09 ޖުލައި 2023
ނިމިދިޔަ ސާފް ޗެމްޕިއަންޝިޕަކީ ރާއްޖޭގެ ފުޓްބޯޅައިގެ ތާރީހުގައި ފެނުނު އެންމެ ބޮޑު ވެއްޓުމެވެ. ފުރަތަމަ ފަހަރަށް ގުރޫޕް ސްޓޭޖުން ކެޓުމާއި، 20 އަހަރަށް ފަހު އެ މުބާރާތުގައި ބަންގްލަދޭޝް އަތްދަށުވުމަކީ ރާއްޖެ އަށް ލަދުވެތި ނަތީޖާ އެކެވެ.
ނިމިދިޔަ ސާފް ޗެމްޕިއަންޝިޕަކީ ރާއްޖޭގެ ފުޓްބޯޅައިގެ ތާރީހުގައި ފެނުނު އެންމެ ބޮޑު ވެއްޓުމެވެ. ފުރަތަމަ ފަހަރަށް ގުރޫޕް ސްޓޭޖުން ކެޓުމާއި، 20 އަހަރަށް ފަހު އެ މުބާރާތުގައި ބަންގްލަދޭޝް އަތްދަށުވުމަކީ ރާއްޖެ އަށް ލަދުވެތި ނަތީޖާ އެކެވެ.
ވާދަވެރި މެޗެއް ނުކުޅެ ރާއްޖޭން މުބާރާތާ ކުރިމަތި ލީއިރު، ދެން މެޗެއް ނުކުޅޭ ހަމައެކަނި ގައުމަކީ ސަރަހައްދުގެ އެންމެ ދަށް ކޮށް އަބަދުވެސް ރޭންކް ކުރެވެމުން އަންނަ ބޫޓާން އެވެ. އެކަމަކު އެ ގައުމުން ވެސް ކަލްކަތާ އަށް ގޮސް އެ ތަނުގެ ކްލަބްތަކާ ދެކޮޅަށް ޓްރޭނިން މެޗުތަކެއް ކުޅުނެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖޭން ބޫޓާނާ ދެކޮޅަށް ކުޅެ މޮޅުވި ނަމަވެސް ނަތީޖާއިން ހިތްހަމަ ޖެހުމެއް ލިބިގަތުމުގެ ބަދަލުގައި ގިނަ ބައެއްގެ ކަންބޮޑުވުމަކަށް ވީ ރާއްޖޭގެ ދަށް ކުޅުމެވެ. ތަޖުރިބާ މަދު ޒުވާން ސްކޮޑަކާ އެކު ނުކުތް ބޫޓާން ފެނުނީ މުޅި މެޗުގައި ވެސް ރާއްޖޭގެ ޓީމަށް ހިފަހައްޓާލަން އުނދަގޫ ޓީމެއްގެ ގޮތުގަ އެވެ.
މުބާރާތުގެ ކުރިން ބޭއްވި ޕްރެސް ކޮންފަރެންސްގައި ރާއްޖޭގެ ކޯޗު އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯ ބުނީ، އޭނާ ގެންގުޅެނީ އިޓާލިއަން މެންޓަލިޓީއެއް ކަމަށާއި، އެ މެންޓަލިޓީ އަށް ރާއްޖޭގެ ޓީމު ހާނުވަން މަސައްކަތްތަކެއް ކުރެވިއްޖެ ކަމަށެވެ.
"އަހަރެން ގެންގުޅެނީ އިޓަލީގެ [ފުޓްބޯޅައިގެ] މެންޓަލިޓީ. އެކަމަކު ރާއްޖެއާ އޭތި އަޅާކިޔާއިރު ތަފާތު ވާނެ. ޒުވާން ކުޅުންތެރިންނާ އެކު ރަނގަޅު މެންޓަލިޓީ އަކަށް އެ ކުޅުންތެރިން ގެންދަން އަހަންނަށް މަސައްކަތް ކުރެވިއްޖެ،" އިޓަލީ ގައުމީ ޓީމާއި އިންޓަ މިލާނަށް ކުރިން ކުޅުނު މޮރިއޭރޯ ބުންޏެވެ.
ޖޫން 2022 ގައި ވެސް މޮރިއޭރޯ ބުނީ ރާއްޖޭގެ ޓީމުން އިޓަލީގެ ފުޓްބޯޅައިގެ ސްޓްއިލް ފެންނާނެ ކަމަށެވެ.
