28 އޯގަސްޓް 2016
އެނބުރި ރާއްޖެ އާދެވުމުން ވަރަށް އުފާވާ ކަމަށާއި އެކަމަކު އެންމެ އުފާވާނީ ދިވެހި ފުޓްބޯޅަ އަލުން ކުރީގެ މަގާމަށް ދިއުމުން ކަމަށާއި އެކަމަށް އެންމެންގެ އެއްބާރުލުން ބޭނުންވާ ކަމަށް 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖެއަށް ކާމިޔާބުކޮށްދިން ކޯޗު ސްލޮވާކިއާގެ ޖޯސެފް ޔަންކޭޒް ބުނެފި އެވެ.
އެނބުރި ރާއްޖެ އާދެވުމުން ވަރަށް އުފާވާ ކަމަށާއި އެކަމަކު އެންމެ އުފާވާނީ ދިވެހި ފުޓްބޯޅަ އަލުން ކުރީގެ މަގާމަށް ދިއުމުން ކަމަށާއި އެކަމަށް އެންމެންގެ އެއްބާރުލުން ބޭނުންވާ ކަމަށް 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖެއަށް ކާމިޔާބުކޮށްދިން ކޯޗު ސްލޮވާކިއާގެ ޖޯސެފް ޔަންކޭޒް ބުނެފި އެވެ.
އަށް އަހަރަށް ފަހު ޔަންކޭ އެނބުރި ރާއްޖެ މިއައީ ގައުމީ ޓީމުން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިތާ އަށް އަހަރު ފުރުން ފާހަގަކުރުމަށް އޭރުގެ ޓީމާއި މިހާރުގެ ގައުމީ ޓީމު މާދަމާރޭ ކުޅޭ ހާއްސަ މެޗަށެވެ. އޭނާ މިއަދު ރާއްޖެ އައުމުން މަރުހަބާ ކިޔުމަށް އޭރުގެ ޓީމުގެ މުހިއްމު ބައެއް ކުޅުންތެރިން އެއާޕޯޓަށް ދިޔަ އެވެ. އޭގެ ތެރޭގައި އޭރުގެ ފޯވާޑް އަދި އެފްއޭއެމްގެ މިހާރުގެ ރައީސް އަހުމަދު ތޯރިގް (ޓޮމް) އާއި ކެޕްޓަން އައްސަދު އަބްދުލްގަނީ އާއި ގޯލްކީޕަރު އިމްރާން މުހައްމަދު އަދި ފައިނަލުގައި އިންޑިއާ ކޮޅަށް ލަނޑު ޖެހި މުހުތާރު ނަސީރު (ޓޫކިލޯ) ހިމެނެ އެވެ. މީގެ އިތުރުން އޭރުގެ އޮފިޝަލުން ވެސް ދިޔަ އެވެ.
"ވަރަށް އުފާވެއްޖެ އަށް އަހަރަށް ފަހު އެނބުރި އާދެވުމުން. މިތަނުގައި ހާއްސަ ހަނދާންތަކެއްވޭ އަދި އެކުވެރިން އެބަތިބި. އެ އެންމެންނާ ބައްދަލުވެ ވާހަކަދައްކާލަން ފުރުސަތު ލިބުމުން ވަރަށް އުފާވޭ،" ނޫސްވެރިންނާ ވާހަކަދައްކަމުން ޔަންކޭ ބުންޏެވެ.
ޔަންކޭ އަށް އެފްއޭއެމްގެ ރައީސް އަދި ކުރީގެ ފޯވާޑް ޓޮމް މަރުހަބާ ކިޔަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
ޔަންކޭ ބުނީ އޭނާގެ ކޯޗުކަމުގެ ދަށުން 2003 ގެ ސާފް ޗެމްޕިއަންޝިޕުގެ ދެ ވަނަ އަދި 2008 ގެ ޗެމްޕިއަންކަން ލިބުނު ނަމަވެސް ފުޓްބޯޅަ އަބަދު އެއް ފެންވަރެއްގައި ނޯންނާނެ ކަމަށާއި ބައެއް ފަހަރު އަޑިގުޑަންތައް އަންނާނެ ކަމަށެވެ.
"އެފަދަ ވަގުތެއް މިއީ. ފުޓްބޯޅަ ކުރިއަރަން ބޭނުންވޭ ފައިސާ އާއި ރަނގަޅު ވަސީލަތްތައް. އެފްއޭއެމްގެ ރައީސް ތޯރިގަށް ފުޓްބޯޅަ އެނގޭނެ ވަރަށް ބޮޑަށް. އެކަމަކު ފުޓްބޯޅަ އެނގޭ މީހަކު ހުރުމަކުން ނުފުދޭ. ފައިސާ ވެސް ބޭނުންވޭ،" ޔަންކޭ ބުންޏެވެ.
އޭނާ ބުނީ ކުރިއާ ބަލާއިރު މިހާރު ވަސީލަތްތައް ރަނގަޅުވެފައިވާ ކަމަށާއި ކުރިން ޕްރެކްޓިސްކުރަނީ ވެލިދަނޑުގައި ކަމަށާއި އޭރު އޮންނަނީ އެންމެ ޓާފް ދަނޑެއް ކަމަށެވެ.
"އެގޮތުން ބަލާއިރު މިހާރު ކުރިއަށް ވުރެ ރަނގަޅު. އެކަމަކު އެބަޖެހޭ ކުޅުންތެރިން ގިނަ މެޗުތައް ކުޅެން. ކުޅުންތެރިން ގިނަ މެޗުތައް ކުޅެންޏާ ގައުމީ ޓީމަށް އޭގެ ފައިދާކުރާނެ. އަނެއްކާ މިހާރު ދަނޑަށް ދާ މީހުންގެ އަދަދު ވެސް މަދު،" ރާއްޖޭގެ ފުޓްބޯޅައިގެ މައުލޫމާތު މިހާރު ވެސް ހޯދާކަން ފާހަގަކޮށް ޔަންކޭ ބުންޏެވެ.
ޔަންކޭ ގައިގައި ގައުމީ ޓީމުގެ ގޯލްކީޕަރު އިމްރާން ބައްދާލާއިރު ޓޫކިލޯ (ވ) ކައިރީގައި. --ފޮޓޯ: ނިޝާން އަލީ/ މިހާރު
އޭނާ ބުނީ ދިވެހިންނަކީ ފުޓްބޯޅަ ދެކެ ލޯބިވާ ފުޓްބޯޅަ އެނގޭ ބަޔެއް ކަމަށާއި ފުޓްބޯޅައަށް މިހާރު ދިމާވެފައިވާ މައްސަލަތައް އޭނާ އަށް މުޅިއަކުން ނުވިސްނޭ ކަމަށެވެ.
"އެންމެ ފަހުން ކުޅުނު މެޗުތަކުގެ ނަތީޖާ ރަނގަޅެއް ނޫން. އެކަމުގައި އޮތީ ހަމައެކަނި ކޯޗުގެ މައްސަލައެއް ނޫން. ފުޓްބޯޅަ މަސައްކަތްކުރަނީ އެންމެން އެކުވެގެން. އެހެންވެ ފުޓްބޯޅަ ރަނގަޅުކުރަންޏާ އެންމެންގެ އެހީތެރިކަން ބޭނުންވޭ. އޮފިޝަލުންނާއި އެންމެންގެ އެހީތެރިވާން ޖެހޭ،" ޔަންކޭ ބުންޏެވެ.
