Roadha Mihaaru

ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް މުބާރާތް އަންނަ އަހަރު

ރާއްޖޭގެ ފުޓްބޯޅައިގެ އަލިމަސްޔޫބީލު (75 އަހަރު ފުރުން) ފާހަގަ ކުރަން ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް މުބާރާތް އަންނަ އަހަރު ބާއްވާން އެފްއޭއެމުން ތާވަލުކޮށްފި އެވެ.

ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް މުބާރާތް އަންނަ އަހަރު
ހުސެއިން ހަބީބް
ހުސެއިން ހަބީބް

07 އޯގަސްޓް 2025

ރާއްޖޭގެ ފުޓްބޯޅައިގެ އަލިމަސްޔޫބީލު (75 އަހަރު ފުރުން) ފާހަގަ ކުރަން ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް މުބާރާތް އަންނަ އަހަރު ބާއްވާން އެފްއޭއެމުން ތާވަލުކޮށްފި އެވެ.

ބޭރުގެ ގައުމުތަކުގެ ގައުމީ ޓީމުތަކަށް ދައުވަތު ދީގެން ބާއްވާ މުބާރާތް، ތާވަލުކޮށްފައި ވަނީ އަންނަ އަހަރު ޖޫން އަށެވެ.

އެކަމަކު އެފްއޭއެމްގެ ރައީސް އަހްމަދު ތޯރިގް (ޓޮމް) ވިދާޅުވީ ވިސްނުމަކީ އަންނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ކުރިން މުބާރާތް ބޭއްވުމަށެވެ.

"އައިޑީއާ އަކީ ސާފް ޗެމްޕިއަންޝިޕްގެ ކުރިން މުބާރާތް ބޭއްވުން. ސާފް ޗެމްޕިއަންޝިޕަށް ދާއިރު އޭގެ [ޑައިމަންޑް ޖުބިލީ މުބާރާތުގެ] ފައިދާ ގައުމީ ޓީމަށް ވެސް ކުރާ ގޮތަށް ކުރިއަށް ގެންދަން ބޭނުންވަނީ،" ތޯރިގް ވިދާޅުވި އެވެ.

"އެކަމަކު ސާފް ޗެމްޕިންޝިޕްގެ ތާރީހު އަދިވެސް ފައިނަލު ނުކުރެވޭތީވެ ޑައިމަންޑް ޖުބިލީ މުބާރާތުގެ ސީދާ ތާރީހު އަޅުގަނޑުމެން ނުޖަހާ ޝެޑިއުލު މި އާންމު ކުރީ."

ފުޓްބޯޅައިގެ އަލިމަސް ޔޫބީލު ފާހަގަ ކުރަން ހަރަކާތްތައް ހިންގަން އެފްއޭއެމުން ވަނީ ކޮމިޓީއެއް ވެސް އެކުލަވާލައިފަ އެވެ. ކުރީގެ ގައުމީ ކޯޗު އަލީ ސުޒޭން ޗެއާޕާސަނެއްގެ ގޮތުގައި އައްޔަންކޮށްފައިވާ، އެ ކޮމިޓީގައި ދެން ތިއްބަވަނީ ނިއު ރޭޑިއަންޓްގެ ޗެއާމަން އަހްމަދު މުބީނާއި ވެލެންސިއާގެ ޗެއާމަން އަބްދުﷲ އަޒުމީންގެ އިތުރުން ރައްޔިތުން މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު އަބްދުއް ލަތީފު މުހައްމަދެވެ. މުބީނަކީ ކޮމިޓީގެ ނައިބެވެ.

ތޯރިގް ވިދާޅުވީ ކޮމިޓީގެ ދައުރުގެ މުއްދަތަކީ އެއް އަހަރު ކަމަށެވެ.

"މި އަހަރުގެ އޯގަސްޓު މަހުން ފެށިގެން އަންނަ އަހަރު އޯގަސްޓް އެކަކަށް ކޮމިޓީގެ ޓާމް ލިމިޓަކީ. އެހެންވީމަ އޭގެ ކުރިން ޑައިމަންޑް ޖުބިލީ މުބާރާތް ވެސް ބާއްވައި ނިމޭނެ،" ތޯރިގް ވިދާޅުވި އެވެ.

ރާއްޖޭގެ ފުޓްބޯޅައިގެ ރަން ޔޫބީލު (50 އަހަރު ފުރުން) ފާހަގަ ކުރަން 2000 ވަނަ އަހަރު ވަނީ ގޯލްޑަން ޖުބިލީ ނަމުގައި ފުޓްބޯޅަ މުބާރާތެއް ބާއްވާފަ އެވެ. އެ މުބާރާތުގެ ފައިނަލުގައި ރާއްޖެ ލަންކާ އަތުން ބަލިވީ ޕެނަލްޓީ ޖަހައިގެންނެވެ. އެފްއޭއެމްގެ މިހާރުގެ އެކްސްކޯ މެންބަރު އިމްރާން މުހައްމަދު، ގައުމީ ކީޕަރުގެ އަންގި ލައްވައިގެން ކުޅުނު ފުރަތަމަ މުބާރަތަކީ ގޯލްޑަން ޖުބިލީ ފުޓްބޯޅަ މުބާރާތެވެ.

