Roadha Mihaaru

މިދިޔަ 46 އަހަރުތެރޭ ގައުމީ ޓީމަށް ކުޅުނު ކޮންމެ ކުޅުންތެރިޔެއްގެ އަގުވަޒަން ކުރާނަން: ސުޒޭން

މިދިޔަ 46 އަހަރުތެރޭ ގައުމީ ފުޓްބޯޅަ ޓީމަށް ކުޅުނު ހުރިހާ ކުޅުންތެރިންގެ ހިދުމަތް ވަކިވަކިން އަގުވަޒަން ކުރާނެ ކަމަށް ޑައިމަންޑް ޖުބިލީ ކޮމިޓީގެ ޗެއާޕަސަން އަލީ ސުޒޭން ބުނެފި އެވެ.

ގައުމީ ޓީމުގެ ހުރިހާ ކުޅުންތެރިންގެ އަގުވަޒަން ކުރަނީ
ހުސެއިން ހަބީބް
ހުސެއިން ހަބީބް

20 އޯގަސްޓް 2025

މިދިޔަ 46 އަހަރުތެރޭ ގައުމީ ފުޓްބޯޅަ ޓީމަށް ކުޅުނު ހުރިހާ ކުޅުންތެރިންގެ ހިދުމަތް ވަކިވަކިން އަގުވަޒަން ކުރާނެ ކަމަށް ޑައިމަންޑް ޖުބިލީ ކޮމިޓީގެ ޗެއާޕަސަން އަލީ ސުޒޭން ބުނެފި އެވެ.

މިދިޔަ 46 އަހަރުތެރޭ ގައުމީ ޓީމަށް ކުޅުނު ކުޅުންތެރިންގެ ތެރޭގައި އާންމުކޮށް ނޭނގޭ ކުޅުންތެރިޔަކު ވެސް ހުރެދާނެ ކަމަށާއި ނަމަވެސް އެ ހުރިހާ ކުޅުންތެރިން ދެނެގަނެ އެކަން ފާހަގަ ކުރާނެ ކަމަށެވެ.

ފުޓްބޯޅައިގެ އަލިމަސް ޔޫބީލު (75 އަހަރު ފުރުން) ފާހަގަ ކުރުމަށް އެފްއޭއެމުން މަސްއޫލިއްޔަތު ހަވާލު ކުރީ ސުޒޭނާއި ނިރު ރޭޑިއަންޓްގެ ޗެއާމަން، އަހްމަދު މުބީނާއި ވެލެންސިއާގެ ޗެއާޕާސަން އަދި މަޝްހޫރު ފުޓްބޯޅަ ކޮމަންޓޭޓަރު އަބްދުﷲ އަޒުމީނާއި ދިއްދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުލް ލަތީފް މުހައްމަދު ހިމެނޭ ކޮމިޓީ އަށެވެ.

ސުޒޭން ބުނީ އަލިމަސް ޔޫބީލު ފާހަގަ ކުރަން 75 ކަމެއް ކުރާނެ ކަމަށެވެ.

އޭގެ ތެރެއިން އެއް ކަމަކީ ގައުމީ ޓީމަށް ކުޅުނު ކުޅުންތެރިން ދެނެގަނެ، އެ ކުޅުންތެރިން އަގުވަންޒަން ކުރުމެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ގައުމީ ޓީމެއް އެކުލަވާލީ 1979 ގަ އެވެ. އެ ޓީމުން ވާދަކުރި ފުރަތަމަ މުބާރާތަކީ އެ އަހަރު ރީޔޫނިއަންގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ފުޓްބޯޅަ މުބާރާތުގަ އެވެ.

ސުޒޭން ބުނީ އެންމެ ފުރަތަމަ އެކުލަވާލި ޓީމުން ފެށިގެން، މިއަދާ ހަމައަށް ގައުމީ ޓީމަށް ކުޅުނު ކޮންމެ ކުޅުންތެރިޔެއްގެ އަގުވަޒަން ކުރާނެ ކަމަށެވެ.

"ގައުމީ ޓީމުގައި ހިމެނިފައި ހުރި ކޮންމެ މިހާކަށް މި 75 އަހަރު ހަނދާން [ހަނދާނީ ފިލާ] އެފްއޭއެމުން ދޭނެ،" ގައުމީ ޓީމުގެ ހެޑް ކޯޗުކަން އެންމެ ފަހުން އަދާކުރި ސުޒޭން ބުންޏެވެ.

"އެއީ ޔަގީން ކަމެއް. ގައުމީ ޓީމަށް ކުޅެފަ ހުރި ކުޅުންތެރިޔަކު ނުހުންނާނެ ބާކީ ކުރެވިފަކައެއް މިކަން (75 އަހަރު ފުރުން) ފާހަގަކޮށް ނިމޭއިރަކުއެއް."

ސުޒޭން ބުނީ ގައުމީ ޓީމުގައި މިހާތަނަށް ކެޕްޓަންކަން ކުރި ހުރިހާ ކެޕްޓަނުންގެ ހިދުމަތް ވެސް އެފްއޭއެމުން އަގުވަޒަން ކުރާނެ ކަމަށެވެ. އެފްއޭއެމްގެ އެކްސްކޯއިން ޑައިމަންޑް ޖުބިލީ ކޮމިޓީ އަށް ދިން ދައުރުގެ މުއްދަތަކީ އެއް އަހަރެވެ. އެ މުއްދަތު އަންނަ އަހަރު އޯގަސްޓްގެ ނިޔަލަށް ހަމާވެނެ އެވެ.

އޭނާ ބުނީ ބަޖެޓް ހަމަޖެހޭ ވަރަކުން މާލެ އާއި ރަށްރަށުގައި ވެސް އަލިމަސް ޔޫބީލުގެ ހަރަކާތްތައް ކުރިއަށްގެންދަން މަސައްކަތް ކުރާނެ ކަމަށެވެ.