Roadha Mihaaru
ކަޅު ބާޒާރުގައި ޓިކެޓެއްގެ އަގު 2،000ރ. އަށް

ކަޅު ބާޒާރުގައި ޓިކެޓެއްގެ އަގު 2،000ރ. އަށް

06 އޮކްޓޯބަރ 2021

ރާއްޖޭގައި މިހާރު ކުރިޔަށްދާ އުރީދޫ ސާފް ޗެމްޕިއަންޝިޕުގައި މާދަމާ ރޭ ބަންގްލަދޭޝްއާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗަށް އިއްޔެ ޓިކެޓް ވިއްކަންފެށިއިރު، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ޓިކެޓްތައް ވިކި ހުސްވުމާ އެކު ކަޅު ބާޒާރުގައި ޓިކެޓެއްގެ އަގު 2،000ރ. އަށް ވެސް އަރައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ރާއްޖޭގައި މިހާރު ކުރިޔަށްދާ އުރީދޫ ސާފް ޗެމްޕިއަންޝިޕުގައި މާދަމާ ރޭ ބަންގްލަދޭޝްއާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗަށް އިއްޔެ ޓިކެޓް ވިއްކަންފެށިއިރު، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ޓިކެޓްތައް ވިކި ހުސްވުމާ އެކު ކަޅު ބާޒާރުގައި ޓިކެޓެއްގެ އަގު 2،000ރ. އަށް ވެސް އަރައިފި އެވެ.

އެފްއޭއެމުން ބުނީ ދިވެހި ސަޕޯޓަރުން ގަނެފައި ހުރި ޓިކެޓްތައް ކަޅު ބާޒާރުގައި މިހާރު ވެސް 1،500ރ. އާއި 2،000ރ. އާ ދެމެދުގެ އަގަކަށް ބަންގްލަދޭޝް ރައްޔިތުންނަށް ވިއްކަމުންދާކަމުގެ ޝަކުވާ އެ އެސޯސިއޭޝަނަށް ލިބިފައިވާ ކަމަށެވެ. އެހެން ނަމަވެސް މިއީ އެ އެސޯސިއޭޝަނުން ގަބޫލުކުރާ އަދި ހިތްވަރުދޭ ކަމެއް ނޫން ކަން އެފްއޭއެމުން ފާހަގަ ކުރެ އެވެ.

އަވޭ ސަޕޯޓަރުންނަށް (ބަންގްލަދޭޝްގެ) ވިއްކީ 200 ޓިކެޓެވެ.

ބަންގްލަދޭޝް ސަޕޯޓަރުންނަށް ޓިކެޓްގެ އަދަދު މަދުވުމުން، ޓިކެޓް ގަންނަން ކިޔޫ ހަދާފައި ތިބި ސަޕޯޓަރުން ވަނީ އެފްއޭއެމާމެދު ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ. އަދި ސަލާމަތީ ބާރުތަކުން ވެސް އެތަނުގައި ހަރަކާތްތެރި ވާން ޖެހުނުއިރު، އެފްއޭއެމުން ވަނީ ޓިކެޓް ވިއްކުމުގައި ގެންގުޅޭ އުސޫލު ވަރަށް ސާފުކޮށް މީޑިއާ އަށް ހިއްސާ ކޮށްފަ އެވެ.

އެފްއޭއެމްގެ ބަޔާނުގައި ބުނެފައި ވަނީ، ޓިކެޓް ވިއްކުމުގައި ގެންގުޅޭ ގަވައިދަކީ ސާކްގެ ހުރިހާ ގައުމަކުން މަޝްވަރާ ކުރުމަށް ފަހު އެއްބަސްވެފައިވާ ގަވާއިދެއް ކަމަށެވެ. އަދި އެއީ ކުރީ މުބާރާތްތަކުގައި ވެސް އަމަލު ކުރާ އުސޫލު ކަމަށް މި ބަޔާނުގައި ބުނެފައިވެ އެވެ.

ދުނިޔޭގެ ހުރިހާ މުބާރާތެއްގައި ވެސް އަވޭ ޓީމުގެ ސަޕޯޓަރުންނަށް ޖާގަ ކަނޑައަޅަނީ މުބާރާތް ބާއްވާ އެސޯސިއޭޝަނަކުންނެވެ. ސާފް ޗެމްޕިއަންޝިޕް ނަމަ ސާފުންނެވެ. އެފްއޭއެމުން ބުނީ ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް މުބާރާތް ހޯސްޓުކުރާ ގައުމުގެ ސަޕޯޓަރުން ދަނޑަށް ވަނުމުގައި އަބަދުވެސް ތަނަވަސް ފުރުސަތެއް އޮންނަ ކަމާއި، އަވޭ ޓީމަށް ވިއްކަނީ އެ މުބާރާތެއްގެ ގަވާއިދުގައިވާ ގޮތުގެ މަތިން ކަނޑައަޅާފައިވާ އަދަދެއްގެ ޓިކެޓް ކަމަށެވެ.

މީގެ އިތުރުން އެފްއޭއެމުން ބުނީ ދިވެހިން ގަންނަ ޓިކެޓްގައި ބަންގްލަދޭޝް ސަޕޯޓަރުންނަށް ދަނޑަށް ނުވަދެވޭނެ ކަމަށާއި ބަންގްލަދޭޝްގެ ސަޕޯޓަރުން ގަންނަ ޓިކެޓްގައި ދިވެއްސަކަށް ދަނޑަށް ނުވަދެވޭނެ ކަމަށެވެ. އެފްއޭއެމުން އެގޮތަށް ކަނޑައެޅީ ބްލެކް މާކެޓްގައި ޓިކެޓް ވިއްކުން ހުއްޓުވުމަށާއި މުބާރާތުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ކޮންމެ ބަޔަކަށް ވެސް ދަނޑުގައި ކުޅިބަލަން ހާއްސަ ޖާގަތަކެއް ކަނޑައަޅާފައިވާއިރު ދެ ޓީމުގެ ސަޕޯޓަރުން އެއްވެ ތިބެގެން ކުޅިބަލަން ޖެހިއްޖެނަމަ ދިމާވެދާނެ ސަލާމަތީ ސަބަބުތައް ކުރީބައިގައި ހުއްޓުވުމަށެވެ.