Roadha Mihaaru
ޓްރާންސިޓްގެ 40 ގަޑިއިރަށްފަހު ގައުމީޓީމު ބެންގަލޫރަށް

ކޮލަމްބޯގެ ޓްރާންސިޓްގައި 40 ހަކަށް ގަޑިއިރު ހޭދަކުރުމަށްފަހު ގައުމީ ޓީމު ބެންގަލޫރަށް ހިނގައްޖެ

18 ޖޫން 2023

ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ ގައުމީ ފުޓްބޯޅަ ޓީމުން، ލަންކާ މަގުން އިންޑިއާގެ ބެންގަލޫރަށް ދިއުމަށް ކޮލަމްބޯގެ ޓްރާންސިޓްގައި 40 އަށް ވުރެ ގިނަ ގަޑިއރު ހޭދަ ކުރުމަށް ފަހު ރޭ ބެންގަލޫރަށް ހިނގައްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ ގައުމީ ފުޓްބޯޅަ ޓީމުން، ލަންކާ މަގުން އިންޑިއާގެ ބެންގަލޫރަށް ދިއުމަށް ކޮލަމްބޯގެ ޓްރާންސިޓްގައި 40 އަށް ވުރެ ގިނަ ގަޑިއރު ހޭދަ ކުރުމަށް ފަހު ރޭ ބެންގަލޫރަށް ހިނގައްޖެ އެވެ.

މުބާރާތަށް ތައްޔާރުވާން ޖަޕާންގައި ދެ ހަފުތާ އަށް ކުރިއަށް ގެންދިޔަ ޓްރޭނިން ކޭމްޕް ނިންމުމަށް ފަހު ބުރާސްފަތި ދުވަހުގެ ރޭ ގައުމީ ޓީމުން ވަނީ ކޮލަމްބޯގައި ޓްރާންސިޓަށް މަޑުކޮށްފަ އެވެ.

ކޮލަމްބޯ މަގުން މުބާރާތް ބާއްވާ ބެންގަލޫރަށް ދާން ހަމަޖެހިފައި އޮތް ކެނެކްޓިން ފްލައިޓް ކެންސަލް ވުމުން ކޮލަމްބޯގައި ދެ ދުވަސް ގައުމީ ޓީމުން ހޭދަ ކުރި އެވެ. އެ މުއްދަތުގައި ޓީމުން ވަނީ ލަންކާގެ ބެޑެގޭނާ ޓްރެއިނިން ސެންޓަރުގައި ޕްރެކްޓިސް ސެޝަންތަކެއް ކުރިއަށް ގެންގޮސްފަ އެވެ. އެ ޓްރޭނިން ސެންޓަރަކީ ނޮވެމްބަރު 2021 ގައި ލަންކާގައި ބޭއްވި މަހިންދަ ރާޖަޕަކްސަ މުބާރާތް ތެރޭގައި ވެސް ގައުމީ ޓީމުގެ ޓްރޭނިން ކުރިއަށް ގެންދިޔަ ތަނެވެ.

ޖަޕާންގައި ކުރިއަށް ގެންދިޔަ ޓްރޭނިން ކޭމްޕްގައި އެ ގައުމުގެ ކްލަބަކާ ދެކޮޅަށް ޕްރެކްޓިސް މެޗެއް ކުޅެން ގައުމީ ޓީމުން ހަމަޖެއްސި ނަމަވެސް ބޯ ވިއްސާރައިގެ ސަބަބުން މެޗު ކުޅެވޭ ގޮތް ނުވި ކަމަށް ޓީމުގެ މެނޭޖަރު އަބްދުﷲ ޝިބާއު އިއްޔެ ބުންޏެވެ.

ލަންކާގެ ބެޑެގޭނާ ޓްރެއިނިން ސެންޓަރުގައި ޕްރެކްޓިސް ސެޝަން=ެއްގެ ތެރެއިން --- ފޮޓޯ: އެފްއޭއެމް

ލަންކާގެ ބެޑެގޭނާ ޓްރެއިނިން ސެންޓަރުގައި ޕްރެކްޓިސް ސެޝަން=ެއްގެ ތެރެއިން --- ފޮޓޯ: އެފްއޭއެމް

"ޖަޕާނުގައި ކުޅެން އޮތް އެކުވެރިކަމުގެ މެޗު ކެންސަލް ކުރީ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މެޗު ކުރިއަށް ނުގެންދެވޭނެ ކަމަށް ދެ ޓީމާއި ރެފްރީން ވެސް އެއްބަސްވުމުން،" އެފްއޭއެމްގެ މީޑީއާ ގުރޫޕަށް ޝިބާ ފޮނުވި މެސެޖްގައި ވެއެވެ.

