Roadha Mihaaru
ލަންކާގެ ރެސިޑެންސް ވިސާގެ އުސޫލު ހަރުކަށިކޮށްފި

ލަންކާގެ ރެސިޑެންސް ވިސާގެ އުސޫލު ހަރުކަށިކޮށްފި

07 މެއި 2019

ސްރީ ލަންކާ އަށް ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން، އެ ގައުމުގެ ވިސާގެ އުސޫލަށް ބަދަލުތަކެއް ގެނެސް ރެސިޑެންސް ވިސާ ނެގުން މިހާރަށް ވުރެ ހަރުކަށިކޮށްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ސްރީ ލަންކާ އަށް ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން، އެ ގައުމުގެ ވިސާގެ އުސޫލަށް ބަދަލުތަކެއް ގެނެސް ރެސިޑެންސް ވިސާ ނެގުން މިހާރަށް ވުރެ ހަރުކަށިކޮށްފި އެވެ.

އެކި ބޭނުންތަކުގައި ލަންކާގައި ދިރިއުޅޭ އެހެން ގައުމުތަކުގެ މީހުންނަށް ދޫކުރާ ރެސިޑެންސް ވިސާ އަށް ބަދަލު މި ގެނައީ، ހަމަލާތަކާ ގުޅިގެން ސަލާމަތީ ކަންކަން ވަރުގަދަ ކުރުމުގެ ފިޔަވަޅެއްގެ ގޮތުންނެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން މިރޭ ބުނިގޮތުގައި ރެސިޑެންސް ވިސާ ނެގުމުގެ އުސޫލަށް ބަދަލު ގެނެސްފައިވާ ލަންކާ އިން ވަނީ ދިވެހި ސަރުކާރަށް އަންގައިފަ އެވެ. ކުރިން އޮންނަ ގޮތުން، ކިޔެވުމާއި އެކި ބޭނުންތަކަށް ލަންކާ އަށް ދާ ދިވެހިން ޓޫރިސްޓު ވިސާގައި، އެ ގައުމަށް އެތެރެވެ ލަންކާގައި ތިބެގެން އިމިގްރޭޝަނުން ރެސިޑެންސް ވިސާ ނެގެ އެވެ.

އެކަމަކު، މިހާރު ހަމަޖެއްސި ގޮތުން ނަމަ، ދިގު މުއްދަތުގައި އެ ގައުމުގައި ތިބެން ބޭނުން ނަމަ އެތެރެވެވޭނީ ރާއްޖޭގައި ތިބެގެން ވިސާގެ ކަންކަން ފުރިހަމަ ކޮށްގެންނެވެ. ލަންކާ އިން ރެސިޑެންސް ވިސާ ބޭނުންވާ މީހުން ދެން އެދެން ޖެހޭނީ ރާއްޖޭގައި ހުންނަ ލަންކާގެ އެމްބަސީގަ އެވެ.

މި އުސޫލަށް މި މަހު 15 ގައި އަމަލުކުރަން ފަށާނެ އެވެ.

ރެސިޑެންސް ވިސާ އަށް މި ބަދަލު ގެނަޔަސް އޮން އެރައިވަލް ވިސާ އަށް ބަދަލެއް ނުގެނެ އެވެ.

ފޮރިން މިނިސްޓްރީގެ ޑައިރެކްޓާ އޮފް ކޮމިއުނިކޭޝަންސް މިއުވާން މުހައްމަދު "މިހާރު" އަށް ވިދާޅުވީ ރެސިޑެންސް ވިސާ އަށް މި ގެނައި ބަދަލުގެ އެއްވެސް އަސަރެއް، ލަންކާގައި މިހާރު ދިރިއުޅޭ ދިވެހިންނަކަށް ނުކުރާނެ އެވެ. ރެސިޑެންސް ވިސާގައި މިހާރު ތިބި މީހުންގެ ވިސާގެ މުއްދަތު ހަމަވުމުން ވެސް ލަންކާގައި ތިބެ އާ ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ފޮރިން މިނިސްޓަރު ޝާހިދު، ލަންކާގެ ޕްރައިމް މިނިސްޓަރާ މާދަމާ ބައްދަލު ކުރައްވާ އިރު ވިސާގެ އުސޫލަށް މި ގެނައި ބަދަލާ ގުޅޭ ގޮތުން ދިވެހިންނަށް ލުއިތަކެއް ހޯދަން މަޝްވަރާ ކުރައްވާނެ،" މިއުވާން ވިދާޅުވި އެވެ.

ކިޔެވުމާއި ބޭސްފަރުވާ ފަދަ ބޭނުންތަކުގައި ގާތްގަނޑަކަށް 15،000 ދިވެހިން ލަންކާގައި ދިރިއުޅެ އެވެ. ލަންކާ އަށް ދިން ހަމަލާތަކަށް ފަހު ހިންގި ބަލައި ފާސްކުރުމުގެ އޮޕަރޭޝަންތަކުގައި، ވިސާ ނެތް ބައެއް ދިވެހިން ހައްޔަރުކޮށްފައިވެ އެވެ. ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރިން ވިދާޅުވެފައިވާ ގޮތުގައި ގިނަ އަދަދެއްގެ ދިވެހިން ވިސާ ނެތި ލަންކާގައި އެބަ އުޅެ އެވެ.

ލަންކާގައި ދިން ޓެރަރިސްޓް ހަމަލާތަކާ ގުޅިެން އެ ގައުމުގެ ސަލާމަތީ ކަންކަން ވަނީ ވަރުގަދަކޮށްފަ އެވެ. ލަންކާގައި ދިން ބޮމުގެ ހަމަލާތަކުގައި 253 މީހުން ވަނީ މަރުވެފަ އެވެ. އޭގެ ތެރޭގައި ބިދޭސީ 42 މީހުން ހިމެނެ އެވެ.