Roadha Mihaaru
ސާފްގެ ނާކާމިޔާބީގެ ޒިންމާ ނަގާނެ ބަޔަކު ނެތް؟

ސާފް ޗެމްޕިއަންޝިޕް: ރާއްޖޭގެ ބޮޑު ނާކާމިޔާބީގެ ޒިންމާ ނަގާނެ ބަޔަކު ނެތް؟

30 ޖޫން 2023

ފުޓްބޯޅައާ ގުޅުން ހުރި އެކި ފަރާތްތަކާއި ކުރީގެ އަދި މިހާރުގެ ކޯޗުންނާއި ކުޅިވަރުގެ ހިންގުމުންގެ ދާއިރާގެ ތަޖުރިބާކާރުން އަދި އެފްއޭއެމްގެ ވެރިން، ސެޕްޓެމްބަރު 2017 ގައި ސޯލްޓް ކެފޭއަށް ޖަމާވި އެވެ. މަސައްކަތަކީ ފުޓްބޯޅައިގެ ސްޓްރެޓެޖިކް ޕްލޭންގެ ޑްރާފްޓް އައުޓްލައިނެއް އެކުލަވާލުމެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ފުޓްބޯޅައާ ގުޅުން ހުރި އެކި ފަރާތްތަކާއި ކުރީގެ އަދި މިހާރުގެ ކޯޗުންނާއި ކުޅިވަރުގެ ހިންގުމުންގެ ދާއިރާގެ ތަޖުރިބާކާރުން އަދި އެފްއޭއެމްގެ ވެރިން، ސެޕްޓެމްބަރު 2017 ގައި ސޯލްޓް ކެފޭއަށް ޖަމާވި އެވެ. މަސައްކަތަކީ ފުޓްބޯޅައިގެ ސްޓްރެޓެޖިކް ޕްލޭންގެ ޑްރާފްޓް އައުޓްލައިނެއް އެކުލަވާލުމެވެ.

އޭރު އެ ބައްދަލުވުމުގައި ބައިވެރިވި ބޭފުޅަކު ވިދާޅުވީ އޭގެ ފަހުން އަކަމާ ގުޅިގެން އެއްވެސް ބައްދަލުވުމެއް ބާއްވާފައި ނެތް ކަމަށެވެ. އޮކްޓޯބަރު 2021 ގައި ރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕަށް ފަހު ސީދާ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ބެލުމުގެ ދަށުން ފުރަތަމަ ޑިވިޝަންގެ ބައެއް ކޯޗުންނާ އެކު ޕްލޭނެއް ހަދަން ފެށި އެވެ. އެކަމުގައި ބައިވެރިވި ކޯޗަކު ބުނީ ތިން ބައްދަލުވުން ބޭއްވި ކަމަށެވެ. އޭގެ ފަހުން އެ މަސައްކަތް ހުއްޓުނީ އެވެ.

"ފީފާގެ ޕްލޭނާ އެލައިންވި ޕްލޭންތަކެއްގެ މަސައްކަތް ފެށުނު. އެކަމަކު ބަރާބަރު ތިން ބައްދަލުވުން ބޭއްވުނީ، މިހާރު އެކަމެއް ނުހިނގާ،" އޭނާ ބުންޏެވެ.

ބައްސާމްގެ ދައުރުގައި، މީޑީއާ އަށް އެނގިގެން ތިން ފަހަރެއްގެ މަތިން ފުޓްބޯޅައިގެ ޕްލޭންތައް ހެދުމުގެ މަސައްކަތް ފެށި އެވެ.

