Roadha Mihaaru

ސަރަހައްދީ އެސޯސިއޭޝަންތައް އުފައްދައި އަތޮޅުތަކަށް އެފްއޭއެމްގައި ބަސްބުނުމުގެ ހައްގު ދޭނަން: ޓޮމް

ސަރަހައްދީ އެސޯސިއޭޝަންތައް އުފައްދައި އަތޮޅުތަކަށް އެފްއޭއެމް ނިންމުންތަކުގައި ބަސް ބުނުމުގެ ހައްގު ދޭން، އެ އެސޯސިއޭޝަނުގެ ރައީސްކަމަށް މިއަދު ކުރިމަތިލެއްވި އަހްމަދު ތޯރިގް (ޓޮމް) ވައުދުވެއްޖެ އެވެ.

އަތޮޅުތަކަށް އެފްއޭގައި ބަސްބުނުމުގެ ހައްގުދޭނަން: ޓޮމް
ހުސެއިން ހަބީބް
ހުސެއިން ހަބީބް

06 ޖުލައި 2025

ސަރަހައްދީ އެސޯސިއޭޝަންތައް އުފައްދައި އަތޮޅުތަކަށް އެފްއޭއެމް ނިންމުންތަކުގައި ބަސް ބުނުމުގެ ހައްގު ދޭން، އެ އެސޯސިއޭޝަނުގެ ރައީސްކަމަށް މިއަދު ކުރިމަތިލެއްވި އަހްމަދު ތޯރިގް (ޓޮމް) ވައުދުވެއްޖެ އެވެ.

އެފްއޭއެމްގެ ކޮންގްރެސްގެ މިހާރުގެ ހުރިހާ މެންބަރު ކްލަބްތަކެއްގެ ވޯޓާ އެކު އެފްއޭއެމަށް ކުރިމަތިލެއްވި ހަމައެކަނި ކެންޑިޑޭޓް ތޯރިގް ވިދާޅުވީ ރާއްޖެ ހަތަރު ޒޯނަކަށް ބަހައި ސަރަހައްދީ އެސޯސިއޭޝަންތައް އުފެއްދުމުގެ މަސައްކަތް އޭނާ، މަގާމަށް އިންތިހާބުވާތާ ފުރަތަމަ އަހަރުތެރޭގައި ފަށާނެ ކަމަށެވެ.

"ފުރަތަމަ އަހަރުތެރޭ އެ މަސައްކަތް ފަށައިގަންނާނަން. ރަށްރަށުގެ ނަމުގައި ކްލަބްތައް އުފައްދަން ކައުންސިލްތަކަށް އިލްތިމާސްކޮށް ސްޕޯޓްސް ކޮމިޝަނުގައި ރަޖިސްޓަރީ ކުރުވަން އެފްއޭއެމުން ދޭން ޖެހޭ އެއްބާރުލުން ދީ ފުރަތަމަ އަހަރު ތެރޭ އެ މަސައްކަތް ފަށައި ގަންނާނަން،" ކެންޑިޑެސީ ފޯމު ހުށަހެޅުއްވުމަށް ފަހު "މިހާރު" އަށް ފޯނުން ދެއްވި އިންޓަވިއުގައި ގައުމީ ޓީމުގެ ކުރީގެ ފޯވާޑް ވިދާޅުވި އެވެ.

އެފްއޭއެމްގެ އަސާސީ ގަވާއިދު އިސްލާހު ކުރުމުގެ މަރުހަލާގައި ތޯރިގް ވަނީ އޭނާ އަށް ތާއީދު ކުރާ ޓީސީ ސްޕޯޓްސްގެ ނަމުގައި ޒޯންތައް އުފެއްދުމަށް އިސްލާހު ހުށަހަޅައިފަ އެވެ. އޭނާ ހުށަހެޅއްވީ ރާއްޖެ ހަތަރު ޒޯނަކަށް ބަހައި ސަރަހައްދީ އެސޯސިއޭޝަންތައް އުފެއްދުމަށެވެ. އޭނާ މިއަދު ވިދާޅުވީ ހަތަރު ޒޯނަށް ރާއްޖެ ބަހަނީ، މިހާރު ފާސްކޮށްފައިވާ ކުޅިވަރު ގާނޫނުގެ ތެރެއަށް ފެއްތުމުގެ ގޮތުން ކަމަށެވެ.

