Roadha Mihaaru

ދިވެހި ފުޓްބޯޅައިގެ އިމޭޖް ރީތި ކުރުމަކީ ގައުމީ ޓީމުގެ ވެސް ޒިންމާއެއް: މޯހަން

ލަންކާއާ ދެކޮޅަށް ރާއްޖޭން ކުޅޭ ދެ މެޗަކީ ދިވެހި ފުޓްބޯޅައިގެ އިމޭޖް ރީތި ކުރަން ލިބޭ ފުރުސަތެއް ކަމަށް ގައުމީ ޓީމުގެ ކޯޗު މުހައްމަދު ޝިޔާޒު (މޯހަން) ބުނެފި އެވެ.

ފުޓްބޯޅަ އިމޭޖް ރީތިކުރުމަކީ ޓީމުގެ ޒިންމާއެއް: ކޯޗު
ހުސެއިން ހަބީބް
ހުސެއިން ހަބީބް

03 ސެޕްޓެމްބަރ 2025

ލަންކާއާ ދެކޮޅަށް ރާއްޖޭން ކުޅޭ ދެ މެޗަކީ ދިވެހި ފުޓްބޯޅައިގެ އިމޭޖް ރީތި ކުރަން ލިބޭ ފުރުސަތެއް ކަމަށް ގައުމީ ޓީމުގެ ކޯޗު މުހައްމަދު ޝިޔާޒު (މޯހަން) ބުނެފި އެވެ.

ސައުތު އޭޝިއަން ސުޕަ ކަޕްގެ ނަމުގައި ލަންކާއާ ދެކޮޅަށް ކުޅޭ އެ ދެ މެޗަށް ގައުމީ ޓީމު އެ ގައުމަށް ދާނީ މާދަމާ އެވެ. މާލެގައި ކުރިއަށްގެންދާ ޓީމުގެ ފަހު ޕްރެކްޓިހުގެ ކުރިން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި މޯހަން ބުނީ ލަންކާ މެޗަކީ ޕަބްލިކްގައި ރާއްޖޭގެ ފުޓްބޯޅައިގެ އިމޭޖް ރީތި ކުރަން ލިބޭ ފުރުސަތެއް ކަމަށެވެ.

"ޕަބްލިކަށް އަޅުގަނޑުމެން އެބަޖެހޭ އެއްޗެއް ސާބިތުކޮށްދޭން. އެއީ އެންމެ މުހިންމު ކަމަކީ މި ދެ މެޗުން،" އޭނާ ބުންޏެވެ.

މޯހަން ބުނީ މިދިޔަ ދެތިން އަހަރެއްގެ ތެރޭ ރާއްޖޭގެ ފުޓްބޯޅަ ދަށަށް ދިޔަ ކަމަށެވެ. އަދި މިދިޔަ ދެ އަހަރެއްގެ ތެރޭ ލީގު ނުކުޅެ ޑޮމެސްޓިކް މުބާރާތެއް ނުކުޅެ، ގައުމީ ޓީމު މެޗުތަކާ ކުރިމަތިލާން ޖެހުމުން އެންމެ ރަނގަޅު ނަތީޖާތަކެއް ވެސް ނުނެރެވުނު ކަމަށް ތަޖުރިބާކާރު ކޯޗު ބުންޏެވެ.

"މި ހުރިހާ ކަމެއްވެސް މި އަންނަނީ ލީގު ނުކުޅެ (ލޯކަލް) މުބާރާތް ނުކުޅެ ތިބެން ޖެހުމުން،" ގައުމީ ޓީމުގެ ނަތީޖާތައް ދަށްވި ސަބަބާ ބެހޭގޮތުން މޯހަން ވާހަކަ ދެއްކި އެވެ.

އޭނާ ބުނިގޮތުގައި މި ސަރަހައްދުގެ އެހެން ގައުމުތަކުގެ ފުޓްބޯޅަ މިދިޔަ ދެތިން އަހަރެއްގެ ތެރޭ ކުރިއެރުން ހޯދިއިރު ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު ދިޔައީ ދަށެވެ.

