Roadha Mihaaru
ރާއްޖެ ހުއްޓިފައި، ސާފްގެ އަނެއް ހަ ގައުމަށް ފޯރިގަދަ

ރާއްޖޭގެ ފުޓްބޯޅަ ހުއްޓިފައި، ދެކުނު އޭޝިއާގެ އަނެއް ހަ ގައުމަށް ފޯރިގަދަ ވަގުތެއް

25 މާޗް 2024

ދެކުނު އޭޝިއާގެ ފުޓްބޯޅައިގައި، ރާއްޖެ ފިޔަވައި އަނެއް ހަ ގައުމަށް ފޯރިގަދަ ވަގުތެކެވެ. ކްރިކެޓްގައި އެންމެ ބޮޑު ވާދަވެރިކަމެއް އޮތް ސަރަހައްދުގައި ވެސް، ފީފާގެ އިންޓަނޭޝަނަލް ބްރޭކްގެ ބޭނުން ހިފޭތޯ ރާއްޖެ ފިޔަވައި އަނެއް ހަ ގައުމުން އެބަ ހަރަކާތްތެރި ވެއެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ދެކުނު އޭޝިއާގެ ފުޓްބޯޅައިގައި، ރާއްޖެ ފިޔަވައި އަނެއް ހަ ގައުމަށް ފޯރިގަދަ ވަގުތެކެވެ. ކްރިކެޓްގައި އެންމެ ބޮޑު ވާދަވެރިކަމެއް އޮތް ސަރަހައްދުގައި ވެސް، ފީފާގެ އިންޓަނޭޝަނަލް ބްރޭކްގެ ބޭނުން ހިފޭތޯ ރާއްޖެ ފިޔަވައި އަނެއް ހަ ގައުމުން އެބަ ހަރަކާތްތެރި ވެއެވެ.

ވޯލްޑް ކަޕް ކޮލިފިކޭޝަންގެ ދެވަނަ ބުރުގެ މެޗުތަކަށް އިންޑިއާ، ބަންގްލަދޭޝް، ނޭޕާލް އަދި ޕާކިސްތާނު ގައުމީ ޓީމުން ތިބީ ކޭމްޕްކޮށްގެންނެވެ. އެ ބުރުން ފުރުސަތު ނުލިބުނަސް ސްރީ ލަންކާ އާއި ބޫޓާނުގެ ގައުމީ ޓީމު ތިބީ މުބާރާތަކަށް ހުސްވެގެންނެވެ. ސްރީ ލަންކާގައި މިހާރު ކުރިއަށްދާ ފީފާ ސީރީޒް މުބާރާތުގައި ބޫޓާން ވެސް ވާދަ ކުރެ އެވެ.

އެކަމަކު ރާއްޖޭގެ ފުޓްބޯޅައިގެ ހަމަ އެއްވެސް ހަރަކާތެއް ނެތެވެ. އެފްއޭ އޮތީ ބޮޑު މައްސަލަގަނޑެއްގެ ތެރެއަށް ވެއްޓިފަ އެވެ. ގައުމީ ޓީމުގެ ހަރަކާތެއް ނެތް އިރު، ކްލަބް ފުޓްބޯޅަ ވެސް އޮތީ ހުއްޓި ހިމޭންވެފަ އެވެ.

ސްރީ ލަންކާގައި މިހާރު ކުރިއަށްދާ ފީފާ ސީރީޒް މުބާރާތުގެ ތެރެއިން: އެ މުބާރާތުގައި ބޫޓާން ވެސް ވާދަ ކުރޭ

އާ ސީޒަން ފަށާނެ ތާރީހެއް ނޭނގެ އެވެ. އެކަންކަމާ ކަންބޮޑުވެގެން، ކްލަބެއްގެ ސީނިއާ އޮފިޝަލަކު ސްޕޯޓްސް މިނިސްޓްރު އަބްދުﷲ ރާފިއުއާ ބައްދަލުކުރަން ވެސް ދިޔަ އެވެ.

އެހެން ކްލަބެއްގެ އޮފިޝަލަކު ބުނީ ޖޫން މަހުގެ ކުރިން ވެސް ސީޒަން ފެށޭނެ ކަމަށް ނުބެލެވޭ ކަމަށެވެ. އަންނަ ސީޒަންގެ ލީގުގައި 10 ޓީމު ވާދަކުރާ ގޮތަށް އެފްއޭއެމުން ހަމަޖެއްސިޔަސް، ޓީމުތަކުން ޕްރެކްޓިސް ކުރާނެ އެކަށީގެންވާ ވަސީލަތެއް ވެސް ނެތެވެ.

ކުޅިވަރު އެކުވެނީގައި އެފްއޭއެމުން ބަލަހައްޓާ، ދެ ދަނޑުގެ ހާލަތު ގޯހެވެ. ވިނަގަނޑު އޮތީ ވަރަށް ބޮޑަށް ވީރާނާ ވެފަ އެވެ. އެ ދެ ދަނޑުގެ ލައިޓިން ސިސްޓަމް ހައްލު ކުރަން ބަޔަކާ ހަވާލުކުރަން މަސައްކަތް ކުރާ ކަމަށް 2019 ގައި އެފްއޭއެމުން ބުންޏެވެ. ފަސް އަހަރުވީ އިރު ވެސް މައްސަލަ އަށް ހައްލެއް ހޯދައެއް ނުދެ އެވެ.

