ފުޓްބޯޅަ ސީޒަން ނުފެށި ދިގުލައިގެން ގޮސް ކުރިމަތިވެފައި އޮތް ގޮންޖެހުންތަކުގެ ތެރެއިން ވެސް ލަންކާގެ މެޗުން މޮޅު ވެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް ގައުމީ ޓީމުގެ އާ ކޯޗު މުހައްމަދު ޝިޔާޒު (މޯހަން) ބުނެފި އެވެ.
30 އޯގަސްޓް 2025
ފުޓްބޯޅަ ސީޒަން ނުފެށި ދިގުލައިގެން ގޮސް ކުރިމަތިވެފައި އޮތް ގޮންޖެހުންތަކުގެ ތެރެއިން ވެސް ލަންކާގެ މެޗުން މޮޅު ވެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް ގައުމީ ޓީމުގެ އާ ކޯޗު މުހައްމަދު ޝިޔާޒު (މޯހަން) ބުނެފި އެވެ.
މިދިޔަ ހަފުތާގައި ގައުމީ ޓީމުގެ ކޯޗު ކަމަށް ހަމަޖެއްސި މޯހަންގެ ބެލުމުގެދަށުން ޓިމުން ވަނީ އިއްޔެ ޕްރެކްޓިސް ފަށައިފަ އެވެ. އޭނާގެ ކޯޗުކަމުގެ ދަށުން ރާއްޖޭން އެންމެ ފުރަތަމަ ނުކުންނާނީ ލަންކާއާ ދެކޮޅަށެވެ. އެ ގައުމާ ދެކޮޅަށް ރާއްޖޭން ދެ މެޗު ކުޅެނެ އެވެ.
ގައުމީ ޓީމާ ހަވާލުވުމަށް ފަހު ފުރަތަމަ ދިން އިންޓަވިއުގައި ތަޖުރިބާކާރު ކޯޗު ބުނީ ފުޓްބޯޅަ ސީޒަނެއް ނެތި ދޮޅު އަހަރު ފާއިތުވެގެން ދިއުމުން ޓީމެއް ތައްޔާރު ކުރުމަށް ހުރި ގޮންޖެހުންތައް އެނގޭނެ ކަމަށެވެ.
"ހުރިހާ ބޭފުޅުންނަށް ވެސް އެނގިލައްވާނެ ދިވެހިރާއްޖޭގެ ފުޓްބޯޅަ އޮތް ހާލަތު. ސީޒަނެއް ނުކުޅެ ވަރަށް ގިނަ ދުވަސް ދިއުމާ އެކު ކުޅުންތެރިންގެ ވެސް ހާލަތު،" މޯހަން ކިޔައި ދިނެވެ.
ގައުމީ ޓީމުގެ ޕްރެކްޓިހުގެ ތެރެއިން: ޓީމުން ތައްޔާރު ވަމުން ދަނީ ލަންކާއާ ދެކޮޅަށް ކުޅޭ ދެ މެޗަށް --- ފޮޓޯ: ނިޝާން އަލީ | މިހާރު
އާ ސީޒަން ކުރިއަށް އޮތް ސެޕްޓެމްބަރުގައި ފެށުމަށް ގިނަ ކްލަބްތަކުން ވަނީ ޕްރެކްޓިސް ފަށައިފަ އެވެ. މޯހަން ބުނީ އެއީ ގައުމީ ޓީމަށް އޮތް ކުޑަ ހިތްހަމެޖެހުމެއް ކަމަށެވެ.
"މަޑުމަޑުން ރަނގަޅު ވަމުންދަނީ،" ގިނަ ކްލަބްތަކުން ޕްރެކްޓިސް ފެށުމުން ހާލަތު ރަނގަޅުވަމުން އަންނާނެ ކަމަށް އިޝާރާތްކޮށް އޭނާ ވާހަކަ ދެއްކި އެވެ.
"އެކަމަކު އެކަމަށް (ގައުމީ ޓީމު ހަމަޔަކަށް އެޅެން) ވަގުތު ނަގާނެ."
ނަމަވެސް ހުރި ގޮންޖެހުންތަކާ އެކު ވެސް، ދެކުނު އޭޝިއާގެ ސުޕަ ކަޕްގެ ނަމުގައި ލަންކާގައި ކުޅޭ ދެ މެޗުން މޮޅު ވެވޭނެ ކަމުގެ އުއްމީދު އޭނާ އާ ކުރި އެވެ.
ގައުމީ ޓީމުގެ ޕްރެކްޓިހުގައި ކުރީގެ ގޯލް ކީޕަރު އަދި މިހާރުގެ އެފްއޭއެމްގެ އެކްސްކޯ މެންބަރު އިމްރާން: --- ފޮޓޯ: ނިޝާން އަލީ | މިހާރު
"ހުރި ހުރިހާ ދައްޗަކާ އެކު ވެސް އެ ދެ މެޗުން ކާމިޔާބު ހޯދުން އަޅުގަނޑުމެންގެ މަގްސަދަކީ ވެސް. ﷲ އިރާދަކުރެއްވިޔާ އެކަން ކުރުމުގެ މަގްސަދުގައި މި ތައްޔާރު ވަނީ،" ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުގެ މަގާމު ވެސް ކުރިން އަދާކުރި މޯހަން ބުންޏެވެ.
ލަންކާއާ ދެކޮޅަށް ރާއްޖޭން ކުޅޭ ފުރަތަމަ މެޗު އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ. ދެވަނަ މެޗަށް ނުކުންނާނީ ސެޕްޓެމްބަރު ނުވައެއްގަ އެވެ.
މެޗަށް ތައްޔާރުވާން ހަފުތާއެއް ވެސް ނެތެވެ. އެކަމަކު މޯހަން ބުނީ ކުޅުންތެރިންގެ މަސައްކަތުން މެޗުން މޮޅު ވެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.
ރާއްޖޭން އެންމެ ފަހުން ލަންކާއާ ދެކޮޅަށް ކުޅުނީ 2022 ގައި ކުޅުނު އޭޝިއަން ކަޕް ކޮލިފައިންގަ އެވެ.
ރާއްޖޭން އެންމެ ފަހުން ލަންކާގައި، އެ ގައުމާ ދެކޮޅަށް މެޗެއް ކުޅުނީ ޑިސެމްބަރު 2021 ގަ އެވެ. އެއީ ގައުމުގައި ބޭއްވި ރާޖަޕަކްސަ އިންވިޓޭޝަނަލް މުބާރާތުގަ އެވެ. ކުރީގެ ކޯޗު އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯގެ ކޯޗުކަމުގެދަށުން ކުޅުނު އެ މެޗުގައި ރާއްޖޭން ހަތަރު ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ލަންކާއިން ނަތީޖާ ހަމަހަމަ ކުރި އެވެ.
އެ މެޗު ވެސް ކުޅުނީ ކޮލަމްބޯގެ ރޭސްކޯސް ދަނޑުގަ އެވެ. މިފަހަރު ލަންކާއާ ދެކޮޅަށް ކުޅޭ ދެ މެޗު ވެސް ކުޅޭނީ އެ ދަނޑުގަ އެވެ.
ލަންކާގެ ފެޑެރޭޝަނުން ދިވެހިންނަށް ޓިކެޓް އަގުބޮޑުކޮށްފި
ނަތީޖާއަށް ވުރެ މޯހަން އުފާކުރީ ޓީމުގެ މަސައްކަތާ މެދު
ގައުމީ ޓީމު ޖާގަދޭން ކްލަބްގެ ޕްރެކްޓިސް ވެސް ބަލަނީ
ފުޓްބޯޅަ އިމޭޖް ރީތިކުރުމަކީ ޓީމުގެ ޒިންމާއެއް: ކޯޗު
ދެ އަހަރަށް ފަހު ފައިސަލް އެނބުރި ގައުމީ ޓީމަށް!
ގައުމީ ޓީމުގެ ކޯޗުކަމަށް މޯހަން ހަމަޖައްސައިފި
ލަންކާ ކައިރިން ފަހުވަގުތު ރާއްޖެ ފުއްދާލީ ޕޮއިންޓަކުން
ރިކުއެސްޓެއް: އަޝްފާގު ނުލައި މިއަދު ކުޅެފާނަންތަ؟
ސީނިއާ ޓީމުގެ ކާމިޔާބަކީ ޒުވާން ޓީމުތަކަށް ހިތްވަރެއް
އިތުރަށް ރަނގަޅުކުރަން ކެތްތެރިކަން ބޭނުންވޭ: މޯހަން