"ހަގީގަތަކީ ވޭތުވެދިޔަ ތިން ހަތަރު އަހަރެއްގައި އަޅުގަނޑުމެންގެ ފުޓްބޯޅަ އިން ހާލަތަށް ވުރެ ކުޑަކުޑަކޮށް ދަށަށް ގޮސްފަ، އެހެން ގައުމުތަކުގެ ފުޓްބޯޅައިގެ ހާލަތު ރަނގަޅަށޭ ގޮއްސަ މިއިނީ މިދިޔަ ދެތިން އަހަރެއްގައި. އެއީ ވަރަށް ބޮޑު ބަދަލެއް ތިން އަހަރު ހަތަރު އަހަރެއްގައި އައިސްފައި އިން،" މޯހަން ބުންޏެވެ.

މޯހަން ގައުމީ ޓީމުގެ ޕްރެކްޓިހުގައި --- ފޮޓޯ: އެފްއޭއެމް

މޯހަން ގައުމީ ޓީމުގެ ޕްރެކްޓިހުގައި --- ފޮޓޯ: އެފްއޭއެމް

އެހެންވެ ލަންކާގައި ކުޅޭ ދެ މެޗުން ގައުމީ ޓީމަށް އޮތް ޒިންމާ އަކީ ޕަބްލިކްގައި ރާއްޖޭގެ ފުޓްބޯޅައިގެ އިމޭޖް ރީތި ކުރުންކަން، ނިއު ރޭޑިއަންޓާއި ވެލެންސިއާ އަދި މާޒިޔާގެ ކުރީގެ ކޯޗު ފާހަގަ ކުރި އެވެ.

"މި ދެ މެޗުން ރަނގަޅު ނަތީޖާއެއް ނެރެގެން އަޅުގަނޑުމެންގެ ފުޓްބޯޅަ މިއިން ހާލަތުން ޕަބްލިކްގައި އަޅުގަނޑުމެންގެ އިމޭޖް ރަނގަޅު ކުރަން މަސައްކަތް ކުރަން މި ޖެހެނީ،" މޯހަން ބުންޏެވެ.

އޭނާ ބުނީ ތައްޔާރުވާން ލިބުނު ހަ ދުވަހުގައި ކުޅުންތެރިންގެ ފަރާތުން ރަނގަޅަށް މަސައްކަތް ކުރިތަން ފެނުނު ކަމަށެވެ. އެކަމަކު އޭނާ ވެސް ކުރިމަތިލާން ޖެހޭނީ ދޮޅު އަހަރުވަންދެން ޑޮމެސްޓިކް ފުޓްބޯޅަ ނުކުޅެ ތިބެން ޖެހުމުން ކުރިމަތިވާ މައްސަލަކަން މޯހަން ތަކުރާރުކޮށް ބުންޏެވެ.

"މި ލިބުނު މަދު ދުވަސްކޮޅުގެ ތެރޭގައި. ކުޅުންތެރިންގެ އެފަޓް ވަރަށް ރަނގަޅު. ޓެކްޓިކަލީ ވަރަށް ރަނގަޅު މަސައްކަތެއް ކުރެވިއްޖެ. ފިޓްނަސް އެންމެ ރަނގަޅަށް ނުގެނެވުނު ނަމަވެސް ރަނގަޅު މަސައްކަތްތަކެއް ދަނޑު މަތީގައި ފެންނާނެ،" ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުކަން ވެސް ކުރިން އަދާކުރި މޯހަން ބުންޏެވެ.

ލަންކާއާ ދެކޮޅަށް ކުޅޭ ފުރަތަމަ މެޗު އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ. ދެ ވަނަ މެޗު އޮންނާނީ އަންނަ އަންގާރަ ދުވަހު އެވެ. ދެ މެޗު ވެސް ކުޅޭނީ ކޮލަމްބޯގެ ރޭސްކޯސް ދަނޑުގަ އެވެ.