Roadha Mihaaru
ސާފްގެ ގުރޫޕް ސްޓޭޖުން އަލަށް ރާއްޖެ ކަޓައިފި

ބޮޑު ވެއްޓުމެއް، ސާފް ޗެމްޕިއަންޝިޕްގެ ގުރޫޕް ސްޓޭޖުން ފުރަތަމަ ފަހަރަށް ރާއްޖެ ކަޓައިފި

28 ޖޫން 2023

ސާފް ޗެމްޕިއަންޝިޕްގެ 30 އަހަރުވީ ތާރީހުގައި، ފުރަތަމަ ފަހަރަށް އެ މުބާރާތުގެ ގުރޫޕް ސްޓޭޖުން ރާއްޖެ މިއަދު ކަޓައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ސާފް ޗެމްޕިއަންޝިޕްގެ 30 އަހަރުވީ ތާރީހުގައި، ފުރަތަމަ ފަހަރަށް އެ މުބާރާތުގެ ގުރޫޕް ސްޓޭޖުން ރާއްޖެ މިއަދު ކަޓައިފި އެވެ.

މިހާރު އިންޑިއާގައި ކުރިއަށްދާ 14 ވަނަ ސާފް ޗެމްޕިއަންޝިޕްގެ ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި، މިރޭ ބަންގްލަދޭޝްއިން ބޫޓާން ބަލި ކުރުމުން، މުބާރާތުގެ ސެމީ ފައިނަލުން ފުރުސަތު ނުލިބި ރާއްޖެ ވަނީ މުބާރާތާ ވަކިވާން ޖެހިފަ އެވެ.

ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން ގޯލްޑް ކަޕުގެ ނަމުގައި 1993 ފެށި މުބާރާތުގެ ފުރަތަމަ ދެ ފަހަރު ރާއްޖެއިން ބައިވެރިވެފައެއް ނުވެ އެވެ.

ރާއްޖެއިން އެންމެ ފުރަތަމަ އެ މުބާރާތުގައި ބައިވެރިވީ ނޭޕާލްގައި 1997 ގައި ބޭއްވި މުބާރާތުގަ އެވެ. އެ މުބާރާތުގެ ފައިނަލަށް ރާއްޖެ ދަތުރު ކުރި އެވެ.

މީގެ ކުރިން ގައުމީ ޓީމާ ބައްދަލު ކުރުމަށް ބައްސާމް ގަލޮޅު ދަނޑުގައި ބޭއްވި ސެޝަނެއްގެ ތެރެއިން --- ފޮޓޯ: އެފްއޭއެމް

މީގެ ކުރިން ގައުމީ ޓީމާ ބައްދަލު ކުރުމަށް ބައްސާމް ގަލޮޅު ދަނޑުގައި ބޭއްވި ސެޝަނެއްގެ ތެރެއިން --- ފޮޓޯ: އެފްއޭއެމް

ރާއްޖޭގައި 2021 ގައި ބޭއްވި މުބާރާތް ފިޔަވައި، އެހެން ކޮންމެ ފަހަރަކު މުބާރާތް ކުރިއަށް ގެންދިޔައީ ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. އެ އަހަރު މުބާރާތުގައި ފަސް ޓީމު ބައިވެރިވުމުން މުބާރާތް ކުރިއަށް ގެންދިޔައީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ކުޅުމަށް ފަހު އެންމެ ގަދަ ދެ ޓީމު ފައިނަލަށްދާ ގޮތަށެވެ. ފައިނަލަށް ދަތުރު ކުރީ އިންޑިއާ އާއި ނޭޕާލެވެ.

މި ފަހަރު މުބާރާތަކީ ރާއްޖެއިން އެންމެ ދަށް ނަތީޖާއެއް ހޯދި ފަހަރެވެ. މުބާރާތުން މިރޭ ރާއްޖެ ވަކިވެގެން ދިޔައީ ގުރޫޕް ސްޓޭޖުގައި ބޫޓާން އެކަނި ބަލިކޮށްގެންނެވެ. ބަންގްލަދޭޝް އާއި ލުބުނާން އަތުން ރާއްޖެ ބަލިވީ އެވެ. އަދި މިފަހަރު ބަންގްލަދޭޝް އަތުން ވީ ބައްޔަކީ ސާފް ޗެމްޕިއަންޝިޕުގައި 20 އަހަރު ފަހުން އެ ގައުމު އަތުން ރާއްޖެ ބަލިވި ފުރަތަމަ ފަހަރެވެ.

މިފަހަރު ބޫޓާން އަތުން 2-0 މޮޅުވި ނަމަވެސް އެ ޓީމާ ދެކޮޅަށް ވެސް ރާއްޖެއިން ކުޅުނީ ޑިފެންސިވް ގޭމެކެވެ. މީގެ ކުރިން ބޫޓާނާ ދެކޮޅަށް ކުޅުނު ކޮންމެ މެޗެއްގައި ރާއްޖެއިން މެޗު ޑޮމިނޭޓް ކުރި އެވެ. އެކަމަކު މިދިޔަ ބުރާސްފަތި ދުވަހު ބޫޓާނުން ރާއްޖޭގެ މައްޗަށް މެޗު ޑޮމިނޭޓްކޮށްގެން ކުޅުނެވެ.

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ރެކޯޑް

> 1993 - ވާދައެއް ނުކުރޭ

> 1995 - ވާދައެއް ނުކުރޭ

> 1997 - ރަނަރަފް

> 1999 - ތިންވަނަ

> 2003 - ރަނަރަފް

> 2005 - ސެމީ ފައިނަލް

> 2008 - ޗެމްޕިއަން

> 2009 - ރަނަރަފް

> 2011 - ސެމީ ފައިނަލް

> 2013 - ސެމީ ފައިނަލް

> 2015 - ސެމީ ފައިނަލް

> 2018 - ޗެމްޕިއަން

> 2021 - ރައުންޑް ރޮބިންގެ ތިންވަނަ

> 2023 - ގުރޫޕް ސްޓޭޖުން ކެޓީ