Roadha Mihaaru

ލަންކާގައި ދިރިއުޅޭ ދިވެހިންނަށް އެއް އަހަރުގެ މުއްދަތަށް މެޑިކަލް ވިސާ ދޫކުރަން ފަށައިފި

ސްރީ ލަންކާގައި ދިރިއުޅޭ ދިވެހިންނަށާއި ލަންކާގެ ރައްޔިތުންނާ ކައިވެނި ކޮށްގެން އެ ގައުމުގައި ދިރިއުޅޭ ދިވެހިންނަށް އެއް އަހަރު ދުވަހުގެ މުއްދަތަށް މެޑިކަލް ވިސާ ދޫކުރަން ފަށައިފި އެވެ.

ލަންކާގައި އުޅޭ ދިވެހިންނަށް 1 އަހަރުގެ މެޑިކަލް ވިސާ

ސްރީ ލަންކާގައި ދިރިއުޅޭ ދިވެހިންނަށާއި ލަންކާގެ ރައްޔިތުންނާ ކައިވެނި ކޮށްގެން އެ ގައުމުގައި ދިރިއުޅޭ ދިވެހިންނަށް އެއް އަހަރު ދުވަހުގެ މުއްދަތަށް މެޑިކަލް ވިސާ ދޫކުރަން ފަށައިފި އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން މިރޭ ބުނީ، ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ދޫކުރާ މެޑިކަލް ވިސާ އަދި ސްޕައުސް ވިސާ (ލަންކާގެ ރައްޔިތުންނާ ކައިވެނި ކޮށްގެން އުޅޭ ދިވެހިންނަށް) އެއް އަހަރު ދުވަހުގެ މުއްދަތަށް ދޫކުރުމަށް އެ ގައުމުގެ ސަރުކާރުން މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ނިންމާފައިވާ ކަމަށެވެ.

ލަންކާގައި ދިރިއުޅޭ ދިވެހިންނަށް މިހާތަނަށް މެޑިކަލް ވިސާ ދޫކުރަމުން އައީ 3-4 މަސް ދުވަހުގެ މުއްދަތަށެވެ. އޭގެ ދަތިތައް ވަރަށް ބޮޑުވުމާ ގުޅިގެން، ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީން ކުރި މަސައްކަތާ އެކު އެ ނިންމުން ބަދަލުކުރީ ކަމަށް ސަފީރު މަސްއޫދު އިމާދު ވިދާޅުވެފައި ވެ އެވެ.

ސްރީ ލަންކާގައި ވަޒީފާ އަދާކުރާ ނުވަތަ މަތީ ތައުލީމް ހާސިލްކުރާ ދިވެހިންގެ އަނބިން ނުވަތަ ފިރިންނަށް ވެސް އެއް އަހަރުގެ ވިސާ ލިބޭ ގޮތަށް ހަމަޖެއްސިކަން އިއުލާން ކުރެއްވީ އެ ގައުމުގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކަ މިދިޔަ މަހުގެ ފަހުކޮޅު ރާއްޖެ އަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ދެއްވި ދެ ގައުުމުގެ ގުޅިފައިވާ ބަޔާނުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.

އެ މަނިކުފާނު ވަނީ ދިވެހިންނަށް އެއް އަހަރުގެ މެޑިކަލް ވިސާ އަދި ސްޕައުސް ވިސާ ދިނުމަށް ލަންކާ ސަރުކާރުން ނިންމާފައިވާތީ އެކަމަށް ޝުކުރު އަދާކުރައްވައިފަ އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ވަނީ ވިސާ އަށް އެދޭ މީހުން އެޕްލިކޭޝަނާ އެކު، ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެދިފަ އެވެ.

"ވަކިން ހާއްސަކޮށް، ސެކިއުރިޓީ ކްލިއަރެންސް އަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަކުރުމަށް އިލްތިމާސް ކުރަމެވެ. ވިސާ އަށް އެދޭ ފަރާތުގެ ސެކިއުރިޓީ ކްލިއަރެންސްގެ ރެކޯޑުގައި އެއްވެސް މައްސަލައެއް ފާހަގަކުރެވިއްޖެ ނަމަ އޭގެ ސަބަބުން ވިސާ ބާތިލުވުން ފަދަ ނޭދެވޭ ނަތީޖާއެއް ކުރިމަތިވެދާނެތީ، މިކަމަށް ސަމާލުވުމަށް ސްރީލަންކާ ސަރުކާރުން ވަނީ އިލްތިމާސް ކޮށްފަ އެވެ،" ފޮރިން މިނިސްޓްރީން ބުންޏެވެ.

ރާއްޖެއަށް އަންނަ ސްރީ ލަންކާ މީހުންނަށް ވެސް 90 ދުވަހުގެ އޮން އެރައިވަލް ވިސާ މިދިޔަ މަހު ވަނީ ފަށައިފަ އެވެ. އެއީ ވެސް ލަންކާގެ ރައީސް ޑިސަނަޔަކަ ރާއްޖެ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް މުއިއްޒާ އެކު ކުރެއްވި މަޝްވަރާތަކުގެ ނަތީޖާ ކަމަށް އިމިގްރޭޝަނުން ބުނެފައި ވެ އެވެ.

ލަންކާ އަށް ސަލާމަތީ ގޮތުން ނުރައްކަލެއް ކުރިމަތިވެދާނެ ބޭރު ގައުމުތަކުގެ ލިސްޓުން ވެސް ރާއްޖެ ވަނީ މިދިޔަ މަހު ރަސްމީކޮށް އުނިކޮށްފަ އެވެ.

ލަންކާގައި 2019 ވަނަ އަހަރު ދިން ހަަމަލާތަކަށް ފަހު، އެ ގައުމުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމާ އެކު، ލަންކާ އަށް ސަލާމަތީ ގޮތުން ނުރައްކަލެއް ކުރިމަތިވެދާނެ ބޭރު ގައުމުތަކުގެ ލިސްޓެއް އެކުލަވާލައި، އެ ލިސްޓުގައި ރާއްޖެ ހިމެނި އެވެ. އޭގެ ސަބަބުން ވެސް ވިސާ ލިބުމުގައި ދިވެހިންނަށް ބޮޑެތި ދަތިތަކެއް މިދިޔަ މުއްދަތުގައި ކުރިމަތިވި އެވެ.