މުބާރާޓާ ކުރިމަތލާއިރު ޓީމަށް ވަނީ ބޮޑު މައްސަލައެއް ކުރިމަތި ވެފަ އެވެ. އެއްވަނަ ކީޕަރު މުހައްމަދު ފައިސަލްގެ ކަކުލަށް އަނިޔާވުމުން އޭނާ އަށް މުބާރާތުގައި ނުކުޅެވޭނެތީ އިއްޔެ އޭނާ ސްކޮޑުން ބާކީ ކުރި އެވެ. އޭނާގެ ބަދަލުގައި ޓީމުން ފުރުސަތު ދިނީ ޔުނައިޓެޑް ވިކްޓަރީގެ ކީޕަރު އަލީ ނާޖިހް އަށެވެ.

ބަންގްލަދޭޝްގައި 2018 ގައި ބޭއްވި ސާފް ޗެމްޕިއަންޝިޕް ރާއްޖެ އަށް ހޯދައި ދިނުމުގައި މުހިންމު ދައުރެއް އަދާކޮށް، އެ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދި ފައިސަލް އަށް ސާފް ޗެމްޕިއަންޝިޕްގައި ނުކުޅެވުމަކީ ގައުމީ ޓީމަށް ކުރިމަތިވާނެ ޗެލެންޖެކެވެ. މާޒިޔާގައި ވެސް އެއްވަނަ ކީޕަރު ފައިސަލް ބަދަލުގައި މުބާރާތުގައި ރާއްޖޭގެ ގޯލް ބަލަހައްޓާނެ ކަމަށް ބެލެވެނީ އެ ކްލަބްގެ ދެވަނަ ކީޕަރު ހުސައިން ޝަރީފެވެ. މިދިޔަ އަހަރު ފަހުކޮޅު ރާއްޖޭން ކުޅުނު އެކުވެރިކަމުގެ ފަސް މެޗުގައި އަދި މި އަހަރު ޕާކިސްތާނާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ރާއްޖޭގެ ގޯލް ބެލެހެއްޓީ ހުސައިން އެވެ.

ގައުމީ ޓީމު ބެންގަލޫރަށް ދިއުމުން ސާފް ޗެމްޕިއަންޝިޕްގެ އޮގަނައިޒިން ކޮމިޓީގެ މެންބަރުން ގައުމީ ޓީމަށް މަރުހަބާ ކިޔަނީ --- ފޮޓޯ: އެފްއޭއެމް

ގައުމީ ޓީމު ބެންގަލޫރަށް ދިއުމުން ސާފް ޗެމްޕިއަންޝިޕްގެ އޮގަނައިޒިން ކޮމިޓީގެ މެންބަރުން ގައުމީ ޓީމަށް މަރުހަބާ ކިޔަނީ --- ފޮޓޯ: އެފްއޭއެމް

ސާފް ޗެމްޕިއަންޝިޕް އިންތިޒާމު ކުރުމުގެ ހުރިހާ ހައިސިއްޔަތެއް އިންޑިއާ އަށް ދީފައިވުމުން، އެ ގައުމުން ވަނީ ދެކުނު އޭޝިއާއިން ބޭރުން ކުވައިތާއި ލުބުނާން ސާފް ޗެމްޕިއަންޝިޕްގައި ބައިވެރިވާން ފުރުސަތު ދިފަ އެވެ.

ރާއްޖެ ލައްވާލީ ލުބުނާނާ އެއް ގުރޫޕެއްގަ އެވެ، ދެން އެ ގުރޫޕްގައި ހިމެނެނީ ބަންގްލަދޭޝް އާއި ބޫޓާން އެވެ. ގުރޫޕް އޭ ގައި އިންޑިއާ އާއި ކުވައިތާއި ނޭޕާލް އަދި ޕާކިސްތާނެވެ. ފީފާގެ ސަސްޕެންޝަންގައި އޮތުމުން ސްރީ ލަންކާ އަށް މުބާރާތުގައި ވާދައެއް ނުކުރެވެ އެވެ. ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި އަންނަ ބުރާސްފަތި ދުވަހު ނުކުންނާނީ ބޫޓާނާ ދެކޮޅަށެވެ.