ދަށް ނަތީޖާތަކެއް ކުރިމަތިވުމުން. މަފާށް އެދެމުން ކޯޗު އަލީ ސުޒޭން ގައުމީ ޓީމަށް އަލްވަދާއު ކިޔައިފި އެވެ.
10 ޖޫން 2025
ދަށް ނަތީޖާތަކެއް ކުރިމަތިވުމުން. މަފާށް އެދެމުން ކޯޗު އަލީ ސުޒޭން ގައުމީ ޓީމަށް އަލްވަދާއު ކިޔައިފި އެވެ.
އިންޑިއާގައި 2023 ގައި ބޭއްވި ސާފް ޗެމްޕިއަންޝިޕަށް ފަހު އޭރުގެ ހެޑް ކޯޗު އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯގެ ކޮންޓްރެކްޓް ހަމަވުމުން އޭނާ ދޫކޮށްލުމަށް ފަހު ގައުމީ ކޯޗަކަށް އެފްއޭއެމުން ހަމަޖެއްސީ މޮރިއޭރޯގެ އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތް ކުރި ސުޒޭނެވެ.
އޭގެ ކުރިން ވެސް 2021 ގައި ރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ގައުމީ ޓީމުގެ ހެޑް ކޯޗުކަން ސުޒޭން އަދާކުރި އެވެ.
އެފްއޭއެމް އާއި ފުޓްބޯޅައިގެ އެހެން މައްސަލަތަކަށް ވެސް ވަރަށް ފުޅާދާއިރާއެއްގައި ކުރިން ފާޑުކިޔަމުން ދިޔަ ސުޒޭން ގައުމީ ޓީމުގެ ކޯޗިން އޮފިޝަލެއްގެ ގޮތުގައި އެފްއޭއެމްއާ ގުޅުނީ ފެބްރުއަރީ 2020 ގަ އެވެ. ގައުމީ ޓީމުގެ މަގާމާ ހަވާލުވުމަށް ފަހު ފުޓްބޯޅައިގެ މައްސަލަތަކަށް ފާޑުކިޔުން ސުޒޭން ހުއްޓާލި އެވެ.
އޭރުގެ ހެޑް ކޯޗު ނެދަލެންޑްސްގެ މާޓީން ކޫޕްމަންގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ގައުމީ ޓީމާ ގުޅުނު، ސުޒޭން މިއަދުގެ ނިޔަލަށް ހުރީ ގައުމީ ޓީމުގެ އެކި މަގާމުތަކުގަ އެވެ.
ބައެއް ފަހަރު އިންޓަރިމް ކޯޗެއްގެ ގޮތުގަ އެވެ. ކޫޕްމަންގެ ކޮންޓްރެކްޓް އެފްއޭއެމުން އުވާލުމުން ވެސް އަދި މޮރިއޭރޯގެ ކޮންޓްރެކްޓް ހަމަވުމުން ވެސް ވަގުތީ ކޯޗެއްގެ ގޮތުގައި ޓީމުގެ ހެޑް ކޯޗުގެ މަގާމު އެފްއޭއެމުން ދިނީ ސުޒޭނަށެވެ.
ސައުދީ އަރަބިއާގައި 2027 ގައި ބާއްވާ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ މިހާތަނަށް ކުޅުނު ދެ މެޗުގައި ވެސް ކޯޗުކަން ހަވާލު ކުރީ ސުޒޭނާ އެވެ.
އެ ދެ މެޗަށް ވެސް އޭނާ އާ އެކު އެއްބަސްވީ ވަކިވަކިންނެވެ. ފުރަތަމަ ފިލިޕީންސާ ދެކޮޅަށް ކުޅުނު މެޗަށް ވަކި އެއްބަސްވުމެވެ. އޭގެ ފަހުން ކޯޗަކު ހޯދަން އެފްއޭއެމުން އިއުލާން ކުރި އެވެ. އެ އިއުލާނަށް ސުޒޭންގެ އިތުރުން މުހައްމަދު ޝިޔާޒު (މޯހަން) އާއި މުހައްމަދު ނިޒާމް (ނިޒާންބެ) ވެސް ކުރިމަތިލިކަން "މިހާރު" އަށް ވަނީ އެނގިފަ އެވެ.
އޭރު ސާފް ޗެމްޕިއަންޝިޕް ވެސް މި މަހު ބާއްވަން އިއުލާން ކޮށްފައި އޮތުމުން އެފްއޭމުން ކޯޗަކު ހޯދަން އިއުލާން ކުރީ އެ މުބާރާތަށް ވެސް ހާއްސަކޮށްގެންނެވެ.
އެކަމަކު ލަންކާގައި ބާއްވަން ހަމަޖެއްސި އެ މުބާރާތް ފަސް ކުރުމުން، އެފްއޭއެމުން ވެސް ވިސްނުން ބަދަލުކޮށް އިއުލާނާ އެއްގޮތަށް ކޯޗަކު ނުނަގަން ނިންމި އެވެ. އަދި އެފްއޭއުމުން ނިންމީ އޭރު ވެސް އޮތް ކޯޗިން ޓީމާ އެކު ޓީމޯ ލެސްޓޭ މެޗުގެ ނިޔަލަށް ކުރިއަށް ދިއުމަށެވެ. އެ ކޯޗިން ޓީމުގެ ހެޑް ކޯޗަކީ ސުޒޭނެވެ.