މިހާރު ކުރިއަށްދާ އިންޓަނޭޝަނަލް ބްރޭކްގައި އިންޑިއާ އާއި އެފްޣާނިސްތާނު ކުޅުނު ވޯލްޑް ކަޕް ކޮލިފައިންގެ މެޗުގެ ތެރެއިން

މިހާރު ކުރިއަށްދާ އިންޓަނޭޝަނަލް ބްރޭކްގައި އިންޑިއާ އާއި އެފްޣާނިސްތާނު ކުޅުނު ވޯލްޑް ކަޕް ކޮލިފައިންގެ މެޗުގެ ތެރެއިން

އެފްއޭއެމްގެ ވެރިންނަށް ތުހުމަތުކޮށް ބައެއް މީހުން ބުނާ ގޮތުގައި ރާއްޖޭގެ ފުޓްބޯޅަ މިހާ ދަށް ހާލަތަކަށް ވެއްޓުނު އެންމެ ބޮޑު ސަބަބަކީ އެފްއޭއެމްގެ ފައިސާ އަށް ވެރިން ހިޔާނާތްތެރިވުމެވެ.

"މިވަރުގެ ގެއްލުމެއް ދެން އިތުރަކަށް ފުޓްބޯޅަ އަކަށް ނުދެވޭނެ. ފުޓްބޯޅައިގެ ޖީލަކަށް މީގެ އަސަރު ކުރާނެ،" ކްލަބެއްގެ ކޯޗަކު ބުންޏެވެ.

ޔޫތު ފުޓްބޯޅައިގައި މަސައްކަތް ކުރާ ކޯޗަކު ބުނީ 16 އަހަރުންދަށުގެ ކުޅުންތެރިންގެ ތެރޭގައި ރާއްޖޭގެ ކުރިމަގުގެ ރަން ޖީލު އެބައޮތް ކަމަށެވެ.

"އެކަމަކު ކީއް ކުރާނީ މިތާންގަ ހާލަތު އޮތް ގޮތުން އެ ކުދިންގެ ޕޭރެންޓުން ވެސް ތިބީ މާޔޫސްވެފަ،" ޔޫތު ފުޓްބޯޅައިގެ ތަޖުރިބާކާރަކު ބުންޏެވެ

ލަންކާގައި ކުރިއަށްދާ ފީފާ ސީރީޒްގައި ބޫޓާން ޓީމުގެ ކުޅުންތެރިން ޕްރެކްޓިހަށް ނުކުންނަނީ

ލަންކާގައި ކުރިއަށްދާ ފީފާ ސީރީޒްގައި ބޫޓާން ޓީމުގެ ކުޅުންތެރިން ޕްރެކްޓިހަށް ނުކުންނަނީ

ފީފައިން ދޭ ފައިސާ އަށް އެފްއޭއެމްގެ ވެރިން ހިޔާނާތްތެރިވާ ކަމަށް ތުހުމަތު ކުރެވިފައިވާ އިރު ޑިވެލޮޕްމެންޓް ފަންޑް އެފްއޭއެމަށް ނުދީ ފީފާއިން ވަނީ ހިފަހައްޓައިފަ އެވެ.

އެފްއޭއެމްގެ މުސާރަތައް ދިނުމަށް 381،000 ޑޮލަރު ދިނުމަށް ފީފާއިން ވަނީ ނިންމައިފަ އެވެ. އޭގެ ތެރެއިން 200،000 ޑޮލަރު މިހާރު ވަނީ އެފްއޭއެމަށް ޖަމާކޮށްފަ އެވެ. އެ ފައިސާއިން މުވައްޒަފުންނަށް މުސާރަ ދީ ބެކްލޮގް ވަނީ ކުޑަކޮށްފަ އެވެ.

"އެފްއޭ ޕެރަލައިޒް ވިޔަ ނުދޭން، ފައިސާކޮޅު ވެސް އެ ދެނީ،" އެފްއޭއެމްގެ އިސް މަގާމެއް ކުރިން އަދާކުރެއްވި ބޭފުޅަކު ވިދާޅުވި އެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި ޕާކިސްތާނާއި އުރުދުން މިދިޔަ ހަފުތާގައި ކުޅުނު މެޗުގެ ތެރެއިން

ވޯލްޑް ކަޕް ކޮލިފައިންގައި ޕާކިސްތާނާއި އުރުދުން މިދިޔަ ހަފުތާގައި ކުޅުނު މެޗުގެ ތެރެއިން

ހަރަކާތް ހުއްޓިފައި ވުމުން، މިއަހަރު ދެން ގައުމީ ޓީމުން މެޗެއް ކުޅޭނެ މެންޒަރު ވެސް ނުފެންނަ ކަމަށް ކުރިން ވާހަކަ ދެއްކި، ކްލަބްގެ ކޯޗު ބުންޏެވެ. މި ހާލަތަށް ފުޓްބޯޅަ ވެއްޓިގެން ދިއުމުގެ ގެއްލުން ގައުމީ ޓީމަށާއި އޭއެފްސީ މުބާރާތުގައި ވާދަ ކުރާ ކްލަބަށް ވެސް ކުރާނެ އެވެ.

އެފްއޭއެމްގެ ރައީސް ކަމަށް ވާދަކުރައްވާ އަހްމަދު ތޯރިގް ވިދާޅުވެފައި ވަނީ، މިހާރު އޮތް ހާލަތުން ފުޓްބޯޅަ އަލުން ކޮޅަށް ނެގުމުގެ ގޮތުން ނޯމަލައިޒޭޝަން ހާލަތަށް އެފްއޭއެމް ގެންދަން ޖެހޭ ކަމަށެވެ.

"ފެންނަފެނުމުގައި އެފްއޭއެމް ނޯމަލައިޒްކޮށްގެން ނޫން ގޮތަކަށް ވިގަނިއަރާފައިވާ ކަންކަން ހަމައަކަށް ނޭޅޭނެ،" ސޯޝަލް މީޑިއާގައ ތޯރިގް ވިދާޅުވި އެވެ.