Roadha Mihaaru
ފައިސަލް: ސާފް ސުޒުކީ ކަޕުގެ މޮޅު ކުޅުންތެރިޔާ

ފައިސަލް: ސާފް ސުޒުކީ ކަޕުގެ މޮޅު ކުޅުންތެރިޔާ

15 ސެޕްޓެމްބަރ 2018

މީގެ ނުވަ އަހަރު ކުރިން 2010 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ ތިން ވަނަ މެޗުގައި ހޮވި މެޗުގައި ޕެނަލްޓީ ޖަހައިގެން އިންޑިއާ ބަލިކޮށް ރާއްޖޭން ލޯ މެޑަލް ހާސިލްކުރިއިރު އެންމެ މުހިއްމު ދައުރެއް އަދާކުރި އެއް ކުޅުންތެރިޔަކީ ގޯލްކީޕަރު މުހައްމަދު ފައިސަލެވެ. މިރޭ ހަމަ އެ ދަނޑުގައި ރާއްޖޭން އިންޑިއާ ބަލިކޮށް ސާފް ސުޒުކީ ކަޕުގެ ތަށި ހޯދިއިރު، މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އޭނާ އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

މީގެ ނުވަ އަހަރު ކުރިން 2010 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ ތިން ވަނަ މެޗުގައި ހޮވި މެޗުގައި ޕެނަލްޓީ ޖަހައިގެން އިންޑިއާ ބަލިކޮށް ރާއްޖޭން ލޯ މެޑަލް ހާސިލްކުރިއިރު އެންމެ މުހިއްމު ދައުރެއް އަދާކުރި އެއް ކުޅުންތެރިޔަކީ ގޯލްކީޕަރު މުހައްމަދު ފައިސަލެވެ. މިރޭ ހަމަ އެ ދަނޑުގައި ރާއްޖޭން އިންޑިއާ ބަލިކޮށް ސާފް ސުޒުކީ ކަޕުގެ ތަށި ހޯދިއިރު، މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އޭނާ އެވެ.

ރާއްޖޭން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު ވެސް އެންމެ މޮޅު ކުޅުމެއް ދެއްކި އެއް ކުޅުންތެރިޔަކީ އޭރުގެ ކީޕަރު އިމްރާން މުހައްމަދެވެ. އެކަމަކު އޭނާ ނެތް ދުވަހު ރާއްޖޭގެ ގޯލް ބަލަހައްޓާނެ ކުޅުންތެރިޔަކާ މެދު އަބަދުވެސް ދިވެހިން އައީ ވިސްނަމުންނެވެ. ފައިސަލް މިވަނީ މި މުބާރާތުގައި ދެއްކި ކުޅުމާ އެކު އެ ހާސްކަން ފިލުވައިދީފަ އެވެ. މޮޅު ކުޅުންތެރިޔާގެ އެވޯޑާ އެކު އޭނާ އަށް ވަނީ 10،000 ޑޮލަރު (154،200ރ.) ލިބިފަ އެވެ.

ފައިސަލަކީ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ރާއްޖޭގެ ދެ ވަނަ ކުޅުންތެރިޔާ އެވެ. ރާއްޖޭން 2008 ވަނަ އަހަރު ތަށި ހޯދިއިރު އެ މަގާމް ހޯދީ އަލީ އަޝްފާގް (ދަގަނޑޭ) އެވެ.

މި ފަހަރުގެ ގްރޫޕް ސްޓޭޖުގައި ރާއްޖޭގެ ނަތީޖާތައް ދަށްވީ ނަމަވެސް ފައިސަލްގެ ކުޅުން ގިނަ ބަޔަކު ފާހަގަކުރި އެވެ. ސްރީ ލަންކާއާ 0-0 އިން އެއްވަރުވި މެޗުން ރާއްޖެ ބަލިނުވެ ސަލާމަތްވުމުގެ ޝުކުރު ހައްގުވަނީ އޭނާ އަށެވެ. އެގޮތުން މެޗުގެ ފަހުކޮޅު އޭނާ މުހިއްމު ސޭވްތަކެއް ކުރި އެވެ. ގްރޫޕް ސްޓޭޖުގައި އިންޑިއާ އަތުން 2-0 އިން ބަލިވި މެޗާއި ސެމީ ފައިނަލުން ނޭޕާލް އަތުން 3-0 އިން މޮޅުވި މެޗުގައި އޭނާ ދެއްކި ކުޅުމާ އެކު މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމް އޭނާ އަށް ލިބޭނެ ކަމަށް ގިނަ ބަޔަކު ބުނަން ފެށި އެވެ. މިރޭގެ ފައިނަލުގައި އޭނާ ވަނީ އިންޑިއާ އިން އޭރިއާ ތެރެއަށް ލަމުން ދިޔަ ނުރައްކާތެރި ގިނަ ބޯޅަތަކެއް ހަމަޖެހިލައިގެން ސޭވްކޮށްފަ އެވެ.

ކްލަބް ލެވެލްގައި ނިއު ރޭޑިއަންޓަށް ކުޅޭ ފައިސަލަށް، އެ ޓީމުގައި އިމްރާން ހުރުމުން މާ ގިނަ މެޗުތަކެއް ފުރަތަމަ އެގާރައިގައި ކުޅެން ފުރުސަތު ނުލިބެ އެވެ. އެކަމަކު ވެސް ހުނަރާއި ތަޖުރިބާއަށް ބަލާއިރު އޭނާ ފަހަތަށް ޖައްސާލާނެ އެހެން ކީޕަރެއް މި ވަގުތު ރާއްޖޭގައި ނެތެވެ.

