދެވުމުން އޭނާގެ މޫނު މަތިން ހިތްހަމަނުޖެހުމުގެ އަސަރުތައް ވެސް ފެނުނެވެ.

މެޗުގައި ލިބުނު އެންމެ ތަނަވަސް ފުރުސަތު ލިބުނީ 88 ވަނަ މިނިޓްގައި ސުބަޝިސް ބޯސް އަށެވެ. އިންޑިއާއިން ނެގި ކޯނަރު ސުނިލް ޗެތުރީ ބޮލުން ގޯލް ކުރިމައްޗަށް ނަގައިދިނުމުން ގޯލް ދަނޑި ކައިރިން ގޯލް ކުރިމަތީގައި ހުރި ސުބަޝީސް ފޮނުވާލުމުން ބޯޅަ ދިޔައީ ހުރަސް ދަނޑި މަތިން ބޭރަށެވެ.

މެޗުގައި އެންމެ ފުރަތަމަ ހަމަލާ އުފެއްދީ ލަންކާއިންނެވެ. މެޗުގެ ހަތަރު ވަނަ މިނެޓްގައި ލަންކާގެ ކަވިންދު އިޝާން އުފެއްދި ހަމަލާ ގޯލާ ސީދަލެއް ނުވި އެވެ. އެހެންވެ މެޗުގައި މާ ބޮޑު މަސައްކަތެއް ކުރަން ނުޖެހުނު އިންޑިއާގެ ކީޕަރު ގުރްޕްރީޓް ސިންހަށް ޕްރެޝަރެއް ނުކުރެވުނެވެ.

އިންޑިއާ އާއި ލަންކާ މިއަދު ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އިންޑިއާ އާއި ލަންކާ މިއަދު ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ދެ ވަނަ ހާފުގައި އިންޑިއާގެ ސުރޭޝް ސިންހްގެ ބަދަލުގައި މުހައްމަދު ޔާސިރު ކުޅެން ނުކުތް ހިސާބުން އިންޑިއާ އިން ގިނަ އެޓޭކުތަކެއް ކުރި އެވެ. ދެ ވަނަ ހާފުގައި ލަންކާގެ އޭރިއާގެ ބޭރުން ލިބުނު ހިލޭ ޖެހުމެއް ޔާސިރު އޭރިއާ ތެރެއަށް ނަގައިދިނުމުން ޗެތުރީ ވަނީ ބޮލުން ގޯލަށް އަމާޒުކޮށް ފޮނުވާލައިފަ އެވެ. ނުރައްކާކޮށް ދިޔަ ބޯޅަ ލަންކާގެ ކީޕަރު ސުޖަން ޕެރޭރާ ވަނީ ޕަންޗުކޮށް ހުރަސް ދަނޑިމަތިން ކޯނަރަކަށް ބޭރުކޮށްލައިފަ އެވެ.

އޭގެ ކުރިން ވެސް ޔާސިރު ނަގައިދިން ބޯޅައެއްގައި އުދަންތާ ސިންހަށް ލިބުނު ނަމަވެސް އޭނާ އަށް ރަނގަޅަށް ފޮނުވައި ނުލެވުމުން ލަންކާގެ ކުޅުންތެރިން ދިފާއުކޮށް ބޯޅަ ޖައްސާލީ ކީޕަރު ސުޖަން އަށެވެ.

މެޗުގެ 70 މިނެޓްގައި ލަންކާގެ ކުޅުންތެރިޔަކު ދަނޑު މައްޗަށް ވެއްޓިފައި ވަނިކޮށް، ދަނޑުމަތީގައި ބާއްވައިގެން އޭނާ އަށް ފަރުވާ ދޭން މަސައްކަތް ކުރުމުން އިންޑިއާގެ ކޯޗު އީގޯ ސްޓިމަކް ވަނީ އަށިގަނޑުު ކައިރިއަށް ގޮސް އަށިގަނޑު ނެގުމަށް ފަހު ބިންމައްޗަށް ވައްޓަލައިފަ އެވެ. އޭނާގެ ހިތްހަމަ ނުޖެހުން ރެފްރީ އަށް ހާމަކުރީ ލަންކާގެ ކުޅުންތެރިން ވަގުތު ބޭކާރު ކުރާކަމަށް ބުނެ އެވެ. ސްޓިމަކް ހިތްހަމަ ނުޖެހުން ފާޅުކުރުމުން ރެފްރީ ވަނީ އޭނާ އަށް ރީނދޫ ކާޑެއް ދައްކައިފަ އެވެ.

މެޗުގެ 77 ވަނަ މިނެޓްގައި އިންޑިއާގެ ފާރޫގް ޗައުދަރީ އަށް ލަނޑު ޖެހުނު ކަމަށް ހީކުރެވުނެވެ. އިންޑިއާއިން ޖެހި ހިލޭ ޖެހުމެއް ލަންކާގެ ކުޅުންތެރިން ދިފާއު ކުރުމުން ރީބައުންސަށް ނުކުތް ބޯޅަ ޗައުދަރީ ފޮނުވާލުމުން ގޯލްގެ ތެރެއަށް ވަން ނަމަވެސް އޭގެ ކުރިން އިންޑިއާގެ ކުޅުންތެރިން ވަނީ ފައުލްކޮށްފަ އެވެ.

އިންޑިއާގެ މަންދަރު ރާއޯ ޑެސައި ލަންކާގެ އޭރިއާ ތެރެއަށް ނަގައިދިން ބޯޅަ އަރުނިދު ތާޕާ ހުސްކޮށް ހުރެ ބޯޅަ ފޮނުވާލަން ލިބުނު ނަމަވެސް އޭނާގެ ފަޔަށް ބޯޅަ އަރާ ގޮތެއް ނުވި އެވެ. އޭނާ ފައިގައި ޖެހިފައި ދިޔަ ބޯޅަ ލަންކާގެ ކުޅުންތެރިން ކޯނަރަކަށް ބޭރުކޮށްލީ އެވެ.

ލަންކާގެ ކުޅުންތެރިން ވަގުތު ބޭކާރު ކުރުމުގެ އުކުޅުތައް ބޭނުން ކުުރުމުން، މެޗުގެ ބަދަލު ރެފްރީ ވަނީ އިތުރު ވަގުތުގެ އަށް މިނެޓް ދައްކައިފަ އެވެ. އިތުރު ވަގުތުގައި ވެސް ލަންކާގެ ކީޕަރު ސުޖަން ޕެރޭރާ ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި އޭނާ އަށް އަނިޔާވުމުން ދަނޑުމަތީގައި ފަރުވާ ދޭން ޖެހުނެވެ.