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އަށް ނާކާމިޔާބުވުމުން މާޔޫސްވެފައިވާ ކުޅުންތެރިޔަކު ދަނޑުމަތީގައި އޮށޯވެލައިގެން --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އަށް ނާކާމިޔާބުވުމުން މާޔޫސްވެފައިވާ ކުޅުންތެރިޔަކު ދަނޑުމަތީގައި އޮށޯވެލައިގެން --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެއީ

1. ކުރީގެ ޓެކްނިކަލް ޑައިރެކްޓަރު ޖޭން ވަންލީގެ ބެލުމުގެ ދަށުން

2. ކުރީގެ ޓެކްނިކަލް ޑައިރެކްޓަރު ޖުދާން އަލީގެ ބެލުމުގެ ދަށުން

3. ސާފް ޗެމްޕިއަންޝިޕް 2021 އަށް ފަހު ފުރަތަމަ ޑިވިޝަންގެ ކޯޗުންގެ ބެލުމުގެ ދަށުން ޕްލޭން ހަދަން ފެށުން

މިއިން އެއްވެސް ޕްލޭނެއް ނިމުނު ތަނެއް ނުފެނުނެވެ.

ކުރިން ވާހަކަ ދެއްކި ކޯޗު ބުނީ ސާފް ޗެމްޕިއަންޝިޕްގައި ފުރަތަމަ ފަހަރަށް ގުރޫޕް ސްޓޭޖުން ރާއްޖެ މިފަހަރު ކަޓައިގެން ދިޔައީ ޕްލޭނެއް ނެތި އެފްއޭއެމުން މަސައްކަތް ކުރުމުން ކަމަށެވެ.

ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗުގައި މޮރިއޭރޯ ޓީމަށް އިރުޝާދު ދެނީ: އޭނާ އަށް ވެސް އެފްއޭއެމުން މުސާރައެއް ނުދޭ - ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗުގައި މޮރިއޭރޯ ޓީމަށް އިރުޝާދު ދެނީ: އޭނާ އަށް ވެސް އެފްއޭއެމުން މުސާރައެއް ނުދޭ - ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ފުޓްބޯޅައިގެ ކުރީގެ ހިންގުންތެރިޔަކު ވިދާޅުވީ މުބާރާތަށް ރާއްޖޭގެ ތައްޔާރުވުންތަކަށް އެކަނި ބެލިނަމަވެސް އެފްއޭއެމުން އިހުމާލުވެފައިވާކަން ސާފުކޮށް ފެންނަން އެބައޮތް ކަމަށެވެ.

އޭނާ ފާހަގަކުރި އެންމެ ފުރަތަމަ ކަމަކީ، ރާއްޖޭގެ ފުޓްބޯޅަ ސީޒަން ނުފަށައި އަށް މަސް ދުވަސް ހޭދަކުރުމެވެ.

"މާނަ އަކީ ގައުމީ ޓީމަށް އަރަން ތިބި ކުޅުންތެރިން ހަތް މަސް، އަށް މަސް ވަންދެން ފުޓްބޯޅަ ނުކުޅެޔޭ. މިއީ މި ނޫނިއްޔާ ދުނިޔޭގެ އެއްވެސް ތަނެއްގައި ކަން ހިނގާނެ ގޮތެއް ނޫން،" އޭނާ ވިދާޅުވި އެވެ.

ސީޒަން ނުފަށައި ދިގު މުއްދަތެއް ދީގެން ވެސް ކްލަބްތަކުގެ ހާލަތު ރަނގަޅެއް ނުވި އެވެ. މާޒިޔާ ފިޔަވައި ދުރާލައި ޕްރީ ސީޒަން ފެށި ކްލަބެއް ނެތެވެ. އެހެން ކްލަބްތަކުގައި ޕްރެކްޓިހަށް ކުޅުންތެރިން ހަމައެއް ނުވެ އެވެ. ދަރަނިވެރިވެފައިވާ ކްލަބްތަކަކަށް އެފްއޭއެމުން ބަރާބަރަށް ފައިސާއެއް ނުދެ އެވެ.

ގައުމީ ޓީމުގެ ބޮޑު ޕަސަންޓެއް ނެގީ މާޒިޔާއިންނެވެ. އެ ކްލަބުން ދުރާލައި ޕްރީ ސީޒަން ހަދައި ކުޅުންތެރިން ފިޓްކޮށް ތައްޔާރުކުރި ނަމަވެސް. ކުރިން ވާހަކަ ދެއްކި ކޯޗު ބުނީ އެކަމުގެ ފައިދާ ނުފެނުނީ އޭގެ ކުރިން ގިނަ ދުވަސްތަކެއް ވާދަވެރި މެޗުތަކެއް ނުކުޅެ ވޭތު ކުރުމާއި ގައުމީ ޓީމުގެ ޓްރޭނިންތައް ގޯސްވުމުން ކަމަށެވެ.

