Roadha Mihaaru
އަނިޔާވެގެން ފައިސަލްއަށް ސާފް ޗެމްޕިއަންޝިޕް ގެއްލިއްޖެ

އަނިޔާވެގެން ފައިސަލް އަށް ސާފް ޗެމްޕިއަންޝިޕް ގެއްލިއްޖެ، ބަދަލުގައި ނާޖިހް ގައުމީ ސްކޮޑަށް

16 ޖޫން 2023

ގައުމީ ފުޓްބޯޅަ ޓީމުގެ އެއްވަނަ ކީޕަރު މުހައްމަދު ފައިސަލް އަށް އަނިޔާވެ، ސާފް ޗެމްޕިއަންޝިޕް އޭނާ އަށް ގެއްލިއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ގައުމީ ފުޓްބޯޅަ ޓީމުގެ އެއްވަނަ ކީޕަރު މުހައްމަދު ފައިސަލް އަށް އަނިޔާވެ، ސާފް ޗެމްޕިއަންޝިޕް އޭނާ އަށް ގެއްލިއްޖެ އެވެ.

ގައުމީ ޓީމުގެ މެނޭޖަރު އަބްދުﷲ ޝިބާއު މިއަދު ބުނީ ފައިސަލްގެ ކަކުލަށް އަނިޔާވެފައިވާ ކަމަށެވެ. އަދި އޭނާ އަށް މުބާރާތް ނުކުޅެވޭނެ ކަމަށް ވެސް ޝިބާ ބުންޏެވެ.

ފައިސަލް އަށް މުބާރާތް ނުކުޅެވޭނެތީ ޓީމުގެ ތިންވަނަ ކީޕަރެއްގެ ގޮތުގައި، ޔުނައިޓެޑް ވިކްޓަރީގެ ޒުވާން ކިޕަރު އަލީ ނާޖިހް ގައުމީ ސްކޮޑަށް ގެނައުމަށް ވަނީ ނިންމައިފަ އެވެ. މިވަގަުތު ލަންކާގައި ކޭމްޕްކޮށްގެން ތިބި ގައުމީ ޓީމާ ނާޖިހް ގުލޭނީ ކޮން އިރަކު ކަމެއް ޝިބާ ނުބުނެ އެވެ.

ބަންގަލަދޭޝްގައި 2018 ގައި ބޭއްވި ސާފް ޗެމްޕިއަންޝިޕް ރާއްޖެ އަށް ހޯދައި ދިނުމުގައި މުހިންމު ދައުރެއް އަދާކޮށް، އެ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދި ފައިސަލް އަށް ސާފް ޗެމްޕިއަންޝިޕްގައި ނުކުޅެވުމަކީ ގައުމީ ޓީމަށް ކުރިމަތިވާނެ ޗެލެންޖެކެވެ.

މާޒިޔާގައި ވެސް އެއްވަނަ ކީޕަރު ފައިސަލް ބަދަލުގައި މުބާރާތުގައި ރާއްޖޭގެ ގޯލް ބަލަހައްޓާނެ ކަމަށް ބެލެވެނީ އެ ކްލަބްގެ ދެވަނަ ކީޕަރު ހުސައިން ޝަރީފެވެ. މިދިޔަ އަހަރު ފަހުކޮޅު ރާއްޖޭން ކުޅުނު އެކުވެރިކަމުގެ ފަސް މެޗުގައި އަދި މި އަހަރު ޕާކިސްތާނާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ރާއްޖޭގެ ގޯލް ބެލެހެއްޓީ ހުސައިން އެވެ.

އަންނަ ބުދަ ދުވަހު ފަށާ މުބާރާތުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި އަންނަ ބުރާސްފަތި ދުވަހު ނުކުންނާނީ ބޫޓާނާ ދެކޮޅަށެވެ.