Roadha Mihaaru

ދެ ލެގުގެ ނަތީޖާއިން ކުރި ހޯދައި ސައުތު އޭޝިއަން ސުޕަ ކަޕްގެ ތަށި ރާއްޖެއަށް

ދެ ލެގުގެ އެގްރިގޭޓުން ސްރީ ލަންކާގެ މައްޗަށް ކުރި ހޯދައި އެ ގައުމުން އިންތިޒާމުކުރި ސައުތު އޭޝިއަން ސުޕަ ކަޕްގެ ޓައިޓަލް ރާއްޖޭން ހޯދައިފި އެވެ.

ސައުތު އޭޝިއަން ސުޕަ ކަޕްގެ ތަށި ރާއްޖެއަށް

ދެ ލެގުގެ އެގްރިގޭޓުން ސްރީ ލަންކާގެ މައްޗަށް ކުރި ހޯދައި އެ ގައުމުން އިންތިޒާމުކުރި ސައުތު އޭޝިއަން ސުޕަ ކަޕްގެ ޓައިޓަލް ރާއްޖޭން ހޯދައިފި އެވެ.

ލަންކާގެ ފުޓްބޯޅަ ފެޑެރޭޝަނުން މަސައްކަތް ކުރީ ސައުތު އޭޝިއަން ސުޕަ ކަޕްގެ ނަމުގައި ހަތަރު ގައުމު ވާދަކުރާ ކުރު މުބާރާތެއް ބޭއްވުމަށެވެ. އެކަމަކު އެ ގައުމުގެ އެފްއޭއިން ދައުވަތު ދިން ބައެއް ގައުމުތަކުން ދައުވަތު ގަބޫލު ކުރެވެން ނެތްކަން އެންގި އެވެ. އޭރުވެސް ރާއްޖޭން ވަނީ ދައުވަތު ގަބޫލުކޮށް މުބާރާތުގައި ބައިވެރިވާނެކަން އަންގައިފަ އެވެ.

ރާއްޖޭން ބައިވެރިވުމުން، ލަންކާގެ ފުޓްބޯޅަ ފެޑެރޭޝަނުން ނިންމީ ސައުތު އޭޝިއަން ސުޕަ ކަޕްގެ ނަމުގައި ބާއްވަން އުޅުނު މުބާރާތް ކެންސަލްނުކޮށް، ދެ މެޗު ރާއްޖެއާ ދެކޮޅަށް ކުޅޭށެވެ. އަދި ދެ މެޗުގެ ނަތީޖާއިން މޮޅުވާ ޓީމަކަށް ސައުތު އޭޝިއަން ސުޕަ ކަޕްގެ ނަމުގައި ތައްޔާރު ކުރި ތަށި ދިނުމަށް ވެސް ނިންމި އެވެ.

މިއަދުގެ މެޗު އެއްވަރުވީ 1-1 އިންނެވެ. ފުރަތަމަ މެޗުގައި ރާއްޖޭން ހޯދި ތިން ލަނޑުގެ މޮޅާ އެކު ރާއްޖޭން ކުރި ހޯދީ 4-1 ގެ އެގްރިގޭޓް އެގްރިގޭޓުންނެވެ.

ފުރަތަމަ ހާފުގައި އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ލަންކާގެ ޑިލަން ޑަ ސިލްވާއަށެވެ. މެޗުގެ 20 ވަނަ މިނެޓްގައި ރާއްޖޭގެ އޭރިއާގެ ތެރެއަށް ވަދެ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލް ދަނޑިއަށެވެ.

އެ ހާފުގައި ރާއްޖޭގެ މިޑްފީލްޑަރު އަހްމަދު އައިހަމް ވެސް ވަނީ ރަނގަޅު ފުރުސަތެއް ލަންކާގެ އޭރިއާ ތެރެއަށް ނަގައި ދީފަ އެވެ. އެ ވަގުތު ލަންކާގެ ކީޕަރު ސުޖަން ޕެރޭރާ ވެސް ހުރީ ނުބައި ޕޮޒިޝަނުގަ އެވެ. ހުސްކޮށް އޮތް ގޯލްގެ ތެރެއަށް ބޯޅަ ފޮނުވާލާނެ އިތުރު ދިވެހި ކުޅުންތެރިޔެއް ލަންކާގެ އޭރިއާގެ ތެރޭގައި ނެތެވެ.