އެފްއޭއެމްގެ އިންތިހާބުގައި ވާދަކުރައްވަން ތޯރިގް (ކ) ކެންޑިޑެސީ ފޯމު ހުށަހަޅުއްވަނީ

އެފްއޭއެމްގެ އިންތިހާބުގައި ވާދަކުރައްވަން ތޯރިގް (ކ) ކެންޑިޑެސީ ފޯމު ހުށަހަޅުއްވަނީ

އެކަމަކު އޭރު އެ މާއްދާތައް އަސާސީ ގަވާއިދުގައި ހިމަނަން އިއުތިރާޒު ކުރީ ފީފާގެ މަންދޫބުން ކަމަށް ތޯރިގް ވިދާޅުވި އެވެ.

"ފީފާއިން މި ބުނަނީ މީގެ ކުރިން ނުވަ ޒޯން އުފައްދަން ވެސް ކަލޭމެން އަސާސީ ގަވާއިދުގައި ލިޔުނޭ. އެކަމަކު އެކަން ކޮށްފައެއް ނެތޭ. އެހެންވީމަ މިފަހަރު އެކަންކޮށްފައި ދެން އަންނާށޭ ތިމަންނަމެން ކައިރިއަށް. އޭރުން އަސާސީ ގަވާއިދުގައި ހިމަނަން ހުއްދަ ދޭނަމޭ،" ތޯރިގް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޮންމެ ޒޯނެއްގައި ހިމެނޭ ވަކިވަކި އަތޮޅުތަކުގެ ރަށްތަކުގެ މެދުގައި އެންމެ ފުރަތަމަ ބާއްވާނީ އަތޮޅު މުބާރާތެއް ކަމަށެވެ.

އެ ޒޯނެއްގައި ލީގު ކުޅުމަށް ފަހު ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވުމުގެ މަރުހަލާތަކެއް އޮންނާނެ އެވެ.

އެފްއޭއެމްގެ އިންތިހާބުގައި ފޯމު ހުށަހަޅަން ތޯރިގާއި އޭނާގެ ޓީމުގެ ބައެއް މެންބަރުން މިއަދު އެފްއޭއެމްގެ ވަގުތީ އޮފީސް ހިންގާ ގަލޮޅު ދަނޑު ކައިރީގައި

އެފްއޭއެމްގެ އިންތިހާބުގައި ފޯމު ހުށަހަޅަން ތޯރިގާއި އޭނާގެ ޓީމުގެ ބައެއް މެންބަރުން މިއަދު އެފްއޭއެމްގެ ވަގުތީ އޮފީސް ހިންގާ ގަލޮޅު ދަނޑު ކައިރީގައި

"(މިސާލަކަށް) މަހިބަދޫ އާއި އޭދަފުށި ވެސް އަންނަންވީ [މިސާލަކަށް] ބްރެޒިލުން ވަރުގަދަ ތިން ކުޅުންތެރިން ގެނެސް ޓީމު ވަރުގަދަކޮށް ލީގުގެ ޖާގަ އަށް ވާދަކުރަން. މާލޭގެ ޓީމު މަހިބަދޫ އާއި އޭދަފުށީގައި ވެސް ކުޅޭނެ. އަދި މަހިބަދޫ އާއި އޭދަފުށި އައިސް މާލޭގައި ވެސް ކުޅޭނެ،" މިސާލެއްގެ ގޮތުގައި ތޯރިގް ވިދާޅުވި އެވެ.

ސަރަހައްދީ އެސޯސިއޭޝަންތައް އުފައްދަން އޭނާ ކުރިން ހުށަހެޅުއްވި ގޮތް

- ނޯތު ރީޖަނަލް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ހއ. ހދ. ށ، ނ، ރ، ބ، ޅ، ކުޅުދުއްފުށި ސިޓީ)

- ސެންޓްރަލް ރީޖަނަލް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ކ، އއ، އދ، ވ، މ، ފ، ދ)

- ސައުތު ރީޖަނަލް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ތ، ލ، ގއ، ގދ، ތިނަދޫ ސިޓީ، ފުވައްމުލަށް ސިޓީ، އައްޑޫ ސިޓީ)

- މާލެ ރީޖަނަލް ފުޓްބޯލަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (މާލެ ސިޓީ ކްލަބުތައް، ދެ ވަނަ ޑިވިޝަނުގެ ކްލަބްތައް، ތިން ވަނަ ޑިވިޝަނުގެ ކްލަބްތައް)

އެފްއޭއެމްގެ އިންތިހާބު އޮންނާނީ މި މަހު 26 ގަ އެވެ. މިދިޔަ މަހުގެ 27 ގައި ފާސް ކުރި އަސާސީ ގަވާއިދުގެ އިންތިގާލީ މާއްދާތަކުގައި ވަނީ ސަބް އެސޯސިއޭޝަން އުފައްދަން އަލަން ހަވާލުވާ އެކްސްކޯ އަށް މަތިކޮށްފަ އެވެ.