މިއަދުގެ މެޗާ އެކު ސުޒޭންގެ ދައުރު ވަނީ ހަމަވެފަ އެވެ. ރާއްޖޭގެ ފުޓްބޯޅައިގައި މިހާތަނަށް ކުރިމަތިވި އެންމެ އުނދަގޫ ދަނޑިވަޅުގައި ގައުމީ ޓީމު ލީޑް ކުރި ސުޒޭން ވަނީ ދެން ގައުމީ ޓީމުގައި މަސައްކަތް ނުކުރާނެ ކަމުގެ އިޝާރާތެއް ދީފަ އެވެ.
"އަޅުގަނޑު މި ޓީމާ އެކު ކުރި މަސައްކަތް މިހާހިސާބުން މި ނިމުނީ އެވެ،" ޓިމޯ ލެސްޓޭގެ މެޗަށް ފަހު ގިނަ އިރުތަކެއް ނުވެ ސޯޝަލް މީޑިއާގައި ސުޒޭން ކުރި ޕޯސްޓްގައި ބުންޏެވެ.
ފީފާގެ ސްޓޭންޑަޑަށް ފެތޭ އެންމެ ދަނޑެއް ވެސް ނެތް ޓިމޯ ލެސްޓޭއިން މިއަދު އޮސްޓްރޭލިއާގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކުރީ 1-0 ންނެވެ.
ސުޒޭން ބުނީ މެޗުގެ ނަތީޖާ އަކީ "ވަރަށް ދަށް ނަތީޖާއެއް" ކަމަށް ގަބޫލު ކުރާ ކަމަށެވެ. އަދި އެކަމަށްޓަކައި ދިވެހި ފުޓްބޯޅަ އާއިލާގެ ކިބައިން އޭނާ ވަނީ މާފަށް އެދިފަ އެވެ.
ގައުމީ ޓީމަށް ވެސް އެންމެ އުނދަގޫ ދުވަސްވަރު ޓީމު ލީޑް ކުރުމުގައި އޭނާ އަށް ބައިވެރިވެވުމަކީ ލިބުނު ޝަރަފަކާއި އުފަލެއް ކަމަށް ސުޒޭން ބުންޏެވެ.
އޭނާ ބުނީ ދެން ގައުމީ ޓީމާ ހަވާލުވާ ކޯޗަކަށް އޭނާގެ އެއްބާރުލުމާއި ހެޔޮ އެދުންތައް އޮންނާނެ ކަމަށެވެ.
"ދިވެހި ފުޓްބޯޅަ އުނދަގޫ ހާލަތެއްގައި އޮތް ދުވަހެއް [ދަނޑިވަޅެއް] ކަމުގައި ވީނަމަވެސް ގައުމީ ޓީމާ އެކު މަސައްކަތް ކުރުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފަކާ އުފަލެކެވެ،" ސުޒޭން ލިޔެފައި ވެއެވެ.
"... ދިވެހި ފުޓްބޯޅަ އާއިލާގެ ފަރާތުން ނިހާޔަތަށް މައާފަށް އެދެމެވެ."
ސުޒޭންގެ ކޯޗުކަމުގެ ދަށުން ރާއްޖޭން 14 މެވު ކުޅުނެވެ. އެއީ 2021 ގެ ސާފް ޗެމްޕިއަންޝިޕް ވެސް ހިމަނައިގެންނެވެ. އޭނާގެ ކޯޗުކަމުގެ ދަށުން ކުޅުނު އެ 14 މެޗުގެ ތެރެއިން ރާއްޖެ އަށް މޮޅު ވެވުނީ ތިން މެޗުންނެވެ. އެއީ އެފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ބަންގްލަދޭޝް އާއި ސްރީ ލަންކާ އަތުން މޮޅުވި ދެ މެޗުގެ އިތރުން މިދިޔަ އަހަރު ފަހުކޮޅު ބަންގްލަދޭޝްގައި އެ ގައުމާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗުގަ އެވެ. ޖުމުލަ ހަތް މެޗުން ބަލިވި އެވެ. އެންމެ ފަހުން ކުޅުނު ފަސް މެޗުން ވެސް ދިވެހި ޓީމު ވީ ބައްޔެވެ.
އުނދަގޫ ވަގުތު ސުޒޭން ކުރި ހިދުމަތަށް ޝުކުރު
ދެން އޮތް ދެ މެޗަށް ގައުމީ ޓީމު ސުޒޭނާ ހަވާލުކުރަނީ
ތިން އަހަރު ކުރިއަށްވުރެ ޓީމުގެ ހާލަތު ރަނގަޅު: ކޯޗު
ފަހު 10 އަކާ ދިމާވާތީ ރާއްޖޭގެ މެޗު ފިލިޕީންސަށް
ހާލަތުގެގޮތުން ކުރީގެމެޗުން ބަލިވެގެން ދެރަނުވޭ: ސުޒޭން
އޭޝިއަން ކަޕް އަތްފޯރާ ފަށަށް، އަތުކުރި އޮޅާލާ!
އައިހަމް އާއި އީނާޒް މުޅިން އަލަށް ގައުމީ ޓީމަށް
ކޮލިފައިން މެޗުގެ ކުރިން ރާއްޖޭން ސިންގަޕޫރާ ދެކޮޅަށް
"ކަންބޮޑުވުމަކީ ގިނަ ވަގުތު ބޯޅަ ކޮންޓްރޯލްނުކުރެވުން"
އިންޑިއާގެ މެޗު ދިވެހިންނަށް ވަރަށް މުހިންމު: ސުޒޭން