Roadha Mihaaru
ލަންކާ ބަލިކޮށް އިންޑިއާ ސެމީއާ ގާތަށް

ލަންކާ ބަލިކޮށް އިންޑިއާ ސެމީއާ ގާތަށް

05 ސެޕްޓެމްބަރ 2018

ސާފް ސުޒުކީ ކަޕްގައި މިރޭ ކުޅުނު މެޗުން ސްރީލަންކާ އަތުން 2-0 އިން ހޯދި މޮޅާ އެކު މި ފަހަރުގެ މުބާރާތުގައި ވާދަކުރާ އިންޑިއާގެ 23 އަހަރުން ދަށުގެ ޓީމު މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައަކާ ގާތަށް ޖެހިލައިފި އެވެ.

އައްޒާމް އަލިފުޅު ބަންގްލަދޭޝްގެ ޑާކާ އިން އައްޒާމް އަލިފުޅު

ސާފް ސުޒުކީ ކަޕްގައި މިރޭ ކުޅުނު މެޗުން ސްރީލަންކާ އަތުން 2-0 އިން ހޯދި މޮޅާ އެކު މި ފަހަރުގެ މުބާރާތުގައި ވާދަކުރާ އިންޑިއާގެ 23 އަހަރުން ދަށުގެ ޓީމު މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައަކާ ގާތަށް ޖެހިލައިފި އެވެ.

ގްރޫޕް ބީގައި ސްރީލަންކާ އާއި އިންޑިއާގެ އިތުރުން ހިމެނެނީ ރާއްޖެ އެވެ. އިންޑިއާ އަށް މި މެޗުން މޮޅެއް ލިބުނުއިރު، އެ ޓީމަށް ދެން ބާކީ އޮންނާނީ އަންނަ އާދިއްތަ ދުވަހު ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗެވެ. އެ މެޗުން ބަލިނުވެ ފަރުޖައްސާލައިގެން ވެސް އެ ޓީމަށް ސެމީގެ ޖާގަ ލިބޭނެ އެވެ. އެކަމަކު މި ގްރޫޕުގައި ދެން އޮތް މެޗުން ހުކުރު ދުވަހު ރާއްޖެ އަތުން ލަންކާ ބަލިވެއްޖެނަމަ އިންޑިއާ އާއި ރާްއްޖެ އަށް ސެމީ ޔަގީންވާނެ އެވެ. އޭރުން އާދިއްތަ ދުވަހު ރާއްޖެ އާއި އިންޑިއާ ވާދަކުރާނީ ގްރޫޕްގެ އެއް ވަނަ އަށެވެ.

ބަންގްލަދޭޝްގެ ބަންގުބަންދު ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު ސްރީލަންކާ އިން މި މެޗު ފެށީ މިދިޔަ ޖުލައި މަހު އެ ޓީމުން ލިތުއޭނިއާއާ އެއްވަރުކުރިއިރު މެޗުގައި ކުޅުނު ގޮތަށެވެ. ވަރަށް ބޮޑަށް ފަހަތަށް ޖެހިގެން އެ ޓީމުން ކުޅެމުން ދިޔައިރު، އިންޑިއާ އިން މަސައްކަތްކުރީ ދެ ފަޅީގެ ބޭނުންކޮށްގެން އެޓޭކްކުރާށެވެ.

ހާފުގެ ކުރީކޮޅުގައި ސްރީލަންކާ އޭރިއާ ތެރެއަށް އައި ނުރައްކާތެރި ބޯޅަތައް ހުއްޓުވީ އެ ޓީމުގެ ގޯލްކީޕަރު ރާއްޖޭގެ ކްލަބް އީގަލްސް އަށް ކުޅޭ ސުޖަން ޕެރޭރާ އެވެ. އިންޑިއާގެ ނުރައްކާތެރި ދެ ހުރަހެއް އެ ވަގުތު ސުޖަން ވަނީ ހުއްޓުވައިފަ އެވެ.

އިންޑިއާ އަށް ލަނޑު ޖަހައިދޭން ފުރަތަމަ ފުރުސަތު ލިބުނީ އެ ޓީމުގެ ހުނަރުވެރި ކުޅުންތެރިއާ ލަލިއަންޒުއާލާ ޗަންޓޭ އަށެވެ. މެޗުގެ 13 ވަނަ މިނިޓްގައި އޭރިއާ ތެރޭގައި ހުސްކޮށްހުރެ އޭނާ ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރަށެވެ. އޭގެ ތިން މިނިޓް ފަހުން ސްރީލަންކާގެ މުހައްމަދު ރިފްނާސް ހާފުގެ މެދުތެރެއިން ލިބުނު ހިލޭ ޖެހުމަކުން ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.