ފުޓްބޯޅައިގެ ކުރީގެ ހިންގުންތެރިޔާ ވިދާޅުވީ ފުޓްބޯޅަ ނުކުޅެ އަށް މަސް ވޭތު ކުރުމަކީ އެފްއޭއެމްގެ މައްސަލައެއް ކަމަށެވެ.

ގައުމީ ޓީމުގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯގެ ޓްރޭނިންތަކުގައި މައްސަލަ އުޅޭ ކަމަށް އޭނާއާ އެކު ގައުމީ ޓީމުގައި ކުރިން މަސައްކަތްކުރި ކުޅުންތެރިން ވެސް ބުންޏެވެ. ކްލަބްގެ ކޯޗު ވެސް ބުނީ ކުޅުންތެރިން އާންމުކޮށް އެ ވާހަކަ ދައްކާ ކަމަށެވެ.

"ޕްރެކްޓިހުގައި ވެސް ގޭމް މާވަރަކަށް ކުޅޭކަން ނުޅޭ. ކުޅުންތެރިންގެ ފިޓްނަސް އަށް ބޮޑަށް މަސައްކަތް ކޮށްފަ ހުރީ. އެކަމަކު ގައުމީ ޓީމަށް ދިޔައިރު ވެސް މެޖޯރިޓީ ކުޅުންތެރިންގެ ފިޓްނަސް ގޯހެއް ނޫން." އޭނާ ބުންޏެވެ.

އޭނާ ބުނީ އެފްއޭއެމްގައި އެކަންކަން ދެނެގަނެވޭނެ މީހުން އެބަތިބި ކަމަށެވެ.

"ނެތީ އެކަން ކުރާނެ އިންތިޒާމުތަކެއް،" އޭނާ ބުންޏެވެ.

"އެކްސްކޯ އަށް ބެލިޔަސް އަލީ އުމަރު. އެތައް އަހަރެއް ގައުމީ ޓީމަށް ކުޅެފަ. ޓެކްނިކަލް ޓީމަށް ވެސް އެނގޭނެ ކޯޗުގެ ޓްރޭނިންތައް ރަނގަޅު ނޫންކަން. އެކަމަކު ކާކު އެކަން ބަލާލަނީ. އެފްއޭއެމްގެ ކާކު ގައުމީ ޓީމުގެ ޕްރެކްޓިސް ކުރިއަށްދާ އިރު ދަނޑަށް ވަދެ ބަލަނީ. ބަލައިގެންތާ އެނގޭނީ ވެސް މިކުރަނީ ގޯސްކޮށްކަން ވެސް ބުނެދޭން."

މުބާރާތަށް މޮރިއޭރޯގެ ތައްޔާރުވުންތަކާއި ޕްލޭންތައް ގޯސް ކަމަށް ބުނެ، އޭނާ މަގާމުން ދުރުކޮށްފާނެ އެވެ. އެކަމަކު ފުޓްބޯޅައިގައި ހުރި ކާމިޔާބަށް ހުރަސް އެޅޭ ބޮޑެތި މައްސަލަތަކުން މިންޖެއް ނުވެ އެވެ.

ގައުމީ ޓީމު މުބާރާތަށް ތައްޔާރުވުމަށް، އިންޓަނޭޝަނަލް ފްރެންޑްލީ މެޗެއް ހޯދައެއް ނުދެވުނެވެ. ސާފް ޗެމްޕިއަންޝިޕަށް ދިޔަ ޓީމުތަކުގެ ތެރެއިން އިންޓަނޭޝަނަލް ފްރެންޑްލީ މެޗުތަކެއް ނުކުޅެނީ ރާއްޖެ އާއި ބޫޓާން އެކަންޏެވެ.

