ސްރީ ލަންކާއާ ދެކޮޅަށް ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމު މިއަދު ކުޅުނު މެޗުގައި ޒުވާން މުހައްމަދު އިލާން އިމްރާން ކުޅެން ނުކުމެ ރާއްޖޭގެ ފުޓްބޯޅައިގައި ތާރީހީ ދެ ރެކޯޑެއް ހަދައި ދީފި އެވެ.
06 ސެޕްޓެމްބަރ 2025
ސްރީ ލަންކާއާ ދެކޮޅަށް ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމު މިއަދު ކުޅުނު މެޗުގައި ޒުވާން މުހައްމަދު އިލާން އިމްރާން ކުޅެން ނުކުމެ ރާއްޖޭގެ ފުޓްބޯޅައިގައި ތާރީހީ ދެ ރެކޯޑެއް ހަދައި ދީފި އެވެ.
ތަޖުރިބާކާރު ކޯޗު މުހައްމަދު ޝިޔާޒު (މޯހަން) ގައުމީ ކޯޗުގެ މަގާމާ ހަވާލުވެ، ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި ލަންކާއާ ދެކޮޅަށް މިއަދު އޭނާ ފުރުސަތު ދިން އެންމެ ހާއްސަ ކުޅުންތެރިޔަކީ އިލާން އެވެ.
މެޗުގެ 89 ވަނަ މިނެޓްގައި އިބްރާހިމް މަހުދީ ހުސައިން (ފޭދޫ އިއްބެ) ގެ ބަދަލުގައި އިލާން ކުޅެން ނުކުތީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ. ސީނިއާ ގައުމީ ޓީމުގެ 21 ނަންބަރު ޖާޒީގައި އިލާން ކުޅެން ނުކުތް އިރު އުމުރަކީ 16 އަހަރާއި ހަތް މަހާއި 20 ދުވަހެވެ.
އެ އުމުރަށް ބަލާއިރު އެއީ މިހާތަނަށް ރާއްޖޭގެ ސީނިއާ ފުޓްބޯޅަ ޓީމަށް ކުޅުނު އެންމެ ހަގު ކުޅުންތެރިޔާ އެވެ. އެހެންވެ، އިލާންގެ ނަން ވަނީ މިއަދުން ފެށިގެން ރާއްޖޭގެ ފުޓުބޯޅައިގެ ތާރީހުގައި މިހާރު ރަން އަކުރުން ލިޔެފަ އެވެ.
ކުރިން މި ރެކޯޑް އޮންނަނީ މާޗު 2018 ގައި ސިންގަޕޫރުގައި އެ ގައުމާ ދެކޮޅަށް ރާއްޖޭން ކުޅުނު މެޗުގައި ކުޅެން ނުކުތް އަބްދުﷲ ޔާމީން (ޔާން) ގެ އެވެ. ބުރު ސްޕޯޓްސްގެ މިހާރުގެ ފޯވާޑް، ޔާން ސިންގަޕޫރާ ދެކޮޅަށް ކުޅެން ނުކުތް އިރު އޭނާގެ އުމުރަކީ 17 އަހަރާއި 85 ދުވަހެވެ.
ޔާން އަށް ވުރެ ކުރިން އެ ރެކޯޑް އޮންނަ ކަމަށް ފުޓްބޯޅައިގެ ބައެއް ތަޖުރިބާކާރުން ފާހަގަކުރާ ނަމަކީ ކުރީގެ ލެޖެންޑް މުހައްމަދު ހަލީމް ނުވަތަ މަޝްހޫރު ނަމުން ނަމަ ބޮޑު ޖަޑާ އެވެ. ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގައި 1984 ވަނަ އަހަރު ބޭއްވި ސައުތު އޭޝިއަން ގޭމްސްގައި ބޮޑު ޖަޑާ، ގައުމީ ޓީމަށް ކުޅެން ފެށިއިރު އޭނާގެ އުމުރަކީ 17 އަހަރާއި 145 ދުވަހެވެ.
އިލާން މިއަދު ކުޅެން ނުކުތުމާ އެކު، މެޗުގެ ކޮމެންޓްރީ ބޮކްސްގައި ތިބި ލަންކާގެ ކޮމެންޓޭޓަރު ބުނީ ދަނޑު މަތީގައި ވެސް ހުރި އެންމެ ހަގު ކުޅުންތެރިޔަކީ އިލާން ކަމަށެވެ. އޭނާ މިއަދު މުގުރާލީ އެންމެ ހަގު ކުޅުންތެރިޔާގެ ރެކޯޑް އެކަންޏެއް ނޫނެވެ. މިއަދުގެ މެޗުގައި އޭނާ ވަނީ ރާއްޖޭގެ ތިންވަނަ ލަނޑު ޖަހަން، އަލީ ފާސިރު (ސެންޓޭ) އަށް އެހީތެރިވެ، ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.
އެ ތާރީހީ ޕާހާ އެކު މާޒިޔާގެ ފޯވާޑް އިލާން ވަނީ ސީނިއާ ގައުމީ ޓީމުގައި ގޯލް ޖަހަން އެހީތެރިވެ ދިން އުމުރުން އެންމެ ހަގު ކުޅުންތެރިޔާގެ ރެކޯޑް ވެސް ހަދައިފަ އެވެ.
ރާއްޖޭގެ ޓީމުގެ މެދުތެރެއިން އިލާން އަށް ލިބުނު ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަނުމުން، އޭނާގެ އަތުން ބޯޅަ ހޯދަން ލަންކާގެ ޑިފެންޑަރު ވެސް ކުރިމަތިލި އެވެ. ނަމަވެސް އެ ޕްރެޝަރުގައި ނުޖެހި ބޯޅަ ސެންޓޭ އަށް ބޯޅަ ނަގައި ދިނީ ހިތްގައިމުކޮށެވެ.
ސެންޓޭގެ އެ ލަނޑާ އެކު ރާއްޖޭން މެޗު ކާމިޔާބު ކުރީ 3-0 ންނެވެ. ދިވެހި ޓީމުގެ އަނެއް ދެ ލަނޑު ޖެހީ ނާއިޒު ހަސަން (ދާދު) އާއި އިބްރާހިމް މަހްދީ ހުސައިން (ފޭދޫ އިއްބެ) އެވެ.
ލަންކާގެ ފެޑެރޭޝަނުން ދިވެހިންނަށް ޓިކެޓް އަގުބޮޑުކޮށްފި
"ޔޫރަޕާއި އޭޝިއާގެ ފުޓްބޯޅާގައި މާބޮޑު ތަފާތެއް ނެތް"
ސައުތު އޭޝިއަން ސުޕަ ކަޕްގެ ތަށި ރާއްޖެއަށް
ޓްރާންސިޓްގެ 40 ގަޑިއިރަށްފަހު ގައުމީޓީމު ބެންގަލޫރަށް
ފްލައިޓް ކެންސަލްވުމުން ލަންކާގައި ޓީމުން ކޭމްޕްކޮށްފި
ލަންކާ ކައިރިން ފަހުވަގުތު ރާއްޖެ ފުއްދާލީ ޕޮއިންޓަކުން
ރާއްޖޭގެ މެޗު މާދަމާ ހަވީރަށް ބަދަލުކޮށްފި
ރައީސް މާދަމާ ލަންކާއަށް ވަޑައިގަންނަވަނީ
ކޯޗަށް އިނގިރޭސި ނޭނގުނަސް ދައްޗެއް ނޫން: ސެންޓޭ
ލަންކާގައި އުޅޭ ދިވެހިން ތިބީ ގަދަ ފޯރީގައި!