Roadha Mihaaru
"ޓީމަށް އިތުބާރު ހޯދައިދެނީ ފައިސަލް"

"ޓީމަށް އިތުބާރު ހޯދައިދެނީ ފައިސަލް"

14 ސެޕްޓެމްބަރ 2018

ސާފް ސުޒުކީ ކަޕްގައި މިހާތަނަށް ރާއްޖެ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުގެ މޮޅު ކުޅުންތެރިޔަކީ ގޯލްކީޕަރު މުހައްމަދު ފައިސަލެވެ. މި މުބާރާތުގައި މިހާތަނަށް ރާއްޖޭން ނެރެފައިވާ ނަތީޖާތަކުގެ ފަހަތުގައި ފައިސަލްގެ ދައުރު ބޮޑެވެ. ޓީމުގެ ކުޅުންތެރިންނާއި ގައުމީ ކޯޗު ޕީޓާ ސެގާޓް ވެސް އެކަން ފާހަގަކުރެ އެވެ.

އައްޒާމް އަލިފުޅު ބަންގްލަދޭޝްގެ ޑާކާ އިން އައްޒާމް އަލިފުޅު

ސާފް ސުޒުކީ ކަޕްގައި މިހާތަނަށް ރާއްޖެ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުގެ މޮޅު ކުޅުންތެރިޔަކީ ގޯލްކީޕަރު މުހައްމަދު ފައިސަލެވެ. މި މުބާރާތުގައި މިހާތަނަށް ރާއްޖޭން ނެރެފައިވާ ނަތީޖާތަކުގެ ފަހަތުގައި ފައިސަލްގެ ދައުރު ބޮޑެވެ. ޓީމުގެ ކުޅުންތެރިންނާއި ގައުމީ ކޯޗު ޕީޓާ ސެގާޓް ވެސް އެކަން ފާހަގަކުރެ އެވެ.

ސަތާރަ އަހަރަށް ފަހު ތަޖުރިބާކާރު ގޯލްކީޕަރު އިމްރާން މުހައްމަދު ގައުމީ ޓީމަށް ކުޅުން ހުއްޓާލުމުން ދެން ރާއްޖޭގެ ގޯލު ބެލެހެއްޓުމުގެ ޒިންމާއާ ހަވާލުވާނީ ކޮން ކީޕަރެއްތޯ އުފެދުނު ސުވާލާ ގުޅޭގޮތުން ގިނަ ބަހުސްތަކެއް ކުރެވިއްޖެ އެވެ. އެ ހުރިހާ ކަމަކަށް އަލިމަގެއް ފެންނަން ފަށައިފި އެވެ. ފައިސަލް ދައްކަމުން އަންނަ މޮޅު ކުޅުމުގެ ސަބަބުންނެވެ.

"އަހަރެމެންގެ އެބަހުރި ވަރަށް މޮޅު ކީޕަރެއް އިމްރާން. އޭނަ މިދިޔަ ހުރިހާ އަހަރުތަކެއްގައި ކުޅުނީ. އޭނާ އަށް ފަހު ދެން މި ހުރީ ފައިސަލް. މުސްތަގުބަލަށް އޭނަ ރަނގަޅުވާނެ. އަހަރެމެން ކުޅެނީ ވަރަށް ކުރިއަށް ޖެހިގެން އެހެންވެ ކީޕަރުގެ މުހިއްމުކަން ފެންނަނީ. ފައިސަލް ވަރަށް ހުށިޔާރު. ޓީމަށް އިތުބާރު ހޯދައިދެނީ އޭނަ." ނޭޕާލް އަތުން މޮޅުވި މެޗަށް ފަހު އުމުރުން 30 އަހަރުގެ ކީޕަރާ ބެހޭގޮތުން ގައުމީ ކޯޗު ސެގާޓް ބުންޏެވެ.

ކްލަބް ލެވެލްގައި ނިއު ރޭޑިއަންޓްގެ ގޯލު ބަލަހައްޓަނީ އިމްރާން އެވެ. ފައިސަލް އަށް ފުރުސަތު ލިބެނީ މަދުންނެވެ. އެކަމަކު އެއީ މައްސަލައެއްގެ ގޮތުގައި ސެގާޓް ނުދެކެ އެވެ.

