Roadha Mihaaru
ލަންކާ ފުލުހަށް ގެންދިޔަ ފަސް ދިވެއްސަކު ދޫކޮށްލައިފި

ލަންކާގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ 12 ދިވެހިންގެ ތެރެއިން ފަސް މީހަކު ދޫކޮށްލައިފި

06 ޖެނުއަރީ 2020

ސްރީ ލަންކާގެ ފުލުހުންގެ ބެލުމުގެ ދަށަށް އިއްޔެ އާއި ރޭ ގެންދިޔަ 12 ދިވެހިންގެ ތެރެއިން ފަސް މީހަކު މިހާރު ދޫކޮށްލާފައިވާ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ސްރީ ލަންކާގެ ފުލުހުންގެ ބެލުމުގެ ދަށަށް އިއްޔެ އާއި ރޭ ގެންދިޔަ 12 ދިވެހިންގެ ތެރެއިން ފަސް މީހަކު މިހާރު ދޫކޮށްލާފައިވާ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ފޮރިން މިނިސްޓްރީގެ ޑިރެކްޓަރު އޮފް ކޮމިއުނިކޭޝަންސް މިއުވާން މުހައްމަދު ވިދާޅުވީ، ލަންކާގެ ފުލުހުންގެ ބެލުމުގެ ދަށަށް އެންމެ ފަހުން ގެންދިޔައީ ވިސާ ހަމަވުމުން ވެސް އެ ގައުމުގައި މަޑުކުރި މީހެއް ކަމަށެވެ. އެ މީހާގެ އިތުރުން އަންހެނަކާއި ތިން ކުދިން ރޭ ދޫކޮށްލާފައިވާ ކަމަށް މިއުވާން ވިދާޅުވި އެވެ.

މި ފަސް މީހުންގެ އިތުރުން އެހެން މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ލަންކާގެ ކޯޓަކަށް މިއަދު ހާޒިރު ކުރާނެ ކަމަށް ކުރިން ބެލެވުނު ނަމަވެސް، އެނގިފައިވާ ގޮތުގައި އެ މީހުން ކޯޓަށް ނުގެންގޮސް ދޫކޮށްލަން މިހާރު ވަނީ ހަމަޖެހިފަ އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ރޭ ފުރަތަމަ ބުނީ ލަންކާގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ހަ ދިވެހިން ކަމަށާއި ކޮލަމްްބޯގައި ހުންނަ ރާއްޖޭގެ އެމްބަސީގެ މުވައްޒަފުން އެ މީހުންނަށް ކޮންސިއުލާ ހިދުމަތް ދެމުން އަންނަ ކަމަށެވެ.

ލަންކާގައި ހުންނަވާ ރާއްޖޭގެ ސަފީރު އުމަރު ރައްޒާގު "މިހާރު" އަށް ރޭ ވިދާޅުވީ އެ ހަ މީހުން ހައްޔަރުކޮށްފައި ނުވާ ކަމަށާއި އެމީހުން ފުލުހުންގެ މަރުކަޒަކަށް ގެންދިޔައީ އާއްމު އުސޫލުން ސުވާލުކުރި އިރު ލިޔެކިޔުން ނެތުމުން ކަމަށެވެ.

ލަންކާގައި މިދިޔަ އަހަރު ދިން ޓެރަރިސްޓް ހަަމަލާތަކަށް ފަހު އެ ގައުމުގެ ސަލާމަތީ ކަންތައްތައް ވަނީ ކުރިއަށް ވުރެ ވަރުގަދަކޮށްފަ އެވެ. އެގޮތުން، އެކި ސަރަހައްދުތަކަށް ފުލުހުން ގޮސް ބިދޭސީންނާ ސުވާލުކޮށް، ލިއެކިޔުންތައް ހުރިތޯ ބެލުމުގެ އޮޕަރޭޝަންތައް ދޭތެރެދޭތެރެއިން ހިންގަ އެވެެ.