އިޓަލީގެ ފުޓްބޯޅައިގެ ސިފަތައް ރާއްޖޭގެ ޓީމުން ފެންނާނެ: ކޯޗު https://t.co/UyAb3EHrLf
— Mihaaru (@Mihaarunews) June 7, 2022
ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ދެވަނަ މެޗުން ބަންގްލަދޭޝް އަތުން ބަލިވުމުން ކޯޗު ވަނީ އެޓީމު އަތުން މޮޅު ވުމަކީ ވާވަރުގެ ކަމެއް ނޫން ކަމަށް ބުނެ، ކުޅުންތެރިންނާ މެދު ވެސް ނުރުހުންވެ ހުރެ ޕްރެސް ރޫމް ދޫކޮށް ގޮސްފަ އެވެ. ނަމަވެސް ފަހު މެޗުގައި ލެބަނަން އާ ދެކޮޅަށް ރާއްޖޭގެ ކުޅުން ކުރީ ދެ މެޗަށް ވުރެ ރަނގަޅަށެވެ. މިއާ އެކު ކޯޗަށް ރާއްޖޭގެ ޓީމު ކުއްލިއަކަށް ވަރުގަދަ ވިއެވެ. ނަތީޖާ ނުނެރެވުނަސް ޓީމުގެ ކުޅުމާ މެދު އޭނާ ހިތްހަމަ ޖެހުނެވެ.
ރާއްޖޭން މުބާރާތަށް ފުރުމުގެ ކުރިން ވަނީ ޖަޕާނުގެ ޖޭ ވިލެޖުގައި ދެ ހަފްތާގެ މުއްދަތަކަށް ކޭމްޕު ކޮށްފަ އެވެ. ޖަޕާނަށް ފުރީ ރާއްޖޭގައި ދެ ހަފްތާގެ ތަމްރީނުތަކެއް ފުރިހަމަ ކޮށްފަ އެވެ. ރާއްޖޭގައި ކުރިއަށް ގެންދިޔަ ތަމްރީނުތަކުގެ ތެރޭން ގައުމީ ޓީމު ވަނީ އދ. މަހިބަދޫގެ ދަނޑުގެ ނަން "ޕެލޭ ސްޓޭޑިއަމް" އަށް ބަދަލުކުރުމުގެ ގޮތުން އެ ރަށުން ހޮވާލެވުނު ޓީމަކާ ދެކޮޅަށް މެޗެއް ކުޅެފަ އެވެ.
ޖަޕާނަށް ފުރުމުގެ ކުރިން ގައުމީ ކޯޗު މޮރިއޭރޯ މީޑިއާ އާ ވާހަކަ ދައްކަން ދެކޮޅު ހެދި އިރު، ޓީމުގެ ފަރާތުން މީޑިއާއާ ވާހަކަ ދެއްކީ މުބާރާތަށް ރާއްޖޭގެ މީޑީއާ އޮފިޝަލެއްގެ ގޮތުގައި އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލް ކަނޑައެޅުއްވި، ޓީމުގެ މެނޭޖަރު އަބްދުﷲ ޝިބާއު (ޝިބާ) އެވެ.
މުބާރާތުގެ ކުރިން ރާއްޖޭގެ ޓީމުން މާލޭގައި ކުރިއަށް ގެންދިޔަ ފުރަތަމަ ޓްރޭނިން ސެޝަންގެ ތެރެއިން މެނޭޖަރު ޝިބާ ކުޅުންތެރިންނާ ވާހަކަ ދައްކަނީ، ޝިބާ ވަނީ 2021 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ޕްރެސްތަކުގައި ރާއްޖޭގެ ކޯޗާއި ކުޅުންތެރިންގެ ތަރުޖަމާނެއްގެ ދައުރު ވެސް އަދާ ކޮށްފައި.-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
މީޑިއާ އަށް މައުލޫމާތު ދެމުން ޝިބާ ބުނީ، ޖަޕާން ފުޓްބޯޅަ އެސޯސިއޭޝަންގެ މައި ޓްރޭނިން ސެންޓަރުގައި ބާއްވާ ތަމްރީނުތަކާ އެކު، އަމާޒަކީ "ދިވެހި ސަޕޯޓަރުން ހެއްވާލެވޭ ވަރުގެ މަސައްކަތެއް ކުރުން" ކަމަށެވެ. ކަން ދިމާކުރި ގޮތުން މުބާރާތަށް ފަހު ދިވެހި ސަޕޯޓަރުންގެ އުންމީދުތަށް ދިޔައީ ހައްތަހާ ދަށަށެވެ.
