Roadha Mihaaru
ސާފް ޗެމްޕިއަންޝިޕްގެ ޓައިޓަލް ސްޕޮންސަރަކަށް އުރީދޫ

ސާފް ޗެމްޕިއަންޝިޕްގެ ޓައިޓަލް ސްޕޮންސަރަކަށް އުރީދޫ

20 ސެޕްޓެމްބަރ 2021

އަންނަ މަހު ރާއްޖޭގައި ބާއްވާ ސާފް ޗެމްޕިއަންޝިޕްގެ ޓައިޓަލް ސްޕޮންސަރަކަށް އުރީދޫ ހަމަޖައްސައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

އަންނަ މަހު ރާއްޖޭގައި ބާއްވާ ސާފް ޗެމްޕިއަންޝިޕްގެ ޓައިޓަލް ސްޕޮންސަރަކަށް އުރީދޫ ހަމަޖައްސައިފި އެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މޮބައިލްގެ ހިދުމަތްދޭ އުރީދު އަކީ ޓައިޓަލް ސްޕޮންސަރެއް ކަމަށް ނިންމުމުން، މިހާރު އެ މުބާރާތުގެ ނަމަކީ "އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021" އެވެ.

އެފްއޭއެމާއި އުރީދޫގެ ސްޕޮންސަޝިޕް އެއްބަސްވުމުގައި އެފްއޭއެމްގެ ފަރާތުން ސޮއިކުރެއްވީ އެ އެސޯސިއޭސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ. އުރީދޫން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް އެވެ.

މިއީ ސާފް ޗެމްޕިއަންޝިޕް ރާއްޖޭގައި ބާއްވާ ދެ ވަނަ ފަހަރެވެ. އެންމެ ފުރަތަމަ ރާއްޖޭގައި މި މުބާރާތް ބޭއްވީ ލަންކާއާއެކު ކޯ ހޯސްޓް ގައުމެއްގެ ގޮތުގަ އެވެ.

އުރީދޫއާއެކު ސާފް ޗެމްޕިއަންޝިޕްގެ ޓައިޓަލް ސްޕޮންސަރެއްގެ ގޮތުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: އުރީދޫ

އުރީދޫއާއެކު ސާފް ޗެމްޕިއަންޝިޕްގެ ޓައިޓަލް ސްޕޮންސަރެއްގެ ގޮތުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: އުރީދޫ

އުރީދޫ ސާފް ޗެމްޕިއަންޝިޕް ކުރިއަށް ގެންދާނީ އަންނަ މަހުގެ 1-16 އަށެވެ. މުބާރުގެ ފުރަތަމަ މެޗުގައި ނުކުންނާނީ ސްރީ ލަންކާ އާއި ބަންގްލަދޭޝް އެވެ. ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި އެއް ވަނަ ދުވަހުގެ ރޭ ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ.

ފައިނަލު މެޗު ފިޔަވައި، ހަވީރު އަދި ރޭގަނޑު ކުޅޭ މެޗުތައް ފަށާނީ ހަވީރު 4 ޖަހާއިރު އަދި ރޭގަނޑު 9 ޖަހާއިރު އެވެ. ފައިނަލް މެޗު ފަށާނީ ރޭގަނޑު 8 ޖަހާއިރު އެވެ.

މުބާރާތުގައި ވާދަކުރާނީ ސާފްގެ ހަތް ގައުމުގެ ތެރެއިން ފަސް ޓީމެވެ. އެހެންވެ މުބާރާތް ކުރިއަށް ގެންދާނީ ލީގު އުސޫލުން ކުޅުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ފައިނަލަށްދާ ގޮތަށެވެ. ބޫޓާން މުބާރާތުގައި ވާދަނުކުރަނީ އެ ގައުމުގައި ކޮވިޑް-19 ގެ ހާލަތު އޮތްގޮތުން ޓީމު ގައުމުން ބޭރަށް ފުރައިގެންދާން ހުއްދަ ނެތުމުންނެވެ. ޕާކިސްތާނު އޮތީ ފީފާގެ ސަސްޕެންޝަނެއްގަ އެވެ.

އުރީދޫ ސާފް ޗެމްޕިއަންޝިޕުގެ މެޗު ޝެޑިއުލް:

- އޮކްޓޯބަރު 1 (ހަވީރު) ސްރީ ލަންކާ - ބަންގަލަދޭޝް

- އޮކްޓޯބަރު 1 (ރޭގަނޑު) ނޭޕާލް - ދިވެހިރާއްޖެ

- އޮކްޓޯބަރު 4 (ހަވީރު) ބަންގަލަދޭޝް - އިންޑިއާ

- އޮކްޓޯބަރު 4 (ރޭގަނޑު) ސްރީ ލަންކާ - ނޭޕާލް

- އޮކްޓޯބަރު 7 (ހަވީރު: އިންޑިއާ - ސްރީ ލަންކާ

އޮކްޓޯބަރު 7 (ރޭގަނޑު) ދިވެހިރާއްޖެ - ބަންގަލަދޭޝް

- އޮކްޓޯބަރު 10 (ހަވީރު) ދިވެހިރާއްޖެ - ސްރީ ލަންކާ

- އޮކްޓޯބަރު 10 (ރޭގަނޑު) ނޭޕާލް - އިންޑިއާ

- އޮކްޓޯބަރު 13 (ހަވީރު) ބަންގްލަދޭޝް - ނޭޕާލް

- އޮކްޓޯބަރު 13 (ރޭގަނޑު) އިންޑިއާ - ދިވެހިރާއްޖެ

- އޮކްޓޯބަރު 16 (ރޭގަނޑު) ފައިނަލް މެޗު