އެކަމަކު ބޫޓާނުން ކަލްކަތާ އަށް ގޮސް އެތަނުގެ ކްލަބްތަކާ ދެކޮޅަށް ޓްރޭނިން މެޗުތަކެއް ކުޅުނެވެ. ރާއްޖެ އަށް އެވަރު ވެސް ނުވި އެވެ. ގައުމީ ކޯޗު މޮރިއޭރޯ ބުނީ މެޗެއް ނުކުޅެވުނީ އޭނާގެ ވެސް އަދި އެފްއޭއެމްގެ ވެސް މައްސަލައަކުން ނޫން ކަމަށެވެ.

ޖަޕާނުގައި ކުރިއަށް ގެންދިޔަ ޓްރޭނިންތަކުގައި މެޗުތަކެއް ކުޅެން ރޭވި ކަމަށާއި އެކަމަކު ބޯ ވިއްސާރައިގެ ސަބަބުން މެޗުތަކެއް ނުކުޅެވުނީ ކަމަށް އޭނާ ބުންޏެވެ.

ސާފް ޗެމްޕިއަންޝިޕް 2008 ގެ މުބާރާތް ރާއްޖެ އަށް ކާމިޔާބުކޮށް ދިނުމުގައި ހިއްސާވި ކުޅުންތެރިޔަކު ބުނީ އެފްއޭއެމުން މަސައްކަތް ކުރިނަމަ އިންޓަނޭޝަނަލް ފްރެންޑްލީ މެޗުތަކެއް ކުޅެވުނީސް ކަމަށެވެ.

ސާފް ޗެމްޕިއަންޝިޕްގެ ގުރޫޕް ސްޓޭޖަށް ފަހު ކުވައިތާ ދެކޮޅަށް ރާއްޖެއިން ކުޅުނު މެޗަށް ފަހު ކުޅުންތެރިން މާޔޫސްވެފައި: ގައުމީ ޓީމަށް ފްރެންޑްލީ މެޗެއް ވެސް އެފްއޭއެމަށް ހޯދައި ނުދެވުނު ---- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ސާފް ޗެމްޕިއަންޝިޕްގެ ގުރޫޕް ސްޓޭޖަށް ފަހު ކުވައިތާ ދެކޮޅަށް ރާއްޖެއިން ކުޅުނު މެޗަށް ފަހު ކުޅުންތެރިން މާޔޫސްވެފައި: ގައުމީ ޓީމަށް ފްރެންޑްލީ މެޗެއް ވެސް އެފްއޭއެމަށް ހޯދައި ނުދެވުނު ---- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

"ސާފަށް ދިއުމުގެ ކުރިން ފީފާ ޑޭޓްސްތަކެއް މިދިޔައީ. މެޗެއް ކުޅެން އުޅުނުނަމަ އެކަން ވީސް،" އޭނާ ބުންޏެވެ.

އެފްއޭއެމަށް މެޗުތަކެއް ހޯދައި ނުދެވުނެވެ. މޮރިއޭރޯ ވެސް ބުނީ މެޗުތަކެއް ކުޅެފައި މުބާރާތަށް ދިޔަނަމަ ނަތީޖާ ތަފާތުވީސް ކަމަށެވެ.

ޓީމުގެ މޯޓިވޭޝަނަށް އޮތީ އަސަރުކޮށްފަ އެވެ. ކުޅުންތެރިންނަށް ފުރިހަމަކޮށް ދޭން ޖެހޭ ކަންކަން އެފްއޭއެމުން ފުރިހަމަކޮށް ދީފައެއް ނުވެ އެވެ. މަޝްހުރޫ ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މުސާ (އުއްޗު) މެދުވެރިވެގެން ގައުމީ ޓީމަށް ދިން މިލިއަނަކަށް ވުރެ ގިނަ ރުފިޔާ އަދި ވެސް ކުޅުންތެރިންނަށް ހާލާސްކޮށްދީފައެއް ނުވެ އެވެ.

