Roadha Mihaaru
ރާއްޖެ މެޗު މިރޭ، ޕީއެސްއެމަށް ދެއްކޭނެތަ؟

ރާއްޖެ މެޗު މިރޭ، ޕީއެސްއެމުން ދައްކާނެ ކަމެއް ނޭނގޭ!

07 ސެޕްޓެމްބަރ 2018

މިދިޔަ އަންގާރަ ދުވަހު ބަންގްލަދޭޝްގައި ފެށި ސާފް ސުޒުކީ ކަޕުގެ މެޗުތައް ދައުލަތުގެ މީޑިއާ ޕީއެސްއެމުން ދައްކަމުން ނުދާއިރު، މުބާރާތުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗު މިރޭ ވަގުތުން ދިވެހިންނަށް ފެނިދާކަމާ މެދު ސުވާލު އުފެދިއްޖެ އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

މިދިޔަ އަންގާރަ ދުވަހު ބަންގްލަދޭޝްގައި ފެށި ސާފް ސުޒުކީ ކަޕުގެ މެޗުތައް ދައުލަތުގެ މީޑިއާ ޕީއެސްއެމުން ދައްކަމުން ނުދާއިރު، މުބާރާތުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗު މިރޭ ވަގުތުން ދިވެހިންނަށް ފެނިދާކަމާ މެދު ސުވާލު އުފެދިއްޖެ އެވެ.

އެނގިފައިވާ ގޮތުގައި ޕީއެސްއެމަށް މެޗުތައް ނުދެއްކިގެން އުޅެނީ ޓީވީ ރައިޓްސް ވިއްކާ އަގު ބޮޑުވުމުންނެވެ. އެހެންވެ މަސައްކަތްކުރަމުން އަންނަނީ ހަމައެކަނި ރާއްޖޭގެ މެޗުތައް ލިބޭނެ މަގެއް ފެނޭތޯ ކަމަށް ވެސް އެނގިފައިވެ އެވެ.

އެ ކުންފުނީގެ އޮފިޝަލަކު އިއްޔެ ވިދާޅުވީ މެޗުތައް ދެއްކުމާ ގުޅޭ މަޝްވަރާތަކެއް ކުރަމުން އަންނަ ކަމަށެވެ. އެކަމަކު އަދި އޭގެ ތަފްސީލެއް ނުލިބެ އެވެ.

މިއީ ރާއްޖޭގެ ގައުމީ ޓީމު ވާދަކުރާ ސަރަހައްދީ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގައި ދައުލަތުގެ މީޑިއާ އަށް މީގެ ކުރިން ދިމާވި މައްސަލައެއް ނޫނެވެ. ކުރީގެ މުބާރާތްތަކުގައި ޓީވީއެމުން ދުރާލާ ތައްޔާރުވެ އެވެ. އެކަމަކު މިފަހަރު އޭގެ އެއްވެސް ކަމެއް ނުފެނެ އެވެ.

މުބާރާތުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި މިއަދު އިރުއޮއްސި 6 ޖަހާއިރު ބައްދަލުކުރާނީ ސްރީ ލަންކާއާ އެވެ.

ސަރަހައްދީ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް، ސާފް ޗެމްޕިއަންޝިޕުގެ ނަމުގައި 1997 ވަނަ އަހަރު ބާއްވަން ފެށި ފަހުން ޓީވީއެމުން އަބަދުވެސް ދައްކަ އެވެ. ކޮންމެ ފަހަރަކު ވެސް ކުރިއާލާ ހާއްސަ ޕްރޮގްރާމްތަކެއް ދައްކަން ފަށައި މުބާރާތަށް ވަރަށް ވަރުގަދަ ކަވަރޭޖެއް ދެ އެވެ. އަދި 2008ގެ މުބާރާތުގެ އެއް ބައި ރާއްޖޭގެ ބޭއްވިއިރު ޓީވީއެމުން ހޯސްޓް ބްރޯޑްކާސްޓަރުގެ ހައިސިއްޔަތުން ދިން ލައިވް ކަވަރޭޖަށް އެތައް ބައެއްގެ ތައުރީފް އޮހިގެން ދިޔަ އެވެ.

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް 1986 ގައި ދައްކަން ފެށި ފަހުން އަބަދުވެސް ފުޓްބޯޅައިގެ ބޮޑެތި ހަރަކާތްތައް ޓީވީން ގެނެސްދޭތީ ގިނަ ބަޔަކު ތިބީ މި ފަހަރު ވެސް އެކަން ކަށަވަރުކޮށްގެންނެވެ. އަމުދުން ކުޅިވަރަށް ވެސް ހާއްސަ ސަމާލުކަމެއްދޭ ޗެނަލެއް ކަމަށްވާ "ޔެސް ޓީވީ" ވެސް އެ ކުންފުނީގެ ކުޑައިގެ ދަށުގައި އޮތުމުންނެވެ.

މި ފަހަރުގެ ސާފް ސުޒުކީ ކަޕުގެ މެޗުތައް ރާއްޖެ އާއި އިންޑިއާ އަދި ސްރީ ލަންކާގައި ދެއްކުމުގެ ރަސްމީ ރައިޓްސް ދީފައި އޮތީ އިންޑިއާގެ ޑީ ސްޕޯޓްސް އަށެވެ. އެ ޗެނަލް ރާއްޖޭގެ ޕޭ ޓީވީއެއް ކަމަށްވާ ދިރާގު ޓީވީ އަށް ލިބޭތީ އެ މެޗުތައް ބެލެން މިވަގުތަށް އޮތް ހަމައެކަނިި މަގަކީ އެއީ އެވެ.

މުބާރާތް ބޯމަތިވީ ޕީއެސްއެމްގެ ކުޅިވަރު ޑިޕާޓްމަންޓް އުވާލައި، ކުޅިވަރު ނޫސްވެރިން ވެސް އާއްމު ނިއުސް ޕޫލުގައި މަސައްކަތްކުރަން ޖެހޭ ގޮތަށް ހަމަޖެހިފައި އޮއްވަ އެވެ. އަދި ކުޅިވަރު ޑިޕާޓްމަންޓް ހިންގަމުން އައި އެގްޒެކެޓިވް އެޑިޓަރު ހަފްސީ އަބްދުﷲ ވަނީ ހަމަހަމަކަމާ އެކު ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގެ މާހައުލެއް ނެތް ކަމަށް ބުނެ މިދިޔަ ހަފުތާގައި އިސްތިއުފާ ދީފަ އެވެ.