Roadha Mihaaru
ދިވެހިންނަށް ޓިކެޓެއް ވިއްކަނީ 5،000 ރުޕީސް އަށް

ލަންކާގެ މުބާރާތް: ދިވެހިންނަށް ޓިކެޓެއް ވިއްކަނީ 5،000 ރުޕީސް އަށް

07 ނޮވެމްބަރ 2021

ސްރީ ލަންކާގައި މާދަމާ ފަށާ މަހިންދަ ރާޖަޕަކްސަ ޓްރޮފީ މުބާރާތުގައި ދިވެހިންނަށް ޓިކެޓެއް ވިއްކާނީ 5،000 ރުޕީސް އަށް ކަމަށް އެ ގައުމުގެ ފުޓްބޯލް ފެޑެރޭޝަނުން އިއުލާނު ކޮށްފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ސްރީ ލަންކާގައި މާދަމާ ފަށާ މަހިންދަ ރާޖަޕަކްސަ ޓްރޮފީ މުބާރާތުގައި ދިވެހިންނަށް ޓިކެޓެއް ވިއްކާނީ 5،000 ރުޕީސް އަށް ކަމަށް އެ ގައުމުގެ ފުޓްބޯލް ފެޑެރޭޝަނުން އިއުލާނު ކޮށްފި އެވެ.

އެ މުބާރާތުގައި ރްއްޖެ- ލަންކާ މާދަމާ ރޭ ކުޅޭއިރު، ދިވެހިންނަށް ޓިކެޓު ވިއްކާނީ ކޮލަމްބޯގައި ހުންނަ ރާއްޖޭގެ އެމްބަސީންނާއި ދިވެހިންގެ ކޮމިއުނިޓީ ސެންޓަރުން ކަމަށް ލަންކާގެ ފުޓްބޯލް ފެޑެރޭޝަންގެ އިއުލާނުގައި ވެ އެވެ. ނަމަވެސް ދިވެހިންނަށް ހާއްސަ ކުރީ ކިތައް ޓިކެޓް ކަމެއް ނުބުނެ އެވެ. ލަންކާގެ ފުޓުބޯޅަ އިދާރާ އިން ހަމައެކަނި ބުނީ ހުރީ ލިމިޓެޑް އަދަދެއްގެ ޓިކެޓް ކަމަށެވެ.

ޓިކެޓް ވިއްކަން ފަށާނީ ލަންކާގެ ގަޑިން މިއަދުގެ މެންދުރު ފަހު ތިނަކުން ހަވީރު ހައެއް ޖަހަންދެނެވެ. މާދަމާ ޓިކެޓް ވިއްކާނީ ހެނދުނު 11 އިން މެންދުރު ފަހު ދޭއް ޖަހަންދެންނެވެ. ފުރަތަމަ މެޗުގައި ރާއްޖެ އާއި ލަންކާ ކުޅޭ މެޗު އޮންނާނީ މާދަމާ ރޭ ލަންކާ ގަޑިން އަށެއް ޖަހާއިރު އެވެ. އެއީ ރާއްޖޭގެ ގަޑިން ރޭގަނޑު 7:30 އެވެ.

ލަންކާ އާއި ރާއްޖެ ކުޅޭ މެޗުގައި ދިވެހިންނަށް ޓިކެޓް ވިއްކާނެ ގޮތް ލަންކާގެ ފެޑެރޭޝަނުން އިއުލާންކޮށްފައި

ލަންކާގެ ފުޓްބޯޅަ ފެޑްރޭޝަނުން ބުނިގޮތުގައި، މުބާރާތުގެ މެޗުތައް ކުޅެން ހަމަޖެހިފައިވާ ކޮލަމްބޯގެ ރޭސް ކޯޒް ސްޓޭޑިއަމްގެ މަތީބުރީގައިވާ ގޮނޑިބަރި ހާއްސަ ކޮށްފައި ވާނީ ދިވެހިންނަށެވެ. ދަނޑަށް ވަދެވޭނީ ކޮވިޑް-19 ގެ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާ މީހުންނަށް ކަމަށް ވެސް އެ އިދާރާ އިން ބުނެ އެވެ.

ލަންކާގެ ސަޕޯޓަރުންނަށް ޓިކެޓް ވިއްކަނީ 200 ރުޕީސް ކަމަށް ވާއިރު، ދިވެހިންނަށް އަގުބޮޑުކޮށް ޓިކެޓް ވިއްކާތީ، އެ ގައުމުގައި ދިރިއުޅޭ ދިވެހިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކޮލަމްބޯގައި ދިރިއުޅޭ ދިވެހިން ހިންގާ ހަރަކާތްތަކުގައި އިސްކޮށް އުޅޭ މއ. ޕީޓްރަލް އަބްދުﷲ ނާއިލް ބުނީ، ދިވެހިންނަށް އަގުބޮޑުކޮށް ޓިކެޓް ވިއްކުމަކީ ދިވެހި ސަޕޯޓަރުންނަށް ކުރިމަތިވާނެ ބޮޑު ގޮންޖެހުމެއް ކަމަށެވެ.

"މިކޮޅުގައި އުޅޭ ދިވެހިން ދަނޑަށް ދާނީ މުޅި އާއިލާ ގޮވައިގެން. ކޮންމެ މީހަކަށް ޓިކެޓެއް ގަންނަން 30 ނުވަތަ 25 ޑޮލަރު ދޭން ޖެހުމަކީ އެއްވެސް އާއިލާ އަކަށް ފަސޭހަ ވާނެ ކަމެއް ނޫން. އެއީ މިކޮޅުގައި އުޅޭ ދިވެހިންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް، އޭނާ ބުންޏެވެ.