ސާފް ޗެމްޕިއަންޝިޕަށް ނެގި ގައުމީ ޓީމުގައި ހިމެނޭ ބައެއް ކުޅުންތެރިންނަށް އެ ފައިސާ އަދި ވެސް ނުލިބެ އެވެ.

"ބޯނަސް އެއްޗިހި ނުލިބި ކަންކަން ފުރިހަމަނުވެ ހުރިއްޔާ ކުޅުންތެރިންގެ މޯޓިވޭޝަނަށް އަސަރު ކުރާނެ. ދެން މިތިބީ ކުޅުންތެރިން މޯޓިވޭޓް ކުރަން ތިބި ކޯޗިން ސްޓާފުން. އެ މީހުންނަށް މުސާރަ ނުލިބި އަށް މަސް ނުވަ މަސް މިވީ. މީ ޓީމަށް އަސަރުކުރާނެ ކަންކަން މިހުންނަނީ،" ކުރިން އެފްއޭއެމްގައި މަސައްކަތް ކުރި ބޭފުޅަކު ވިދާޅުވި އެވެ.

އެފްއޭއެމްގެ ސަބަބުން ގައުމީ ޓީމަށް އަސަރުކުރި ކަމަށް ތަޖުރިބާކާރުން ފާހަގަކުރި ބައެއް ކަންކަން

- ފުޓްބޯޅަ ސީޒަން ނުފަށައި އަށް މަސް ދުވަސް ހޭދަކުރުން

- ކުޅުންތެރިންނަށް ދޭން ޖެހޭ ފައިސާ ބަރާބަރަށް ނުދިނުން

- ކޯޗިން ސްޓާފުންނަށް މުސާރަ ނުދޭތާ އަށް މަސް ވޭތުވުން

- މުބާރާތަށް ތައްޔާރުވާން ގައުމީ ޓީމަށް އިންޓަނޭނޭޝަނަލް ފްރެންޑްލީ މެޗެއް ހޯދައި ނުދެވުން

- ޓީމުގެ ޓްރޭނިންތައް ކުރިއަށް ގެންދިޔައިރު އޮބްޒާވްނުކުރުން އަދި އެކަންކަން ރަނގަޅު ކުރުމަށް ވެސް ކޯޗަށް ބާރުއަޅައިފައި ނެތުން

އެފްއޭއެމްގެ ރައީސް ބައްސާމް (ވ) އާއި ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒު: އެ ދެބޭފުޅުން ވެސް ތިއްބެވީ ހައްޖުގެ އަޅުކަމުގައި-- މިހާރު ފައިލް ފޮޓޯ

އެފްއޭއެމްގެ ރައީސް ބައްސާމް (ވ) އާއި ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒު: އެ ދެބޭފުޅުން ވެސް ތިއްބެވީ ހައްޖުގެ އަޅުކަމުގައި-- މިހާރު ފައިލް ފޮޓޯ

މި މައްސަލަތަކާ ބެހޭގޮތުން އެފްއޭއެމުން މިހާތަނަށް ޖަވާބުދާރީއެއް ނުވެ އެވެ. ބައްސާމް އާއި ޖެނަރަލް ސެކެރެޓަރީ ހުސައިން ޖަވާޒު ވެސް މިވަގުތު ހުންނެވީ ހައްޖުގެ އަޅުކަން އަދާކުރައްވަން ސައުދީގަ އެވެ.

މައްކާގައި ހުންނަވައި، އެފްއޭއެމްގެ މީޑިއާ ގުރޫޕަށް ބައްސާމް ފޮނުއްވި މެސެޖުގައި ވިދާޅުވީ ނޫސްވެރިންގެ ކަންބޮޑުވުންތައް ހުރިކަން އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި ޖުލައި 15 ގައި ބާއްވާ ޕްރެސް ކޮންފަރެންސްގައި ނޫސްވެރިންގެ ހުރިހާ ސުވާލަކަށް ޖަވާބު ދެއްވާނެ ކަމަށް ވިދާޅުވި އެވެ.