އޮޑި ސްޕޯޓްސްގެ ޑިފެންޑަރު އަހްމަދު އައިހަމް ޓީސީގެ ހަސަން އީނާޒު މުޅިން އަލަށް ސީނިއާ ގައުމީ ޓީމަށް ނަގައިފި އެވެ.
31 މެއި 2025
އޮޑި ސްޕޯޓްސްގެ ޑިފެންޑަރު އަހްމަދު އައިހަމް ޓީސީގެ ހަސަން އީނާޒު މުޅިން އަލަށް ސީނިއާ ގައުމީ ޓީމަށް ނަގައިފި އެވެ.
އޭޝިއަން ކަޕް ކޮލިފައިންގެ ދެވަނަ މެޗުގައި ޓިމޯ ލެސްޓޭއާ ދެކޮޅަށް ކުޅޭ މެޗާއި އެ މެޗަށް ތައްޔާރުވުމަށް ސިންގަޕޫރާ ދެކޮޅަށް ކުޅޭ މެޗަށް ގައުމީ ޓީމުގެ ކޯޗު އަލީ ސުޒޭން ވަނީ 23 ކުޅުންތެރިންގެ ސްކޮޑެއް އެކުލަވާލައިފަ އެވެ.
މިދިޔަ ބުދަ ދުވަހުގެ ރޭ ނިންމާލި އެފްއޭއެމް ލީގު ކަޕުގައި އައިހަމް އާއި އީނާޒު ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.
ލީގު ކަޕަކީ ވާދަވެރި ގައުމީ ޓީމެއް ނެގުމަށް މަގުފަހި ކުރުމުގެ ގޮތުން ރަސްމީ ސީޒަނުގެ ބޭރުން އެފްއޭއެމުން ބޭއްވި މުބާރާތެކެވެ. އެކަމަކު މުބާރާތުގައި ބައިވެރި ނުވި ޓީމުތަކުގެ ކުޅުންތެރިނަށް ވެސް ސުޒޭން ވަނީ ފުރުސަތު ދީފަ އެވެ.
ގައުމީ ސްކޮޑްގައި މިފަހަރު ވެސް އެންމެ ގިނައީ މާޒިޔާގެ ކުޅުންތެރިންނެވެ. އެ ކްލަބްގެ 13 ކުޅުންތެރިޔަކު ވަނީ ޓީމުގައި ހިމަނައިފަ އެވެ.
ލީގު ކަޕްގެ ފައިނަލުގައި މާޒިޔާއާ ދެކޮޅަށް ކުޅުނު އޮޑީގެ ފަސް ކުޅުންތެރިޔަކަށް ފުރުސަތު ދިނެވެ. އެ މުބާރާތުގައި ބައިވެރިވި ޓީސީން ފުރުސަތު ދިނީ އީނާޒަށް އެކަންޏެވެ.
މުބާރާތުގައި ބައިވެރިވާނެ ކަމަށް ކުރިން އެންގި ނަމަވެސް، ފަހު ވަގުތު އެ ފުރުސަތުގެ ދޫކޮށްލި ވިކްޓަރީގެ ޒުވާން ކީޕަރު މުހައްމަދު ޔާމީނަށް ވެސް ވަނީ މެދުކެނޑުމަކަށް ފަހު އަލުން ގައުމީ ސްކޮޑުން ފުރުސަތު ދީފަ އެވެ.
އޭޝިއަން ކަޕް ކޮލިފައިންގައި ޖޫން މަހު ޓީމޯ ލެސްޓޭ އާ ދެކޮޅަށް އަދި އެކުވެރިކަމުގެ މެޗުގައި ސިންގަޕޫރާ ދެކޮޅަށް ކުޅެން ނެގި ގައުމީ ސްކޮޑް
ސުޒޭންގެ ކޯޗުކަމުގެދަށުން ބަންގްލަދޭޝާ ދެކޮޅަށް މިދިޔަ އަހަރު ކުޅުނު އެކުވެރިކަމުގެ ދެ މެޗަށް ނެގި ސްކޮޑްގައި ޔާމީން އޭރު ހިމެނި އެވެ. މެދުކެނޑުމަކަށް ފަހު ސްކޮޑުން ފުރުސަތު ލިބުނު އަނެއް ކުޅުންތެރިޔަކީ އޮޑީގެ މިޑްފީލްޑަރު ހައިޝަމް ރަޝީދެވެ. ބަންގްލަދޭޝާ ދެކޮޅަށް ކުޅުނު މެޗަށް ނެގި ސްކޮޑްގައި އޭނާ ވެސް ހިމެނުނެވެ.