ޔަންކޭ އެންމެ ފުރަތަމަ ގައުމީ ޓީމަށް ކޯޗުކޮށްދިނީ 2001-2003 އަށެވެ. އެގޮތުން 2001 ވަނަ އަހަރު ވޯލްޑް ކަޕް ކޮލިފައިންގެ ގްރޫޕް ސްޓޭޖުގައި ވާދަކޮށް ރާއްޖެ އަށް ތިން ވަނަ ހޯދައިދިނެވެ. އެ ފަހަރު މާލޭގައި ކެމްބޯޑިއާ އަތުން 6-0 އިން މޮޅުވިއިރު ގަދަގަދަ ޗައިނާ އަތުން ބަލިވީ 1-0 އިންނެވެެ.
ޔަންކޭގެ އިރުޝާދުގެ ދަށުން ގައުމީ ޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނާއި އޭރުގެ އޮފިޝަލުން ޔަންކޭއާ އެކު ގްރޫޕް ފޮޓޯއެއްގައި. --ފޮޓޯ: ނިޝާން އަލީ/ މިހާރު
އޭގެ ފަހުން 2003 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގެ ދެ ވަނަ ރާއްޖެ އަށް ހޯދައިދިނެވެ. ގައުމީ ޓީމުން ފުރަތަމަ ފަހަރަށް ތޯރިގް އަށް އެ ފަހަރު ޖާގަ ދިން އިރު ފައިނަލުން ރާއްޖެ ބަލިވީ ޕެނަލްޓީ ޖަހައިގެން ބަންގްލްދޭޝް އަތުންނެވެ. އެ މުބާރާތަށް ފަހު މަގާމުން ވަކިވުމަށް ފަހު ޔަންކޭޒް އެނބުރި އައީ 2007 ގަ އެވެ. އަދި ޖެހިގެން އައި އަހަރު މާލެ އާއި ކޮލަމްބޯގައި އޮތް ސާފް ޗެމްޕިއަންޝިޕް ރާއްޖެ އަށް ކާމިޔާބުކޮށްދިނެވެ. އެ މުބާރާތަށް ފަހު އޭނާ މަގާމުން އިސްތިއުފާ ދިން އިރު، ފަހުން އޭނާ ގެންނަން ކުރި މަސައްކަތް ކާމިޔާބެއް ނުވި އެވެ. އުމުރުން 78 އަހަރުގެ ޔަންކޭޒް އަންނަނީ 1966 ވަނަ އަހަރުން ފެށިގެން ކޯޗިންގައި ހަރަކާތްތެރިވަމުންނެވެ. އޭނާ ވަނީ ގަތަރުގެ ގަތަރު ސްޕޯޓްސް ކްލަބާއި ސްލޮވާކިއާގެ ޑުބްނިސާ އަދި ސްލޮވަން ބްރަޓިސްލާވާ އަށް ކޯޗުކޮށްދީފަ އެވެ.
ހާލަތުގެގޮތުން ކުރީގެމެޗުން ބަލިވެގެން ދެރަނުވޭ: ސުޒޭން
ދިވެހި ފުޓްބޯޅަ މިހިފަހައްޓަނީ އެކަޑަމީތަކުން: އަސްލަމް
ފުޓްބޯޅައިގެ ވަސީލަތްތައް ވީރާނާވެފައިވާ މަންޒަރު
އެފްއޭއެމްގެ ވަޒީފާތަކަށް 600 އަށް ވުރެ ގިނަ ފޯމު
ރާއްޖެ ހުއްޓިފައި، ސާފްގެ އަނެއް ހަ ގައުމަށް ފޯރިގަދަ
ވެލެންސިއާގެ ސިޓީއާއެކު ޓޮމް އެފްއޭއެމްގެ އިންތިހާބަށް
ފުޓްބޯޅަ ވެއްޓިފައިވާ ހާލަތާ މެދު ރައީސްގެ ކަންބޮވުން
އިލެކްޓޯރަލް ކޮމިޓީ ސައްހައެއް ނޫން، ތޯރިގު ފީފާއަށް!
ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު ޕޮޑޮލްސްކީއަށް ކިޔައިދީފި
އެފްއޭއެމްގެ އިންތިހާބަށް ޓޮމް ފޯމު ހުށަހަޅައިފި