މެޗުގެ ފުރަތަމަ 25 މިނިޓަށް ފަހު އިންޑިއާގެ މެދުތެރެއިން ބޮޑަށް ކޮންޓްރޯލް ނަގައި ސްރީލަންކާގެ ފަހަތަށް ބާރުބޮޑުކުރަން ފެށި އެވެ. އެ ޓީމުގެ މެދުތެރެއަށް ކުޅޭ އަނިރުދް ތާޕާ އާއި ގަމަންޕްރީތު ސިންހު ދޭ ބޯޅަތަކުން ކުރިއަށް ކުޅެމުންދިޔަ ސުމީތު ޕާސީ ނުރައްކާތެރި ހަމަލާ ފޮނުވަން ފެށި އެވެ.

އިންޑިއާ އަށް ލީޑުނަގައިދިން ގޯލު މެޗުގެ 35 ވަނަ މިނިޓްގައި ޖެހީ ސުޕަ ލީގުގެ ޕޫނޭ ސިޓީ އަށް ކުޅޭ އާޝިގް ކުރުނިއަން އެވެ. ސުމީތު ހުސްކޮށްލާފައި ދިން ބޯޅަ ކުރުނިއަން ވަނީ އޭރިއާތެރެއިން ގޯލުގެ ދުރުކަނަސް އަމާޒުކޮށްލައިފަ އެވެ.

ހާފު ނިމުމުގެ ކުރިން އިންޑިއާ އަށް ލީޑުފުޅާކޮށްދޭން ކުރިން ލިވަޕޫލް އެކެޑަމީ އަށް ކުޅުނު ލަލިއަންޒުއާލާ އަށް ރަނުގެ ފުރުސަތެއް ލިބުނުއިރު، އޭރިއާ ތެރެއިން އޭނާ ޖެހި ބޯޅަ ދިޔައީ ގޯލުގެ ހުރަސްދަނޑިމަތިންނެވެ. އޭގެ ފަހުން އޭރިއާ ތެރެއިން އިންޑިއާގެ މުހައްމަދު ސާޖިދު ބޮލުން ޖެހި ބޯޅަ ކީޕަރު ސުޖަން ވަނީ މަތަކޮށްފަ އެވެ.

ދެ ވަނަ ހާފުގެ ކުޅުން ފެށިގެން މިނިޓެއްގެ ތެރޭގައި ލަލިއަންޒުއާލާ ޖެހި ގޯލުން އިންޑިއާ އިން ލީޑުފުޅާކުރި އެވެ. ވާތްފަޅިން ލަލިއަންޒުއާލާ ނެގި ހުރަސް ގޯލަށް ވަނީ ސްރީލަންކާ ކީޕަރު ސުޖަން ބޯމަތިން ގޮހެވެ. މެޗުގެ 70 ވަނަ މިނިޓްގައި އިންޑިއާގެ ފަރޫގް ޗޯދަރީ ޖެހި ބޯޅައެއް ވަނީ ހުރަސްދަނޑިއަށް އަމާޒުވެފަ އެވެ.

އިންޑިއާ އިން އިތުރު ލަނޑެއް ޖަހަން ފޮނުވާލި ގިނަ ހަމަލާތަކެއް ސުޖަން ވަނީ މަތަކޮށްފަ އެވެ. އޭގެ ތެރޭގައި އޭރިއާ ތެރެއިން ފޮނުވާލި ނުރައްކާތެރި ދެ ބޯޅައެއް ހިމެނެ އެވެ.

ބަންގްލަދޭޝްގައި 2009 ވަނަ އަހަރު އޮތް ސާފްގެ ޗެމްޕިއަންކަން އިންޑިއާ އިން ހޯދީ 23 އަހަރުން ދަށުގެ ޓީމަކާ އެކު އެވެ. މި ފަހަރުގެ މުބާރާތަށް އިންޑިއާ އިން ސީނިއާ ޓީމު ނުފޮނުވީ ގިނަ ސަބަބުތަކާ ހުރެ އެވެ. އެއީ އަންނަ އަހަރު އޮންނަ އޭޝިއަން ކަޕަށް ސީނިއާ ޓީމަށް ވަގުތު ދިނުމުގެ ގޮތުންނާއި މި ފަހަރުގެ އޭޝިއަން ގޭމްސްގައި އިންޑިއާގެ ޒުވާން ޓީމު ބައިވެރިކުރަން އިންޑިއާގެ އޮލިމްޕިކް ކޮމިޓީން ފުރުސަތު ނުދިނުމުންނެވެ.

މި މުބާރާތުގެ ޗެމްޕިއަންކަން 2015 ވަނަ އަހަރު ހޯދުމަށް ފަހު އިންޑިއާގެ ކޯޗު ސްޓެފަން ކޮންސްޓަންޓީން ވަނީ މުސްތަގުބަލުގައި މި މުބާރާތް ބޭނުންކުރާނީ ޒުވާން ކުޅުންތެރިންނަށް ފުރުސަތުދޭން ކަމަށް ބުނެފަ އެވެ.