ޖަޕާނުގެ ކޭމްޕްގައި އެތާންގެ ކްލަބްތަކާ ދެކޮޅަށް ޓްރޭނިން މެޗެއް ކުޅުމަށް ހަމަޖެހިފައި ވާކަމަށް ވެސް ޝިބާ ބުންޏެވެ. އަދި މެޗުތަކަށް ވުރެ ބޮޑަށް ކޯޗުގެ ވިސްނުން ހުރީ ތަމްރީނުތަކަށް ފޯކަސް ކުރުމުގެ ވިސްނުން ކަމަށް ވެސް އޭނާ ބުންޏެވެ.
އެކަމަކު "ވިއްސާރައިގެ ސަބަބުން" ޖަޕާނުގައި މެޗެއް ނުކުޅެ މުބާރާތަށް އަންނަން ޖެހުނީ އެވެ. ނަމަވެސް "މިހާރު" އަށް އެނގިފައިވާ ގޮތުގައި މެޗެއް ކުޅެން ބޭނުން ނުވީ ކޯޗު މޮރިއޭރޯ އެވެ. ސަބަބަކީ މުބާރާތުގެ ކުރިން ކުޅުންތެރިއަކަށް އަނިޔާއެއް ވެދާނެކަމުގެ ބިރު އޮތުމެވެ.
ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭން ކުޅުނު ފަހު މެޗަށް ފަހު އޮތް ޕްރެސް ކޮންފަރެންސްގައި މޮރިއޭރޯ ބުނީ، މެޗުތަކެއް ކުޅެފައި މުބާރާތަށް ދެވުނު ނަމަ ނަތީޖާ ރަނގަޅު ވާނެ ކަމަށް ގަބޫލު ކުރާ ކަމަށެވެ. ޖަޕާނުގައި ދެ މެޗެއް ކުޅެން ހަމަޖެހުނު ނަމަވެސް، މެޗެއް ނުކުޅެވުނީ ކޯޗުގެ ވެސް އަދި އެފްއޭއެމްގެ މައްސަލައަކުން ވެސް ނޫން ކަމަށާއި، ޖަޕާނުގައި ދެ މެޗެއް ކުޅެން ފުރުސަތު ލިބުނު ނަމަވެސް ނުކުޅެވުނީ ވިއްސާރައިގެ ސަބަބުން ކަމަށް ކޯޗު ބުންޏެވެ.
މި ފަހުން ގައުމީ ޓީމުގެ މެޖޯރިޓީ ކުޅުންތެރިންނަކީ އެއް ކުލަބަކަށް ނިސްބަތްވާ ކުޅުންތެރިންނެވެ. ބަންގްލަދޭޝް އާ ދެކޮޅަށް ކުޅުނު މެޗުގައި ރާއްޖޭގެ ފުރަތަމަ 11 ގައި މުޅިން ވެސް ހިމެނުނީ މާޒިޔާ ސްޕޯޓްސްގެ ކުޅުންތެރިންނެވެ. އެކަމަކު އެ ކުޅުންތެރިން މާޒިޔާގައި ކުޅޭ ކުޅުމާއި ގައުމީ ޖޯޒީގައި ދެއްކި ކުޅުން ހާސް ބައި ތަފާތެވެ. ގައުމީ ޓީމުގައި ބައެއް ކުޅުންތެރިން ކުޅެން ޖެހުނީ ކުލަބު ލެވެލްގައި އާއްމުކޮށް ކުޅޭ މަގާމުތަކަކަށް ވެސް ނޫނެވެ.
ރާއްޖޭގެ ޓީމުން މިއަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު ފުރަތަމަ 11.-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
މުބާރާތަކަށް ކުރިމަތިލާއިރު ކޯޗު ޓީމު ލައްވައި ކުޅުވަން ބޭނުންވާ ސްޓައިލުގައި ކުޅުވޭނީ ރަނގަޅު ރަހުމަތްތެރިކަމުގެ މެޗުތަކެއް ވެސް ކުޅުވައި އެ ގޭމަށް ކުޅުންތެރިން ހާނުވައިގެން ކަމަށް ކުރީގެ ޑިފެންޑަރު ސޮބާހް މުހައްމަދު އިބްރާހިމް (ސޮބާ) ބުންޏެވެ. ހަމަ އެއާ އެކު ރާއްޖޭގެ ފުޓުބޯޅައަށް މޮރިއޭރޯ ގެންނަން ބޭނުންވާ "އިޓާލިއަން މެންޓަލިޓީ" ގެނައުމުގައި ކުރިމަތިވާ އެންމެ ބޮޑު ހުރަހަކީ ތަރުޖަމާނަކު ނެތުން ކަމަށް ވެސް ވެދާނެ އެވެ.
މޮރިއޭރޯ ރާއްޖޭގެ ޓީމުގެ ކޯޗުކަމާ ހަވާލުވީ 2021 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ފަހު އެވެ. ގައުމީ ޓީމުގައި އޭނާގެ ފުރަތަމަ ޓާސްކަކަށް ވީ ސްރީ ލަންކާގައި އެ އަހަރުގެ ނޮވެމްބަރު މަހު އޮތް ފޯ ނޭޝަންސް ކަޕެކެވެ. އެ މުބާރާތުން ރާއްޖެ ކެޓީ އެންމެ މެޗެއް ވެސް ކާމިޔާބު ނުކުރެވި އެވެ.
ކޯޗު އިނގިރޭސި ބަސް ނޭނގޭތީ މުއާމަލާތް ކުރުމުގެ ދަތިކަން ހުރުމުން އޭރު އޭނާގެ ތަރުޖަމާނެއް ޓީމުގައި ގެންގުޅުނެވެ. ނަމަވެސް މިދިޔަ އަހަރުގެ ޖޫން މަހު އުޒްބަކިސްތާނުގައި އޮތް އޭޝިއަން ކަޕް ކޮލިފައިން ތިންވަނަ ބުރުގެ މެޗުތަކަށް ފަހު އޭނާ ގައުމީ ޓީމުން ނުފެނެ އެވެ. ޕްރެސް ކޮންފަރެންސް ތަކުގައި ވެސް ފެންނަނީ ތަރުޖަމާނަކު ނެތި ކޯޗު މީޑިއާއާ ވާހަކަ ދައްކާ މަންޒަރެވެ. އަދި އޭނާ އަށް ނޫސްވެރިން އަމާޒުކުރާ ސުވާލުތައް ރަނގަޅަށް ފަހުމު ނުވާކަން ހުދު އޭނާ ވެސް ފާހަގަ ކުރެ އެވެ.
ސާފް ޗެމްޕިއަންޝިޕްގައި މިއަހަރު ވާދަކުރި ކުވެއިތު ޓީމުގައި ކޯޗަކަށް ހުރީ ޕޯޗުގަލްގެ ކުރީގެ ކުޅުންތެރިޔާ ރުއީ ބެންޓޯ އެވެ. ފީފާގެ ސަސްޕެންޝަނަކަށް ފަހު ކުވެއިތުގެ ފުޓުބޯޅަ ވަރަށް ބޮޑަށް އަޑިއަޅާލާފައި އޮތް ވަގުތެއްގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެ ޓީމާ ހަވާލުވި ކޯޗު ކޮންމެ ނޫސްވެރިންނާ ބައްދަލު ކުރާއިރު ތަރުޖަމާނަކު އިނދެ އެވެ. ޓީމުން ކުޅުންތެރިއަކު ޕްރެސް އަށް އަރާ ނަމަ ކުޅުންތެރިޔާއަށް ވެސް ވަކި ތަރުޖަމާނެއް ހުރެ އެވެ.
ކުވެއިތުގެ ކޯޗު ސާފްގެ ކޮންމެ ޕްރެސް އެއްގައި ބުނަމުން އައީ އޭނާގެ ޓީމު ކޮންމެ ޓީމަކާ ދެކޮޅަށް ކުޅުނު ކަމުގައި ވިއަސް އޭނާ ކުޅުވާ ސިސްޓަމް ބަދަލު ނުކުރާނެ ކަމަށެވެ. ނަތީޖާ ނެރެން މަސައްކަތް ކުރާނި ޓީމު ލައްވައި އޭނާ ކުޅުވާ ފުޓުބޯޅަ ކުޅެގެން ކަމަށެވެ. ނަތީޖާ ވެސް ގޯހެއް ނޫނެވެ. ފައިނަލުގައި އިންޑިއާ އަތުން ޕެނަލްޓީ ޖަހައިގެން ބަލިވި މެޗުގެ އިތުރުން، މިއަހަރު މިހާތަނަށް ކުޅުނު 12 މެޗުގެ ތެރެއިން އެޓީމު ބަލިވީ އެންމެ ފުރަތަމަ ގަތަރާ ދެކޮޅަށް ކުޅުނު މެޗުން އެކަންޏެވެ.
މޮރިއޭރޯ ރާއްޖޭގެ ޓީމާ އެކު މަސައްކަތް ކުރަން ފެށި އިރު ހުރި ތަރުޖަމާނު އެމިލިއޯ އޭނާގެ ވަޒީފާ ދޫކޮށްލީ މުސާރައިގެ މައްސަލައިގަ އެވެ. ތަރުޖަމާނަކު ނެތި ޕްރެސްތަކުގަ އާއި ކުޅުންތެރިންނާ ވާހަކަ ދެއްކުމުގައި މޮރިއޭރޯ އަށް ދަތިތަކެއް ކުރިމަތި ވެއެވެ. މުބާރާތުގައި ލެބަނަން އާ ދެކޮޅަށް ކުޅުނު މެޗަށް ފަހު އޭނާ ވަނީ ނޭޕާލްގެ މީޑީއާއާ ވާހަކަ ދައްކަމުން، މި ކަމުގައި އެފްއޭއެމް ކުށްވެރި ކޮށްފަ އެވެ.
ނޭޕާލްގެ ކާންތިޕޫރު ޓީވީގެ މީޑިއާއާ ވާހަކަ ދައްކަމުން މޮރިއޭރޯ ވަނީ އެފްއޭއެމުން އޭނާގެ މަސައްކަތްތަކުގައި އެހީތެރި ނުވާކަން ހާމަ ކޮށްފަ އެވެ. އެންމެ ބޮޑު މައްސަލައަކަށް އޭނާ ފާހަގަ ކުރީ ތަރުޖަމާނެއް ނެތުމުގެ މައްސަލައެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި އެމިލިއޯ، މުސާރައިގެ މައްސަލައިގައި ގައުމީ ޓީމުގެ ވަޒީފާ ދޫކޮށްލުމުގެ ކުރިން އޭނާ ވަނީ މޮރިއޭރޯ ގާތުގައި އޭނާގެ ކަންބޮޑުވުންތައް ހާމަ ކޮށްފަ އެވެ. މޮރިއޭރޯ އަށް ލިބޭ މުސާރައިން އެމިލިއޯ އަށް މުސާރަ ދޭ ގޮތަށް އޭނާ ބަހައްޓަން ހުދު މޮރިއޭރޯ ވެސް މަސައްކަތް ކުރި ކަމަށް ވެއެވެ. ނަމަވެސް އެފްއޭއެމުން މޮރިއޭރޯ އަށް ދޭން ޖެހޭ މުސާރައެއް ނުދެ އެވެ.
މޮރިއޭރޯއަށް ދެން އިތުރު ފުރުސަތެއް ނެތް
އަހަރެންގެ ވެސް އެފްއޭގެ މައްސަލައެއް ވެސް ނެތް: ކޯޗް
ޕްރެޝަރު ކުރިމަތިވުމުން ބައްސާމް ޕްރެސް ކޮންފަރެންސަކަށް
އެފްއޭއެމް:ބަންގްލަދޭޝް ހޮޓަލަކަށް ބޮޑު ބިލެއް ނުދައްކާ
އުއްޗު ދެއްވި ފައިސާ އެހެން ކަންކަމަށް ބޭނުން ކުރި
ފުޓުބޯޅަ ހަލާކުވެއްޖެ، ޒިންމާ ނަގާނެ ބަޔަކު ނެތް!
އެފްއޭއެމުން މުވައްޒަފުންނަށް މުސާރަ ދޭން ފަށައިފި
ސާފްގެ ނާކާމިޔާބީގެ ޒިންމާ ނަގާނެ ބަޔަކު ނެތް؟
އެފްއޭއެމް ރިފޯމް ކުރަން ގޮވާލާ ކެމްޕޭނެއް ފަށަނީ
ކްލަބްތަކުގެ މައްސަލަ އަޑިއަށް، ކޯޗަށް އަދަބު ދެނީ