ރާއްޖޭގެ ފުޓްބޯޅަ އަށް 50 އަހަރު ފުރުން ފާހަގަ ކުރަން 2000 ވަނަ އަހަރު ބޭއްވި ގޯލްޑަން ޖުބިލީ ފުޓްބޯޅަ މުބާރާތުގެ ތެރެއިން އޭރުގެ ގައުމީ ކެޕްޓަން މުހައްމަދު އިބްރާހިމް (ކައްޕި) އާއި ކުރީގެ ގައުމީ ކީޕަރު އިމްރާން މުހައްމަދު: ފުޓްބޯޅައިގެ 75 އަހަރު ފާހަގަ ކުރަން މުބާރާތެއް އަންނަ އަހަރު ބާއްވަން ވަނީ ހަމަޖައްސާފަ

ރާއްޖޭގެ ފުޓްބޯޅަ އަށް 50 އަހަރު ފުރުން ފާހަގަ ކުރަން 2000 ވަނަ އަހަރު ބޭއްވި ގޯލްޑަން ޖުބިލީ ފުޓްބޯޅަ މުބާރާތުގެ ތެރެއިން އޭރުގެ ގައުމީ ކެޕްޓަން މުހައްމަދު އިބްރާހިމް (ކައްޕި) އާއި ކުރީގެ ގައުމީ ކީޕަރު އިމްރާން މުހައްމަދު: ފުޓްބޯޅައިގެ 75 އަހަރު ފާހަގަ ކުރަން މުބާރާތެއް އަންނަ އަހަރު ބާއްވަން ވަނީ ހަމަޖައްސާފަ

ދިވެހި ފުޓްބޯޅަ އަށް 75 އަހަރު ފުރެނީ މި އަހަރު އެވެ. އެ މުނާސަބަތު ގުޅުވަނީ ފުޓްބޯޅަ މުބާރާތް ހިންގަން ވަކި އިދާރާ އެއް އުފެއްދި އަހަރާ ގުޅުވަ އެވެ. އެއީ 1950 އެެވެ.

ދިވެހިން އިސްނަގައިގެން ރާއްޖޭގައި ރަސްމީ ފުޓްބޯޅަ މުބާރާތެއް އެންމެ ފުރަތަމަ ބޭއްވީ 1948 ގަ އެވެ. ގައުމީ ފުޓްބޯޅަ މުބާރާތުގެ ނަމުގައި 1948 ގައި ބޭއްވި އެ މުބާރާތުގެ ޗެމްޕިއަންކަން ދެ ޓީމަކުން ހޯދި އެވެ.

ފުޓްބޯޅަ މުބާރާތްތަކާއި އެހެން ކުޅިވަރުތަކުގެ މުބާރާތްތައް ވެސް ރާވައި ހިންގަން ރަސްމީ ވަކި އޮފީހެއް އެންމެ ފުރަތަމަ އުފެއްދީ 1950 ގަ އެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް ގައުމީ ފުޓްބޯޅަ ޓީމެއް އެކުލަވާލީ 1979 ގަ އެވެ. އެ އަހަރު ރީޔޫނިއަންގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ފުޓްބޯޅަ އިވެންޓްގައި ރާއްޖޭން ވާދަ ކުރި އެވެ. ގައުމީ ޓީމުގެ ފުރަތަމަ ކެޕްޓަނަކީ ކުޅިވަރުގެ ހިދުމަތްތެރިޔާ އިބްރާހިމް އިސްމާއީލެވެ. ގައުމީ ޖޯޒީގައި އެންމެ ފުރަތަމަ ގޯލެއް ޖެހި ކުޅުންތެރިޔަކީ މްރްހޫމް އަބްދުﷲ ރަޝީދު (ޖޫލޭ) އެވެ. އޭނާ ފުރަތަމަ ލަނޑު ޖެހީ އެ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގަ އެވެ.

ފުޓްބޯޅަ އަށް ވަކި އިދާރާއެއް އެފްއޭއެމްގެ ނަމުގައި އުފެއްދީ 1982 ގަ އެވެ. ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާގެ މެންބަރުކަން ރާއްޖެ އަށް ލިބުނީ އޭގެ ދެ އަހަރު ފަހުން، 1984 ގަ އެވެ. ރާއްޖޭގައި ބޭއްވި ފުރަތަމަ އިންޓަނޭޝަނަލް ފުޓްބޯޅަ މުބާރާތަކީ ދިވެހި ފުޓްބޯޅައިގެ ރަން ޔޫބީލް (50 އަހަރު) ފާހަގަ ކުރަން ބޭއްވި ގޯލްޑަން ޖުބިލީ ފުޓްބޯޅަ މުބާރާތެވެ.

ބޭރުގެ ކްލަބްތަކަށް ދައުވަތު ދީގެން ރާއްޖޭގައި ފުރަތަމަ މުބާރާތަކީ 1987 ގައި ބާއްވަން ފެށި ޕޮމިސް ކަޕެވެ. ރާއްޖޭން ފުރަތަމަ ތައްޓެއް ހޯދީ 2008 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕްގަ އެވެ. ލަންކާގެ ކޮލަމްބޯގައި ކުޅުނު ފައިނަލު މެޗު ރާއްޖޭން ކާމިޔާބު ކުރީ އިންޑިއާ ބަލިކޮށްގެންނެވެ. ރާއްޖޭގައި އަންހެން ގައުމީ ފުޓްބޯޅަ ޓީމެއް އެކުލަވާލީ 2003 ގަ އެވެ. ގައުމީ ފުޓްސަލް ޓީމެއް ރާއްޖޭގައި އެންމެ ފުރަތަމަ އެކުލަވާލީ 2004 ގަ އެވެ.