"ބައެއް ފަހަރު ކްލަބްގައި ފައިސަލް ނުކުޅެފާނެ. އެކަމަކު އޭނަ އަބަދުވެސް ހުންނަނީ ތައްޔާރަށް. އަބަދުވެސް މަސައްކަތްކުރޭ. މިހާރު އެ ފެންނަނީ އެ ތަފާތު،" ސެގާޓް ބުންޏެވެ.

އިންޑިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ފައިސަލް ބޯޅައެއް ހުއްޓުވަނީ. -- ފޮޓޯ: އިމޭޖަސް.އެމްވީ

އިންޑިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ފައިސަލް ބޯޅައެއް ހުއްޓުވަނީ. -- ފޮޓޯ: އިމޭޖަސް.އެމްވީ

މި ފަހަރުގެ މުބާރާތުގައި މިހާތަނަށް އެންމެ ގިނަ ބޯޅަ ހުއްޓުވާފައިވަނީ ޕާކިސްތާނުގެ ގޯލްކީޕަރު ޑެންމާކުގެ ދެ ވަަނަ ޑިވިޝަނުގައި ކުޅެމުން އަންނަ ޔޫސުފް އިޖާޒް ބަޓް އެވެ. އޭނާ ވަނީ މިހާތަނަށް 15 ބޯޅަ ހުއްޓުވައިފަ އެވެ. އޭނަ އަށް ވުރެން އެއް މެޗު މަދުން ކުޅެގެން ދެ ވަނަ އަށް އެންމެ ގިނަ ބޯޅަ ސަލާމަތްކުރީ ފައިސަލް އެވެ. ފައިސަލް ވަނީ 14 ހަމަަލާ މަތަކޮށްފަ އެވެ.

މި ފަހަރުގެ މުބާރާތުގެ މޮޅު ކުޅުންތެރިއާގެ މަގާމަށް ފައިސަލް ވެސް ވާދަކުރެ އެވެ. އެންމެ ފަހުން ސާފްގެ މުބާރާތެއްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ 2013 ވަނަ އަހަރު އަފްގާނިސްތާން ޓީމުގައި މޮޅު ކުޅުމެއް ދެއްކި މަންސޫރު ފަގީރްޔާރް އެވެ.

މި ފަހަރުގެ މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ލަންކާއާ ލަނޑެއް ނުޖެހި އެއްވަރުވި މެޗުގެ ފަހު ވަގުތުގައި ފައިސަލް ވަނީ ގިނަ ބޯޅަތަކެއް ހުއްޓުވައިފަ އެވެ. އަދި ސެމީ ފައިނަލުގައި ނޭޕާލުން ފޮނުވާލި ނުރައްކާތެރި ގިނަ ބޯޅަތަކެއް ސަލާމަތްކުރި އެވެ. މި މުބާރާތުގައި ފައިސަލް ދައްކަމުން އަންނަ ކުޅުމަށް ގިނަ ބަޔަކު ތައުރީފް ކުރަމުން އަންނައިރު، ކީޕަރު އިމްރާން ވެސް އަންނަނީ ސޯޝަލް މީޑިއާ ފައިސަލް އަށް ހިތްވަރު ދެމުންނެވެ.

ނޭޕާލް މެޗަށް ފަހު ފައިސަލް ބުނީ ކުރިއަށް އޮތް ފައިނަލުގައި އިންޑިއާއާ ދެކޮޅަށް ވެސް ރަނގަޅު ކުޅުމެއް ދައްކަން އުއްމީދުކުރާ ކަމަށެވެ.

ރާއްޖެ އާއި އިންޑިއާގެ 23 އަހަރުން ދަށުގެ ޓީމު ކުޅޭ ފައިނަލް މެޗު އޮންނާނީ މާދަމާ އިރުއޮއްސި 6 ޖަހާއިރު އެވެ.