ލީގު ކަޕްގައި ބައިވެރި ނުވި އީގަލްސްއިން ފުރުސަތު ދިނީ އެންމެ ކުޅުންތެރިޔަކަށެވެ. އެއީ އެންމެ ފަހުގެ ސްޕޯޓްސް އެވޯޑްގައި ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދި އަހްމަދު ރިޒުވާނަށެވެ. ލީގު ކަޕްގައި އެ މުބާރާތުގައި ބައިވެރި ނުވި ބުރު ސްޕޯޓްސްއިން ދެ ކުޅުންތެރިޔަކަށް ޓީމުން ފުރުސަތު ދިނެވެ. އެއީ މުހައްމަދު ނާއިމް އާއި އިބްރާހިމް އުސާމާ ހަސަން މަޖީދެވެ.
ފީފާގެ މިންގަނޑަށް ފެތޭ އިންޓަނޭޝަނަލް މެޗުތައް ކުޅެވޭ ވަރުގެ ދަނޑެއް ޓިމޯ ލެސްޓޭގައި ނެތެވެ. އެ ޓީމުން އިހްތިޔާރު ކުރީ ރާއްޖެއާ ދެކޮޅަށް ކުޅޭ އެ ގައުމުގެ ހޯމް މެޗު ނިއުޓްރަލް ވެނޫއެއްގެ ގޮތުގައި އޮސްޓްރޭލިއާގައި ކުޅުމަށެވެ. އެ މެޗު އޮންނާނީ ޖޫން 10 ގަ އެވެ.
އޭގެ ކުރިން ސިންގަޕޫރާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗު ޖޫން 5 ގައި ރާއްޖޭން އެ ގައުމުގައި ކުޅޭނެ އެވެ. އޮސްޓްރޭލިއާގެ މަރާރާގައި ކުޅޭ މެޗަށް ދިވެހި ޓީމުން ދަތުރު ކުރާނީ ސިންގަޕޫރު މަގުންނެވެ.
ކޮލިފައިންގެ ފުރަތަމަ މެޗުގައި ރާއްޖެ ވަނީ ފިލިޕީންސް އަތުން އެ ގައުމުގައި ކުޅެ 4-1 ން ބަލިވެފަ އެވެ. ޓިމޯ ލެސްޓޭގެ ފުރަތަމަ މެޗުގައި ތަޖިކިސްތާން އަތުން ބަލިވީ 1-0 ންނެވެ.
ކޮލިފައިން މެޗުގެ ކުރިން ރާއްޖޭން ސިންގަޕޫރާ ދެކޮޅަށް
މާފަށް އެދެމުން ސުޒޭން ގައުމީ ޓީމާ ދުރަށް
ތިން އަހަރު ކުރިއަށްވުރެ ޓީމުގެ ހާލަތު ރަނގަޅު: ކޯޗު
ފަހު 10 އަކާ ދިމާވާތީ ރާއްޖޭގެ މެޗު ފިލިޕީންސަށް
ބަންގްލަދޭޝްއިން ފަހު ވަގުތު ރާއްޖެ ބަލިކޮށްފި
ބަންގްލަދޭޝް ބަލިކޮށް ފުޓްބޯޅައަށް އުއްމީދެއް
ހާލަތުގެގޮތުން ކުރީގެމެޗުން ބަލިވެގެން ދެރަނުވޭ: ސުޒޭން
ހިތްދަތި ނަތީޖާއަކުން ރާއްޖެއަށް މުބާރާތް ނިމިއްޖެ
ބޫޓާން އަތުން ބަލިވެ ރާއްޖެ މުބާރާތުން ކެޓުމުގެ ބިރު
ވަރުގަދަ މެޗެއް؛ ކޮރެއާއަށް ރާއްޖޭގައި ބޮޑު ލަދެއް