Roadha Mihaaru
ލަންކާ ކައިރިން ފަހުވަގުތު ރާއްޖެ ފުއްދާލީ ޕޮއިންޓަކުން

ލަންކާ ކައިރިން ފަހުވަގުތު ރާއްޖެ ފުއްދާލީ ޕޮއިންޓަކުން

31 ޖުލައި 2022

އިންޑިއާގައި މިހާރު ކުރިއަށްދާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި މިއަދު ލަންކާ އާ ދެކޮޅަށް ކުޅުނު މެޗުން ފަހު ވަގުތު ރާއްޖެއިން ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެ އެވެ.

އިންޑިއާގައި މިހާރު ކުރިއަށްދާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި މިއަދު ލަންކާ އާ ދެކޮޅަށް ކުޅުނު މެޗުން ފަހު ވަގުތު ރާއްޖެއިން ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެ އެވެ.

ރާއްޖެއިން 1-0 ން މޮޅުވާން ދަނިކޮށް ލަންކާއިން ވަނީ ފަހު ވަގުތު ލަނޑު ޖަހައި ނަތީޖާ އެއްވަރުކޮށްފަ އެވެ.

އިންޑިއާގެ އޮޑިޝާ ސްޓޭޓްގެ ބުބަނޭޝްވަރު ސިޓީގައި ކުރިއަށްދާ މުބާރާތުގައި ވާދަކުރަނީ ސާފްގެ ހަތް ގައުމުގެ ތެރެއިން ފަސް ގައުމެވެ. ކުރިން ކުޅުނު ދެ މެޗުގައި ބަންގްލަދޭޝް އަދި ނޭޕާލް އަތުން ބަލިވުމުން، މިއަދުގެ މެޗަށް ނުކުތް އިރު ވެސް ރާއްޖެ އަށް ވަނީ މުބާރާތުގައި ކުރިއަށް ދިއުމުގެ ފުރުސަތު ބަންދު ވެފަ އެވެ.

ބުބަނޭޝަވަރުގެ ކަލިންގާ ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗުގައި ރާއްޖެ އަށް ލަނޑު ޖެހައި ދިނީ މެޗުގެ 75 ވަނަ މިނެޓްގައި އައިހަމް ހަމްދޫން (އައިހަމްސްކީ) އެވެ. ލަންކާގެ ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި އޭރިއާގެ ތެރެއިން ބޯޅަ ލިބިގަނެ އައިހަމް ވަނީ ގޯލްގެ ތިރީ ކަނަށް ބާރު ބޯޅައެއް ފޮނުވައިލައިފަ އެވެ.

އޭގެ ކުރިން ވެސް ރާއްޖެ އަށް ފުރުސަތުތަކެއް ލިބުނެވެ. އަދި ލަންކާއިން އުފެއްދި ނުރައްކާތެރި ހަމަލާތައް ހުއްޓުވުމުގައި ރާއްޖޭގެ ކީޕަރު ޝައިހާން އަލީ ވަނީ ރަނގަޅު ސޭވްތަކެއް ކޮށްފަ އެވެ. އެގޮތުން މެޗުގެ 65 ވަނަ މިނެޓްގައި ލަންކާގެ ކައިޔޫމް މުހައްމަދު އިހްސާން ފޮނުވާލި ބާރު ބޯޅައެއް ޝައިހާން ވަނީ ޑައިވްކޮށް ކޯނަރަކަށް ބޯޅަ ބޭރުކޮށްލާފަ އެވެ.

ލަންކާއިން ނަތީޖާ އެއްވަރު ކުރީ މެޗުގެ 90 މިނެޓް ހަމަވެގެން އިތުރަށް ދެއްކި ހަ މިނެޓްގެ ތެރެއިން ފަސް ވަނަ މިނެޓްގަ އެވެ. ރާއްޖޭގެ އޭރިއާގެ ބޭރުން ދަނޑުގެ ބޭރު ލައިނާ ކައިރިން ލިބުނު ހިލޭ ޖެހުން ފެނާންޑޯ ޑެރިކް އޭރިއާގެ ތެރެއަށް ނަގައިދިނުމުން، އޭރިއާގެ މެދުގައި ހުރެފައި ތެހެޝާން ތުހުޝްމިކާ ވަނީ ގޯލްގެ ތެރެއަށް ބޮލުން ބޯޅަ ފޮނުވާލައިފަ އެވެ. އެ ވަގުތު ރާއްޖޭގެ ކީޕަރު ޝައިހާން އަށް ވެސް ހުރެވުނީ ކޮންމެވެސް ވަރަކަށް ކުރިއަށް ނުކުމެ އެވެ. އެހެންވެ ބޯޅަ ގޮސް ވަނީ ހުހަށް އޮތް ގޯލަކަށެވެ.

ރާއްޖޭގެ ފަހު މެޗުގައި އަންގާރަ ދުވަހު ނުކުންނާނީ މުބާރާތް ބާއްވާ ގައުމު އިންޑިއާ އާ ދެކޮޅަށެވެ. މުބާރާތުގެ ފައިނަލަށް ދާނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ކުޅުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ. މިވަގުތު އެންމެ ކުރީގައި އޮތީ ބަންގްލަދޭޝް އެވެ. ދެވަނައިގައި އޮތީ ނޭޕާލެވެ. އިންޑިއާ އޮތީ ތިންވަނައިގަ އެވެ. އެކަމަކު އެ ޓީމަށް އަދި ދެ މެޗު އެބައޮތެވެ. މިރޭ އެ ޓީމު ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ.