Roadha Mihaaru

މި އަހަރުގެ ފުޓްބޯޅަ ކަލަންޑަރު ހަފުތާއެއްގެ ތެރޭ ފައިނަލު ކުރާނީ

މި އަހަރުގެ ފުޓްބޯޅަ ކަލަންޑަރު ހަފުތާއެއްގެ ތެރޭ ފައިނަލު ކުރާނެ ކަމަށް އެފްއޭއެމްގެ ރައީސް އަހްމަދު ތޯރިގް (ޓޮމް) ވިދާޅުވެއްޖެ އެވެ.

ހަފުތާއެއްގެ ތެރޭ ފުޓްބޯޅަ ކަލަންޑަރު ފައިނަލު ކުރަނީ
ހުސެއިން ހަބީބް
ހުސެއިން ހަބީބް

28 ޖުލައި 2025

މި އަހަރުގެ ފުޓްބޯޅަ ކަލަންޑަރު ހަފުތާއެއްގެ ތެރޭ ފައިނަލު ކުރާނެ ކަމަށް އެފްއޭއެމްގެ ރައީސް އަހްމަދު ތޯރިގް (ޓޮމް) ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ސީނިއާ ލެވަލްގެ ރަސްމީ ފުޓްބޯޅަ މުބާރާތެއް ނުކުޅޭތާ ދޮޅު އަހަރު ވެއްޖެ އެވެ. ފުޓްބޯޅަ ސީޒަން މި އަހަރު އޭޕްރީލްގައި ފަށަން، މިދިޔަ އެއް އަހަރުވަންދެން އެފްއޭއެމް ހިންގި ނޯމަލައިޒޭޝަން ކޮމިޓީން މަސައްކަތް ކުރި އެވެ. އެކަމަކު އެފްއޭއެމް ނޯމަލައިޒޭޝަން މަސައްކަތް އިސްކުރުމަށް ބާރުއަޅައި ފީފާގެ މެންބަރު އެސޯސިއޭޝަން ޑިޕާޓްމެންޓްގެ އޮފިޝަލް އަހްމަދު ހައްރާޒު އެފްއޭއެމަށް އެންގީ ސީޒަން ފެށުން މަޑުޖައްސާލުމަށެވެ. އެކަމަކު ނުރަސްމީ މުބާރާތެއް ބޭއްވުމުގެ ހުއްދި ދިނެވެ. ރަސްމީ ކަލަންޑަރު ބާއްވާފާއި އެފްއޭއެމަށް ޖެހުނީ ނުރަމީ މުބާރާތް، ލީގު ކަޕްގެ ކުޅޭށެވެ.

މިދިޔަ ހޮނިހިރު ދުވަހު އެފްއޭއެމްގެ ހިންގުމާ ހަވާލުވި، ތޯރިގް ބުނީ އާ ފުޓްބޯޅަ ކަލަންޑަރު ޑްރާފްޓް އެކުލަވާލައި ނިމިފައިވާ ކަމަށެވެ.

ރާއްޖެ ހަތަރު ޒޯނަކަށް ބަހާލައި، މާލެ ފިޔަވައި އަނެއް ހަތަރު ޒޯނުގައި އަތޮޅު މުބާރާތް ކުޅެ ރީޖަނަލް ލީގެ ކުޅޭނެ އެވެ. މި އަހަރު ފަށާ ސީޒަނަށް ފަހު ދެން ޖެހިގެން އަންނަ ސީޒަނުގައި ބާއްވާ ލީގަށް އަތޮޅުތެރެއިން ޓީމުތައް ގެނައުމަށް މަސައްކަތް ކުރާނެ ކަމަށް ތޯރިގް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުރިއަށް އޮތް ސީޒަނަށް ފުޓްބޯޅަ ކަލަންޑަރު ފައިނަލު ކުރުމުން، މުބާރާތްތައް ކުރިއަށްދާންވީ ގޮތް އެނގިގެންދާނެ ކަމަށެވެ.

"ހަފުތާއެއްގެ ތެރޭ ފުޓްބޯޅަ ކަލަންޑަރު އެކްސްކޯއިން އަދި ކްލަބްތަކާ ވެސް ވާހަކަ ދައްކައިގެން ފައިނަލު ކުރީމަ އެނގޭނެ މި މުބާރާތްތައް ރޭވިގެންދާނެ ގޮތް. އަޅުގަނޑު އުއްމީދު ކުރަނީ މުޅި ރާއްޖޭގެ ހުރިހާ ސަރަހައްދެއް ހިމެނޭގޮތަށް ދެ އަހަރެއްގެ ތެރޭ ރާއްޖޭގެ ފުޓްބޯޅަ ހަމަޔަކަށް އެޅޭނެ ކަމަށް،" ތޯރިގް ވިދާޅުވި އެވެ.

ފުޓްސަލް އާއި ބީޗް ސޮކާގެ ހަރަކާތްތައް ފެށުމަށް ތޯރިގް ވަނީ ނިންމާފަ އެވެ. ރާއްޖޭޣެ ހުރިހާ ރަށަކަށް ވެސް ވާދަކުރުމުގެ ފުރުސަތު ލިބޭ އެ މުބާރާތްތަކާ އެކު ސަރަހައްދީ އެސޯސިއޭޝަންތައް ވެސް އުފެއްދުމަށް ވަނީ ނިންމައިފަ އެވެ.

ސަރަހައްދީ އެސޯސިއޭޝަންތައް އުފެއްދަން ހަތަރު ޒޯނަށް ރާއްޖެ ބަހާލާ ގޮތް

- ނޯތު ރީޖަނަލް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ހއ. ހދ. ށ، ނ، ރ، ބ، ޅ، ކުޅުދުއްފުށި ސިޓީ)

- ސެންޓްރަލް ރީޖަނަލް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ކ، އއ، އދ، ވ، މ، ފ، ދ) - ސައުތު ރީޖަނަލް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ތ، ލ، ގއ، ގދ، ތިނަދޫ ސިޓީ، ފުވައްމުލަށް ސިޓީ، އައްޑޫ ސިޓީ)

- މާލެ ރީޖަނަލް ފުޓްބޯލަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (މާލެ ސިޓީ ކްލަބުތައް، ދެ ވަނަ ޑިވިޝަނުގެ ކްލަބްތައް، ތިން ވަނަ ޑިވިޝަނުގެ ކްލަބްތައް)