"ބައެއް ފަހަރު ކްލަބްގައި ފައިސަލް ނުކުޅެފާނެ. އެކަމަކު އޭނަ އަބަދުވެސް ހުންނަނީ ތައްޔާރަށް. އަބަދުވެސް މަސައްކަތްކުރޭ. މިހާރު އެ ފެންނަނީ އެ ތަފާތު،" ގައުމީ ކޯޗު ޕީޓާ ސެގާޓް ބުނެފައިވެ އެވެ.

ފައިނަލް މެޗުގެ ތެރެއިން ކީޕަރު ފައިސަލް ބޯޅަ ހިފަނީ.-- ފޮޓޯ: އިމޭޖަސް،އެމްވީ

ފައިނަލް މެޗުގެ ތެރެއިން ކީޕަރު ފައިސަލް ބޯޅަ ހިފަނީ.-- ފޮޓޯ: އިމޭޖަސް،އެމްވީ

ރާއްޖޭން 2008 ގައި ސާފް ޗެމްޕިއަންޝިޕް ހޯދުމުގެ އެއް އަހަރު ކުރިން 2007 ގައި އޭވައިއެލް އިން ފުރަތަމަ ޑިވިޝަނަށް ތައާރަފްވި ފައިސަލާ މެދު އޭރު ވެސް އުއްމީދުތަކެއް ކުރެވުނެވެ. އެއާ އެކު ސީޒަނުގެ ފަހުކޮޅު ލޯނެއްގެ ދަށުން ވިކްޓަރީ އަށް ގެންދިޔަ އެވެ. އެ ފަހަރުގެ ގައުމީ ފައިނަލުން ނިއު ރޭޑިއަންޓް އަތުން 3-0 އިން ވިކްޓަރީ ބަލިވި ނަމަވެސް ފައިސަލުގެ ކުޅުން ފާހަގަކޮށް އޭނާ ބަހައްޓަން އެ ކްލަބުން ބޭނުންވި އެވެ. އެކަމަކު ޖެހިގެން އައި އަހަރު އޭނާ އަނބުރާ އޭވައިއެލް އަށް ގެންދިޔަ އެވެ.

އޭގެ ފަހުން ދާއިމީ ކޮންޓްރެކްޓެއްގެ ދަށުން 2010 ވަނަ އަހަރު އަނެއްކާ ވެސް ވިކްޓަރީ އަށް ގެންދިޔަ އެވެ. އިމްރާން ދިއުމުން ވިކްޓަރީގެ ގޯލުގައި ހެދުނު ބާގަނޑު ޖެހިގެން އައި ތިން އަހަރު ފޫބައްދައިދިނީ ފައިސަލެވެ. އޭގެ ފަހުން 2013 ގައި ވެލެންސިއާ އަށް ބަދަލުވެ އެ ޓީމުގައި މޮޅަށް ކުޅުނެވެ. އެކަމަކު އެ ދުވަސްކޮޅު ވެލެންސިއާ އަޑިއަޅާލާފައި އޮތުމުން ފައިސަލަށް ކްލަބް ލެވެލްގައި ކާމިޔާބީތައް ހާސިލްކުރަން އުނދަގޫތަކެއްވި އެވެ. އޭނާ މިދިޔަ ސީޒަނުގެ މެދުތެރެއިން ނިއުއާ ގުޅި އެ ޓީމާ އެކު މިދިޔަ އަހަރުގެ ދިވެހި ލީގާއި އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް އަދި މި އަހަރުގެ އެސްޓީއޯ މާލޭ ލީގު ކާމިޔާބުކުރި އެވެ.

ފައިސަލުގެ ހުނަރުވެރިކަމާ އެއްވަރަށް ގައުމީ ޓީމުން ފުރުސަތު ނުލިބުނު އެންމެ ބޮޑު ސަބަބަކީ އިމްރާން ފަދަ ހުނަރުވެރިއަކު ހުރުމެވެ. އެކަމަކު އޭނާ ވަނީ ލިބުނު ފުރުސަތުތަކުގައި ވިދާލައިފަ އެވެ. އެގޮތުން އެންމެ ފާހަގަކުރެވުނީ 2010 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސް އިން ލޯ މެޑަލް ހޯދުމެވެ. ޑާކާގެ ބަންގުބަންދު ސްޓޭޑިއަމުގައި އޭނާ އެ ދުވަހު ކަރުގައި ލޯ މެޑަލް އެޅުވި ނަމަވެސް މިއަދު ހަމަ އެ ދަނޑުގައި ހަމަ އެ އިންޑިއާ ބަލިކޮށް އެ އެޅުވީ ރަން މެޑަލެވެ. އަދި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދައި، ރާއްޖޭގެ ޒުވާން ކީޕަރުންނަށް މިވަނީ ހިތްވަރެއް ހޯދައިދީފަ އެވެ.

"ރާއްޖޭގެ ޒުވާން ކީޕަރުންނަށް ރަނގަޅު ނަމޫނާއެއް. އޭނާ އަޑުއެހި. އޭނާ ގޯސްތަކުން ފިލާވަޅު ހޯދި. އޭނާ ގޮތް ދުލެއް ނުކުރި. އެންމެ ފަހުން އޭނާ އެ ހޯދީ މޮޅު ކުޅުންތެރިޔާގެ މަގާމް،" އިމްރާން ބުންޏެވެ.