ފުރަތަމަ ހާފުގެ އެންމެ ފަހު ވަގުތު ލަންކާގެ ވަސީމް ރަޒީކް އަށް ރަނގަޅު ފުރުސަތެއް އެ ޓީމުގެ އަދާވަން ރާޖާމޯހަން ނަގައި ދިނެވެ. ރަޒީކް ފަޔަށް އެ ބޯޅަ ރަނގަޅަކަށް ނޭރި އެވެ. ވެއްޓިގެންފައި އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލް ދަނޑިކައިރިން ބޭރަށެވެ.

ޑިސެމްބަރު 2021 ގައި ލަންކާއިން ބޭއްވި ފޯނޭޝަން ކަޕްގައި ރާއްޖޭން ހަތަރު ލަނޑުގެ ލީޑެއް ނަގާފައިވަނިކޮށް ލަންކާއިން ފަހަތުން އަރައި 4-4 އިން އެއްވަރު ކުރި މެޗުގައި ރަޒީކް ހެޓްރިކް ހެދި އެވެ. އެކަމަކު މިފަހަރު ރާއްޖެއާ ދެކޮޅަށް ކުޅުނު ދެ މެޗުގައި ވެސް ލަންކާ ޓޮޕް ސްޓައިކަރު ރަޒީކަށް އޭނާ އަށް ލިބުނު ފުރުސަތުތަކުގައި ގޯލަކަށް ހަދައެއް ނުލެވުނެވެ.

ލަންކާގެ އެހެން އެޓޭކަރުންގެ ފަރާތުން ރާއްޖޭގެ ފަހަތަށް ބާރުބޮޑު ކުރި އެވެ. ފުރަތަމަ ހާފުގައި ރާއްޖޭގެ ފޯވާޑް އަހްމަދު ރިޒުވާން އަށް އަނިޔާވުމުން، އޭނާގެ ބަދަލުގައި ކުޅެން ނެރުނީ ޑިފެންޑަރު އަދި ކެޕްޓަން ސަމޫހް އަލީ އެވެ.

ސަމޫހް އާ އެކު ރާއްޖޭގެ ޑިފެންސަށް ކުޅުންތެރިންގެ އަދަދު އިތުރުވުމުން، މެދުތެރެއަށް ކުޅެމުންދިޔަ ހަމްޒާ މުހައްމަދު، ކުރިއަށް ޖެހި ރާއްޖޭގެ ހަމަލާތަކުގައި އޭނާގެ ބައިވެރިވުން އިތުރު ކުރި އެވެ. ހަމަލާތަކުގައި ހަމްޒާ ބައިވެރިވާން ފެށުމުން ރާއްޖޭން ލަންކާގެ ގޯލަށް ނުރައްކާ ކުރާ މިންވަރުވެސް އިތުރުވި އެވެ.

ދެ ވަނަ ހާފުގައި ވެސް ރަޒީކަށް ރަނގަޅު ހުރަހެއް ލަންކާގެ ސެމް ޑްރަންޓް ނަގައި ދިނެވެ. އެކަމަކު ރަޒީކް ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ.

ރާއްޖޭން ކައުންޓަ އެޓޭކްގައި ކުރިއަށް ޖެހި ހަމަލާ އުފެއްދި އެވެ. ދިވެހި ޓީމުގެ ގޯލަކީ ވެސް ކައުންޓަ އެޓޭކްގައި އުފެއްދި ހަމަލާ އަކުން ކާމިޔާބު ކުރި ގޯލެކެވެ.

އަލީ ފާސިރު (ސެންޓޭ) އޭރިއާ ތެރެއަށް ނަގައި ދިން ބޯޅަ އިބްރާހިމް މަހްދީ ހުސައިން (ފޭދޫ އިއްބެ) ބޮލުން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ ހުރަސް ދަނޑިއަށެވެ. އެ ބޯޅަ ރީބައުންސްވުމުން ގޯލް ކުރިމަތީގައި ހުރި ނާއިޒު ހުސައިން (ދާދު) ވަނީ ގޯލްގެ ތެރެއަށް ބޯޅަ ވައްދާލައިފަ އެވެ.

ރާއްޖޭން މޮޅުވާން ދަނިކޮށް ލަންކާއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ އޮލިވާ ކެލާޓް ދެ ވަނަ ހާފުގެ އިތުރު ވަގުތުގައި ޖަހައިދިން ލަނޑުންނެވެ.